ފިޝަރީޒް މިނިސްޓަރު ޝިޔާމް (ކ) އަދި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން: މައްސަލަތައް ހައްލު ކުރުމަށް ދިގު މަޝްވަރާތަކެއް މިއަދު ވަނީ ފަށާފައި.
15 ޑިސެމްބަރ 2025 - 15:06
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހެނދުނު 11 ޖެހިއިރު ފަށާފައިވާއިރު އެ ބައްދަލުވުމުގައި ޕޮޒިޓިވް ކަންކަން ފެންނަ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.
އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ، ބައްދަލުވުން ދިގުލައިގެން ދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ވުމުން ކަމަށެވެ.
"މައިގަނޑު ގޮތެއްގައި މި އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ގިނަވީމާ މި ދޯނިތައް ފަސް ދުވަސް ވަންދެން [އިހުތިޖާޖުގައި] މިތިބީ މިތާނގައި މަޑުކޮށްގެން. އެހެންވީމާ އެ ކަންކަމަށް ހައްލު ހޯދުމަށްޓަކައި ރަނގަޅު މަޝްވަރާތަކެއް ކުރެވިގެން މިދަނީ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެއްބާރުލުން ދީގެން މިހާރު ކުރިއަށް ދެވެނީ،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމާ ހަވާލާ ދެއްވައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އިމްރާން ވިދާޅުވީ، މިނިސްޓަރުގެ މިއަދުގެ ހުރިހާ ވަގުތެއް އޮތީ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ހުސްކުރައްވާފައި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މަސްވެރިން ފަސް ދުވަސް ވަންދެން މިނިސްޓަރަށް ވަގުތު ދީގެން މަޑުކޮށްލައިގެން މިތިބީ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ފަސް ދުވަސް ދޭން ވެސް މިނިސްޓަރަށް ރަނގަޅު،" އިމްރާން ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނިގޮތުގައި، މިހާރު މަޝްވަރާތައް ކުރިއަށް ދަނީ މަގުސަދު ހާސިލް ކުރެވޭ ގޮތަށެވެ. ސަބަބަކީ މަސްވެރިންގެ މައްސަލަތައް ހައްލު ވުމަކީ ގައުމުގެ އިގުތިސާދާއި "ފުޑް ސެކިއުރިޓީ" އާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ހެނދުނު 11 ޖެހިއިރު ފެށި ބައްދަލުވުން މެންދުރު ދޭއް ޖަހަން އުޅެނިކޮށް މެދުކަނޑާލީ ލަންޗު ބްރޭކަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ފަށާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާގެ ބައެއް އިސްވެރިންނާއި ބައެއް ކެޔޮޅުން ބައިވެރި ކޮށްގެންނެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމާއި ބޮޑުކަންނެލީގެ މަސްވެރިންގެ އިސްވެރިންގެ ބައްދަލުވުން ފިޝަރީޒް މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ވަގުތު ބައެއް މަސްވެރިން ވެލާނާ ބިލްޑިންގުގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިނިސްޓަރު ޝިޔާމާއި ބޮޑުކަންނެލީގެ މަސްވެރިންގެ އިސްވެރިން ފިޝަރީޒް މިނިސްޓްރީގައި ބައްދަލުކުރުން ކުރިއަށް ގެންދާއިރު ބޮޑުކަންނެލީގެ މަސްވެރިން ވެލާނާގެ ކައިރިއަށް އެއްވުމުން ފުލުހުންނާ ދެމެދު ނުތަނަސްވަކަން އުފެދުނެވެ. އެއީ އެއީ އެއްވުން މަނާ ސަރަހައްދަކަށް ވުމުން ފަހަތަށް ޖެއްސުމުންނެވެ.
ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް ބޮޑުކަންނެލީގެ މަސްވެރިން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭގެ ރަސްމީފާލަމާ ދިމާލުން ބޭރުގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރު ކުރުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި މިހާރު ވެސް ދެ މީހަކު ތިބީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިން ނިންމާފައި ވަނީ އެ މީހުންގެ މައްސަލަތަކަށް ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާށެވެ. މަހަށް ދިއުން ހުއްޓާލާފައި އެ މީހުން އިހުތިޖާޖުގައި ތިބީ ހުޅުމާލޭ ބޮޑުކަންނެލި ޖެޓީ ސަރަހައްދުގަ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކެވެ.
"މިކަންކަން ކުރިއަށް ދާނެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ފ.
