10 ޑިސެމްބަރ 2025 - 12:23
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަމާދު ކުރުމުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސުލޫކީ މައްސަލައެއް ފީފާ އަށް ހުށަހަޅައިފި އެވެ.
ފީފާގެ ސުލްހައިގެ އިނާމުގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް، އިންފަންޓީނޯ ވަނީ އެ އެވޯޑް ޓްރަމްޕަށް އަރުވައިފަ އެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އިނާމު އެރުވުމަށް ފަހު އިންފަންޓީނޯގެ ހުށަމާދުގެ ބސްތައް ޓްރަމްޕަށް ބަންޑުންކޮށްލެއްވި އެވެ.
ފީފާގެ ސުލްހައިގެ އެވޯޑް ޓްރަމްޕަށް އަރުވާފައި މިވަނީ މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ހައްގު ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ. އެކަމަކު ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ލިބިވަޑައި ނުގެންނެވި އެވެ. މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަތީ ވެނެޒުއޭލާގެ ގާނޫނުހަދާ މަޖިލީހުގެ ކުރިގެ ނައިބު ރައީސް އަދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އަށެވެ.
އެކަމަކު އޮކްޓޯބަރު ނުވައެއްގައި ނޮބެލް ޕީސް އިނާމު އިއުލާން ކުރުމުގެ އެއްދުވަސް ކުރިން އިންފަންޓީނޯ ވިދާޅުވެފައި ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް ކުރެއްވި މަސައްކަތަށް ނޮބެލް ސުލްހައިގެ އިނާމު ހައްގު ކަމަށެވެ.
މަދަނީ ހައްގިތަކާއި ކުޅިވަރު ދާއިރާގައި ހުރި ބޭއިންސާފާ ދެކޮޅަށް ވަކާލާތުކުރާ "ފެއާ ސްކޭއިން" އިންފަންޓީނޯގެ މައްސަލަ ވަނީ ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.
އެ ޖަމާއަތުން ފޮނުވި އަށް ސޮފްހާގެ ސިޓީގައި ވަނީ ފީފާގެ ކޯޑް އޮފް އެތިކްސްގެ ހަތަރު މާއްދާއަކާ އިންފަންޓީނޯ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވަކި އަތަކަށް ބުރަ ނުވެ ދެމިހުރުން ފީފާގެ މަގާމުތަކުގައި ތިބޭ މީހުންނަށް ލާޒިމުކޮށްފައި އޮތް މާއްދާއާ އިންފަންޓީބޯ ހިލާފުވެފައިވާ މައްސަލަ ހިމެނޭކަން ފާހަގަކޮށްފައި ވެއެވެ.
ޓްރަމްޕަށް ސުލްހައިގެ އެވޯޑް ހައްގު ކަމަށް އިންފަންޓީނޯ ބުނާބުނުމަކީ ވަކިއަތަކަށް އޭނާ ބުރަވުންކަމަށް ފެއާސްކެއާއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔޫކޭ
11 December 2025
އިންފަންޓީނިއޯއާ ޓްރަންޕަކީ އެއްކަހަލަ ދެފުއްކެހެރީން، މުސްލިމުންނާ އަދާވަތްތެރިކަން ބޮޑު ދެމީހުން، ޔޫކުރެއިނަށް ރަޝިއާއިން އަރައިގަތީމަ ވޯލްޑްކަޕުން ރށިޔާ ބޭރުކުރި، އެކަމު އިޒްރޭލުން ގައްޒާއަށް އަރާ ކުޑަކުދިންނާ އަނހެނުންނާ އާންމުނަ މަރާ ފާޅުކަން ބޮޑު ގަތުލު އާންމެއް ހިންގާއިރުވެސް އިޒްރޭލާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅި
ފަރަގު
11 December 2025
ރައީސް ޑޯނާލްޑް ވަނީ އިންޑިޔާ/ޕާކިސްާން. ކޮންގޯ/ސިއެރެލިއޯން، އަޒަރްބައިޖާން/އަރމޭނިއާ. ތައިލެންޑް/ކެމްބޯޑިއާ. ސައުދީ/ގަތަރު. ރަޝިޔާ/ޔޫކުރޭން. އިޒްރޭލު/އިރާން ފަދަ ގިނަ ދުޔޭގެ ހަމަނުޖެހުން ހުއްޓޫވާފައެއްވެ. ނަމަވެސް އޮބާމާ އާއި ގާތް ގުޅުމެއް ބާއްވާ ނޮބެލް، ޑޯނަލްޑަށް ލާފަ އޮންނަ ހަސަދައެއްގެ ސަބަބަުން ނޮބެލް ނުދިނީ.