ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި

އިންޑިއާ ސިފައިން ކަޝްމީރުގައި: ހަމަލާތައް ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ

10 މެއި 2025 - 17:35

32 comments

އިންޑިއާ އާއި ޕާކިސްތާނުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

މިކަން ފުރަތަމަ އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

"އެމެރިކާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްގެން ރޭ ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް އެއްކޮށް އަދި ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރަން،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ މިއީ އިންޑިއާ އާއި ޕާކިސްތާނުން ސީދާ ގޮތެއްގައި ކުރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.

ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރި އިރު ރެޔަކީ އިންޑިއާ އާއި ޕާކިސްތާނުން އެއް ގައުމުން އަނެއް ގައުމަށް އެންމެ ވަރުގަދަ ހަމަލާތައް ދިން ރެ އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިންޑިއާ އާއި ޕާކިސްތާނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ސޯޝަލް މީޑިއާގައި ވިދާޅުވީ "އިންޑިއާ އާއި ޕާކިސްތާނުން މިއަދު ވަނީ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ މެދު އެއްގަލަކަށް އަރާފައި" ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން އަބަދުވެސް ހަމަލާދޭނީ ޓެރަރިސްޓުންނަށް ކަމަށާއި އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ހަމަލާތައް ވަރުގަދަ ބޯޑަރު ކައިރީ އުޅޭ ބަޔަކު މިއަދު ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ޕާކިސްތާނުގެ ޑިރެކްޓާ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް މިއަދު މެންދުރު ފަހު އިންޑިއާގެ ފޮރިން މިނިސްޓަރަށް ގުޅުއްވައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"މިއަދު (ޖީއެމްޓީ ގަޑިން 11:30) އިންޑިއާ ހަވީރު 5:00 އިން ފެށިގެން އެއްގަމާއި ވައިގެ މަގުންނާއި ކަނޑުމަގުން ހަމަލާ ބަދަލުކުރުމާއި އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވެވުނު،" އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުން ތަންފީޒުކުރުމުގެ އިރުޝާދު ދެ ގައުމުގެ ސިފައިންނަށް ދީފައިވާ ކަމަށާއި އަދި ހަމަލާތައް ހުއްޓާލުމުގެ ކަންކަމާ އިތުރަށް މަޝްވަރާކުރުން މި މަހުގެ 12 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު، ޖިއޯ ޓީވީއަށް ވިދާޅުވީ ހަމަލާތައް ހުއްޓާލަން އިންޑިއާއާ އެކު ވީ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް އެއްބަސްވީ "ރަނގަޅު އަންޑަސްޓޭންޑިން" އެއްގެ ތެރޭގައި ކަމަށާއި މިހާރު ދެ ގައުމުގެ އަސްކަރީ ހޮޓްލައިންތައް މެދުވެރިކޮށް މުއާސަލާތު ވެސް ކުރާނެ ކަމަށެވެ.

ޕާކިސްތާނުން ރޭ ދިން ހަމަލާތަކުގައި، ކަޝްމީރުގެ އިންޑިއާ ސަރަހައްދުން ގެއްލުންވެފައިވާ ތަނެއް. -- ފޮޓޯ: އޭއެފްޕީ

"ޕާކިސްތާނަކީ އަބަދުވެސް ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން އިސްކުރާ، ސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ ގައުމެއް!،" އިންޑިއާއާ އެކު އެއްބަސްބުމަކަށް އާދެވުނުކަން ކަށަވަރުކޮށްދެއްވައި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވިކަން އިއުލާނުކުރުމާ އެކު އިންޑިއާ އާއި ޕާކިސްތާނުގައި ވެސް އާންމުންނަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ. އަދި ޕާކިސްތާނުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ.

ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން އުފުލަންޖެހޭ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމުން ރޭ ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ އެކި އަމާޒުތަކަށް ހަމަލާ ދީފަ އެވެ. ރޭ ދެ ގައުމުން ވެސް ހަމަލާ ދިނީ އެއްބަޔަކު އަނެއް ބައެއްގެ އަސްކަރީ އަމާޒުތަކަށެވެ. އިންޑިއާއިން ބުނީ ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް ހަމަލާދިނީ އިންޑިއާއިން ދިން ހަމަލާގައި ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުންގެ މަރުކަޒުތަކަށް އެކަނި ހަމަލާދީފައި ވަނިކޮށް ޕާކިސްތާނުން އަސްކަރީ ތަންތަނަށް ހަމަލާ ދިނުމުން ކަމަށެވެ.

ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ ހަމަލާތައް އަމާޒުވީ އާންމުންނަށް ކަމަށެވެ.

