މީޑިއާތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ކަނޑައަޅާނީ މީޑިއާ ކޮމިޝަނުން.
ޔޫތު މިނިސްޓްރީގެ ނަން ބޯޑު: މި މަސް ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީއަށް ވަނީ އަންގައިފައި.-- ފޮޓޯ: މިހާރު
14 ޑިސެމްބަރ 2025 - 10:24
ދައުލަތުގެ ބަޖެޓުން މާލީ އެހީގެ ގޮތުގައި އަމިއްލަ މީޑިއާތަކަށް ދޭން ނިންމި ފައިސާ މި މަސް ނިމުމުގެ ކުރިން ދޫކުރުމުގެ ކަންކަން މޯލްޑިވްސް މީޑިއާ ކޮމިޝަނާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީ އަށް ރައީސް އޮފީހުން އަންގައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ މި އަހަރު ނިމުމުގެ ކުރިން ދިނުމަށް ޔޫތު މިނިސްޓްރީ އަށް މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށެވެ.
އެ ފައިސާ ދޫކުރުމާ ގުޅޭ އުސޫލު ނުވަތަ ޕޮއިންޓު ދޭނެ ގޮތްތައް ކަންކަން ބަލާނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށް ވިޔަސް ފައިސާ ދޫކުރުމުގައި މެދުވެރިއަކަށް ވާނީ ޔޫތު މިނިސްޓްރީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މީޑިއާތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން މީޑިއާ ކޮމިޝަނުން ކަނޑައަޅާ އެއްވެސް އުސޫލަކާ ޔޫތު މިނިސްޓްރީން ނުބެހޭނެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، މީޑިއާތަކަށް ފައިސާ ދޫކުރަން ޔޫތު މިނިސްޓްރީން ކުރިން ކަނޑައެޅި އުސޫލު ބަދަލުކޮށް، އެކަން ކުރާނީ މީޑިއާ ކޮމިޝަނުންނެވެ.
"ދެފުށް ފެންނަ ގޮތަކަށް މިކަން ކޮށްދޭން އަޅުގަނޑުމެން އެދިފައި ވާނީ. މި އަހަރު ނިމުމުގެ ކުރިން ފައިސާ ދޫކުރަން މި އެންގީ،" އޮފިޝަލް ވިދާޅުވި އެވެ.
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު މިނިސްޓްރީން ނިންމި ގޮތާ މެދު ޝަކުވާ ބޮޑުވުމުން، އެ ނިންމުން ބާތިލްކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހު ވަނީ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފަ އެވެ. އެ ނިންމުން އައީ ބައެއް މީޑިއާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ހިސާބަށް ޝަކުވާތައް ގެންދިއުމާ އެކު އެވެ.
މީޑިއާތަކަށް ދޫކުރާ މާލީ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް އާންމުކުރި އެވެ.
އެ ލިސްޓުގައިވާ ގޮތުގައި، އެންމެ ގިނައިން ފައިސާ ލިބެނީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ މަސްލަހަތު އޮންނަ ސަންގު ޓީވީއަށެވެ. އެ ޓީވީއަށް 3.8 މިލިއަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިއަން ރުފިޔާ ލިބެ އެވެެ. އެއީ ޖުމްލަ 5.1 މިލިއަން ރުފިޔާ އެވެ. އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ މަސްލަހަތު އޮންނަ ދަ ޕްރެސްއަށް އެ އުސޫލުގެ ދަށުން 1.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ޔޫތު މިނިސްޓްރީން އެ ލިސްޓު އާންމުކުރުމާ އެކު، ބައެއް މީޑިއާތަކުންނާއި އާންމުން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ. މަސްލަހަތު ފުށުއަރާ ގޮތަށް މީޑިއާތަކަށް ފައިސާ ދޭން ނިންމާފައިވުމާއި އިންސާފުވެރި އުސޫލެއް ނެތި ފައިސާ ދޫކުރަން ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރި އެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.
އެ ފައިސާ ދެނީ އެކަމާ ބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓު ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެއީ ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުއިރީހުގެގިއްޕަޅޭ
14 December 2025
ރައްޔިތުންނަށް ފައިދާހުރިގޮތަކަށް ހިންގާ އެންމެ މީޑިޔާއެއް، ޓީވީއެއް ރެޑިއޮލެއް މިގައުމަކުނެތް. ދެން ކީއްކުރަން ސަރުކާރުން ބަޔަކުގެ ބުލެސިން ހޯދަން ބަހާލާރިއެއް. ކޮންމެސްރުކާރަކުންވެސް މިބަލަނީ އަންނަ ދައުރު ސެކުއާ ކުރަން. މިކަމާއިހުރެ ނަހަމަ ގޮތުގައި ބަދަލު ދިނުމާއި ސަބްސިޑައިޒްކުރުމާއި އެހީދިނުމުގައި ގައުމުމުގެ ބައިތުލަމާލު ބިކަވެ ހަންޓޯޓޯވެފަ އޮންނަނީ. އަހަރެންވެސް އަމިއްލައަކަށް ސޯސަލްމީޑިޔާތެރޭގައި ކުޅެއުޅެން. ދޭންވީނުން ލާރިގަޑެއް.
ފޫހި
14 December 2025
މިއީ ހަމަ ޓެކްސްފައިސާއިން ދޭންޖެހޭ އެއްޗެއްތަ؟ މިފާޑުކަންކަމުން ކޮރޮޕްޝަން މޫލަނީ. އަހު ވެސް ކުޑަ ވިޔަފާރިއެއް އެބަކުރަން ދައުލަތުން ފައިސާގެ އެހީ ނުދޭންވީކީއްވެ؟
އަފްލަހްް
14 December 2025
މީޑިއާތަކަށް ފައިސާދޭން ރައީސް މުއިއްޒު ވައުދުވިގޮތަށް މިކަންކަން ކުރިޔަށްދާނެ.
ދުލްސާނު
14 December 2025
ރައީސްއޮފީހުން ނާންގަންޏާ ނޫނީ ސީދާ ރައީސް ނާންގަންޏާ ކަމެއްކުރާން އެނގޭވަރުގެ މީހެއް ނެތްތަ؟
ހިނގުން ތެރިން ބޭނުން
14 December 2025
މީ ސަރުކާރަށް ސަރުކާރު ހިންގަން އެނގޭ ގޮތަކީ. އަންގާ އެންގުންތައް މީޑިއާ އަށް ދީގެން މަސައްކަތް ކުރަން ތިބޭ މީހުންނަށް ބޭކާރު ޕްރެޝަރ ކުރިމަތި ކޮށްގެން. ކުރަން ބޭނުންވާ ކަމެއް ހާސިލް ކުރަން ހުރި ދަތިތައް ހައްލުކުރުމަށް އެއްވެސް އެހީތެރިކަމެއް ނުދޭ. ދެން މީޑިއާއަށް އަދި ޑެޑްލައިން ހިއްސާ ކުރިޔަސް ކަންވޭތަ؟