ހައި ކޯޓު: އެ ކޯޓުން ވަނީ ދަރިވަރަކު ޕްލޭ ސްކޫލުން އެލްކޭޖީއަށް ބަދަލުކުރުމަށް ވަގުތީ އަމުރެއް ނެރެފައި. -- ފޮޓޯ: މިހާރު
05 ޖުލައި 2025 - 12:15
މިދިޔަ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއަށް އަމަލުކުރުމުގެ ގޮތުން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީއަށް ޕްރޮމޯޓް ނުކޮށް ޕްލޭ ސްކޫލް ރިޕީޓްކުރި މައްސަލައިގައި ކޮށްފައިވާ ދައުވާއެއްގައި އެ ދަރިވަރު އެލްކޭޖީއަށް ބަދަލުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މިދިޔަ އަހަރު މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން މި އަހަރު އެލްކޭގައި އުޅޭނީ މިދިޔަ އަހަރު ޑިސެމްބަރަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ. އެޑިއުކޭޝަންގެ ސާކިއުލާގެ ކުރިން ޕްލޭ ސްކޫލަށް ވައްދައި ކިޔަވަމުން އައި ދަރިވަރުގެ ސްކޫލުން ބޭބީ ނާސަރީއަށް މި އަހަރު ބަދަލު ނުކުރީ އެ އުމުރު ހަމަނުވާތީ، އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުދޭތީ އެވެ. އެހެންވެ އެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ކުއްޖާގެ މަންމަގެ ފަރާތުން ހުށަހެޅުމުން ވެސް ނިންމުން ބަދަލުކުރެވެން ނެތް ކަމަށް އެންގުމުން ދައުލަތާ ދެކޮޅަށް ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ނަމަވެސް ސިވިލް ކޯޓުން ހުކުމްކުރީ ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ސާކިއުލާ އަކީ ތައުލީމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލައި އާންމުކޮށްފައިވާ އުސޫލެއް ކަމަށެވެ. އެހެންވެ ދައުވާކުރާ ފަރާތުން އެދިފައިވާ އެއްވެސް ކަމަކަށް އަމުރުކޮށް ހުކުމް ކުރެވެން ނެތް ކަމަށް ދަށު ކޯޓުން ކަނޑައެޅި އެވެ.
ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރި އިރު، މި ދައުވާގައި ހުކުމް ކުރުމާ ހަމައަށް ވެސް ދަރިފުޅަށް މި އަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ.
ދައުވާކުރާ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ މި އަހަރުގެ ކިޔެވުން އޭޕްރީލް 7، 2025 ގައި ފެށުނު އިރު ދަރިވަރު ނާސަރީގައި ރިޕީޓްކުރަން ޖެހުނީ ސިވިލް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކަމަށެވެ. މިއީ ކުއްޖާއަށް މިހާރުވެސް ލިބެމުންދާ ގެއްލުމެއް ކަމަށް ހައި ކޯޓުގެ ޝަރީއަތުގައި ވަނީ ބުނެފަ އެވެ.