ކަޝްމީރުގެ ޕާކިސްތާނު ސަރަހައްދުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ރެއިން ފެށިގެން އިންޑިއާއިން ދެމުން ދިޔަ ހަމަލާތަކުގައި ކަޝްމީރުން، މަދުވެގެން 13 މީހަކު މަރުވެ 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ޒަމާނީ ޖެޓުތަކާއި ޑްރޯން ގިނަ އަދަދަކަށް ބޭނުންކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

32 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

‫އަބްޑޫޅް +

11 May 2025

އިންޑިޔާއާއި ޕާކިސްތާނުގެ ހަނގުރާމަ ހުއްޓވި ކަމަށްޓަކައި އެމެރިކާގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު ޛޮނާލުދު ޠުރަންބު އަށް، ނުހަނު ހިތްހެއުކަމާއި އެކު އައްސަރިބަހާއި ސާބަސްފުޅު ދަންނަވަން. މާތުރަ.

The name is already taken The name is available. Register?

ލައްކަކަން

11 May 2025

މީގެ ތެރެއިން ކިތަންމެ ކަމެއް ހިނގާ ގޮއްސި. ޗައިނާގެ އާ އެއަރކްރާފްޓް ތަކެއް އަލަށް ބެޓްލް ޓެސްޓު ކުރެވިއްޖެ، އެތަކެތި އުފެއްދި ކުންފުނީގެ ސްޓޮކް އެއްދުވަހުން އެތައްްދަޖައެއް އުފުލިގެން ހިނގައްޖެ. ތުރުކީގެ ޑްރޯންތައްވެސް އިސްތިހާރުވެގެން ހިގައްޖެ. އިންޑިއާގެ އެއަރ ޑިފެންސް އިންފްރަރސްޓްރަކްޗަރ ޓެސްޓުކިރެވި އެތައް ބަލިކަށިކަމެއް ފާޅުވެއްޖެ. ގެއްލުން ވީ މައިގަޑުކޮށް ކަޝްމީރުގެ އާންމު ރައްޔިތުންނަށް. ބާކީ އެންމެނަށް ޖުމްލަކޮށް ފައިދާ

The name is already taken The name is available. Register?

ދެގައުމު ތަޅާފޮޅުން ހުއްޓާލީތީ ވަރަށް އުފާވޭ!

11 May 2025

މިތާނގައި ކޮމެންޓްކުރާ ގިނަ މީހުންނަށް ހީވާކަހަލަ އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލީ ވަކި ގައުމެއް ބަލިވާނެތީ އެކަމުން ރެކެންވެގެންނޭ! މުޅި ރީޖަންއަށް މާ ބޮޑުގެއްލުންތަކެއް ނުވަނީސް ހުއްޓާލިކަމަށްޓަކައި ހެއްދެވި ފަރާތަށް އަތްއުފުލާ ޝުކުރުކޮށްބަލަ! ދެގައުމަކީ ވެސް ނިއުކުލިއަރ ހަތިޔާރު ހުރި ދެ ގައުމު! އެނގޭބާ 9 އޮގަސްޓް 1945 ގައި ނާގަސާކީ އާއި ހިރޯޝީމާއަށް ވައްޓާލި ބޮމުގެ އެތައް ހާސް ގުނަ، ފަނާކުރުވަނިވި ބާރު މިހާރުގެ އާދާއިގެ ނިއުކްލިއަރ ބޮމެއްގައި ވެސް ހުންނަކަން! ހަނގުރާމައެއީ ހަލާކާއި ގެއްލުމާއި ފަނާކުރުން ފިޔަވާ ލިބޭ އެއްޗަކީ ކޯޗެއް ހެއްޔެވެ؟

The name is already taken The name is available. Register?

ވަހިސޔް

10 May 2025

އިންޑިއާ ބަލިވާނެކަން އެނގޭތީ އަމާންދިނީއޭ ބުނެވެން އެބައޮތް. އިންޑިއާ ބަލިވުމަކީ އިސްރާއީލަށް އަދި އިސްލާމީ ގައުމުތަކަށް ވެރިވެގެންފައިވާ އެމެރިކާއި ޔޫރަޕުގެ ބާރު ކެނޑޭނެ ކަމެއް. އަދި ޗައިނާއަށް ވެސް ބާރު ލިބޭނެ ކަމެއް.

The name is already taken The name is available. Register?

އަބުދުކަލޯ

10 May 2025

ދެގަުމުން އެގަލަކަށް މިކަމުގައި އެރިކަން ވަރަށް ރަގަޅު.

The name is already taken The name is available. Register?

ރަބަރޭ.

