ފަނޑިޔާރު ނިޔާޒް: އޭނާ މިއަދުން ފެށިގެން ވަނީ ރިޓަޔާ ކުރައްވާފައި --- ފޮޓޯ/މިހާރު
09 ޑިސެމްބަރ 2025 - 18:58
ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދުން ފެށިގެން ރިޓަޔާކުރައްވައިފި އެވެ.
ހައި ކޯޓުން ބުނި ގޮތުގައި ފަނޑިޔާރު ނިޔާޒު ވަނީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފަ އެވެ. އެހެންވެ، މިއަދަކީ ނިޔާޒު ހައި ކޯޓުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭނާގެ އެ ހުށަހެޅުން ބަލައި، ފަނޑިޔާރުގެ ރިޓަޔަމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމި އެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް އޭނާ އެގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވުމާއި ސިއްހީ ހާލަތަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް އެނގިފައިވެ އެވެ.
ޖޭއެސްސީން ފަނޑިޔާރު ނިޔާޒުގެ ރިޓަޔަމެންޓް ގަބޫލުކުރަން ނިންމާފައިވާއިރު، އެ ފަނޑިޔާރާ ގުޅޭ ސުލޫކީ ފަސް މައްސަލައެއް އެ ކޮމިޝަނުން ދިޔައީ ބަލަމުންނެވެ. އެ މައްސަލަތަކަކީ ގިނަ ދުވަސްވެފައިވާ އަދި މީގެކުރިން ކޮމިޝަނުން ސުލޫކީ މައްސަލައެއް ނެތް ކަމަށް ވެސް ކަނޑައަޅާފައިވާ މައްސަލަތަކެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ފަހު އެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 30 ސެޕްޓެމްބަރު 2002 ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އަދިފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވި އެވެ.
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ ޖެނުއަރީ، 2018 ގަ އެވެ. އެހެންކަމުން އޭނާއަކީ މިވަގުތު އެ ކޯޓުގައި ހުންނެވި، ހިދުމަތުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރެވެ.
ފަނޑިޔާރު ނިޔާޒު ވަނީ ހައި ކޯޓުގައި ގިނަ ޝަރީއަތްތަކެއް ހިންގަވައި، ފާހަގަކޮށްލެވޭ މަޝްހޫރު ބޮޑެތި ހުކުމްތަކެއް ކުރައްވައިފަ އެވެ. އަދި އޭނާ ފާހަގަ ކުރެވިފައިވަނީ ވަކީލުންނާ ހޫނު ސުވާލުތައް ކުރައްވާ ފަނޑިޔާރެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮފޫރާ
10 December 2025
ޒުވާނުން ޕްރެސަރު ބޮޑު ވެގެން ބާ ރިޓަޔާ ކުރަނީ. ދެން އުމުރު ދުވަހަަށް ބައިލައްކަ ރުފިޔާގެ ޕެންޝަނާއި އިނާޔަތް ދިނުމުގައި. ކަތާނެ ބާ؟
ހައްތާވެސް ސުވާލެވެ
10 December 2025
އަސްލު ސުވާލަކީ މަގާމުން ރިޓަޔަރ ވާ ވަރު ވެއްޖެހޭ؟ މީހާ ބަލާބެލުމަށް "މުސްކުޅި" ވެގެން ރިޓަޔަރމަންޓް ދޭން ޖެހޭ ހިސާބަކަށް ނާދޭ. ބައްޔޭކިޔައިގެން ރިޓަޔަރ ވަންޏާ މަގާމުދޫކޮށް ރައްޔިތުންގެ ފައިސާއިން އިނާޔަތް ދޭންޖެހޭވަރު ބަލިވެއްޖެކަން ރައްޔިތުންނަށް އެގޭނެ ގޮތެއް އޮންނާންޖެހޭ. ނޫނީ މިއުޅެނީ ސަރުކާރަށް ނުހޮރޮއްޕާންވެގެން މަގާމުން ދުއްވާލަން ކަމަށްވާނަމަ އިނާޔަތް ދޭންވީ ރައްޔިތުންގެ ފައިސާއިންތޯ ސަރުކާރު ހިންގާ ޕާޓީއަށް ދައުލަތުންދޭ ރުފިޔާއިންތޯ؟
ވަންޗޫ
10 December 2025
އަޅުގަނޑަށް މިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް މިހާރު ކުފޫހަމަވާ ފޭފުޅަކަށް ހުރީ މި ފަނޑިޔާރު މަނިކުފާނު! އަދިވެސް އަޅުގަނޑު އުއްމީދުކުރަނި މި ފަނޑިޔާރު ފަހުން ނަމަވެސް އުއްތަމަ ފަނޑަިޔާރަކަށް އައްޔަނު ކުރެވިގެން ދިއުން!
