ރައްޔިތުންގެ މަޖިލިސް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ވަނީ ހުށަހަޅާފައި.
29 ޖޫން 2025 - 23:01
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.
އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
އެ ބިލު ހުށަހެޅީ ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުކުރުމާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނުގައި ކަނޑައެޅުމަށެވެ.
އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުމާއި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް މުރާޖާކުރަން ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލުގައި ވަނީ ފަނޑިޔާރުންނަށް މަގާމުގައި ތިބެ ކުރެވޭނެ ކަންކަމާއި ނުކުރެވޭ ކަންކަމުގެ ބަޔަށް ވެސް އިސްލާހު ގެނެސްފަ އެވެ.
އޭގައި ބުނީ ފަނޑިޔާރުންނަށް ހުއްދަ ކަމަށް ބުނާ ކަންކަމުގެ އިތުރުން ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ނުވަތަ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތައް ބުރޫނާރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މަސައްކަތްތައް ކުރުމަކީ ތައާރަޟުވާކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރުކަމުގައި ހުންނަ ހިނދަކު ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ވަނީ ފަނޑިޔާރުކަން ފިޔަވައި ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެެއް އަދާކުރުމާއި އަމިއްލަ ފަރުދެއްގެ ވަޒީފާއެއް އަދާކުރުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމެވެ.
ބިލުގައި ބުނީ ދައުލަތުގެ ފަރާތުން އާންމު މުވައްޒަފުންނަށް ކަނޑައަޅާފައިވާ އެކި ފަންޑުތަކުގައި ފަނޑިޔާރުންނަށް ބައިވެރިވެވިދާނެ ކަމަށާއި އެކަމަކު ފަނޑިޔާރަކު ފަންޑެއް ހިންގައިގެން ނުވާނެ ކަމަށެވެ. މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެެއްގޮތަށް ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާއި ސްޓޮކް އެކްސްޗޭންޖާ ގުޅޭ މުއާމަލާތް ހިންގުމާއި ލޯފާމްތައް ހިންގުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލުގައި ވަނީ ފަނޑިޔާރުންނަކީ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ދައުލަތުގެ މުދަލާއި ބިން ގަނެ، ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ފަނޑިޔާރުންގެ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށެވެ.
އެހެންވިޔަސް، ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައިނުވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރެވިދާނެ ކަމަށްވެ އެވެ.
ބިލުގައި ބުނީ ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ އެ ނޫން ވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށް ވުރެ ބޮޑު ނޫންކޮށް ވިއްކުމާއި ކުއްޔަށް ދިނުމަކީ ވިޔަފާރިކުރުމާއި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެެވެ.
އާ ބިލުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މައްސަލާގަައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ އެވެ. އަދި އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެެ. މިހާރު ގާނޫނުގައި އޮންނަނީ މައްސަލައާ ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި މައްސަލާގައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން އިސް ގާޒީއަށް އެންގުމަށެެވެ.
ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު، މަސައްކަތުގެ ފެންވަރު ބެލުނު ގޮތާއި ކަނޑައެޅުނު ނަތީޖާ އާއި އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ ކޮޕީއެއް ވެސް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
30 June 2025
ފަނޑިޔާރުންނަށް ލިބޭ މައްލަތައް ނިންމަން މުއްދަތެއް ކަނޑައެއް ނާޅަމުތަ. ޢާނ. ކަނޑަ ނާޅާ ބޭއްވިއްޔާތާ ނުފޫޒު ވައްދާލާފަ ފައިލްކޮށްލާފަ ބޭއްވޭނީ. ހާދަ މައްސަލައެކޭ އެހުރީ ނުނިމި. ޢެންމެ ބޮޑެތި މައްސަލަތައް ނިންމަނީ 21 ދުވަހުން ބައެއް ޤައުމުތަކުގައި.
ޖަމީލުބެ
30 June 2025
ކަންކަން އިސްލާހު ނުވަނީ ގާނޫނުތައް މަދުވެގެން ހެއްޔެވެ؟ ސާދާ ޖަވާބަކީ؛ ނޫނެކެވެ. ގާނޫނު ނެތުމެއް ނޫނެވެ. ގާނޫނު މަދުވުމެއްވެސް ނޫނެވެ. ކަންކަމާއި ހަވާލުވެ ތިބި ފަރާތްތަކުން ކަންކަން އިސްލާޙުކުރަން ޙަގީގަތުގަ ބޭނުން ނުވުމެވެ. އެކަން ކަމުން ނެގެން އޮންނަ ނާޖާއިޒު ފައިދާ ތިމާމެންވެސް ނަގަން ބޭނުންވުމެވެ.