ކުއްޖާ ޕްރޮމޯޓް ނުވެ ރިޕީޓްކުރަން ޖެހިފައި ވުމަކީ ލިބެމުންދާ ބޮޑު ގެއްލުމެއް ކަމަށް ދައުވާކުރާ ފަރާތުން ބުނާއިރު ހައި ކޯޓުން މި މައްސަލަ ނިމެންދެން ކުއްޖާ މިހާރު ހުރި ގޮތަށް ނާސަރީގައި ބަހައްޓައިފި ނަމަ ހައި ކޯޓުން މައްސަލައިގައި ހުކުމަކާ ހަމަޔަށް ދާއިރު އެ ހުކުމެއް ތަންފީޒު ނުކުރެވޭނެ ހާލަތެއް ވެސް މެދުވެރިވެދާނެ ކަމަށް ބުނެފައިވެ އެވެ. އަދި މި މައްސަލަ އަދިވެސް ނުނިމޭއިރު މިއީ ދިރާސީ އަހަރު ފެށުނުތަނާ އިސްތިއުނާފުކުރި މައްސަލައެއް ކަމަށާއި އަންނަ ޑިސެމްބަރު މަހު ދިރާސީ އަހަރު ނިމޭނެކަން ކުއްޖާގެ މަންމަގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
ދައުވާގައި ބުނާ ދަރިވަރަކީ 2023-2024 ވަނަ އަހަރު ދިރާސީ އަހަރަށް ސްކޫލަށް ވެއްދުމަށް ކަނޑައަޅާފައިވާ އުމުރުފުރާއާ އެއްގޮތަށް ޕްލޭ ސްކޫލަށް އެންރޯލްކުރި ދަރިވަރެކެވެ. އެކަމަކު ކުއްޖާ ނާސަރީގައި ރިޕީޓްކުރީ އޭގެ ފަހުން ނެރުނު، 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ސްކޫލަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރަން މިނިސްޓްރީން ކަނޑައެޅި ސާކިއުލާއަށް ބިނާކޮށެވެ.
ދައުވާކުރާ ފަރާތުން ބުނަނީ މިގޮތަށް އަމަލުކުރުން ގާނޫނާ ހިލާފުވާނެ ކަމަށެވެ. އަދި އެ ދަރިވަރަކީ ނާސަރީ އާއި އެލްކޭޖީގައި ކިޔެވުމުގެ ފެންވަރު ހުރި ކުއްޖެއްކަމާ މެދު އެއްވެސް އިރެއްގައި ބަހުސެއް ނެތް ކަމަށާއި އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓުން އެ އުމުރުގެ ކުއްޖަކަށްވުރެ ގާބިލުކަން ހުރި ކުއްޖެއްކަން އެނގޭ ކަމަށް ޝަރީއަތަށް ހުށަހެޅި ލިޔުންތަކުގައިވެ އެވެ. އަދި ކުއްޖާގެ ނުވަ މަހުން ފެށިގެން ބަލަމުން އަންނަ ޑޮކްޓަރުގެ ކްލިނިކަލް ނޯޓްސް ރިޕޯޓްގައިވާ ގޮތުން މި ކުއްޖާ އަކީ ހެދިބޮޑުވުމުގައި އެހެން ކުދިންނަށްވުރެ އަވަހަށް ކުރިއަރަމުން އަންނަ ކުއްޖެކެވެ. އެހެންވެ ކުއްޖާގެ "މެޗޫރިޓީ ސޯޝަލް ސްކިލްސް އަދި ކޮގްނިޓިވް ޑިވެލޮޕްމަންޓް، އެ އުމުރުގެ އެހެން ކުދިންނާ އަޅާބަލާއިރު އާދަޔާ ހިލާފަށް ރަނގަޅުވެފައި، ކުއްޖާގެ ކުރިއެރުމަށް އެޑްވާންސް މެޓީރިއަލްއަށް ފުރުސަތު ހޯދައިދިނުމަށް" އެ ޑޮކްޓަރު ލަފާ ދީފައި އޮވެ އެވެ.
"މި މައްސަލައިގައިވާ ހުސޫމަތަކީ ކުޑަކުއްޖެއްގެ އުނގެނުމުގެ ހައްގާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް އެންރޯލްކޮށްފައި ހުރި ކުއްޖަކު، މިނިސްޓްރީގެ އުސޫލުތަކަށް ގެނައި ބަދަލުގެ ސަބަބުން ކަޓް އޯފް ޑޭޓް ބަދަލުކޮށްފައިވަނީ، މި މައްސަލައިގައި ހިމެނޭ ކުއްޖާގެ އިތުރުން، ސްކޫލް ނިޒާމުގައި ތިބި އެހެން ދަރިވަރުންގެ ވެސް ހައްގު ގެއްލޭ ގޮތަށް" ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މިއީ އާންމު އުސޫލުން ހައި ކޯޓުގައި މައްސަލަ ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، މައުޟޫއީ ގޮތުން ބަލައި ނިންމަން ދުވަސްތަކެއް ހޭދަވާނެ މައްސަލައެއް ކަމަށާއި އެހެންވެ މައްސަލަ ލަސްވެ، ދިރާސީ އާ އަހަރެއް ފެށޭއިރު ކިޔެވުމުން ބޮޑު ބައެއް ގެއްލުމާއި ޔޫކޭޖީއަށް ޕްރޮމޯޓްވާން ވެސް ހުރަސްތަކެއް ކުރިމަތިވާނެކަން ފާހަގަކޮށްފައިވެ އެވެ.
