އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް ވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް ގަންނާނީ 16ރ. އަށް.
14 ޑިސެމްބަރ 2025 - 19:36
މިފްކޯ އަށް އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން 16ރ. ގެ ރޭޓުން ގަންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ދައުލަތުގެ މަސްކުންފުނިން އެ ބަދަލު ގެނައީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތައް، އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން ގަންނާނީ މަދުވެގެން 16ރ. އަށް ކަމަށެވެ.
މިފްކޯ އިން ބުނީ އެ ބަދަލު ގެނައުމުގެ ކުރިން އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށެވެ.
މީގެ ކުރިން ނަމަ މަސްވެރިންނަށް 16ރ. ލިބެނީ މިފްކޯ އަށް ކިރުވާ ދޮޅު ކިލޯ އިން ފެށިގެން މަތީގެ މަހަށެވެ. އެކަމަކު، މިއަދުން ފެށިގެން އެ ކުންފުންޏަށް ކިރުވާ އެއް ކިލޯ އިން ފެށިގެން މަތީގެ ހުރިހާ މަހަކަށް އާ ރޭޓު ހިނގާނެ ކަމަށް ބުންޏެވެ.
މިފްކޯ އިން ބުނި ގޮތުގައި އެ ބަދަލާ އެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް ވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް ގަންނާނީ 16ރ. އަށެވެ.
"އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރ. ދިނުމަށް ހަމަޖައްސާފައިވާއިރު 15 ކިލޯ އިން މަތީގެ ކަންނެލި ކިލޯއަކަށް 18ރ. މަސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން މިފްކޯ އަށް މަސްވެރިން ކިރާ މަހަށް މި ރޭޓުން ފައިސާ ލިބޭނެ އެވެ،" އިއުލާނުގައި ވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މަަސް ގަންނަން އަގަށް ބަދަލު ގެނައީ މަސްވެރިން ބާނާ މަހަށް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރަނގަޅު އަގެއް ހޯދައިދިނުމެވެ.
"މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދައުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވާ، ހިންގުމުގެ ހަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް މަސްވެރިންނަށް ފޯރުކޮށްދިނުމަށެވެ،" މިފްކޯ އިން ބުންޏެވެ.
ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކޮށްފައި އޮތުމުން މަސްވެރިންގެ ޝަކުވާ ބޮޑެވެ. ރައީސް މަސްވެރިންނާ ބައްދަލު ކުރެއްވުމަށް އިއްޔެ ދުވާފަރުގައި ބޭއްވި ޖަލްސާގައި ވެސް މަސްވެރިން ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނާލްް
15 December 2025
މަސްވެރިންނަށް މިވަރަށް ބަލާ އަޅާލާ ސަރުކާރެއް ދެކުނިންތަ ދުވަހަކުވެސް؟
ސާދަ
14 December 2025
އަހަރުމެން އެޅި އެޅިގާކޮޅެއްވެސް ނުވިކި އެބަހުރި. ސަރުކާރުން ރަނގަޅު އަގެއްދީފަ ގެންދެބަލަ!
މާއިނގޭ
15 December 2025
އަސްލު ވަރަސް ރަނގަޅު ވާހަކައެއް، މަސްވެރިކަމަށް ސަބްސިޑީ ދޭގޮތަށް ގާއަޅާ ސިމެންތި އަދި ރަށުވެލި ހެޔޮއަގުގައި ސަބްސިޑައިސްކޮށްގެން ސަރުކާރުން ވިއްކަންޖެހޭ، އަދި އެޅިވަރަކަށް ގާކޮޅު ސަރުކާރުން ގަންނަން ޖެހޭ، ގަލަކީ އަބަދުމެ ދައުލަތުގެ އެކި ޕްރޮޖެކްޓް ތަކަށް ބޭނުންވާ އަގުހުރި އެއްޗެއް
ފަސްމީރު
14 December 2025
މިއަދު މިސަރުކާގައި މި ފެންނަނީ ކުރުދޮށީގަ ދިވެހި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެމުންދާ މަންޒަރު، އަދު މަސްވެރިން ތިބީ އެމީހުންގެ ރައީސްއާއި މެދު ނުހަނު ހިތްހަމަ ޖެހިގެން
ދިއްދޫ އަހުމަދު
14 December 2025
ކެޔޮޅެއްގެ ހައިސިއްޔަތުން މިއަދު ވަރަށް އުފާވެއްޖެ، މީ ރަނގަޅު ނިންމުމެއް ދެން މިފްކޯ ކައުންޓަރުގަ ހުންނަ މީހާ ބޭނުންވީމަ އަގަކާއި ނުކުޅެވޭނެ، ރައީސް މުއިއްޒުއާއި މެދު އުއްމީދު އާލާ ވެއްޖެ
އަފްރާސިޔާބު
15 December 2025
ކެޔޮޅެއް ހައިސިއްޔަތުންނުނަސް ވަރަށް އުފާވާނެތާ ވަޒީފާ އެއްލިބިފައިވާ މީހުންނަށް.
ވިލްދާން
14 December 2025
މަސްވެރިންނަށް ސަރުކާރުން ދޭ ސަމާލުކަމުން ހާމަވަނީ، ސަރުކާރަކުން މަސްވެރިންގެ އަޑުއަހައި އެ މަސްވެރިން ބޭނުންވާ ކަންކަން ފުއްދައިދޭތީއެވެ. މިއަދު ފެނިގެން މިދަނީ މަސްވެރިންނަށް ގިނަގުނާ ފަސޭހަތަކެއް ލިބިގެންދާ ތަނެވެ.
ގުމްރީ
14 December 2025
މަހުގެ އެންމެ ކުޑަ އަގެއް ކަށަވަރުކޮށްދިނުމުން ދައްކުވައިދެނީ ދުރުވިސްނުމެވެ – މިއީ މިއަދުގެ ގޮންޖެހުންތަކުން ރައްކާތެރިވެ، މާދަމާގެ ބާރުވެރިކަން ބިނާކުރުމަށް އެޅޭ ފިޔަވަޅެކެވެ.
ސަމީނަތު
14 December 2025
މި ކަންކަމުން ދައްކުވައިދެނީ، އާންމު ރައްޔިތުންނަށް އިސްކަންދީގެން ސިޔާސަތުތައް އެކުލަވާލާކަމެވެ. އެގޮތުން ހަޤީޤީ ގޮންޖެހުންތަކަށް ޢަމަލީ ހައްލުތައް ހޯދައިދޭ މަންޒަރު މިދަނީ ފެންނަމުންނެވެ.
ސާރާ އިއްބެ
14 December 2025
ދުނިޔޭގެ ހާލަތު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ މި އެޅި ފިޔަވަޅުތަކުން މަސްވެރިކަމުގެ ދާއިރާއަށް ހަމަޖެހުމާއި އިތުބާރު ލިބިގެންދެއެވެ. މަސްވެރިންނަށް ތަސައްލީއެއް ލިބިގެން ދާނެ އެވެ
ދިޔާނާ ސައީދު
14 December 2025
މަހުގެ އަގު 16 ރުފިޔާ ކަމަށް ކަނޑައެޅުމަކީ، މަސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ދެވޭ އިޙްތިރާމުގެ ރަމްޒެކެވެ.
ލީވާން
14 December 2025
މަހަށް ހަމަހަމަ އަގެއް ކަށަވަރުކޮށްދިނުމަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ފަރާތްތަކަށް ސަރުކާރުން ދޭ އަހައްމިއްޔަތު ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމެކެވެ.