ރައީސް ވިދާޅުވީ، ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ހަދާ ފެސިލިޓީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި މަސްވެރިއަކަށް ރައީސް މުއިއްޒު އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 ޑިސެމްބަރ 2025 - 08:37
ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެހެން ވިދާޅުވިއިރު، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ވަނީ މިދިޔަ ހަފުތާގައި އިހުތިޖާޖެއް ކޮށްފަ އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ، މިފްކޯ އަށް ބޮޑުކަންނެލި ގަތުމަކީ އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދު ކަމަށާއި އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ސަރުކާރުން ކުރާ ކަމަށެވެ. އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މިކަންކަން ކުރިއަށް ދާނެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށައިގަންނަން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދަވައިގެން ކަމަށެވެ. ކަޅުބިލަމަހުގެ މަސްވެރިން މިފްކޯ އަށް ކިރުވާ މަހުގެ އަގަށް ޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޭން ފެށީ ވެސް އެ ގޮތަށް ރާވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ ވެވަޑައިގެންނެވި ވައުދެއް ނަމަ ހަގީގީ މާނައިގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ފުއްދައި ދެއްވާށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް މުއިއްޒު ރޭ ވަޑައިގަތުމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މިއަދު ފަށާފައި މާދަން މެދުކެނޑޭ ގޮތަކަށް ވާކަށް ބޭނުމެއް ނޫން. އެހެންވީމާ ފަހަރަކު ކަމެއް ކުރަމުން ގޮސް އަޅުގަނޑު ވީ ވައުދާ އެއްގޮތަށް 20ރ. އާ ހަމައަށް ވެސް ކަޅުބިލަމަހުގެ އަގު ގެންދިއުމުގެ މަސައްކަތް މިކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ ބޮޑުކަންނެލި ޕްރޮސެސް ކުރުމަށް ހުޅުމާލޭގައި ގާއިމްކުރާ ފެސިލިޓީގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި ހަ މަސްތެރޭގައި ނިންމައިލެވޭނެ ކަމަށެވެ.
މަސްވެރިންގެ ދުވަަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މަސްވެރިން.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، މަސްވެރިކަމަކީ އެ މަނިކުފާނު އެންމެ އިސްކަން ދެއްވާ ސިނާއަތު ކަމަށާއި އެހެންވެ، ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށާއި އެއީ އަމިއްލަ ފަރުދުންނާއި އާއިލާތަކާއި ރަށް އަދި މުޅި ރާއްޖޭގެ ވެސް ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ.
"އެ ކަންކަން ކުރުމުގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ސީދާ މަސްވެރިންނާ ގާތުން. ސީދާ މިކަމުގައި އުޅޭ ފަރާތްތަކާ ގާތުން. އެހެންވީމާ މި ކަމުގައި ހުރިހާ ފަރާތްތަކުން އަޅުގަނޑުމެންނާ އެކީގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރުމަކީ އަޅުގަނޑު ޔަގީންކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެޓް
14 December 2025
ޖަސްޓް ޑޯންޓް ޑޫ އިޓް ފޯ ޔުއަރ ސަރވައިވަލް..
ބޮޑުބެގެ ބެއްޔާ
14 December 2025
"މިއަދު ފަށާފައި މާދަން މެދުކެނޑޭ ގޮތަކަށް ވާކަށް ބޭނުމެއް ނޫން." ހަނދާންވަނީ ބަންކަރިން. ކަލޯގަޔާ!
ވާނުުވާ
14 December 2025
އަންނަނީ. އަންނަނީ.
ޒީރޯ އިން ފެށިގެން
14 December 2025
މި ސަރުކާރުން ރައްޔިތުންނަށް ކަން ކަން ކޮށްދިނުމަށް މަސައްކަތްކުރަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތުގެ ތެރެއިން ކަން ކަން ކޮށްގެންނެއް ނޫން، މިހާރު ކަންނެލި މަސް ގަތުމަށް މިވަގުތު އެއްވެސް މިފްކޯއަކު/ ސަރުކާރުގަ ނެތް މިސަރުކާރުން މިކަން ކުރަން މިޖެހެނީ އަލަށް.. މިކަން ކުރާނެ ރައީސް އަށް އިތުބާރު ކުރަން
އިބުރ
14 December 2025
މިފްކޯ އިން ކަނޑުއޮތްގިރި ކިޔާ ތަނެއް ހިންގި ހަނދާނެއް ވެސް މީހަކު ހަމަ ނެތީބާވައޭ ހިތަށް އަރަނީ. ބަލަގަ އެއީ ބޮޑު ކަންނެލި ގަނެ ޕްރޮސެސް ކުރުމަށް އުފެއްދި ތަނެކޭ. މިހުރިހާ ދުވަހު ސިންދިތާ ކިޔާ ކަލެކްޓަރ ވެސެލް ތަކެއް އޮޕަރޭޓް ކުރަމުން އައި ތަނެކޭ.
ކާޑީބީ
14 December 2025
ދަރަނިވެރިކަމަކަށް އިތުބާރެއްނުކުރެވޭނެ.