30 ސެޕްޓެމްބަރ 2025 - 21:10
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ޖަވާބުދޭން ހަމާސްއަށް ލިބޭނީ 3-4 ދުވަސް ކަމަށް ވިދާޅުވެ ޓްރަމްޕު މުހުލަތެއް ދެއްވައިފި އެވެ.
ޓްރަމްޕު ހުށަހަޅުއްވައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދުކޮށްފައިވާ ޕްލޭންގައިވާ ގޮތުން ވަގުތުން ހަމަލާތައް ހުއްޓާލައި ދެން ޖެހިގެން އަންނަ 72 ގަޑިއިރު ތެރޭ ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަންކުރަންޖެހެ އެވެ. އަދި ހަމާސް އިން ހަތިޔާރު ބެހެއްޓުމާއި އިޒްރޭލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުމާއި ޓްރަމްޕު އިސްވެ ހުރެ ފަލަސްތީނުގެ ސަރުކާރެއް ގާއިމުކުރުމުގެ މަސައްކަތްކުރުން ވެސް ހިމެނެ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުން ވެސް މި ހުށަހެޅުމަށް ތާއީދުކޮށްފައި ވާއިރު ހަމާސް އިން އަދި ޖަވާބެއް ނުދެ އެވެ.
"މިކަން ތިނެއް ނުވަތަ ހަތަރު ދުވަސް ތެރޭ މިކަން ނިންމާނަން،" ޣައްޒާގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ކަނޑައަޅާފައިވާ މުހުލަތަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވި އެވެ.
އޭގެ ފަހުން ޓްރަމްޕު ވަނީ ހަމާސް އިން މި ހުށަހެޅުމަށް އެއްބަސްނުވެއްޖެ ނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
"އަޅުގަނޑުމެން މިހާރު ބޭނުންވަނީ އެންމެ ސޮޔެއް. އެ ސޮއި ނުކޮށްފި ނަމަ ނަތީޖާއަކަށް ވާނީ 'އަލިފާން'،" ވާޖިނިއާގެ ކުއަންޓިކޯގައި އެމެރިކާގެ އަސްކަރީ ޖެނެރަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވި އެވެ.
ވައިޓް ހައުސްގައި ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު ޓްރަމްޕު ހާމަކުރެއްވި ޕްލޭނާ ގުޅޭ ގޮތުން ހަމާސްގެ އޮފިޝަލުންނާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ގަތަރުން ވެސް ވަނީ ބުނެފަ އެވެ.
"ހުށަހެޅުމަށް ލިބޭ ޖަވާބާ މެދު ވާހަކަ ދައްކަން އަދި މާ އަވަސް. އެކަމަކު އަޅުގަނޑުމެން ކުރިން ވެސް ބުނިހެން މިއީ ހުރިހާ ކަމެއް ހިމެނޭ ހުށަހެޅުމަކަށް ވާތީ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާޖިދު އަލް އަންސާރީ ވިދާޅުވި އެވެ.
ޓްރަމްޕުގެ ހުށަހެޅުމުގައި ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އިތުރުން ފަލަސްތީނުގެ އާ ސަރުކާރުން އެ މީހުން ބާކީކުރުން ވެސް ހިމެނެ އެވެ. އެކަމަކު ސުލްހަވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ހަމާސްގެ އޮފިޝަލުންނަށް މާފުދީ، އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
01 October 2025
ކޮން އެގްރިމެންޓަކަށް ކޮން މުޢާހަދާއަކަށްތޯ ތިޔަ ޔަހޫދީން އަމަލުކުރީ. ކިތައް ޤަރާރަޢްތޯ އަމަލުކުރީ. ތިޔައީ އިޒްރޭލް ލިޔާ ޤައުމަކުން ކުރާ ހަނގުރާމައެއްތޯ. ނޫނީ އެމެރިކާ ކުރާ ހަނގުރާމައެއްތޯ ސުވާލު ނުއުފެދޭވަރަށް ހަނގުރާމަ ކުރާނެ ގޮތާ މަޤުޞަދު ތިޔަހުރީ ފާޅުގައި ބުނެދީފައި. އަރަބި މުނާފިޤުން އެތިބީ ފެންނަން.
ރުޅި
30 September 2025
ކަލޭމެން އަމިއްލަ އަށް ބޭނުންވާ ގޮތަށް އެގްރީމެންޓް ހަދާ، ބޭނުން ގޮތެއް ހެދިދާނެ މިދުނިޔޭގައި. ޓުރަންޕު ކަލޭތީ އެއްވެސް އިޚްލާސްތެރި ކަމެއް ހުރި މީހެއްނޫން. ދުނިޔެ ސުލްހަ ކުރަން އުޅޭ މީހެއްނޫން. ދުނިޔެ ފަސާދަ ކުރަން އުޅޭ މީހެއް. ކިބުރުވެރިކާމާއި ބޮޑާކަން ނޫން އެހެން ސިފައެއް ކަލޭ ގަޔަކު ނެތް. ޔާﷲ، ފިރުއައުނު ހިއްޕެވި ފަދަ، ގަދަ ހިއްޕެވުމަކުން، މި ނުބައި ނުލަފާ ދެމީހުންނާއި، އެމީހުންގެ އައުވާނުން ހިއްޕަވާދޭނވެ. މުސްލިމުން ނަށް ނަސްރު ދެއްވާދޭނވެ.
ޖައިދ
30 September 2025
ތިޓްރަންޕަކީ ހަމަ ދައްޖާލެށް 2 އަނގައިންވާހަކަ ދައްކާ
ހިޔަޅޭ
30 September 2025
ތިޔަ ކުރަންޕާއި ނަތަންޔާހޫއަކީ ވ.މަކަރުވެރި ދެ ގޮލާ..ތިޔަ ހަދާ އެއްވެސް އެއްބަސްވުމަކަށް އިޒުރޭލެއްވެސް އަދި އެމެރިކާއެއްވެސް އަމަލެއް ނުކުރާނެ..އެއްބަސްވުމޭ ކިޔާފަ އެ ކޮންނަނީ ހުސް އަނދަވަޅު.
އަލީބެ
30 September 2025
ގަދަފަދަކަން ދައްކައި ހޮސްޓެޖުން ހޯދައި ހަމަވީތަ. ؟