ކްރިމިނަލް ކޯޓު -- ފޮޓޯ: ނިޝާން އަލީ | މިހާރު
25 މެއި 2025 - 06:26
ކަނޑުބޯޓެއްގައި މިދިޔަ މާޗު މަހު ރާއްޖެއަށް ޑްރަގްސް އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ އިންޑޮނޭޝިއާގެ ނަސްވާން އަދީލްގެ ބަންދަށް 15 ދުވަސް އިތުރުކުރީ ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މާޗު 21 ވަނަ ދުވަހުގެ ރޭ މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަތް ކިލޯ އަށް ވުރެ ގިނަ ތަކެތި ހޯދި އެވެ. އެ މައްސަލައިގައި 10 މީހުން ހައްޔަރުކުރި އެވެ. އެއީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ. ކޯޓުގައި ފުލުހުން ބުނީ ބޯޓުގެ އިންޖީނު ރޫމްގެ ވަތެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހަތް ޝީޓު ފެނިފައިވާ ކަމަށާއި އެ ތަކެތި ޓެޓްރާހައިޑްރޯކެނަބިލް އަދި ކެނަބިލޯއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަސްވާނަކީ ބޯޓުގެ ކެޕްޓަނަށް ވުމާއި އެ ތަކެތީގެ ޒިންމާ އެހެން މީހަކު ނުނަގާ ހާލަތުގައި މަސްތުވާތަކެއްޗަށް ޒިންމާ ނަގަން ޖެހޭނީ ނަސްވާން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަމުރުގައި ވެ އެވެ.
"މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް މިހާރު ބަންދުން ދޫކޮށްފައިވާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށްފައިވާއިރު މީނާއަކީ ބޯޓުގެ ކެޕްޓަން ކަމަށް ވާތީ ޒިންމާގެ ގޮތުން ފަރަގުތަކެއް ހުންނާނެ ކަން ބަލަންޖެހެ އެވެ...މި ބޯޓުން ފެނުނު މަސްތުވާތަކެތި ޒިންމާ އެހެން ފަރާތަކުން ނަގާފައި ނުވާއިރު އަދި އެ ތަކެތި ބޯޓުގައި ތިބި އެހެން އެއްވެސް ފަރާތަކާ ގުޅުވައިދޭނެ ހެއްކެއް ނުވަތަ ގަރީނާއެއް ނަމަވެސް ލިބިފައި ނުވާއިރު މި ފެނުނު މަސްތުވާތަކެތި ރާއްޖެ އެތެރެ ކޮށްފައިވަނީ މީނާގެ ކެޕްޓަން ކަމުގައި ރާއްޖެ އައި ބޯޓަކުން ކަން އެނގެން އޮވެ އެވެ،" ބަންދު ހުކުމުގައި ވެ އެވެ.
އެހެންވެ، ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެ ކެޕްޓަންގެ ޒިންމާއިން ބަރީއަވެވިދާނެ ކަމަށް ނުދެކޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯތާހޭ ޔާރު
25 May 2025
ތީ ދެން ކޮންސަކަރާތެއް. ޝައްކެއްނެތް މިންވަރަށް ހެކި ނުހޯދޭނެ ތީގާ. ތިމީހާ ހިފަހައްޓަން އެއްވެސް ޖާގައެއްނެތް. ބޯޓުގައި ވަގުންކުރާ ވައްކަން ކެޕްޓަނަށްވެސް ނޭނގި ކުރާނެ. މީ ދިވެހިރާއްޖެ. ރައްޔިތުން މިތިބެނީ މިކަހަލަ ކުޅިބަލާބަލާ ލޮލުގަ ކުރަލާފަ.
ވާންޗޯ
25 May 2025
ދެން ބާކީ ހުރި ހުރިހާ މީހުން ވެސް ދޫކޮށްލީޔެން ދެން ތީނަވެސް ދޫކޮށްލާ
ޒިންމާ
25 May 2025
ބަޔަކު ޒިންމާ ނުނަގަންޏަ އޭގަ ތިބި އެންމެން ހަމަވާ ގޮތުން ޒިންމާ ނަގަންޖެހޭނެ ކަމަށް ދެކެން. ޢަދި ބޯޓު އޮޕަރޭޓުކުރާ ކުންފުންޏާ، ބޯޓުގެ ރާއްޖޭގެ އެޖެންޓުވެސް ޒިންމާވާންޖެހޭނެ ކަމުގަ ފެނޭ. ޢަދި އެންމެ ފަހުޖް ބޯޓު ފުރި ބަދަރު އޮފީހުންނާ ސަރުކާރުތަކުންވެސް ޒިންމާ ނަގަންޖެހޭ.
ޖޯރޭ6
25 May 2025
ތީ ވަރަށް ނުރައްކާތެރި އެއްޗެއް. ވަޒަނާއެކު ތިޔަކަހަލަ ނުރައްކާތެރި އެއްޗެހި އަތުލަން ސިންގަޕޫރުގައިވެސް ފުލުހުންނަށް ދެނީ ފިސްތޯލަ. ދެެން ވާކަމެއް ވަނީ. އެއޮއް ޕާފެކެޓް ގަުއމުގައިވެސް ކިޔަނީ މިކަން ހައްލުކުރާކަށް މިނޫންގޮތެއް ނެތޭ< ޑްރަގް ކންމެ އަންޑާއަކަށް ފުލުުހުން ދާންވާނީ ފިސްތޯލަ ހިފައިގެން.
އިސްމާލި
25 May 2025
ބަލަ ބޯޓަކީ ވަރަށް ބޮޑު އަދި އެތައް ބައެއް އުޅޭ އެއްޗެއް. އެހެންވީމަ ކެޕްޓަނަށް ނޭނގި އެއަށް ޑްރަގު އެރުވިދާނެ. މިދިޔަ ހަފްތާގައި މި ނޫހުން މަ ކީން، ޑުރަގުގެ ބޮޑެއް "އުމުރަށް" ޖަލަށް ލި ވާހަކަ. އޭނާގެ ވަނަވަރުގައި އޮތް އަޅައިގެން ހުރި ދަބަހެއްގައި ޑުރަގު ހުރެ، އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނި ވާހަކަ. އެކަމުގައި އޭނާ އަށް އަދަބުދިން ތޯ ނޫން ތޯ ނޭނގެ ބުނާކަށް. އާންމު އުސޫލަކީ ކޮބައިކަން އެނގޭ ދޯ.
ފައިވުދީ
25 May 2025
ބޯޓުގެ ރެޖިސްޓުރީ ނަންބަރުގައި ތާ ސުކުނެއް އިނދެގެން ތިޔަ މައްސަލަ ކުރިޔަށް ނުގެންދާން ނިންމަންވީނު ދޯ؟
ގާސިމް
25 May 2025
މިމީސްމީހުންގެ ފޮޓޯ ޖަހާ ދުނިޔެއަށް އާންމުކިރަންވީ. މީނާ ރަށުގަ ނަމަ ޖައްސާނީ ދަން. މިރާއްޖޭގަވީމަ މުގުރިހަޔާ ބަތާ ކާންދީގެން މި ގެންގުޅެނީ.