ފަނޑިޔާރުންގެ ބިލު ބަަލައިގަނެ، ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފައި.
07 ޖުލައި 2025 - 11:59
ފަނޑިޔާރުކަމުން ވަކިވުމަށްފަހު ވަކި މުއްދަތެއް ވަންދެން ގާނޫނީ ވަކީލުކަން ކުރުން ހަނިކުރަން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލު ބަލައިގަތީ ޖަލްސާގައި ބައިވެރިވި 70 މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ތާއީދާ އެކު އެވެ. މަޖިލީހުގެ ތަޅުމުން އެ ބިލު ބަލައިގަތުމުން، ދިރާސާކުރުމަށް ބިލު ފޮނުވާނީ ޖުޑީޝަރީ ކޮމިޓީއަށެވެ.
މިދިޔަ ބުދަ ދުވަހު އެ ބިލުގެ ބަހުސް ފެށިޔަސް، އެ ދުވަހުގެ ޖަލްސާ ނިންމާލީ ބަހުސް އެއްކޮށް ނުނިމެނީހެވެ. އެހެންވެ، މިއަދުގެ ޖަލްސާގައި ވެސް އެ ބިލަށް ބަހުސްކުރި އެވެ.
ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބިލަށް ތާއީދުކުރި ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެ ބިލަކީ ކޯޓުތައް ކޮންޓްރޯލްކުރާ ބިލެއް ކަމަށް ބުނެ ފާޑު ވިދާޅުވެފަ އެވެ.
އެ ބިލަކީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ހުރި އުސޫލުތައް އިތުރަށް ތަފްސީލު ކުރުމާއި ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލު ކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރި ކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖާކުރުމާ ގުޅޭ ކަންކަން ހިމެނޭ ބިލެކެވެ.
އެ ބިލުގައިވާ ގޮތުން ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފިނަމަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން އެ ފަނޑިޔާރަކު ފާއިތުވި ތިން އަހަރު ފަނޑިޔާރުކަަން ކޮށްފައިވާ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ އެވެ.
އެ ބިލުގައިވާ ގޮތުން ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެެއް އަދާކުރުމާއި އަމިއްލަ ފަރުދެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން ވެސް ފަނޑިޔާރުންނަށް މަނާވާނެ އެވެ. އަދި ފަނޑިޔާރުން އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުމާއި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ފަނޑިޔާރުންގެ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށާއި ވެސް އެ ބިލުގައިވެ އެވެ.
އެކަމަކު ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައިނުވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރެވިދާނެ ކަމަށް ބިލުގައިވެ އެވެ.
އެހެންވެ، އެ ބިލަށް ފާޑުވިދާޅުވެ އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި މިހާރު ބިލު ފަރުމާކޮށްފައި އޮތީ ފަނޑިޔާރުކަމުން ވަކިވާ ހިސާބުން ފެށިގެން ދިރިއުޅުމުގެ މަސައްކަތަށް ކުރާ ބައެއް ކަންކަމަށް ވެސް ހުރަސް އެޅޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަދާލަތު
07 July 2025
ތިޔައީ ވަރަށްރަނގަޅު ޤާނޫނެއް. ތިޔަކަންދޫކޮށްލާފައި ބާއްވައިފިނަމަ، ޢަދުލުއިންޞާފުދާނީ ހުންގާނުނެތް އޮޑިއެއްގައި ކަތިރިޔަލެއްނަގާފައިދޫކޮށްލީމާދާގޮތަށް.
ކޮރަލް
07 July 2025
ގާނޫނު އެނގޭ ބިަލަކަށް އިސްލާހް ގެންނަން އެނގޭ ފެންވަރު ގެ މީހަކު ނެތެވެ. ސަރުކާރުން ބިލް ޑްރާފްޓް ކޮށްފަ ފޮނުވީމަ ވޯޓް ދޭން އެނގޭ ފެންވަރުގެ މީހުންނެވެ. ރައްޔިތުން ވޯޓް ދޭން ވީ ޕާޓީ އަކަށް ނޫނެވެ. ގާބިލް މީހާ އަށެވެ.