ރައީސް މުއިއްޒު ދަރަވަންދޫ ކައުންސިލާ އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 އޯގަސްޓް 2025 - 07:32
ސަރުކާރުން ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރު ސަރަހައްދު ބަލަހައްޓާނެ "ވޮޗްޓަވާ" އެއް ދަރަވަންދޫގައި ބެހެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައިފި އެވެ.
މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހާއި ވޮޗްޓަވާ މިހާރު ހުންނަނީ އެ އަތޮޅު އޭދަފުށީގަ އެވެ.
ރައީސް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއީ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެއް ކަމަށެވެ.
ބ. ހަނިފަރު ބޭ ސަރަހައްދުގައި އުޅޭ މަޑިތައް ކައިރީގައި މީހަކު ފީނަނީ.-- ފޮޓޯ | މައި މޯލްޑިވްސް
ދަރަވަންދޫއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ހަނިފަރު ސަރަހައްދަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ސަރަހައްދެއް ކަމަށާއި އެއީ ޓޫރިޒަމަށް ވަރަށް މުހިންމު ތަނެއް ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.
އެ ތަނުން ލިބޭ ފައިދާ އިތުރު ކުރުމަށް، އިތުރު ކަންކަން ކުރަން ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ހަނިފަރު ސަރަހައްދު ބަހަލައްޓާނެ އިތުރު ވޮޗްޓަވާއެއް ދަރަވަންދޫގައި ބެހެއްޓުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނުއްވާނެ ކަމަށެވެ.
"މި ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކުން އެ ސަރަހައްދުގެ ބޭނުން ކުރުމުގައި މި ރަށަަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެކަން އަޅުގަނޑު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދޮންފަނާ އެންމެ ކައިރީގައި އޮންނަ ހަނިފަރު ސަރަހައްދު މިހާރު އޭދަފުށިން ބަލަހައްޓަމުން އަންނާތީ އިއްޔެ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވަނީ އެ ތަން ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލު ކޮށްދެއްވުމަށް ވެސް ރައީސް މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް އެ އޮފީހުން ނަގަ އެވެ. ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ. ގިނަ އަދަދެއްގެ މަންތާ އާއި ފެހުރިހި ފެންނަ އެ ސަރަހައްދަށް ދާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރަނީ ބ. އަތޮޅުގެ ވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައިފެޔާލޭޑީ
15 August 2025
ސެޓަލައިޓެއް ދޫކޮށްލުން ކިހިނެއްވާނެ؟
ރަންއުނދޯލި
15 August 2025
ހަނިފަރާ އޭދަފުއްޓާ އެއްވެސް ގުޅުމެއް ނެތްއިރު، ހަނިފަރާ މާ ދުރުގަ އޮންނަ އޭދަފުށީގަ ހަނިފަރު ބަލަހައްޓާ އޮފީސް ބެހެއްޓުމުގެ ޙިކުމަތަކީ ކޮބާބާ. ހަނިފަރު ބަލަހައްޓާ އޮފީސް ބެހެއްޓުން އެންމެ އައުލާކަން ބޮޑީ ހަމަ ދަރަވަންދޫ، އެއީ ދޮންފަން ކިތަންމެ ކައިރީގައޮތަސް ހަނިފައުބޭ ދޮންފަނަށް ނުފެންނާތީ. އެއާ ޚިލާފަށް ދަރަވަންދުއަށް ނުފެންނަގޮތަކަށް ހަނިފަރުބޭ، (ވަދޫމާފަރު) އަކަށް އެއްވެސް އުޅަނދެއް ގާތެއް ނުކުރެވޭނެ.
ކޮރަލް
14 August 2025
ވ ރަނގަޅު ކަމެކެވެ. ސަރަހައްދު ބެލެހެއްޓޭ ޓަވަރު ތައް ބައެއްމިހިއްމު ސަރަހައްދު ތައް ހުރި ރަށް ރަށުގަ ބަހައްޓާން ވީ އެވެ.
ހަނިފަރު
14 August 2025
ދޮންފަނުކައުންސިލަށް ވަރަށްސަލާން/. އެންމެފުރަތަމަ ހަނިފަރު ބެލެހެއްޓުން ދޮންފަނާ ހަވާލުކޮށްދޭން އެދިފައި އެމްޑީޕީގެ ވިސްނުން ކުރިޔަށް ނެރެގެން ރައީސްގެ ކުރިފުޅުމަތީ ހުރެގެން ލަދުގެ ކަންފުޅެއްވެސް ނެތި ލާމަރުކަޒީގާނޫނު ތަންފީޒުނުކުރަން ބުނީމާ ވަރަށްހުތުރު. ވަރަށްބޮޑަށް ހުތުރު. ދޮންފަނަށް މިކަމުން ލިބުނީ ލަދުވެތިކަން. ތިމާގެ ފެންވަރު އޮޅި ހަމަ އިސްކޮޅަށްވުރެ މައްޗަށް ބަސްބުނީމާ ވާނެހައެތިވެ... ދަރަވަންދޫއާ ހަނިފަރު ހަވާލުކުރެއްވީ. ކަޑަ؟
ރިޒާވް
14 August 2025
ހަމަ އެއްޗެކޭ ލިޔެލަނީ ދޯ. ޢަހަރެއްގެ މައްޗަށް އެތައް މިލިޔަން ރުފިޔާއެއް ނަގައިގެން ބ އަތޮޅުގެ ރައްޔިތުންނަށް ކޮބާ ކުރާ ފައިދާ. ޙުރިހާ ލާރިއެއް ދަނީ ސިޔާސީ ވެރިންނަށް
އައުޒަމް
14 August 2025
އަހަރުމެން އެއްމެ ފަހުން އެދުނު ކަންތަކުގަ ކުލަ ޖެހޭ ގޮތް މިވީ. މިއީ އަހަރުމެން އެތައް ރައީސެއް ކައިރީ ދެންނެވި ކަމެއް. މިކަން މިރައީސް ކޮށްދޭތީ ނިކަން އުފާވެއްޖެ
ނޫހް އިބްރާހިމް
14 August 2025
މީ ވަރަށް އުފާވެރި ހަބަރެއް. މީ މިސަރަހައްދުގެ ޓޫރިޒަމް ކުރިއަރުވަންވެސް އެޅޭނެ މުހިއްމު ފިޔަވަޅަކަށް ވެގެން ދާނެ.
އެޗް އެމް
14 August 2025
ވޮޗް ޓަވަރާއި އެހެނިހެން ސަވޭލެންސް ނިޒާމްތައް ވެސް ބަހައްޓަންވީ. މައްސަލައަކީ ކަމެއް ދިމާވެގެން ބަލާއިރު މި ނިޒާމުތަކަށްވެސް ނުފެންނާތީ.