ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
12 ޑިސެމްބަރ 2025 - 22:45
މާލޭގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވިފައި އޮތުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރުމަށް ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާދަމް އާޒިމް، ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވީ މަގާމަކަށް އަންނަނީ އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ.
އެފަދަ މަގާމަކަށް އަންނަނީ ވޯޓު ހޯދަން މަސައްކަތް ކުރަން ނޫން ކަމަށާއި ރައްޔިތުންގެ ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލު ކޮށްދިނުމަށް ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭނީ ވޯޓާ ކައިރިވުމުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ބައެއް ރަށްރަށު މީހުން ބުނާ ވާހަކައެއް އޮންނާނެ، ތިމަންނަމެންނަށް ބަނދަރެއް ލިބެނީ ތިން ދައުރުންނޭ. ފުރަތަމަ ލިބޭނީ ތޮށިގަނޑެކޭ. ދެން ލިބޭނީ ބޭރުގެ ވާޓަރޭ. ދެން ލިބޭނީ ބޮކި ދަނޑިތަކޭ. ދެން ލިބޭނީ ޕޭވްމަންޓް ގާކޮޅޭ. ނެރު ލިބޭނޭ ފަސްވަނަ ދައުރުގައި. މިއީއޭ އާންމުކޮށް ލިބޭ ގޮތަކީ. އޭރުންނޭ ވޯޓު ލިބެނީ،" އާދަމް އާޒިމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅުގަނޑަށް ދެއްވި ނަސޭހަތެއް. އާޒިމްއޭ، ތިމަންނާމެން [ރައްޔިތުން ގާތަށް] މި ދަނީ ވޯޓު ހޯދާކަށް ނޫނޭ. މި ދަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދީ، ރައްޔިތުންނަށް ޖެހޭ ތަކުލީފު އަވަސް ކުރާށޭ."
ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެގޮތަށް އަމަލުކުރުމުގެ ސަބަބުން 20 އަހަރާއި 25 އަހަރުން ނިންމަމުން އައި ބަނދަރުތައް 18 މަސްދުވަހުން ނިންމާފައިވާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އާދަމް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މާލޭގެ މޭޔަރުގެ މަގާމުގައި މިވީ ދޮޅު އަހަރު ތެރޭ މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ.
ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަލުން ދާންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، އިތުބާރު ހޯދައިގެން ކަމަށާއި އެ ކަންތައްތައް ނުކޮށްދެވޭ ނަމަ މިއަދު އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕޭނަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
"އުޒުރު ދައްކާ މީހުން އުޅޭނެ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ. އަޅުގަނޑު އެއްވެސް އުޒުރެއް ނުދައްކަން. އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ އެގޮތަށް މަސައްކަތް ކޮށްދޭން،" މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ބައި-އިލެކްޝަންގައި މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކުރި އާދަމް އާޒިމް ވިދާޅުވި އެވެ.
ވިލިމާލޭގައި މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުންނާ އެކު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ވިލިމާލެ އަށް، އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅަކު، އާދަމް އާޒިމަށް ވުރެ ގިނައިން ވަޑައިގެންފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އެ އަވަށް އޮތީ އަޅާނުލައި ދޫކޮށްލާފައި ކަމަށާއި މޭޔަރަކަށް ހޮވުމަށް ފަހު އެ އަވަށަށް ދިރުން ގެނެސްދީފައިވާނެ ކަމަށް ވެސް އާދަމް އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލޫ
13 December 2025
މާލޭގެ މައިރަށުގައި ޕާކިންގ 5 އިމާތްނަމަވެސް އަޅާބަލަ. އާމްދަނީވެސް މަދެއްނުވާނެ, މަގުމަތީ ޕާކިންގ ހުއްޓުމަކަށްގެނޭ...
އަހުމަދު މުހައްމަދު އަލީ
13 December 2025
ކޮއްދިން ކަންކަމާ އެކަމުން ލުއި ލިބުނު ތަކްލީފް ތައް ކިޔާ ދީބަލަ !! ހަމަ ގައިމު ވެސް އަޅުގަނޑު މި އުޅޭ އިރާކު މަގުގެ ހާލަތު މިހާތަނަށް ނެތް އެއްވެސް ފަސޭހަ އެއް ލިބިދީފަ. ގަވާއިދާ ޚިލާފަށް ގޯޅި ތެރެއިން ދޭން ޖެހޭ 4 ފޫޓު ބޭނުން ކޮށްގެން އިމާރާތް ހަދާފަ ހުރުން ބޮލަށް ފެންވެއްޓޭ ގޮތައް ހުރި މައްސަލަ އެގޯޅިތައް ކުނިއަޅާ ހަޑި ކުރާ މައްސަލަ އިންތިހާ އަށް ގިނަ އަދަދަކަށް ބޮދޭސީން ބައިތިއްބަން ކުއްޔަށް ދީފަވާ މައްސަލަ ގެދޮރަށް ވަދެ ނިކުމެވެން ނެތުން
އެމްސް
13 December 2025
އެމުއްދަތުގަ ގިނައީ އެންމެ ފަހަރަކުވެސް ސާފު ނުކުރެވޭ ކާނުތަކެވެ!