"މި މައްސަލަ ނިމުމާ ހަމައަށް ވަގުތީ ފަރުވާއެއް ނެތި މައްސަލަ ލަސްވެއްޖެ ނަމަ އިސްތިއުނާފީ މައްސަލައިގެ ނިންމުން ތަންފީޒު ނުވާނެ" ހާލަތެއް އޮވެދާނެކަން ވެސް ފާހަގަކުރި އެވެ.
މީގެ އިތުރުން ވެސް ގާނޫނުތަކާއި ގަވައިދުތަކުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ބެހޭ ގޮތުން ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
ދައުލަތުން ވަނީ މައްސަލައިގައި، ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބުތައް ފުރިހަމަނުވާ ކަމަށެވެ. އަދި ދަރިވަރު ބޭބީ ނާސަރީން ނާސަރީއަށް ޕްރޮމޯޓްކޮށްފައިވަނީ "އަންޑަ އޭޖް އެންރޯލްމަންޓް ފޯމް" ގައި ސޮއިކުރުމަށް ފަހުގައިކަން ފާހަގަކޮށްފައިވެ އެވެ. އެ ފޯމުގައި، އެލްކޭޖީ (ރަސްމީ ތައުލީމުގެ މަރުހަލާ) އަށް ޕްރޮމޯޓްކުރެވޭނީ މާޗް 31 އާ ހަމައަށް ހަތަރު ފުރިފައިވާ ނަމަ ކަމުގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު މައްސަލައިގައި ހިމެނޭ ކުއްޖާއަށް ހަތަރު އަހަރު ވަނީ ޖުލައި 13 އަށެވެ.
އެހެންވެ ދަރިވަރު މި އަހަރުގެ ކިޔެވުން ނިމި އަންނަ އަހަރުގެ ދިރާސީ އަހަރު އެލްކޭޖީއަށް ޕްރޮމޯޓްވާނެ ކަމަށް ބުންޏެވެ. ދެން ފާހަގަކުރި އެހެން ކަންކަމުގެ ތެރޭގައި؛
- ދަރިވަރުން އެލްކޭޖީއަށް ވައްދަނީ އެސެސްމަންޓްއަކަށް ބިނާކޮށް ނޫން ކަމަށާއި އުމުރަށް ބިނާކޮށް ކަމަށް
- ވަގުތީ އަމުރެއް ނެރެދީފި ނަމަ މައްސަލައިގައި ބުނާ ގޮތަށް ގްރޭޑް ރިޕީޓް ކުރަން ޖެހިފައި ތިބި އެހެން ކުދިން ފަރާތުން ވެސް އެ މައުޟޫގައި "ފްލަޑް ގޭޓްއެއް" ހުޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށް.
