މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން --
08 އެޕްރީލް 2025 - 10:46
މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިމީހާއަށް ބިރު ދައްކައި، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މީގެ އެއް މަސް ކުރިން ބަޔަކު ހައްޔަރު ކޮށްފައިވެ އެވެ. އެ މީހުންގެ ބަންދަށް ދެ ފަހަރެއްގެ މަތިން 30 ދުވަސް ކުރިން ކޯޓުން އިތުރުކޮށްފައިވެ އެވެ.
އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރު ކޮށްފައިވަނީ ތ. ގުރައިދޫ ފަޒާ، އަލީ ނަވާފު އާއި ނ. މަނަދޫ ހަވޭލީ، މުހައްމަދު އަޒާނާއި ނ. ވެލިދޫ އެލަސް، އިބްރާހިމް އަހުނަފާއި އއ. މާޅޮސް ރީތިހިޔާ މުހައްމަދު އަފްލާހެވެ.
އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ބަންދުން ދޫކޮށްލަން ނިންމާފައިވަނީ ބަންދުގައި ބައިތިއްބަން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. އެ މީހުން ޝަރުތުކޮށް ބަންދުން ދޫކޮށްލީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދިފައި ވަނިކޮށެވެ.
ކޯޓުގައި އެ މީހުންގެ ފަރާތުން ބުނެފައިވާ ގޮތުގައި އެ މީހުން ދިޔަ އެޕާޓްމެންޓަކީ އަތޫފް ނަމަކަށް ކިޔާ އެ ރައްޓެއްސަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެކެވެ. އެ ތަން ކުއްޔަށް ނަގާފައިވާކަން ހާމަވާ ލިޔުމެއް އޮތް ކަމަށް އެ މީހުން ބުނި ނަމަވެސް، އެފަދަ ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ނަމަވެސް ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ ތަން ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށެވެ. އޭނާއަށް އެ ތަން ކުއްޔަށް ދޭން ޖެހުނީ ވެސް ބިރު ދައްކައި، ގަދަކަމުން އެއްބަސްވުމުގައި ސޮއިކުރުވައިގެން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ބިރު ދެއްކި ކަމަށް ތުހުމަތުވާ އެޕާޓްމެންޓްގެ ތެރެއިން ހައްޔަރުކުރި އެ ހަތަރު މީހުން ވެސް ކޯޓުގައި ބުނެފައިވަނީ އެ މީހުން އެ އެޕާޓްމެންޓަށް ދިޔައީ ފައިސާ ދީގެން، އެ ތަން ސާފުކޮށްދޭން އަތޫފް އެދުމުން ކަމަށެވެ. އަދި އެ ތަނަށް ގެއްލުންދީ، މާރާމާރީ ހިންގާފައިނުވާނެ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމެންޓެއްގެ ތެރޭގައި އެ ގޭގެ ވެރިފަރާތުގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އިތުރު މީހަކު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރެ އެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާށެވެ. އަދި އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން އެ މީހާގެ ގަޔަށް ހީރަސް ޖަހަން ވެސް މަސައްކަތްކުރާ ތަން ވީޑިއޯއިން ފެނެ އެވެ. އެއީ އެ ތަން ކުއްޔަށް ދޭން އެއްބަސްކުރުވުމަށް އަނިޔާ ކުރަމުން ނަގާފައިވާ ވީޑިއޯއެއް ކަން އަދި ސާފެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިކޮއި
08 April 2025
ހައިރާނެއް ނުވޭ 3 މީހެއްގެ ވާހަކަ އަންނާނެ އެކަކު ސަލާމަތް ވާނީ، ފަހުން އެނގޭނެ ސަލާމަތް ވާ މީހަކީ ކާކުކަން
ވަނޫދު
08 April 2025
ހީވަނީ އަލަށްހެން މީހަކު ދޫކޮށްލީ. މީހަކު ބަންދުކުރިޔަސް އެހާ ވަރުވޭ. ދޫކުރިޔަސް އެހާވަރުވޭ. ސަލާމަތެއް ނެތް
އެންމެން ހެޕީ
08 April 2025
މިއީ ދިވެހިން ބޭނުންވި ގޮތް
ހަސަނު
08 April 2025
މިއަދު އާންމު މީހާ އަސް ނެތް އެއްވެސް ރައްކާތެރިކަމެއް.. ކުއްޔަން ދިނ ްތަން ހުސްކުރާން ވެސް މިޖެހެނީ ގޭންގަކަށް ލާރިދޭން.. ކުއްޔަށް ހިފި ތަން ހުސްކުރުވިޔަ ނުދޭން ވެސް މިޖެހެނީ ގޭންގަކަށް ލާރި ދޭން...
ތެފައާސާ.
08 April 2025
މިހާރު ދެން މީހުން ހަނދާންނެތޭހާ ދުވަސް ވެއްޖެތާ އެހެންވީމާ ހައްޔަރުކޮށްގެން ގެންގުޅުމުގެ ބޭނުމެއް ނެތެއްނު ދެން ދޫކޮށްލީމަތާ އަނެއްކާވެސް އަނެއް ޖަރީމާވެސް ހިންގޭނީ
އަލިކޮއެ
08 April 2025
ލޮބުވެތި ދިވެހިރާއްޖެ އިނގޭތޯ. ކޮރަޕްޝަން ގެ ހާއްޔެއް މީ.
މިއައު
08 April 2025
ގޭންގު ދަށުވެފަ މުޅި ދައުލަތް. ޝުކުރިއްޔާ ގައުމު
ފަންސުރު
08 April 2025
ކްރިމިނަލް ކޯޓުގެ ހުރިހާ ޝަރީއަތެއް އަބަދުވެސް ލައިވްކޮށް ބޭނުންވާ ރައްޔިތުންނަށް ބެލޭނެ ގޮތް ހަދަން ޖެހޭ އެބަ. ކެމެރާގަ ކޮންމެހެން އެންމެން ދައްކާކަށް ނުޖެހޭ ފަނޑިޔާރު އެކަނި ފެންނަގޮތަށް އިނުމުންވެސް އޯކޭ ހުރިހާ އެއްޗެއް އަޑުއިވެންޏާ.
ބޮކިއްޓޭ ނޮޅި
08 April 2025
ވަރަށް ބަރާބަރު، ފައިން ތޭންކިޔޫ، ދިވެހިންގެ ރާއްޖެ ދިވެހިންނަށް.
ލަންޑަޔާ
08 April 2025
މިޔަ ސަރުކާރަށް އެންމެ ހިދުތަމް ކޮށްދިން ޝަމްއާން ޖަލުގަ ބާއްވާފަ ބޮޑެތި ކުށްވެރިން މި ސަރުކާރުން ދޫކުރަނީ ކީއްކުރަން ބާ. މިހާރު ވެރިކަމުގަ މިތިބަ މީހުން އަށް ވޯޓުލުން ދެން ނިމުނީ