10 May 2025

ދެބައިމީހުން ވެސް ވާވަރަށް ރާކަނިމަސް ކެވުނީމަ ތިއަހުއްޓާލީ. ހައްދުފަހަނައެޅި މުސްލިމުންނާ ހައްދުފަހަނައެޅި ހިންދޫންނާ ހައްދުފަހަނައެޅި ކުރިސްޓިއަނުންނާ އަދި ހައްދުފަހަނއެޅި ޔަހޫދީން ނެތް ދުނިޔެއެއް ހާދަ އަމާންވާނޭ.

The name is already taken The name is available. Register?

raajje

10 May 2025

މުޅިމެދުއިރުމަތި ސުންނާފަތިކޮށް މެދުއިރުމަތީގެ އެއްގައުމާއަނެއްގައުމުޖައްސާ އިތުރަށްކުރެވޭނެކަމެއްނެތިފައި އޮއްވާ އިންޑިޔާއާ ޕާކިސްތާނުގެ ކޯޅުމަކީ އެމެރިކާއަށްވަރަށް ހިތްހަމަޖެހުންގެނުވިކަމެއްކަމުގައި ނޫނީނުވާނެއެވެ. އެހެނީ އެމެރިކާގެ މިހާރުގެއެންމެބޮޑު ހުވަފެނަކީ އިންޑިޔާލައްވާ ޗައިނާއަށް ހަމަލާދީ މިސަރަހައްދުގައިވެސް ހަނގުރާމަތައް އުފައްދާ ހަތިޔާރުވިއްކުމާ ޗައިނާ އަދި އިންޑިޔާފަދަގައުމުތަކުގެ ތަރައްގީއާ ކުރިއެރުން ނައްތާލުމެވެ.

The name is already taken The name is available. Register?

ސައްހާފް

10 May 2025

މޮޑީގެ ކޭމްޕޭން ސްޓަންޓް ނާކާމިޔާބު ވެއްޖެ. ދެން އެހެން ސްޓްރެޓެޖީއެއް އޭނާޖެހޭނީ ހޯދަން. އެންމެ ވަރުގަދަ ކަމަށް އިޝްތިހާރުކުރަމުން ދިޔަ އެއް ބޯޓު ވެއްޓުމާއި، ޕާކިސްތާން ހަމަލާގައި ދިއްލީ މަތިން ޖެހިލުމެއްނެތި އަސްކަރީ އުޅަނދެއް ފޮނުވާލުމުން އަސްލުވެސް އިންޑިއާ ސިހުންވެއްޖެ.

The name is already taken The name is available. Register?

އިސްތިއުފާދީ

10 May 2025

އިންޑިއާ ބޮޑުވަޒީރު މޮދީ ޖެހޭނީ އިސްތިއުފާ ދޭން އިންޑިއާ މިނިވަންވި ފަހުން އިންޑިއާ އިން އެއްވެސް ގައުމަކަށް ގަސްތުގައި މިލިޓަރީ ހަމަލާ ދީފައި ނެތޭ ހެޔޮނުވާނެއޭ މޮދީ ވެރިކަމުގައި ބަހައްޓަން އޭނާ ޗައިނާ އަށް ވެސް ހަމަލާ ދީފާނެއޭ އެގޮތަށް އޭނާ ކަންކޮށްފިނަމަ ޕާކިސްތާނު އޮންނަ ގޮތަށް ޗައިނާ ނޯންނާނެއޭ ޗައިނާ ނުބަލާނެއޭ އެމެރިކާ އަށް އަދި އެެމެރިކާ ޔޫރަޕަށް ގޮން ޖަހާފައި ޗައިނާ އިން ރައްދުދޭނެއޭ އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ އިންޑިއާ ރައްޔިތުންނަށޭ

The name is already taken The name is available. Register?

raajje

10 May 2025

ކޮންކަމެއްހާސިލުވީ؟ އިންޑިޔާއިންއުޅެނީގޮތްދެއްކެން، ހަނގުރާމައަކަށްގޮސްގެން އިންޑިޔާއެއްމޮޅެއްނުވާނެ، އިންޑިޔާގެބަސްމަގުހުރީ ހަގީގަތާދިމާއިދިކޮޅަށް އިޒުރޭލުސިސްޓަމަށް، ހަމަލާތަކުން ހާސިލުކުރެވުނުއެއްވެސް ރަނގަޅުނަތީޖާއެއްނެތް، ކަމާސީދާގުޅުމެއްނެތް އެތައްބަޔަކަށް އަނިޔާލިބި އެތައްބަޔަކުމަރުވެއްޖެ އާއިލާތަކަށްލިބުނުގެއްލުމުގެ ބަދަލުދެނީކާކު؟ ހަމަލާތައްހުއްޓަލީމަނިމުނީކީނޫންދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454