- މިނިސްޓްރީއާ ދެކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އަނެއްކާ ކުއްޖާ ނާސަރީއަށް ބަދަލުކުރަން ޖެހި، ކުއްޖާއަށް ލިބޭނެ ގެއްލުމަކަށް ވެދާނެކަން.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ދީބާނާޒްގެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ތާއީދުކުރައްވައި ނިންމެވީ އިސްތިއުނާފުކުރާ ފަރާތުން އެދުނު އަމުރު ނެރެދިނުމަށެވެ. ނަމަވެސް ބެންޗުގައި ދެން އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ތަފާތުވި ރައުޔުގައި ވިދާޅުވީ ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ ގަބޫލުކުރާ ކަމެއް ހިމާޔަތްކުރުމަށް، ގާނޫނުން އެކަށައަޅާފައިވާ މުޅި ތައުލީމީ ނިޒާމު އެއްފަރާތްކުރެވޭ ގޮތަށް ފަރުވާއެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ނިޒާމު އާންމާ ގުޅޭ ކަންކަމުގައި މަސްލަހަތު ރަނގަޅު ގޮތް ދެނެގަތުމުގައި ވަކިވަކި ފަރުދުންނަށް އިންފިރާދީ ގޮތުން މަސްލަހަތު ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމުގެ ބަދަލުގައި ބަލަންޖެހޭނީ މުޅި މުޖުތަމައުގެ ޖަމާއީ މަސްލަހަތު އެކަމެއްގައި އޮތް ނެތް ގޮތުގެ މައްޗަށެވެ." ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
އެ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ވަގުތީ އަމުރެއް ނެރެ، އިސްތިއުނާފުކުރާ ފަރާތުގެ ދަރިފުޅު ތައުލީމީ ވަކި ހަރުފަތަކަށް ޕްރޮމޯޓްކުރުމަަށް ކޯޓުން އެންގުމަކީ ކުރެވޭނެ ކަމެއްގެ ގޮތުގައި ބުރަ ނުވެވޭ ކަމަށެވެ.
ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔުން އަމުރުކުރީ، އަމުރު ނެރޭ ތާރީހުން ފެށިގެން ލަސްވެގެން 15 ދުވަހުގެ ތެރޭގައި، އިސްތިއުނާފު ކުރާ ފަރާތުގެ ދަރިފުޅު ނާސަރީން އެލްކޭޖީއަށް ބަދަލު ކުރުމަށެވެ. އަދި ބަދަލުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ދައުލަތާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް ވެސް ވަނީ އަމުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިއުމަން ޑެވެލޮޕްމަންޓް ރޭޓް
07 July 2025
މުޅި އެޑިއުކޭޝަން ސިސްޓަމްވެސް ބަދަލު ކުރަން ވެފައި! ނާސަރީ އިން ފެށިގެން އޯލެވެލް ހެދުމާއި ދޭތެރޭ ކިތައް އަހަރުތޯ ބޭކާރުވެ ގެއްލިގެން ދަނީ. މަސައްކަތުގެ މާހައުލައް ނުކުންނަ އިރު ހަމަ ސުމެއް.
އަމަލި1
06 July 2025
މިހާރު މިވީގޮތުން އެބަޔަކު ބޭނުން ގުޜޭޑަކަށް ވައްދާ ކުދިންނަށް ކިޔެވޭނެ ސުކޫލްތަކެއްވެސް ހުންނަންޖެހުނީތާ.
ޓާޚޫ
06 July 2025
ތިގޮތަށް ޕްރޮމޯޓް ކޮއްފައި ހުރި މޮޅު ކުއްޖެއް ހުރޭ މަމެން ދަރި ކުލާހުގަވެސް. ކެޗްއަޕް ނުކުރެވޭތީ ޓީޗަރު ފަސޭހައަކަށް އެކުއްޖާ ޓްރެއިން ކުރަން ހަވާލު ކުރަނީ މަމެންގެ ދަރިންނާ. އެކުދިން ކިޔެވުން ހުއްޓާލައި ޓީޗާރުގެ ވާޖިބު އަދާކުރޭ. މިކަމާ ހުރެ މަމެންގެ ދަރިންކަންނޭގެ ރިޕީޓް ކުރަންޖެހޭނީ
ސާބަހޭދަރިޔާ
06 July 2025
އެއްވެސް ގަވާއިދެއްގައި ކުއްޖާގެ އުމުރަށް ބަލައި އެކުއްޖާ ހުންނަންޖެހޭ ކްލާސް ނުވަތަ ގްރޭޑް ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއްނޫން. ކިޔެވުމަށް ވަރަށް މޮޅުކުދިން ޢުމުރު ހަގުވީމައޭ ކިޔާފަ މަތީ ގްރޭޑަށް ނުދެވޭނަމަ އެއީ އެކުދިންގެ ކުރިއެރުމަށް އެޅޭ ހުރަހެއް. އެގޮތަށް ގަވާޢިދުތައް ހަދައިގެން ކަމަކުނުދާނެ. ކުރިޔަށް ދާން ބޭނުންވާ މޮޅު ކުދިންނަށް ހަލުވިކަމާއެކު ކުރިއަށް ދެވޭނެ ގޮތަށް ގަވާއިދުތައް ހުންނަންވާނީ. އަހަރަކު 2 ގްރޭޑަށްވެސް ދެވެންނާނެ.
