ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
08 ޑިސެމްބަރ 2025 - 15:28
ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ބިލުގައި އޮތީ ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް، "ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށެވެ.
އެހެންވެ، ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް އެ ބިލްގައިވެ އެވެ.
މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައި ހުށަހަޅާފައިވެ އެވެ.
އެ ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއްނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެ އެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި ވޯޓަސްޕޯޓްސްގެ ހިދުމަތްދޭ ތަންތަނާއި ޑައިވް ސެންޓަރުތައް އަދި ސުވެނިއާ ޝޮޕްތައް ހިންގަން އެހެން ބަޔަކަށް ދިނުމަކީ އާއްމު ކަމެކެވެ. އެހެންވެ، ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސް ޗާޖް އެފަދަ ތަންތަނުގެ މުވައްޒަފުންނަށް ނުލިބެ އެވެ. އަދި އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.
ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށްފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ.
އެހެންވެ، އެ ބިލް ހުށަހެޅީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ކަމަށް އެ ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
09 December 2025
ވަރަށް މުހިންމު ކަމެއް . ތިކަމާ ރެޒޯޓް އޯނަރުން ވަރަށް ނުރުހޭނެ, އެމީހުން ވަރަށްނުކަމެއްޗޭ , ....
އަޅި އަލީ
09 December 2025
"ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް" މިހެން ހެދީމާ ހުރިހާ ގެއްލުމެއް ރިސޯތް ބޯއީސްއަސް! ބޮންދުންނަށް ހުރިހާ ފައިދާއެއް! އެމްޑީޕީ އަކީ އަބަދަުވެސް ބޭރު މީހުނަށް ފޭވާ ކުރާ ބައެއް!
ސާޖިން
09 December 2025
މުސާރަ ވެސް ޑޮލަރުން ދޭގޮތަށް ހަދަން ފެނޭ. ރިސޯޓްތަކުގެ އާމްދަނީ މުޅިންހެން ލިބެނީ ބޭރުފައިސާ އިން ވީމަ މުސާރައާއި އިނާޔަތްތަކާއި އެހެނިހެން ބިލުތައް އަދާކުރަން ވާނީ ޑޮލަރުން ކަމަށް ގާނޫނަކުން ކަނޑައަޅަން އެބަ ޖެހޭ، މީގަ މަޓީގެ ބަހެއް ހޯދުން މުހިންމެއް ނުވާނެ. އޭރުން ޑޮލަރުގެ ކަޅު ބާޒާރަށް ކޮންމެ ވެސް ހައްލެއް ލިބޭނެ ކަމަށް ފެނޭ.
ސަރީފުއަލީ
09 December 2025
ޜަގަޅު ކަމެއް އެކަމަކު ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަގޮތުން އިދިކޮޅުޕާޓީއަކުން ހުށައަޅާކަން ކަމާއި ސަރުކާރުން ހުށައަޅާ ކަންކަމަށް އިދިކޮޅުންވެސް ވޯޓެއް ނުދޭނެ އަދި އެއީ ރަގަޅު ކަމަކަށް ވިޔަސް އެހެން ވީމާ ތީތި ފާހެއްނުވާނެ!
ޑޮލަރު
09 December 2025
މީހުންނަށް ހީވަނީ ނޫނީ ސަރުކާރުން މީހުންނަށް ވިސްނާދެނީ ޑޮލަރުގެ އަގު ބޮޑުވަނީ ރިސޯޓް މުއައްޒަފުންނަށް މުސާރައާއި ސާވިސްޗާޖް ޑޮލަރުންދޭތީ ކަމަށް. ރިސޯޓް ތަކުގައި ގިނައިން މަސައްކަތް ކުރަނީ ބިދޭސީ މީހުން. ސާވިސްޗާޖް ރުފިޔާއިން ދިނީމާ އެއްކަލަ ބޭރުމީހާވެސް އާއިލާއަށް ފޮނުވާނެ ޑޮލަރު ހޯދަންޖެހުނީ އޯޕަން މާކެޓުން. ނަތީޖާއަކީ ޑޮލަރުގެ އަގު ހުއްޓުމެއްނެތި ބޮޑުވަމުން ދިއުން.
އަލީ ރާޖަންގިރި
15 December 2025
ބޭރުފައިސާއަކީ ހަމއެކަނި ޑޮރަލުތޯ؟ ޔެން އާއި ޔޫރޯއިން ފައިސާލިބޭނަމަ، ޔޫރޯއިން ބައެއް، ޔެން އިން ބައެއް، ޑޮލަރުން ބައެއް، ދިވެހި ރުފިޔާއިން ބައެއް ސާވިސްޗާޖު ދޭން ރަގަޅުވާނެ ދީ.؟
ޕޮޓޭޓޯ
09 December 2025
ތިޔަ ތަނުގައި އެއްޗެއް އެނގޭ މީހަކު ނެތްކަމަށް ވަންޏާ އިގްތިސޯދީ އަދި މާލީ ނިޒާމް ތަކާއި ކަންކަން ހަމަޖެހިފައިއޮންނަ ގޮތްތަށް ދަންނަ މާހިރުންނާއި ތަޖްރިބާ ކާރުންނާއި ވާހަކަ ދައްކާފައި މިކަހަލަ އިސްލާހު ހުށަހެޅުން ބުއްދިވެރި.
އުދުހޭ
09 December 2025
ޑޮލަރަށްވުރެ ރަގަޅުވާނެ ޕައުންޑް. ވިޔަފާރީގެ ތެރެއަށް އަތްބޭނުމަކީ އިންވެސްޓަރުން ޖެހިލުންވާނެކަމެއް.
ގާސިމް
08 December 2025
އެންމެ ފުރަތަމް ދިވެހިފައިސާ އުވާލާފަ ތާ އެހެން ފައިސާ އެއް ގެން ގުޅެންވާނީ. ގަމާރުކަން ވެސް ތަންކޮޅެއްބޯޑު
112233
08 December 2025
ހެޔޮނިޔަތެއް ނެއް ކުރަނީ ޖެއްސުން.
ޖާބިރު ދަ އެޑްވައިޒަރ
08 December 2025
ބޭރުފައިސާ އަކީ ކޯޗެއް؟؟ ދިވެހި ރާއްޖޭގެ ލީގަލް ޓެންޑާއަކީ ދިވެހި ރުފިޔާއެއްނޫންތަ؟؟ ބޭރުފައިސާ ވެދާނެ ދޯ ލަންކާ ރުޕީސް އަށްވެސް.
ޑޮލަރު
09 December 2025
ދެން ރިސޯޓް ތަކުން ދައްކަންޖެހޭ ހުރިހާ ޓެކްސްއެއް ލީގަލް ޓެންޑާއިން ދެއްކުމުގެ ބަދަލުގަ ޑޮލަރުން ދައްކަންޖެހެނީ ކީއްވެ؟ ގައުމައްލިބޭ ޑޮލަރުގެ 1/3 ވަންނަނީ ސީދާސަރުކާރަށް. ޖީއެސްޓީ 17% ގްރީންޓެކްސް ބޮލަކަށް 12 ޑޮލަރު، އެއާޕޯޓް ޓެކްސް.