އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ ސާވިސް" ތައާރަފުކުރަން ބޭއްވި އިވެންޓް.-- ފޮޓޯ: އެޗްޑީސީ
15 ޑިސެމްބަރ 2025 - 10:38
ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް އެޗްޑީސީން ރޭ ތައާރަފުކޮށްފި އެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުކޮޅުފުށީގައި ރޭ ބޭއްވި "ސޭފާ ހުޅުމާލެ" އިވެންޓުގައި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ ހިދުމަތެއް ފަށާފައިވާ ކަމަށެވެ.
"އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ ނަމުގައި ފެށި އެ ހިދުމަތަކީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ފެށި ހިދުމަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން "އެސްޓޭޓް ސެކިއުރިޓީ ސާވިސް" ތައާރަފުކުރަން ބޭއްވި އިވެންޓް.-- ފޮޓޯ: އެޗްޑީސީ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ރޭގެ އިވެންޓުގައި ވިދާޅުވީ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅޭ އަދި މުސްތަގުބަލުގައި ވެސް ބޮޑު އާބާދީއެއް ދިރިއުޅޭނެ ހުޅުމާލޭގެ އިމާރާތްތަކާއި އޮފީސްތަކާއި ވިޔަފާރިކުރާ ވަރަށް ގިނަ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން މިހާރު ދޭ ސެކިއުރިޓީގެ ހިދުމަތުގެ ފެންވަރުގެ ރަނގަޅު ކުުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައި، ރިފޯމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ﷲގެ ރަހުމަތްފުޅާ އެކު ފުރަތަމަ ފިޔަވަޅު މިއަދު އެޅިގެން މި ދިޔައީ. އެސްޓޭޓް ސެކިއުރިޓީގެ ގޮތުގައި ރަސްމީ ބްރޭންޑެއް އުފެދިގެން މި ދިޔައީ އަޅުގަނޑުމެންގެ ސެކިއުރިޓީއަށް،" އޭނާ ވިދާޅުވި އެވެ.
ސެކިއުރިޓީ ގާޑުންނާއި ސެކިއުރިޓީ އޮފިސަރުން އެ ހިދުމަތުގައި ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި 24 ގަޑިއިރު، އެ ހިދުމަތުގެ މުވައްޒަފުން މަސައްކަތްކުރާނެ އެވެ. އަދި މުވައްޒަފުން ތިބޭނީ އެކަމަށް ހާއްސަ ޔުނީފޯމުގައި އެއީ ކޮންބައެއްކަން އެނގޭނެ ގޮތަށެވެ.
ހުޅުމާލޭގެ ސެކިއުރިޓީ ބަލަހައްޓަން މިހާރު ގާތްގަނޑަކަށް 50 މީހުން ހަރަކާތްތެރިވާނެ އެވެ.
ފަރުކޮޅުފުށީގައި ރޭ ބޭއްވި އިވެންޓުގައި ވަނީ ހުޅުމާލޭގެ "އެސްޓޭޓް ސެކިއުރިޓީ ސާވިސް"ގެ މުވައްޒަފުންގެ ޔުނީފޯމް ވެސް ދައްކާލައިފަ އެވެ.
އެޗްޑީސީން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ތައާރަފުކުރި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ވެސް ހުޅުލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކާ މި އަހަރު ވަނީ އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ތައާރަފުކޮށްފަ އެވެ.
އެޗްޑީސީން ބަލަހައްޓާ ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތަކުގައި މިހާރު ވެސް ސެކިއުރިޓީ ބަލަހައްޓަން އެ ކުންފުނީގެ މުވައްޒަފުން ތިބެ އެވެ.
މާލޭގެ އާންމު ތަންތަނުގެ ރައްކާތެރިކަން ބަލަހައްޓައި ފާރަވެރިވުމަށް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ކޮމިއުނިޓީ އެންގޭޖުމަންޓް އޮފިސަރުންގެ ނަމުގައި މި ބާވަތުގެ ހިދުމަތެއް ތައާރަފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސަބު
16 December 2025
އެޗްޑީސީ ގެ އެސުޓޭޓް ސެކިއުރީޓީއަކީ ކިހާފެންވަރެއްގެ އަޚުލާގް، ތެދުވެރި އަދި އިޚުލާސްތެރި ބައެއްތޯ ؟ ސިޔާސީ ގޮތުން ވަޒީފާދީފައި ކުރިމިނަލް ނުވަތަ ޑްރަގް އަދި ގޭގް ތަކުގެ ކުދީންނަށް ވަޒީފާ ދީފައި އެކުދީން ސެކިއުރިޓީނަށް ލިމާ ވާނޭގޮތް ރައްޔިތުންނަށް އެގެއެވެ
ރަމަ
16 December 2025
މިރާއްޖޭގެ ވެރިކަމަށް އަންނަ މީހުން ސިޔާސީ ބޭނުންތަކުގައި މިޤައުމު މިދަނީ ހަލާކުކޮށް ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ތަޅާ ބުރުވަމުން. މިހެން މިކަން ކުރަން ރުހިގެން ރައްޔިތުން ތިބެންވީތޯ؟ ނެރެން މިއުޅޭ ނަތީޖާއަކީ ކޮބައިކަން ނޭގޭ ހިސާބަށް ޤައުމުގެ ހަލާތު ގޮއްސި. 1 މިއަދު ފުލުހުންގެ މުވައްސަސާ އޮތުމުގެ ބޭނުމެއްނެތް. 2 ޤާނޫނީ ވެރިކަމުގެ ސިފަ ގެއްލިއްޖެ. 3 ދައުލަތުގެ ހިންގުން ބޮއްސުންލައިފި. 4 ރަސްކަމަކާއި ދިމާއަށް ޤައުމުދާހެން ހީވާން ފަށައިފި.