ކްރޫ
06 July 2025
އަސްތާ މީހާދަ ވަރެއްގެ ޕޭރަންޓުން ތަކެކޭދޯ؟ މިމީހުންގެ ދަރިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ގުޑްލަކް.
ފަރަންޖީ
06 July 2025
މައިން ބަފައިގެން ހިތުން ތިކުރަނީ ވަރަށްމޮޅު ކަމެއް. އަވަހަށް ކުއްޖާ ކުރިއަރުވާ ޑަބަލް ޕްރޮމޯޝަން ހަދައި އުމުރަށް ވުރެ ބާރަށް ކުށްޖާ ގެންދިއުމަކީ ކުއްޖާއަށްވުރެ މައިން ބަފައިންނަށް ލިބޭ އުފަލެއް.. ޕްރައިޑެއް.. ހަގީގަތަކީ އެކިއެކުދިން ސްކިލްސް އާ ސޯޝަލް ސްކިލްސް ކުރިއަރާނީ އެކިވަރަށް. އަވަސް ކޮށްގެން ކުއްޖާއަށް ލިބޭ ފައިދާއަށްވުރެ ގިނަފަހަރު ބޮޑުވާނީ ގެއްލުން. ޖީނިއަސް ފެންވަރުގެ ހުރިކުދިން ބާރަށް ގެއްދިއުންއޯކޭ.އެކަމަކު އެކްކޭޖީދޯ؟!؟!؟
އަޔަދިން
06 July 2025
މަގޭ ދަރިވެސް ނާސަރީގަ ރިޕީޓް ކުރީ.
ބަމީ
06 July 2025
އެޑިއުކޭޝަން އިން ވެސް އުޅެގަންނަ ގޮތުން ހީވަނީ ޔަހޫދީން މި އުޅޭ ފާޑުހެން. މަބުނީމާ އެއީ ފަހުބަސް ހެދެން އުޅެނީ. މާ ބާރު ދައްކަން އުޅެނީ.
އާންޓީ
06 July 2025
ޑިސެމްބަރ 30 ގައި ވިހެއި ކޫއްޖާ ގްރޭޑް 2 ގައި ހުރެފައި ޖެހިގެން އައި ޖެނުއަރީ 1 ގައި ވިހެއި ކުއްޖޭ ގްރޭޑް 1 ގައި ހުރުމަކީ ކިހާ ބޮޑު ބޭ އިންސާފެއްތޯ. މިމައްސަލަ އަށް ކޯޓުން ޙައްލެއް ހޯއްދަވާ ދެއްވާ.
އަންދަލޫސިޔާ
05 July 2025
2027 ގައި އެ ކުއްޖާގެ ޢުމުރުން 5 އަހަރުފުރި 6 އަހަރު ނުފުރޭއިރު ގްރޭޑް 1 އަށް ދާންޖެހޭ ކަމީ ދެރަކަމެއް. ބައެއް މައިންބަފައިންނަކަށް ނޭނގޭތޯ ކުއްޖާގެ ކިޔެވުމުގެ އިތުރުން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތައް ބޮޑުވާނެކަމެއް؟