ހަނިފަރު ބޭގެ އެއްމަޑިތަކެއް: ފެހުރިއްސާއި އެއްމަޑި އުޅޭ ހަނިފަރު ބޭއަކީ ބ. އަތޮޅުގެ "ހިތް".-- ފޮޓޯ: ނެޗާސް ބެސްޓް ފޮޓޯގްރެފީ
08 ސެޕްޓެމްބަރ 2025 - 12:07
ބ. ދޮންފަނު ފަޅު ހިއްކަން ސަރުކާރުން ނިންމިއިރު، އެ މަސައްކަތާ އެކު އެ ސަރަހައްދުގެ ގުދުރަތީ ވެއްޓަށް ކުރާނެ އަސަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް ކޮބައިހެއްޔެވެ؟ -- ބ. އަތޮޅުގެ "ހިތް" ނުވަތަ ކަނޑުގެ ދިރުންތަކުން މުއްސަނދި "ހަނިފަރު ބޭ"ގެ ސަރަހައްދަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް މި ޕްރޮޖެކްޓާ ގުޅިގެން، ވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން އުފައްދާ އެންމެ ބޮޑު ސުވާލަކީ މި އެވެ.
ހަނިފަރު އޮންނަނީ ދޮންފަނުގެ އިރުން ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ކައިރީގަ އެވެ.
ސަރުކާރުން 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ އެ ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ވަރަށް ތަފާތު އަދި ހާއްސަ ގޮތަކަށެވެ. ހުޅަނގު މޫސުމުގައި އެ ސަރަހައްދުގައި އޮއި ދައުރުވާ ގޮތުގެ ސަބަބުން ގިނަ އަދަދެއްގެ ފެހުރިއްސާއި އެންމަޑި ކާނާ ހޯދުމަށް އެތަނަށް ޖަމާވެ އެވެ. ބ. އަތޮޅުގެ ރަމްޒެއްގެ ގޮތުގައި ބަލާ އެއްމަޑި ވިހައި އާލާވުމަށް ވެސް އެ ސަރަހައްދަށް އެއްވެ އެވެ. އެއީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކަށް ވާތީ، އެއީ މުޅި ދުނިޔެއަށް ވެސް ގުދުރަތީ ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ.
ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ހަނިފަރު ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި ކިރުދޫންޏާއި ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ވެސް ހުރެ އެވެ.
ގުދުރަތީ މާހައުލު މިހާ މުއްސަނދި ސަރަހައްދަކަށް ވާތީ، އެ ތަނަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދު ވެސް ވަރަށް މަގުބޫލު ތަނެކެވެ. އެ ސަރަހައްދުގައި ފީނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދެ އެވެ.
ބ. ދޮންފަނުން ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދާއި އެ ރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކުން މުއްސަނދި ސަރަހައްދުތައް މެޕުގައި ފާހަގަކޮށްފައި.-- ފޮޓޯ: މަންޓާ ނޯމެޑް ޑައިވާސް
ގޯތި ދޭން ބިން ހަމަޖެއްސުމަށް ދޮންފަނު ފަޅުން 13 ހެކްޓަރު ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދަކީ ގިނަ އަދަދެއްގެ މޫދުވިނަ ހެދިފައި އޮންނަ ސަރަހައްދެކެވެ. އެއީ ގިނަ އަދަދެއްގެ ވެލާ އުޅޭ އެ ސަރަހައްދުގައި އެ ސޮރުމެންގެ ކާނާ އެވެ. ދޮންފަނު ފަޅުގައި އޮތް ކުޑަ ގަލޭ ކިޔާ ސަރަހައްދަކީ އެއްމަޑިތައް ހުޅަނގު މޫސުމުގައި "ފެންވަރައި އަރާމުކޮށްލަން" މަޑުކޮށްލާ ތަނެކެވެ. އަދި އެ ފަޅުގެ ދެކުނަށް އޮންނަ ބޮޑު ގަލޭ ކިޔާ ފަރަކީ ފެހުރިއްސާއި އެއްމަޑިއަށް ބޭނުންވާ ކާނާ އެއްކުރާ ސަރަހައްދެކެވެ.