ވޯލް
10 December 2025
މި ރިޓަޔަރމަންޓާ ގޮސް ގުޅެނީ، ސުޕްރީމް ކޯޓުގެ 3 ފަންޑިޔާރުން ސަސްޕެންޑް ކުރުމަށް ނެގި ވޯޓާއި ދެކޮޅަށް ދިން ވޯޓޫހެން ހީވަނީ. ސުލޫކީ މައްސަލަ ބަލާ ކޮންމެ ފަހަރަކު ފަންޑިޔާރުން ރިޓަޔަރކުރުން ހުއްޓުވަންޖަހޭ.
ސަލިމްބާއި
10 December 2025
ނިޔާޒަކީ ނުގުޑާނެ މީހެއް.. އެ މީހުން އުލުނީ ނިޔާޒު ގުޑުވާލަން. މިހާރު ހުރިހާ ގެއްލުމެއް މި އޮތީ ރައްޔިތުންނަށް. ރަނގަޅު ފަނޑިޔާރުގެއެއް ލިބުމަކީ ކޮންމެ ރައްޔިތެއްްގެ އަސާސީ ހައްގަކަށްވާއިރު މި ހައްގުން ރައްޔިތުން މަހުރޫމު ކޮށްފަ މިއޮތީ.. އަދުލް އިންސާފު ނެތި ދުއުމަކީ ތަން ހަލާކުވާކަމެއް..
ގުޑުގުޑު
10 December 2025
ތިޔަ ރިޓަޔާމެންޓެއް ހޯދިގޮތްވެސް އަހުން ދެނަތިބީމު. ހަމަ ބޮޑުތަނުން ގުޑާފަ އޮތީ
އަހަންމައިދީ
10 December 2025
ނިޔާޒް އަކީ ވ ގާބިލު ފަނޑިޔާރެއްކަން ވަނީ ސާބިތު ކޮށްދީފައި. ބަދަލުގައި ރަނގަޅު ގާބިލު މީހުން ނުލިބިއްޖިއްޔާ އަދުލު އިންސާފު މަތިން ޖެހޭނީ ހަނދާން ނައްތާލަން
ތެދު ވާހަކަތީ
10 December 2025
ގާބިލު ކަމާމެދު ސުވާލު ނެތް މިންވަރަށް ނުރުހޭ މީހުންނާމެދު އިގޯފިލުވުމާމެދުވެސް ކުޑަވެސް ސުވާލެއްނެތް.
ފަޅުމަސް
09 December 2025
މިފަދަ މަގާމުތަކުގެ ޖޮބް ސެކިއުރިޓީ އެއް ނެތުމަކީ ފައިސާއާ ދިމާލަށް ދެވޭ އެއް ސަބަބު... 5 އަހަރު ތެރޭ ނަގާ ހޫރާލާނެ ކަން އެނގޭއިރު، އެ 5 އަހަރު ތެރޭ ވީވަރެއް ކުރެވޭތޯ ބަލާ މީހުން ގިނައީ..
ހުސްނީ މުބާރަކް
09 December 2025
ރިޒާ ޖޭ.އެސް.ސީގެ ރައީސް ކަމުން ބަދަލުވި ފަހުން ހުސްވާ މަޤާމުތަކަށް މީހުން ނެގުން މިއޮތީ ހުއްޓިފައި. ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމު ހައި ކޯޓުގެ ފަނޑިޔާރު ކަމުން ފައިސްތިއުފާ ދިނުމުން އެމަޤާމު އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ކަމުން ނިޔާޒު އިސްތިއުފާ ދިނުމުން އެމާޤާމުވެސް. ޖޭ.އެސް.ސީ ނިދިން ހޭލާ މިހުސް މަޤާމުތަކަށް އަވަހަށް އިޢުލާނު ކޮށްބަލަ .
ސަބޭ
09 December 2025
ތަޖުރިބާކަަރު ފަނޑިޔާރުން ރިޓަޔާކުރަން މަޖުބޫރު ކުރުމަކީ އަދުލުއިންސާފުގެ ދާއިރާއަށް ލިބޭ ނިކަމެތިކަމެއް. ކޮންމެ ވެރިކަމަކުން ސިޔާސީ ބޭނުމަށް އެކި ގޮތްތަކުން ފަނޑިޔާރު އާކޮށްގެން ތަޖުރިބާ ނެތް މީހުން ލައިގެން ގެއްލުންވާނީ މުޅި ގައުމަށް. ދެޕާޓީން އެެއްގަލަކަށް އަރައިގެން ޖޭއެސްސީ ކޮންޕޮޒިޝަން ބަދަލުކޮށް ހަގީގީ މާނައިން ފަނޑިޔާރުގެ މިނިވަންކުރަންވީ
އަތްބޭނި
09 December 2025
ޖުޑިޝަރީއަށް އަތް ބޭނުން އެކަނި ނޫން. އޭގެ ތެރެއަށް އެރި އިނީ