އެމްޑީޕީން މިދިޔަ އޮކްޓޯބަރު މަހު ބޭއްވި މުޒާހަރާ. ފައިލް ފޮޓޯ/މިހާރު
08 ނޮވެމްބަރ 2025 - 23:48
ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ރޭވި މުޒާހަރާ މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ނޮވެމްބަރު 17 ވަނަ ދުވަހުގެ އެއްވުމާ ގުޅޭ ކޮމިޓީ ނުވަތަ އެ މުޒާހަރާ ކޮމިޓީގެ ފަރާތުން ހުށަހެޅި ގޮތަށް ގައުމީ މަޖިލިހުން މިރޭ ފާސްކުރީ އެ އެއްވުން ފަސްކުރުމަށާއި ދެން އެ އެއްވުން ބާއްވާނެ ތާރީހަކާއި ވަގުތާއި ތަނެއް ނިންމުން އެ ޕާޓީގެ ލީޑަޝިޕްގެ އަތްމައްޗަށް ދޫކޮށްލާ ގޮތަށެވެ. އެ ހުށަހެޅުން ފާސްކުރީ މިރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މުޒާހަރާގެ ކަންތައްތައް އިންތިޒާމު ކުރަން އެމްޑީޕީން ނަގާފައިވާ އެތެރޭގެ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ހުށަހެޅުމުގައި މުޒާހަރާ ފަސްކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނީ، އެ މުޒާހަރާ ބާއްވާނެ ތަނެއް ނުލިބުން ކަމަށެވެ.
އެ ކޮމިޓީގެ ފަރާތުން ގައުމީ މަޖިލީހަށް ލަފާ އިއްވަވަމުން މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ނޮވެމްބަރު 17 ގައި އެއްވުން ބާއްވާނެ އެއްވެސް ތަނެއް މާލެ އިން ނުލިބުނީ ސަރުކާރުން ހުރިހާ ތަނެއް "ބްލޮކް ކޮށްފައި ވާތީ" ކަމަށެވެ.
"ސަރުކާރުން ވަނީ ހުރިހާ ތަނެއް ބްލޮކް ކޮށްފައި. އާޓިފިޝަލް ބީޗު، ކާނިވާ، ރަސްފަންނު މި ހުރިހާ ތަނެއް ބްލޮކް ކޮށްފައި. ދެން އަޅުގަނޑުމެންނަށް އާއްމުކޮށް މިި ލިބޭ ސަލްޓަން ޕާކް. ސަލްޓަން ޕާކްގައި ވެސް މަރާމާތެއް ކުރަން ބަންދު ކޮށްފައިވާ ކަމަށް އަންގައި އެ ތަން ވެސް [އޮތީ] ސިޓީ ކައުންސިލުން އަތުލާފައި،" އިބުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ބަޔަކު އެއްވުމުގައި ބައިވެރިވާނެކަން ޔަގީން ކުރެވޭތީ ބޭނުންވަނީ ހާމަކަން ބޮޑު ތަނެކެވެ.
މުޒާހަރާ ފަސްކުރަން ހުށަހެޅި އަނެއް ސަބަބެއް ކަމަށް ކޮމިޓީއާ ހަވާލާދީ އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީން ފޯކަސް ކުރަން ޖެހޭ މާ ގިނަ އެހެން ކަންތައްތައް ދައުލަތުގެ ތެރޭގައި ހިނގާފައިވާތީ ކަމަށެވެ.
އިބުރޭ ވިދާޅުވީ، ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ދިވެހި އަމިއްލަ ކުންފުނިތަކާ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހަވާލުކުރި ތަރައްގީގެ 206 މަޝްރޫއުގެ މައްސަލަ އާއި އެމްޕީއެލް އާއި އެމްއޭސީއެލްގެ ރައްކާތެރިކަމާ މެދު މި ދުވަސްވަރު އެމްޑީޕީން މާ ބޮޑަށް އުޅެން ޖެހިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮމާ
09 November 2025
އެމް ޑީ ޕީ ރަގަޅުވަމުން އަންނަ ތަން ފެންނަން ފެށިތަނާ ތިއެޅީ ޅައިހަލަކުން އެމް ޑީ ޕީ އިން ރޭ ތިނިންމި ނިންމުން މެމްބަރުން ބަލައެއް ނުގަނޭ! ޚުދު މުޚުތާރު ވެރިކަމެއް ސައިޒްކޮށްލެވޭނީ އަޒުމަކާއި ހިތްވަރެއް ލީޑަރ ޝިޕްގައި ހުރެގެން އެކަމެއްރޭ ފެނިގެން ނުދިޔަ!
އިއްޒަތު
09 November 2025
ޚުދު މުޚުތާރު ވެރިކަމެއް ކުރާ އެއްވެސް ޤައުމެއްގައި މުޒާހަރާ ކުރިއަކަ ނުދޭނެ! އެކަން އެންމެ ރަގަޅަށް އެގޭނީ ވެސް އެމް ޑީ ޕީއަށް. ވެރިން ވަރަށް ޖެހިލުުންވާ ކަމެއް މުޒާކުރުމަކީ! އަޅުގަނޑުހީވެސް ނުކުރަން ތަނެއް ނުދިނޭ ކިޔާފަ ޤައުމީ މަޖްލީހުން މުޒާހަރާ ފަސްކުރަން ނިންމަފާނެ ކަމަކަށް. މުޒާހަރާއަށް ދާންތިބި މީހުން ތިބީ ޓިކެޓްވެސް ނަގާފަ ރެޑީވެގެން! އެމް ޑީ ޕީގެ ލީޑަރ ޝިޕް އެއްކޮށް ބަދަލުވާން ޖެހިއްޖެކަން ވަރަށް ރަގަޅަށް އެގިއްޖެ!