ދޮންފަނާއި ދަރަވަންދު އާއި އަނގަފަރުގެ މެދަށް އޮންނަ ދޮންފަނު ތިލައަކީ، ބައެއް ޑައިވަރުން ވެސް ބުނާ ގޮތުގައި، ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަހާ ރީތި، ފުރިހަމަ ކަމެއް ލިބިފައިވާ ސަރަހައްދެކެވެ. ދޮންފަނާއި ހަނިފަރާއި ކިހާދުއްފަރުގެ މެދަށް އޮތް ކިހާދުއްފަރު ތިލައަކީ ވެސް ވައިފިޔަ މަޑިޔާއި ވައްބޯ މިޔަރު ދިރިއުޅޭ ސަރަހައްދެކެވެ. ދޮން ރީނދޫ މަހާއި ރަތްމަހާއި ނިދަން މިޔަރުގެ މާހައުލެކެވެ.
ދޮންފަނު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވީ ވެއްޓަށް ގެއްލުން ލިބިދާނެތީ މި މަޝްރޫއާ ގުޅިގެން ޖަމިއްޔާތަކުގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، އޭގެ މާނައަކީ ބިމުގެ ދަތިކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުހޯދައި ބޭއްވުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިރުޝާދު ވިދާޅުވި ގޮތުގައި، ވެއްޓަށް ބޮޑު ގެއްލުމެއް ނުލިބޭ ގޮތަށް އެ ރަށުގެ ބިން ހިއްކިދާނެ އެވެ.
"ވަކި މޫސުމެއްގައި މަންތާ އާއި ވޭލް ޝާކް މި ފެންނަނީ. އެ މޫސުން ނިމުނީމަ ވެސް އެކަން ކުރެވިދާނެ. މިވަރުގެ ކުޑަ ތަންކޮޅެއް ހިއްކާލަން މާ ގިނަ ދުވަހެއް ނުނަގާނެ،" އޭނާ ވިދާޅުވި އެވެ.
"އެކަން ކުރެވޭނެ އެންވަޔަރަމެންޓަށް ގެއްލުން ނުލިބޭ ގޮތަށް، ގަބޫލުކުރަނީ."
އޭނާ ވިދާޅުވީ ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ އެ ރަށުން ބޯހިޔާވަހިކަން ބޭނުންވާ 100 އެއްހާ މީހުން މިވަގުތު އެބަތިިބި ކަމަށެވެ. ދޮންފަނުގެ ބިން ފުރި ގޯތި ނުދެވޭ ހިސާބަށް ގޮސްފައި ވާތީ، ސަރުކާރުން އެ އެންމެނަށް ކޮންމެ ވެސް ގޮތެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ތަޖުރިބާކާރުން ވިދާޅުވަނީ އެކަން އޮތީ އެހެން ނޫން ކަމަށެވެ. ބިން ހިއްކައިފި ނަމަ މުޅި އެ ސަރަހައްދުގެ ކަނޑުގެ މާހައުލަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމަށެވެ.
ހަނިފަރު ބޭގެ މޫދު އަޑީގައި އެ ސަރަހައްދުގައި އުޅޭ ބައެއް ދިރުންތައް: މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް.-- ފޮޓޯ: ގެޓީ އިމޭޖަސް
މި ޕްރޮޖެކްޓާ ދެކޮޅަށް އަޑުއުފުލާ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މީގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ކަނޑުފަޅުގެ ދިރުންތަކަށް އެކަންޏެއް ނޫނެވެ. އެ މާހައުލާއި އެތަނުގެ ދިރުންތަކަށް ބަރޯސާވެ، އިގުތިސާދީ ނަފާ ހޯދާ މީހުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެ އެވެ. ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ބ. އަތޮޅަށް ޓޫރިސްޓުން ގެންދަނީ މި ސަރަހައްދު އިޝްތިހާރުކޮށްގެންނެވެ. އެހެންވެ، މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.
ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ހަނިފަރަށް ގެއްލުންވާ ގޮތަށް ދޮންފަނުގެ ބިން ހިއްކައިގެން ލިބޭ ފައިދާއަށް ވުރެ އެތަން މިހާރު އޮތް ގޮތަށް ބާއްވައިގެން ލިބޭ ފައިދާ މާ ބޮޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވިދާޅުވި އެވެ.
ވެއްޓަށް އެހާ ބޮޑު ގެއްލުމެއް ވެދާނެ މި ޕްރޮޖެކްޓް ހިންގަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކުރީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން، ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް ހެދުމުގެ އުސޫލަށް ބޮޑު ބަދަލެއް ވެސް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސްކުރުމުގެ ބޭނުމުގައި، އީއައިއޭގެ ހެދުމުގެ ގަވާއިދަށް މިިދިޔަ މަހު ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުތަކުގެ އީއައިއޭ ރިޕޯޓަށް އެއްވެސް ލަސްކަމެއް ނެތި ހުއްދަ ދެވެ އެވެ.
އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން ދަނިކޮށް ސަރުކާރުން މިދިޔަ މަހު ވަނީ އއ. މަތިވެރި އެއާޕޯޓް އަޅަން އެ ރަށުގެ ފަޅު ހިއްކުމަށް، އެންމެ ދެ ދުވަހުން ހަދާފައިވާ އީއައިއޭ ރިޕޯޓެއް އިވެލުއޭޝަނަށް ފޮނުވިތާ އެންމެ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހުއްދަ ދީފަ އެވެ. އެއީ ކުރިން ދެތިން މަސްދުވަސް ހޭދަވާ ކަމެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި، އެ ރިޕޯޓަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ހުއްދަ ދިނީ އެތައް ކަމެއް ފުރިހަމަނުކޮށް އޮއްވަ އެވެ.
ދޮންފަނު ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ވެސް މިހެން ހެދުމުގެ ބިރު އޮތުމުން ދާއިރާގެ ތަޖުރިބާކާރުންގެ ކަންބޮޑުވުން ގިނަ އެވެ.
ހަނިފަރު ބޭގެ މޫދު އަޑީގައި އެ ސަރަހައްދުގައި އުޅޭ ބައެއް ދިރުންތައް: މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް.-- ފޮޓޯ: ހުރާ އައިލެންޑް
އެނގިފައިވާ ގޮތުގައި، ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތް ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާތީ އެ ސަރަހައްދާ ގުޅޭ އީއައިއޭ ރިޕޯޓެއް ހަދަން މިހާތަނަށް އަދި ނުވެސް އަންގަ އެވެ. އެ ރަށުގެ ބިން ހިއްކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކަށް ވާތީ، އެ މަޝްރޫއު މިިދިޔަ މަހު ހަވާލުކުރީ އެވެ.
ދޮންފަނުގެ ގުދުރަތީ ނިޒާމަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު އެ ރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކުން މުއްސަނދި ސަރަހައްދުތަކަށާއި ހަނިފަރު ބޭއަށް ނުކުރާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ. ހަނިފަރު ކުރިމަތީގައި އޮންނަ ދަރަވަންދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއަށް އެ ރަށުގެ ފަޅު ކޮނުމުން ވެސް ހަނިފަރު ސަރަހައްދަށް ކިސަޑުގެ އަސަރުކުރި އެވެ.
އީއައިއޭ ރިޕޯޓް މުހިންމު ވަނީ މި ސަބަބުތަކަށްޓަކާ އެވެ.
ވެއްޓަށް ލިބޭނެ ގެއްލުން ރަނގަޅަށް އަންދާޒާނުކޮށް، ނާޒުކު ވެއްޓެއް އޮތް އެ ސަރަހައްދުގައި މި މަޝްރޫއު ފެށުން ވެށީގެ އަހުލުވެރިންނަށް ބަލައިގަނެވޭނެ ގޮތެއް ނެތެވެ. ކަނޑުގެ ދިރުންތައް އޭގެ މާހައުލުން ފައްސާލައި ގުދުރަތީ ނިޒާމު ފުނޑޭ ގޮތަށް ކުރާ ކަމަކުން ކުރިމަތިވާނެ ދާއިމީ ގެއްލުންތައް މާބޮޑުވާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކަމީސް
09 September 2025
ދޮންފަނުން މީހުންބާލާ އެހެން ރަށަކަށް ބަދަލުކުރަންވީ. ދޮންފަނު ހިމާޔަތްކޮށްފާ ހުހަށް ބާއްވަންވީ
ދަލޭކަ މޫސަ
09 September 2025
400 މީހުން އުޅޭ ރަށެއްގައި 100 މީހުންނަށް ގެދޮރު އަޅައިދިނުމަށް ބިން ހިއްކުމަކީ ވަރަށް ބޮޑު އިސްރާފެއް. އެންމެ ރަނގަޅު ގޮތަކީ ތިޔަ ފައިސާއިން އެމީހުން ބިން ބޮޑު އާބާދީ ބޮޑު ރަށެއްގައި އާބާދުކުރުމަށް ހަރަދު ކުރުން. އޭރުން އެމީހުންނަށް މުސްތަގުބަލު އުޖާލާވާނީ
މެހި
09 September 2025
އިންސާނުްނަނއް ވުރެ ޖަނަވާޜުން ހިމާޔަތް ކުރަންޖެހޭ
އައިފޯ
09 September 2025
46 ގެވަޅު ދޫކުރުމުގެ ބަދަލުގައި 100 ހައުސިންގ ޔުނިޓް އެޅުން ރަނގަޅުވާނެކަމަށް ފެނޭ... ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ރަށުގެ ކޮންމެރައްޔިތަކަށް ގެވަޅެއް ދޭއިރު ރަށް އޮންނަނީ އެއްކޮންފުރިފައި. ރަށުގެ ގަސްގަހާގެހި އެއްކޮށް ކަނޑައި މުޅިރަށް އެއްކޮންހެން ހަނަފަސްވެ ޤުދުރަތީ ރީތިކަން ގެއްލިފައި. ރަށް ހަލާކުވެ ރަށުގެ ވަށައިގެންވާ މާހައުލު ނެތިދިއުމުން ރައްޔިތުންނަށް އަދި ރަށަށްޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ.
