ހައި ކޯޓް: އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
10 ޖުލައި 2025 - 15:29
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން އެ ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރުއީ އަދި ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާއެކު ފަނޑިޔާރުކަން ނުވަތަ ވަކީލުކަމުގައި ފަސް އަހަރު ދުވަހުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރުވެފައިވުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅޭ ކުށެއް ނުވަތަ ރިޝްވަތު ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 64،000ރ. ލިބޭނެ އެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑް ކުރުމުން އޭގެ ތެރެެއިން ސުއޫދު އިސްތިއުފާ ދެއްވުމުންނާއި އަދި އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި ތިން މަގާމަށް އައްޔަން ކުރެއްވީ ފަނޑިޔާރު ޝަހީދާއި ފަނޑިޔާރު ސަލީމްގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޖްލިހަށްނަމަ ޔަގީން
10 July 2025
ގްރޭޑް 5 ގެ ފެންވަރު ހުރި މީހުނަށް ކުރިމަތިލެވޭތަ؟
ޖަސްޓިސް
10 July 2025
ހައިކޯޓަށް އެބަ ބޭނުންވޭ ސިވިލް މައްސަލަތަކުގައި ރަނގަޅު ޖަޖްމަންޓް ދެވޭނެ ސިވިލް ކޯޓުގެ ތަޖުރިބާ ހުރި ބޭފުޅުން. މިހާރު ކްރިމިނަލް ލޯ މައިންޑަޑް ކްރިމިނަލް ލޯ ޑިސިޕްލިންގެ ބޭފުޅުން ސިވިލް މައްސަލަތައް ނިންމަނީ ވަރަށް އެހެން ކަހަލަ ގޮތަކަށް. ވަރަށް ރުންކުރު ގޮތަކަށް ކުށްވެރިންނާ މުހާތަބުކުރާހެން ޝަރީއަތް ހިންގަނީވެސް.
ޗ×
10 July 2025
ކީއްކުރަން އިއުލާނު ކުރަނީ. އަތްބާނާފަ ނަގަންވީނު