އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިއްޔެ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވަނީ: ޓްރަމްޕު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނިލް ނިއުކްލިއާ ހަތިޔާރު ކެޓަގަރީގައި ހިމަނަން ނިންމަވާފައި. -- ފޮޓޯ: އޭއެފްޕީ
16 ޑިސެމްބަރ 2025 - 13:42
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނިލް "ވެޕަން އޮފް މާސް ޑިސްޓްރަކްޝަން" ނުވަތަ ފަނާކުރުވަނިވި ގެއްލުންދޭ ނުރައްކާތެރި ހަތިޔާރުގެ ކެޓަގަރީގައި ހިމަނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައިފި އެވެ.
ލެޓިން އެމެރިކާގެ ޑްރަގް ކާޓެލްތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާފައިވާ ޓްރަމްޕުގެ މި ނިންމެވުމާ އެކު ފެންޓަނިލް ހިމެނޭނީ ނިއުކްލިއާ އަދި ކެމިކަލް ހަތިޔާރު ވެސް ހިމެނޭ ކެޓަގަރީގަ އެވެ.
"އެއްވެސް ބޮމަކުން ނުލިބޭ ގެއްލުން މީގެ ސަަބަބުން އެބަ ވޭ -- ދެ ލައްކަ، ތިން ލައްކަ މީހުން ކޮންމެ އަހަރަކު މަރުވާކަން އެބަ އެނގޭ،" ފެންޓަނިލް އަކީ ފަނާކުރުވަނިވި ހަތިޔާރެއްގެ ގޮތުގައި ކަނޑައެޅުމުގެ ރިޔާސީ ގަރާރުގައި ސޮއިކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.
އެކަމަކު، ފެންޓަނިލްގެ ސަބަބުން އެމެރިކާގައި މަރުވާ ކަމަށް ޓްރަމްޕު ވިދާޅުވި އަދަދު އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިދިޔަ އަހަރު ހާމަކޮށްފައިވާ އަދަދާ ދިމައެއް ނުވެ އެވެ. ސީޑީސީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އޯވަޑޯޒްވެގެން މިދިޔަ އަހަރު 80،000 މީހުން މަރުވެފައިވާ އިރު، އޭގެ ތެރެއިން 48،000 މީހުން މަރުވީ ސިންތެޓިކް އޮޕިއޮއިޑްގެ ސަބަބުންނެވެ.
ޓްރަމްޕުގެ އަމުރުގައި ބުނެފައި ވަނީ "ގާނޫނާ ހިލާފު ފެންޓަނިލް އަކީ މަސްތުވާތަކެއްޗަށް ވުރެ ކެމިކަލް ހަތިޔާރަކާ ގާތް އެއްޗެއް" ކަމަށާއި އެ ހަތިޔާރު އުފައްދައި ވިއްކުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށާއި މުޅި ސަރަހައްދާއި ގައުމުގައި ގާނޫނާ ހިލާފް އަމަލުތައް އިތުރުވަމުންދާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ ނާކޯ-ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރައްވާ ޓްރަމްޕުގެ މި ނިންމެވުން އައިސްފައި މި ވަނީ ލެޓިން އެމެރިކާގެ ގައުމުތަކުގައި އުޅޭ ޑްރަގް ކާޓެލްތަކާ ދެކޮޅަށް ސެޕްޓެމްބަރު މަހު ހަނގުރާމަ އިއުލާނުކުރެއްވުމަށް ފަހުގަ އެވެ. މަސްތުވާތަކެތި އުފުލާ އުޅަނދުތައް ކަމަށް ޝައްކުވާ އުޅަނދުތަކަށް އެމެރިކާ ސިފައިން ހަމަލާ ދެމުން ގެންދާއިރު އެ ހަމަލާތަކުގައި މިހާތަނަށް 90 މީހަކު ވަނީ މަރުވެފަ އެވެ.
މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ޓްރަމްޕު ވިދާޅުވެފައި ވަނީ މިހާތަނަށް ވިއްސަކަށް ހަމަލާ ދީފައި ވާއިރު، ގޮއްވާލެވޭ ކޮންމެ ޑްރަގް ޝިޕްމަންޓަކުން އެމެރިކާގެ 25،000 މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމަށެވެ. އެ ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ފެންޓަނިލް އުފުލާ ބޯޓުތަކަށް ވުރެ، ކޮކެއިން އުފުލާ ކަމަށް ބެލެވޭ ބޯޓުތަކަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖެރާ
16 December 2025
ޓްރަމްޕް ވިޔަސް ވަރަށް ރަގަޅު ކަމެއްތީ.. ދެންހުރި ޑްރަގްތައްވެސް ތިކެޓަގަރީއަށްލާ
ފެންޓީ
16 December 2025
ވެނެޒުއަލާ އަށް ހަމަލާ ދޭން ޖަހާ ރޮކެޓެއްތީ. މިހާރުވެސް ވެނެޒުއެލާ އިން އެމެރިކާއަށް ފެންޓަނީލް އެތެރެކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ ސިޔާސީ މީހުން ޒާތްޒާތުގެ ދޮގުފަތުރާ ގޭސް އަނބުރަމުން ގެންދަނީ ވެނެޒުއެލާއަށް އަރައިގަންނަން ބަހަނާއެއް ހޯދަން. އިރާގަށް އަރައި 2 މިލިއަން މީހުންމެރީ ތިޔަކަހަލަ ދޮގު ހަދައިގެން. ހަގީގަގަކީ ވެނެޒުއެލާ އިން އެމެރިކާ އަށް މަސްތުވާތަކެތި އެތެރެ ނުވެސްވާކަން. އަސްލަކީ މެކްސިކޯ. މެކްސިކޯގެ ބޯޓުތަކަށް ހަމަލާ ނުދެނީ ؟؟
މަނަޒަރު
16 December 2025
ގަޓުހުރި ރައީސުން އެބަފެނޭ. ކަނދުރާއަކަށް މޫނަކަށް ނުބަލާ މަސްތުވާ ތަކެޗަށް މިހިރި ގާނޫންތަށް ހައްދަވަނީ. ރ.މޫއީޒާއި ރ.ޓްރަމްޕް ވަރަށް ވިސްނުންފުޅު ދިމައިވެ.