ބ. ހަނިފަރު ބޭ ސަރަހައްދުގައި އުޅޭ މަޑިތައް ކައިރީގައި މީހަކު ފީނަނީ.-- ފޮޓޯ | މައި މޯލްޑިވްސް
13 އޯގަސްޓް 2025 - 19:47
ސަރުކާރުން ހިމާޔަތް ކޮށްފައިވާ ބ. ހަނިފަރުގެ ސަރަހައްދު ބެލެހެއްޓުން ބ. ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު ދޮންފަނަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ކައުންސިލް ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ ހަނިފަރަކީ ބ. އަތޮޅުގެ އެއް "ޖަވާހިރު" ކަމަށެވެ.
ހަނިފަރު ސަރަހައްދުގެ ބެލެހެއްޓުން ދޮންފަނު ކައުންސިލާއި ހަވާލުކުރުމަކީ މިދިޔަ ކޮންމެ ސަރުކާރެއްގައި ވެސް އެދިފައިވާ ކަމެއް ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްދީފައި ނުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދޮންފަނުގެ އިރުމަތި ފަރާތުގައި އޮންނަ ހަނިފަރާއި އެ ރަށުގެ ބޮޑު ފަޅުގެ ސަރަހައްދު މިހާރު ބަލަހައްޓަނީ ބ. އަތޮޅު ބަޔޮސްފިޔާ އޮފީހުންނެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ނުވަ ސަރަހައްދެއް ސަރުކާރުން ހިމާޔަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން ސަރަހައްދެއް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ބަލަހައްޓަނީ ބަޔޮސްފިއާ އޮފީހުންނެވެ. އެއީ ހަނިފަރު ސަރަހައްދާއި މެންދޫ ސަރަހައްދުގެ އިތުރުން އޮޅުގިރި އެވެ.
ބ. ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ޖަލްސާގައި ވާހަކަަ ދައްކަވަނީ
"ކޮންމެ ސަރުކާރެއްގައި ވެސް ދޮންފަނު ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ހަނިފަރު ދޮންފަނުގެ އިހުތިސާސްގައި ހިމަނައިދިނުމަށް. ނުވަތަ ހަނިފަރު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކުރުން،" އިރުޝާދު ވިދާޅުވި އެވެ.
"ދޮންފަނަކީ ކުޑަ ރަށެއް ވީމަ، ދޮންފަނުގެ އަޑު ނާހާ އަތޮޅުން ބާކީކޮށްލެވޭތަން އަބަދުވެސް ފެނޭ."
ހަނިފަރާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކީ އެ ރަށް ކަމަށާއި އެތަން ބެލެހެއްޓުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ވެސް ދޮންފަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި އެ ރަށު ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ހަނިފަރު ސަރަހައްދު ދޮންފަނަށް ލިބުމަކީ ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެ، އެ ސަރަހައްދު އެ ރަށުގެ އިހުތިސާސްގައި ހިމަނައިދިނުމަށް ރައީސްގެ އަރިހުގައި ކައުންސިލްގެ ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް އެ އޮފީހުން ނަގަ އެވެ. ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.
ގިނަ އަދަދެއްގެ މަންތާ އާއި ފެހުރިހި ފެންނަ އެ ސަރަހައްދަށް ދާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރަނީ ބ. އަތޮޅުގެ ވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްަޔާގެ ދަރި
14 August 2025
ތިޔައީ ވެސް ބޮޑު ކޮރަޕްޝަނެއް. އެ ތަނަށް ލިބޭހާ ލާރިއަކަށް ވާގޮތެއް ނޭނގޭ. ހިމާޔަތްކުރަން ކުރާ މަސައްކަތެއް ފެންނާކަށް ނެތް. ފައިސާ ހޯދޭތޯ ބަލަނީ
ކަތްދައްތަ
14 August 2025
ވަރަށް ހަނި ފުރުޞަތެއް އޮތީ ތިކަމުގަވެސް
ސަމަރލޮޖް
14 August 2025
ކޮންމެއަކަސް ތި ހަނިފަރަކީ ލާރިފަށެއް ނަގާ ތަނެއް. ތިތަނެއް ނުދޭނެ. މިހާރު ތިތަން ކޮންޓްރޯލުކުރާ މީހުން ނަކީ މާފިޔާއެއް.
އެމެރިކާ
14 August 2025
މިހެން ހެދީމަ ދޮންފަނު މީހުން ޖެއްސުން ކުރާނީ. ސަފާރީ ބޯޓްތަކަ ޖެސްސުން ކުރާނީ.
ދޮންފަނު މުހައްމަދ
13 August 2025
ދޮންފަނުގެ އިހުތިސާސްގައި ހިމަނައިދޭން ޖެހޭ ސަބަބަކީ ކޮބާބާއެވެ. މިތަންތަނަކީ ވަކިރަށަކަށް މަންފާލިބެން ޖެހޭގޮތައް އޮންނަތަނެއްގެ ބަދަލުގައި މުޅިއަތޮޅައް ނުވަތަ މުޅިގައުމަށް މަންފާ ލިބޭގޮތަށް އޮންނަން ޖެހޭ ތަންތަނެވެ.
ލަސް
14 August 2025
މާލޭގެ ބަޔަކަށް ހުޅުމާލެ ވަނީ ކިހިނެއް އެހެންވީމަ.
ކޮޔާ
13 August 2025
ފުވައްމުލަކަކީ ދޮށީގެ މަސްވެރިކަން ކުރާ ރަށެއްނޫން. އެންވެރިކަމެއް އޮންނަ ރަށެއްނޫން. މަސްވެރިން މަސް ބާނަނީ ވަދުއަޅައިގެން. ބާނާ މަހުގެ %90 އެއީ އެކި ސައިޒުގެ ކަންނެލި. ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ބޮޑެތި ދޯނިފަހަރު ހުންނަ ރަށެއް ނޫން. ކުރުކޮށް ބުނާނަމަ މަސްވެރި ރަށެއް ނޫން ފުވައްމުލަކަކީ. ކަން މިހެންހުރުމުން ތިއީ ދާއިމީކޮށް ކުރެވިދާނެ ކަމެއްބާ؟
ބޮބްް
13 August 2025
ދޮންފަނަކާ ނޫން މުޅި ބާ އަތޮޅު ޝާމިލުވާ ތަނަކަށް ހަވާލުކޮށް ތިޔަ ތަނުން އެލިބޭ ފައިސާ ބ ހުރިހާ ރަށަކަށް ލިބޭ ގޮތަށް އެކަން ކުރުން ރަގަޅު ވާނީ.