ޢެޑްމުންޑޯ
08 September 2025
400 މީހުން އާބާދީ 200 މީހުންވެސް ހީނުވޭ ރަށުގައި ތިބޭނެހެން ، ހިތާމަހުރި ކަމެއް ،
ޤާބިލް ކަމެއްނެތީއޭ
08 September 2025
ހުދުގަމީސްލައި ނޫ ޓައި އަޅައިގެން ކޮފީމޭޒްތަކަންދުވާނެ އިލްމެއްނެތް ބޯތަކެއް ސިޔާސީމަޤާމްތަކަންލައިގެން މުސާރަ ދޫކުރުންނޫންކަމެއް މިސަރުކާރަށް ކުރެވޭތޯ ؟ ހިތާ ސިކުނޑީގައި އިލްމާއި ހުނަރާއި ވިސްނުން ނުވާބަޔަކަށް ކޮސްނޫން ކަމެއްނުކުރެވޭނެ! ފަހުޒަމާނުގެ އަލާމާތް މިފެންނަނީ މުޅިއްވެސް!
ކުދުބެއްޔާ
08 September 2025
ހެޔޮނުވާނެ!!!! ހުއްޓާލާ.....ހަނިފަރުބޭގެ ޖަނާޒާ!!!!!
ކަބަޑު
08 September 2025
މިކަމުގައިވެސް މިފެންނަނީ ތަފާތުކުރުން. ތިރަށަކީ ކ.ވިލިނގިލިވަރުގެ ރަށެއް. ކ.ވިލިނގިލީގައި އެތައްހާސްމީހުން އުޅޭ، ބިމުގެއަގު އިންތިހާއަށް ބޮޑު، އެކަމަކު އެރަށު ފަޅު ހިއްކާކަށް ނޫޅޭ. ކ.ވިލިނގިލީގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ އެކަމަކު ހުރިހާ މަގެއްގަ އެއްބުރަށް ގާއަތުރައިގެން މިހާރު ދެވަނަބުރަށް މަގުހަދަންޖެހިގެން އުޅެނީ، ތިރަށުގައި ގާބުރިއެއްވެސް އަޅައިފިބާ.
ހަހަހަ
09 September 2025
އަމިއްލަ ސުވާލަށް އަމިއްލައަށް ޖަވާބު ދެވިފަ ތިއޮތީ.
މުޑަހަންޖާ
08 September 2025
ކ.ހުޅުމާލޭގައި ހިޔާފުލެޓެއްގައި ހާހެއްހާމީހުނަށް އުޅެވޭނޫންހޭ، ކުއްޔެއް ނުދައްކާ، ހަމަ ހިލޭސާބަހަށްނޫންތޯއޭ އެއުޅެނީ. ވީމާ ތިރަށުގައި 100 މީހުން ބޯހިޔާކުރަން ކަލޭމެން 13 ހެކްޓަރު ހިއްކަން ޖެހެނީ ކީއްވެގެންތޯއޭ. ހިޔާފުލެޓުގެ އެއް އިމާރާތް އަޅާފަ މެދުން ބުރިކޮށޮލިއަސް ކުރިއަށްއޮތް 50 އަހަރަށް ތިރަށަށް ފުދޭނެނޫންހޭ.
ކަނޑޫމާ
08 September 2025
ގޯތިބޭނުންވާ ސަތޭކަމީހުންނަށް ހުޅުމާލެއިން ފުކޓް/ގޯތިދީގެންވެސް ސަލާމަތް ހޯދަންޖެހޭ ކަމެއްދެއްތޯ؟