މުހައްމާ ސެނެޓަށް އައްޔަންކުރެއްވި ލިޔުން، ރައީސް ޑރ. މުއިއްޒު ރޭ ދެއްވަނީ.- ފޮޓޯ: ޕީއެންސީ
16 މެއި 2025 - 12:23
މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަލާ ބްރޯޑްކާސްޓިން ކޮމިޝަނަށް މި ފަހުން އައްޔަންކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް ރޭ އައްޔަންކުރައްވައިފި އެވެ.
ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް ޕީއެންސީ އޮފީހުގައި ރޭ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވެ އެވެ.
އެ ހަރަކާތުގައި، ބްރޯޑްކޮމް އަށް މިދިޔަ ޖެނުއަރީ 21 ގައި އައްޔަންކުރެއްވި މުހަންމާއަށް ވެސް ވަނީ ޕީއެންސީގެ ސެނެޓަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފަ އެވެ.
ބްރޯޑްކޮމްގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުން މަނާކޮށްފައެއް ނުވެ އެވެ. އޭގައި ބުނެފައިވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ މަގާމެއްގައި ހުރި މީހަކަށް، ބްރޯޑްކޮމްގެ މެމްބަރަކަށް ނުވެވޭނެ ކަމަށެވެ.
އެކަމަކު، ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދީފައިވާ ކޮމިޝަނެއްގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަކީ އެ މެމްބަރާއި ކޮމިޝަންގެ ނަޒާހަތްތެރިކަމާއެކު ސުވާލު އުފެދޭނެ ކަމެކެވެ.
އަދި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެ، ނިންމުންތަކުގެ ބައިވެރިވެގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭރު ތިއްބެވި ބްރޯޑްކޮމްގެ މެމްބަރުން ފާޅުގައި ވެރިކަން ކުރެއްވި ޕީޕީއެމްގެ ޖަލްސާތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އެ މައްސަލައިގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމުން ފާތުމަތު ޒޭނާ ވަކިކުރަން ވެސް މަޖިލީހަށް އޭރު ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
18 May 2025
ނާއިބްރައީސް ކަމަށް ހަވާލުކުރަން ފެނޭ.....
ޙަބީބް
17 May 2025
ކޮމެންޓް ކުރަން ވަރައް ވަރު ހުންނާނެ ވޯޓް ވިއްކާނީ؟!!! މީހުންނަށް ނުަބަވާ ކިޔަވައިގެން ތިބި މީހުންނަށް ވޯޓް ދީބަލަ.
ގުދުގުދާބެއްޔާ
17 May 2025
އެއީ ސެނެޓްގަ ކުރު ފިލުމުކުޅެން މުހައްމާ ބޭނުންވާތީ ކުރިކަމަކާ ވައްތަރީ!
އަދާލަތު
17 May 2025
ރާއްޖޭގައިހުންނެވި ޕޮލިޓިކަލްސައިންސްގެ އެއްމެމަތީ ފާސްއޮތްބޭފުޅާ.
ޙަޑަ
17 May 2025
ކިޔެވުމުގެ ބޭނުމެއް އެބައޮތްތަ؟ ގްރޭޑް 7 ވެސް ނުނިންމާ މީހަކު އެހެރީ ކޮމިޝަނަށްލާފައި. އެހެންވީމާ ވައުދު ކިހާސަޅި
ކަތްދައްތަ
17 May 2025
ޕާޓީ ޕޮލިޓިކްސް އާ ދައުލަތުގެ ކަންކަން އެެކުވާ ހިސާބުގައި ރޮގެއް ދަމާލަން ނޭގޭ ވަރު ވެރިޔަކު މިތާ މިހުރީ. ބަންޑާރަ ނައިބަށްވެސް ކޮންމެވެސް ގޮތަކުން މިކަންމިކަން މިހެން ހިންގީމާ މޫނުމައްޗަށް ކުރާނެ އަސަރުނަމަވެސް ބުނެލެވެންވާނެ.
ޑރ ވާންޗޯ
17 May 2025
ބްރޯޑްކޮމް ހާދަ ވަކިފަރާތަކަށް ނުޖެހި ހިންގޭނޭދޯ ވަކިޕާޓީއެއްގެ ސެނެޓުގަ ތިބެގެން، ސަރުކާރުމުސާރައިގަ ޕާޓީ ސެނެޓްގަ!!!!.
ޢެޑްމުންޑޯ
17 May 2025
މިހާރު މިނިވަން މުއައްސަސާ ތަކެއްހުރޭތޯ ، އިހައްދުވަހު ނޫންތޯ އޭސީސީގެ ރައީސްގެ އަމަލުފުޅުތަށްވެސް ފެނިގެން ދިޔައީ ، ރޯބުހުތާން ދޮގުހަދާ ފަނޑިޔާރުންގެ މައްސަލަތަކެއްބަލަމޭ ކިޔާގެން އުޅުނީ ، ވަރަށް ފާޅުގައި މިފަދަ ކަންތައްތަށް ކުރުމުން ދޭހަވަނީ ، ރައްޔިތުންގެ ނިކަމަތިކަމާއި ބާރެއްނެތްކަން ، ރައްޔިތުންނަށް އިހްތިރާމްނުކުރާކަން ، ތިމާމެންގެ ވެރިކަމުގައި ބޭނުންގޮތަކަށް ކަންތައްތަށް ކުރިއަަސް އެކަމަށް ބަހެއްނުބުނެވޭނެކަން ،
ޗޫޤީ
17 May 2025
ޕީއެންސީގެ ސެނެޓަށް އެލިބުނީ މިނިވަން މެމްބަރެއް. ދެން ސެނެޓުން ނިންމާ ނިންމުންތައް ވަރަށް މިނިވަންވާނެ އަދި އިންސާފުވެރިވާނެ. އެންމެ ފުރަތަމަ ސެނެޓު، ދެން ބުރޯޑުކޮމު. އެއީ ތަރުތީބަކީ. މަރުހަބާ މުހައްމާ އަދި ޕީއެންސީ.
ޗަންކީބެ
17 May 2025
މަހިއެއް ނުކުރަން މިހާ ހަޔާތްކުޑަ ބައެއް ކަމަކަށް. މުހައްމާ އިސްތިއުފާ ނުދޭން ހުއްޓަސް އެވަގުތު ޖެހުމުން އިސްތިއުފާވެސް ދޭން މަޖުބޫރުވެސް ވެދާނެ.