ރިޕޯޓް / ރޯދަ މަސް

ރައިއްކޮ: ހިތްވަރާ އެކު އަބަދުވެސް އުއްމީދުގައި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާ ބޮޑު ފުރުސަތެއް ނެތް ކަމަށް ގަބޫލުކުރި އިރެއް ވެސް ދިޔަ އެވެ. އެ ކުދިން ތިބެން ޖެހޭނީ ގޭގައި ކަމާއި ތައުލީމީ ގޮތުން ވެސް މާ އުހަށް ނޭރޭނެ ކަމަށް މުޖުތަމައު ވެސް ގަބޫލުކުރި އެވެ. މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ. ކަލާފާނު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ މުހައްމަދު ރައިޝާން (ރައިއްކޮ) އަކީ އޭގެ އެއް މިސާލެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ނަމަވެސް ތައުލީމީ ގޮތުން އެ އުމުރުގެ އެހެން ކުއްޖަކާ އޭނާ ތަފާތެއް ނެތެވެ. ކިޔެވުމުގައި ބޮޑެތި ކާމިޔާބުތައް ހޯދާފައިވާ އިރު ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެ އެވެ. އޭނާގެ އުއްމީދުތައް އަބަދުވެސް މައްޗެވެ. ހަމައެހެން އެ އުއްމީދުތައް ފުރިހަމަކުރަން ނެރޭ ހިތްވަރު ވެސް ގަދަ އެވެ.

ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ކުއްޖެއްކަން ރައިއްކޮގެ އާއިލާ އަށް އެނގުނީ ހަތަރު ފަސް މަހެއްގެ ތެރޭގަ އެވެ. މިއީ ފަރުވާއެއް ނެތް ބައްޔެއް ނަމަވެސް ވީހާވެސް ރަނގަޅު ސިއްހަތެއްގައި ބަހައްޓަން އާއިލާ އިން އަންނަނީ ވަރަށް ބޮޑު މަސައްކަތެއް ކުރަމުންނެވެ.

ރައިޝާން ގޭމް ކުޅެނީ: ކިޔެވުމަށް ވެސް ވަރަށް މޮޅު.---ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

މިފަދަ ކުދިން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރެވޭ އުމުރަކީ 10 އަހަރާއި 15 އަހަރު ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެކަމަކު 14 އަހަރުގެ ރައިއްކޮގެ ހިތްވަރާއި އަޒުމަކަށް ބަދަލެއް ނާދެ އެވެ. ތައުލީމީ ގޮތުން އޭނާ ވަނީ އެތައް ހަރުފަތެއް، ފަޚުރުވެރިކަމާ އެކު، ގިރާކޮށްފަ އެވެ.

މިހާތަނަށް އައިއިރު އޭނާ މުޅިން ހޯދާފައިވަނީ އޭ ފާހެވެ. ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަތަކެއް ހޯދި އެވެ. މި އަހަރު ބޭއްވި ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުން ހިތްވަރު ދިނުމުގެ އިނާމު ލިބުނެވެ.

"މިދިޔަ އަހަރު ސްކޫލުން ހޮވާ ޓޮޕް ޓެންގެ ހަތަރު ވަނަ ހޯދިން، ޕްރިފެކްޓްކަން ގްރޭޑް ހަތަކުން ފެށިގެން ކުރަން ޖެހުނު،" ދިރާގު ރޯޑް ރޭހުގައި ދެ ފަހަރެއްގެ މަތިން ބައިވެރިވި ރައިއްކޮ ބުންޏެވެ.

މިދިޔަ އަހަރު ހުރިހާ ރޯދައަކާއި ސުންނަތް ރޯދަ ހިފިން. މިފަހަރު ވެސް ހުރިހާ ރޯދައެއް ހިފަން މަސައްކަތް ކުރާނަން.

ދީނީ ކަންކަމަށް އޭނާ ވަރަށް ފަރުވާތެރިވެ އެވެ. ގަވައިދުން ރޯދަ ހިފައި ނަމާދުކުރެ އެވެ. އުމުރުން ފަސް އަހަރުން ފެށިގެން އޭނާ އަންނަނީ ރޯދަ ހިފަމުންނެވެ. ބަލިވެގެން ދޫކޮށްލާ ރޯދަ ވެސް ފަހުން ހިފަ އެވެ.

ރައިއްކޮ މިހާރު ވަނީ އަންމާ ފޮތުގެ ގާތްގަނޑަކަށް ހުރިހާ ސޫރަތެއް ހިތުދަސްކޮށްފަ އެވެ.

"މިދިޔަ އަހަރު ހުރިހާ ރޯދައަކާއި ސުންނަތް ރޯދަ ހިފިން. މިފަހަރު ވެސް ހުރިހާ ރޯދައެއް ހިފަން މަސައްކަތް ކުރާނަން،" ހޮބީއަކަށް ވީޑިއޯ ގޭމް ކުޅެން ޝައުގުވެރިވާ ރައިއްކޮ ބުންޏެވެ.

އޭނާ އެންމެ ދެކެން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މުޖުތަމައުގައި އިތުރު ފުރުސަތުތައް ލިބޭނެ ދުވަހެކެވެ. އޭނާ ސާބިތުކޮށްދެމުން އެ އަންނަނީ އެ ފުރަސުތައް ތަނަވަސްކޮށްދީފިއްޔާ އޭގެ ބޭނުން ހިފާނެކަމެވެ.

0 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 10%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454