ހަސަންމަނިކު
16 December 2025
ހިޔާ ފުލެޓްގެ ސިކުއިރިޓީ އިންގެ ޒިންމާ އަކީ ކޮބައިކަން އެމީހުންނަށް ވެސް ނޭގޭ. ޕާޓޭ ވައްތަރު ކުދިން ޔުނިފޯމުގައި ދަންވަރު ޑިއުޓީގައު ތިބެ ދަންވަރުވރައްޓެހި ގުރޫޕު ތައްގެނެސް ޖޯލިފަތިބތަކުގައި ސިގެރެޓް ބޯންތިބެނީ. އެއްވެސް ޒިންމާއެއް އޮތްބައެއް ހެނެއްހީނުވޭ.
އެކްސިް
16 December 2025
ޕާޓީ އެކްޓިވިސްޓުންނަށް އިތުރު ވަޒީފާ.
ކައްކާ
15 December 2025
އެހެންވީމާ ޖޯޑުޖޯޑަށް ސައިކަލުގަ ޕެޓް ރޯލުކުރަމުން އެއުޅޭ ފުލުހުންނަކީ ބޭކާރުބައެއްތާ.
ދަގަތްފާނު
15 December 2025
ކ.މާލޭ އަވަށެއްގައި ތިވަރު ސަކަރާތެއްޖަހާއިރު ސިޓީކައުންސިލުން ތިކަން ފާސްކޮށްފިބާ.
އަދިއްޕެ
15 December 2025
އެޗްޑީސީގެ މުވައްޒަފުންގެ އަދަދަކީ 4000 ، ޑުބާއީގެ ޕާމް އައިލެންޑަކީ އެޗްޑީސީއަށްވުރެ 10 ގުނަ ބޮޑު ހިއްކާފައި އޮތް ރަށެއް. މުވައްޒަފުންގެ އަދަދަކީ 150 މީހުން. އެމް.އޭ.ސީ.އެލްގެ މުވައްޒަފުންގެ އަދަދަކީ 9000 މީހުން. 80 މިލިއަން ޓުއަރިސްޓުން އަންނަ ޑުބާއީގެ އެއަރޕޯޓުގެ މުވައްޒަފުންގެ އަދަދަކީ 4000 މީހުން. ދިވެހި ދައުލަތުގެ ކުންފުނިތަށް ހިންގުމަށް ބޭރުގެ ތަޖްރިބާކާރު މީހުން ލާންޖެހޭ ވަގުތު މިއީ. ދިވެހިންނަށް ނުވާކަންކަން މިއީ.
ދަގަތްފާނު
15 December 2025
ފުރަތަމަ ސިޓީކައުންސިލެއް އޮއްވާ ރަށެއް ކުންފުންޏަކުން އެހިންގަނީ އެއީ ސަރުކާރު މެދުވެރިވެގެން ބަޖެޓަށް ނާރާގޮތަށް ބިލިއަނުން ދަރަނިނަގައިގެން ބައިތުލްމާލު ރަށަށް ކަހާފަ ނަސްލީ އިމްތިޔާޒު ހިންގަން. އެކަން ކޮށްފި.
ޖޯލިފަތި
15 December 2025
އަހަރެންގެ ބަހުން ނަންގަނޑެއް ކިޔައިނުލާތީ ބައްރުން ބޭރުވާން ފޮށި ތަންމަތި ބަންނަނީމި. ހިތާމައިގެ ކޮޅެއް ނެތް. ފުރޮމް ދިވެހި ލެންގުއޭޖް.
ނަސްރު45
15 December 2025
ބޮޑު އާބާދީ އެއް އޮންނަ ކޮންމެ ރަށެއްގައި އަމިއްލަ ސެކިޔުރިޓީ ފޯސް އެއް އުފައދަންވީ. މިލިޓަރީ މީހުން ކޮންމެތަނަކަށް ވެރިންނަށް ލީމާ، ވިސްނާނީ ތިހެން.
ޢރޗް
15 December 2025
ހުޅުމާލެ މީ ވަކި ސަރުކާރެއްތަ؟ ރައްޔިތުން ހޮވާފަ ތިބޭ ކައުންސިލުގެ އެއްވެސް ބާރެއް ހުޅުމާލެއަކަށް ނޯވޭ. ފުލުހުންގެ ވެސް ބާރެއް ނެތް؟ މިހާރު އަމިއްލަ ފުލުސް ފޯހެއް މި އުފެއްދީ؟