ރަމަ
09 November 2025
އެމްޑީޕީ ވުޖޫދުގައި އޮތަސް އެމްޑީ ޕީ އޭގެޒާތުގައި މަސައްކަތް ކުރާތަނެއް ނުފެނޭ މުޒާހަރާ ކުރަން ސަރުކާރުން ތަނެއް ނުދިނަސް އެމްޑީޕީ އަށް އެގޭނެ ދެން މާލޭގައި މުޒާހަރާ ކުރާނެ ތަންތަން. ރައްޔިތުން ނުކުތީމާ ސަރުކާރަން ޖެހޭނީ ސައިޒްވާން! އެމް ޑީ ޕީއީން މުޒާހަރާ ފަސްކުރުމަކީ ޕާރޓީގެ ލީޑަރ ޝިޕް ވަރަށް ބޮޑަށް ބަލިކަށި ވެފައިވާ ކަން އެގި ހާމަވެގެން ދިޔަ ކަމެއް! އެހެން ކަމުން މިހާރއޮތް ލީޑަރ ޝިޕް އެއްފަރާތަށްއަރާ ހިންގޭވަރު ބަޔަކާ ޕާރޓީ ހަވާލުކުރަންވެއްޖެ!
އަޅި އަލި
09 November 2025
ފައިސާ ނެތިގެން ކެންސަލް ކޮއްލީ! ރަނގަޅުކޮއްލާ!
000000
09 November 2025
ތިޔައީ އެމް.ޑީ.ޕީ މެމްބަރުން އަންނި ބަލައި ނުގަތުމުން އެއްވެސް ކަމެއް ނުވާ ކަމަށް ދައްކާ އެމް.ޑީ.ޕީގެ ސޭވިއަރ އަކަށް އަންނި ނުކުންނަން ޖަހާ ސަކަރާތެއް!!!!!
ނާނުގެ
09 November 2025
އެއްވެސް މީހަކު ހުރަސްއަޅައިގެންނެއްނޫން ތަރުހީބެއް ނެތީ ދާނެ މީހަކުނެތީ. އިހައްރޭ ގޯއްޗާ ފުލެޓް އެއްވުމަށް ވެސް ދިޔައީ ވިއްސަކަށް މީހުން
ބުޅަ
09 November 2025
ރޭގެ ތިބުނާ ދަނޑިކޮށީ ޖަލްސާއަށްވެސް ދިޔައީ ވިއްސަކަށް މީހުން.
ވިސްނޭ ރައްޔިތުން
09 November 2025
އެއްވެސް ޒިންމާދާރުކަމެއް ނެތި އެމްޑީޕީން ގައުމު ދަރުވާލައިފައި އޮތްލެއް ބޮޑުކަމުން ލަންކާއަށް ޖެހުނު ހާލު މި ގައުމަށް ޖެހުމުގެ ބިރު އިންތިހާއަށް އޮތުމުންނާއި، އެކަމާ ހުރެ ރައްޔިތުންގެ އުއްމީދުތަކަށް އެޅޭ ހުރަހުގެ ނާޖާއިޒު ފައިދާ ނަގައިގެން ދެންވެސް އެމްޑީޕީން އުޅެނީ ރައްޔިތުންނަށް އޮޅުވާލަން. ތިމާމެން ހޭވި ހަޑި ފޮރުވައި، އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވަން. ރައްޔިތުންނަށް މިހާރު އެވަރު ވިސްނޭ.
މުލޭ
09 November 2025
ފޭސް ތިނެއް، ގުޅީފަޅު، ގިރާވަރު ފަޅު، އުތުރު ތިލަފަޅު، މިހުރީ ހައްތަހާވެސް ޖާގަ. ކުރެންދޫ ބޭރު ކަނޑުގައި ވެސް ޖާގަ އެބައޮތް.
އެހެންތަ
09 November 2025
މުޒާހަރާ ބާއްވާނެ ތަންތަން ބްލޮކްކޮށްފަ ހުރެގެން މުޒާހަރާއަށް ނުނިކުމެ ތިބޭނެ ބައެއް ނޫން އެމްޑީޕީއަކީ. އެއަށްވުރެ މާ ހަރުކަށިކަން ދައްކާ ބައެއް ތީ. މާޒީ އޮތީ އެގޮތަށް. އެކަމަކު މިހާރު އެމްޑީޕީ ގައި އެވަރުގެ އުރައްޕެއް ނެތް. އެ ދެއްކި ހަރުކަށިކަން ރައްޔިތުން މިހާރު ބަލައިގަންނާކަަށް ބޭނުމެއް ނުވޭ. ސަޕޯޓް ނެތީމާ ކޮންމެވެސް އެއްޗެކޭ ކިޔަންވާނެތާ ދޯ؟