"ދުރަންދަރު"ގެ މަންޒަރެއްގައި ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް.
16 ޑިސެމްބަރ 2025 - 10:37
މި މަހު ފަހަކުން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރަންވީރު ސިންގުގެ އާ ފިލްމު "ދުރަންދަރު"އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 600 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި، "ދުރަންދަރު" ސިނަމާތަކުގައި ދައްކަމުން އަންނަތާ އެންމެ 11 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 600.75 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިިބިފަ އެވެ.
އޭގެ ތެރެއިން، އިންޑިއާގައި އެކަނި ދައްކައިގެން އެ ފިލްމަށް ލިބުނު އާމްދަނީއަކީ 455.50 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑްގެ ފިލްމުތަކަށް ބޮޑު މާކެޓެއް އޮންނަ ގަލްފުގެ ގައުމުތަކުގައި "ދުރަންދަރު" ދެއްކުން މަނާކޮށްފައި ވާތީ، ބޭރު ގައުމުތަކުގައި ދައްކައިގެން ފިލްމަށް ލިބޭ އާމްދަނީ ދަށް ކަމަށް ރިޕޯޓްތައް ބުންޏެވެ. ގަލްފުގެ ގައުމުތަކުގައި އެ ފިލްމު ދެއްކުން މަނާކުރީ ޕާކިސްތާނާ މެދުގައި ނަފުރަތު އުފައްދާ ކަމަށް ބުނެ އެވެ.
"ދުރަންދަރު"އަކީ މި އަހަރު 600 ކްރޯޑް ރުޕީސްގެ އާމްދަނީއެެއް ހޯދި އިންޑިއާގެ ތިންވަނަ ފިލްމެވެ. މި އަހަރު އެވަރުގެ އާމްދަނީއެއް ކުރިން ލިބިފައި ވަނީ ވިކީ ކައުޝަލްގެ "ޗާވާ" އާއި ދެކުނު އިންޑިއާގެ ފިލްމު "ކަންޓާރާ: ޗެޕްޓާ ވަން" އަށެވެ.
ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ލޯބީގެ ފިލްމު "ސައްޔާރާ" ފަހަތަށް ޖައްސާލައި "ދުރަންދަރު" ކުރި ހޯދީ ވެސް ހަމަ އިއްޔެ އެވެ. "ސައްޔާރާ"އަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ ޖުމްލަ 580 ކްރޯޑް ރުޕީސް އެވެ.
ބޮލީވުޑްގެ އެންމެ އަގުބޮޑު 10 ފިލްމުގެ ލިސްޓަށް "ދުރަންދަރު" އަރާނެ ކަމަށް މިހާރު ވަނީ ލަފާކޮށްފަ އެވެ. އެ ލިސްޓަށް އަރަން 250 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ދުރަންދަރު"އަށް އަދި އިތުރު 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދަން ޖެހޭނެ އެވެ.
"ދުރަންދަރު"ގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް 2001 ވަނަ އަހަރު ދިން ހަމަލާގެ ފަހުން އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ނެޓްވޯކް ފުނޑާލުމަށް ޒުވާނަކު އެ ގައުމަށް ޖާސޫސެއްގެ ގޮތުގައި ފޮނުވާ ހިސާބުން ދެން ހިނގާ ކަންތައްތަކެވެ.
ޖާސޫސެއް ނުވަތަ އިންޑިއާގެ ރޯގެ އޭޖެންޓެއްގެ ގޮތުގައި ޕާކިސްތާނަށް ފޮނުވާ ޒުވާނާގެ ރޯލު ކުޅެނީ ރަންވީރެވެ.
ރަންވީރާ އެކު މުހިންމު ރޯލުތައް ކުޅެނީ ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ދުރަންދަރު"އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ މަތީ ފިލްމު "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ ފިލްމެކެވެ. އެ ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުއްބާ
16 December 2025
އަރަބި ގައުމުތަކުން މި ފިލްމު ބޮއިކޮޓްކުރީމަ މި ފިލްމު އިތުރައް ވީ ކާމިޔާބު.