16 December 2025
ވައުދާ އެއްގޮތަށް 80 އާއި 100 އަށް ބޮޑުކަންނެލީގެ އަގު އުފުލޭނެ ދެންއޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ 3 މަސް ކުރިން. އޭގެ ކުރިން ތިކަން ވާނެކަމުގެ އެއްވެސް އުއްމީދެއް ނެތް. ސަބަބަކީ މިފްކޯ އިން އުފައްދާ މަސްދަޅު ރަމަޒާން މަހު ބަހަނީ އެވަގުތަކު ހުންނަވާ ރައީސް އަކު ވިދާލުވީމަ ދީފަ އެއަށް މިފްކޯ އަށް ލިބެންވާ ފައިސާ ނުލިބޭތީ. ހަމަޔަގީނުންވެސް ހަދިޔާ ދޭން ބަޖެޓުގައި އެވަރުގެ އަދަދެއް އޮންނަ ތަނެއް ނުފެނޭ.
ދުރުމި
15 December 2025
ފުޑް ސެކިއުރިޓީ" އާ ގުޅިފައިވާ ކަމަކަށް ވާތީ “ ފުޑް ސެކިއުރިޓީ އާއި ގުޅޭ ގޮތަކީ މިމީހުން ބުނާ އަގެއް ދީފައި ސަރުކާރުން މަސް ގަނެ އެއަށް ވުރެ ކުޑަ އަގެއްގައި އެކްސްޕޯޓު ކުރުންތަ؟؟
މިއާން
16 December 2025
ހެހެހެ، މި މީހުންވެސް އެކިއެކި ނޫސްތަކާއި އެހެން ތަންތަނުން ފެންނަ މޮޅެތި ބަސް ބޭނުން ކޮށްލަނީ، ކިޔޭ ނުކިޔޭވެސް އެގޭހެނެއް ހިއެއްނުވޭ،
ދސދަ
15 December 2025
ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަޑުއައްސަވާ ކަމަށް ބަލަންޖެހޭ. މިއީ ސީދާ ރައީސް ނަޝީދު ވަރަށް ކުރިއްސުރެ ކުރަމުން އައި މަސައްކަތުގެ ނަތީޖާ. ވާހަކަ ދެއްކުމުގެ މިނިވަންކަން ލިބުމުގެ ނަތީޖާ.
ގުލްޒާރު
15 December 2025
އިމްރާނު ޓީޝާޓު ލައިގެންތިބިމީހުން ގިނައިން ފެންނަނީ. އިމްރާނު ޓީމުންދޯ މީތިމި ލީޑުކުރާނީ.
ބިޒްޑިވް
15 December 2025
ސަރުކާރުން ފިޝަރީސް އަދި އެގްރިކަލްޗަރ އިންޑަސްޓަރީ ތެރޭގައި އުޅެންޖެހޭ ސަބަބަކީ ކޮބާ ؟ ރެގިއުލޭޓަރ ގެ ޒިންމާ ސަރުކާރުގައި އޮންނަންވީ، އޮޕަރޭޓްކުރުމުގެ ކަންކަން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލާ. ސަރުކާރުން ނުޖެހޭ ފެކްޓްރީ އަޅައި، ދަނޑު ހައްދައި، މަހާއި ތަރުކާރިއާއި މޭވާގެ ވިޔަފާރިކުރާކަށް. ރައްޔިތުންނަށް އަގުހެޔޮކޮށް ތަކެތި ފޯރުކޮށް ދިނުމަށްޓަކައި އެސް.ޓީ.އޯ މެދުވެރިކޮށް ސަބްސިޑީކޮށް ތަކެތި ގަނެ، ވިއްކޭ ގޮތް ހަދަންވީ.
ބޮޑުބެގެ ބެއްޔާ
15 December 2025
އުހުނ. ސަރުކާރުން ވާނެ ޓެކްސީވެސް ދުއްވައި، ވެހިކަލް މަރާމާތު ކުރާ ތަނަކާއި ދޮވެ ސާފުކުރާ ތަނަކާއި 5 ކަރާދަނޑުވެސް ހައްދަން. ދެން ފައިދާވިޔަސް ނުވިޔަސް ރައްޔިތުންގެ ޓެކްސްފައިސާއިން ސަބްސިޑައިޒްކޮށްގެން ބޮޑުމުސާރަ ދިނީމަ ގައުމު ހިންގުނީ، ޕާޓީވެސް ހިންގުނީ. ހެޕީތަ؟
ގޮނުއަނގަ
15 December 2025
ބިޒްޑިވް!!! ބޮޑުކަންނެލި ގަންނަން އަމިއްލަ ކުމްފުނިތަކަށް ދޫކޮށްލާފަ ވާކަން އަދިވެސް ނޭގިވުމަކީ މަޢުލޫމާތު އެނގިފައި ނެތުން. ސަރުކާރަށް މަސްވެރިން އެޑިމާންޑުކުރަނީ އަމިއްލަ މީހުންނަށް އެކަން ނުކުރެވިގެން. ކަންނެލި ކުންފުނިތައް އެތިބީ މަސްވެރިންނަށް ދޭނެ ފައިސާ ވެސް ނެތިފައި އެމީހުންނަށް ކަންނެލި ބޭރު ނުކުރެވިގެން. ކަންްނެލި ގަންނަ ކުމްފުނިތަކުގެ ހާލަތު ބަލާފަ އިތުރު ކުންފުނިތައް ހޯދައިދެވޭތޯ މަސައްކަތް ކޮށްދީބަލަ.
ފިޒި
16 December 2025
އަމިއްލަ ވިޔަފާރިވެރިންނެއް މަސްވެރިން ބޭނުންހާ އަގަކު މަހެއް ނުގަންނާނެ، އަމިއްލަ ވިޔަފާރިވެރިން ތިކަމުގައި އުޅޭނަމަ މަހުގެ އަގު ބިނާވާނީ ސަޕްލައި އެންޑް ޑިމާންޑަށް، މަސްވެރިޔާއަށް އެގޮތް ކަމުނުގޮސްގެންތާ މިއުޅެނީ، އެމީހުން ބޭނުންވާ އަގެއްގައި މަސްގަންނަން ސަރުކާރަށް މަޖުބޫރު ކުރުވަން، ދެން ތޮއްޑޫ ދަނޑުވެރިންވެސް ނުކުންނަނީ ކަރާކިލޯއެއް 70 ރުފިޔާއަށް ނޫނީ ނުވިއްކަން، އަދި އެގަންނަން ސަރުކާރަށް ޕްރެޝަރުކުރަން
އަކްރަމްް
15 December 2025
ވަރަށް ރިއޭކްޝަން އަވަސް ސަރުކާރެއް. ރައީސް ރައްޔިތުންނާ ދޭތެރޭ ތިބަހައްޓަވާ ގާތްކަމަށް ހަމަ ޝުކުރު ހައްގު
ބޮޑުބެގެ ބެއްޔާ
15 December 2025
އަޑުނާހާ ކޮންތާކަށްހޭ ދާނީ. ނާހަންޏާ ގެއަށް ކަނޑާލާ. އަހަރެމެންގެ ޓެކްސް ފައިސާއިން މުސާރަ ނަގަންޏާ ޖެހޭނީ އަޑުވެސް އަހަން. ސާފުވެއްޖެ؟
ބޮޑުބެއްޔާބެ
15 December 2025
ބޮޑުބެގެ ބެއްޔާ އަށް ބުނެލަން އޮތީ އަހަރުމެންގެ ޓެކްސް ފައިސާއިންނޭ ކަލޭމެންނާ ތި ގެންގުޅޭ ބަންގާޅި މަސްވަރިންނަށް ސަބްސިޑީވެސް ދެނީ! ބަންގާޅި މަސްވެރި އޮޑި ފަހަރުގެ ސަބްސިޑީ ކަނޑާލާ!
ބޭރުކުރޭ
15 December 2025
ދިވެހި ގައުމީ ޓީމުގެ ކޯޑް އޮފް ކޮންޑަކްޓް އޮންނަނީ ހަމަ އެކަނި ކުޅުންތެރިންނަށްތަ؟. މީނަ މިއީ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލެއް ނޫންތަ؟ މުޒާހަރާ ކޮށްފަ މާދަން ފުރައިގެން ބޭރަށް ކަންނެއްޔަށް ދާ ސާމާނު ގަންނަން ދައުލަތުގެ ޙަރަދުގަ؟
ނާނުު
15 December 2025
މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއްކަން އަބަދުވެސް މިދަނީ ސާބިތުކޮށްދެމުން
ރާހިލް
15 December 2025
މީ މިބުނާ ވާހަކައަކީ.. ރައީސް އެއް ނޫޅޭ އެއްވެސް ބަޔަކު ނިކަމެތިކޮށްލާކަށް.
މިލލސ
16 December 2025
ބަލަ ނިކަމެތިވަނީ އާއްމު ރައްޔިތުން، ދައުލަތުގެ ބަޖެޓުން ވަކި ޚާއްޟަ ބަޔަކަށް ދޭ ކޮންމެ އިނާޔަތެއްވެސް ދެނީ ހުރިހާ އެންމެންގެ ފައިސާއިން، އަހަރެމެން އަތުން ނަގާ ޖީއެސްޓީން ގެއްލުމުގައި ބޮޑު ކަންނެލި ގަންނަންވީ، ކޮބާ އެމީހުންގެ ހައްގު،