މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަނުން މި ފަހުން ހިންގި އޮޕަރޭޝަނެއްގައި މީހަކާ ސުވާލު ކުރަނީ.
17 ޑިސެމްބަރ 2025 - 23:13
ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރުމުގެ އޮޕަރޭޝަން މާލެ އާއި ހުޅުމާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު އެކްސްގައި ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ މިރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސްގެ އެ އެދިވަޑައިގަތުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިރެއިން ފެށިގެން ކޮންމެ ރެއެއްގެ ދަންވަރު 12 އިން ހެނދުނު 6 އާ ދެމެދު މާލެ އާއި ހުޅުމާލޭގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށެވެ. އެގޮތުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއް ނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރާނެ ކަަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
"އަދި ހާއްސަކޮށް މާލެ އާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ފުލުހުން ނިންމާފައި ވަނީ ބިދޭސީން ފާސްކުރާއިރު، ފާހަގަ ކުރެވޭ ކަންތައްތަކާ ގުޅިގެން ފިޔަވަޅު އެޅުމަށާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން އިމިގްރޭޝަނާ ހަވާލު ކުރާށެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވީ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައި ވާނެ ކަަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލު ކުރަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ ޝަކުވާތަކާ ގުޅިގެން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.
މަސާޖުޕާލާތަކުގެ ނަމުގައި މާލޭގައި ހިންގާ ބައެއް ތަންތަނުގައި ހަށިވިއްކުމާއި ފާހިޝް އަމަލުތައް ހިންގާ ކަމުގެ އަޑުގަދަ ވެފައި ވަނިކޮށް، އެ ތަންތަނަށް އަމާޒުކޮށް ވެސް ފުލުހުންނާއި އިމިގްރޭޝަނުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ، މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބަންދުކުރި 52 ތަނުގެ ތެރެއިން 24 ތަނަކީ އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށް ބަންދުކުރި ތަންތަނެވެ. އަދި އިތުރު 28 ތަނެއް ބަންދުކުރީ މި އޮޕަރޭޝަން ފެށިކަން އެނގިގެން އެ ތަންތަން ހިންގި މީހުން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
18 December 2025
ބިދޭސީ ކޭޝިއަރުން މަދު ނުކޮށް މައްސަލަ އަށް ހައްލެއް ނުލިބޭނެ އެވެ. ފައިސާ އަރަން ޖެހޭނީ ދިވެހީންގެ އަތް މައްޗަށެވެ. ގިނަ ދިވެހީން ބިދޭސީންނާ ވާހަކަ ދައްކަނީ ސީރިއަސް ކަމެއް ނެތި މާ ސަމާސާ ކޯންނެވެ. ގޭތެރެ އަށް ވެސް ވައްދަނީ އެވެ. ކޮޓަރި އަށް ވެސް ވައްދަނީ އެވެ.
އަހައްމަދޫ
18 December 2025
ވ. ރަނގަޅު ކަމެއް. ހިތުހުރި ގޮތަކަށް ބޭރުމީހުނަށް އުޅެވޭނެ ގައުމަކީ ހަމައެކަނި މިރާއްޖެ
އައިސަ
18 December 2025
ކިތަންމެ ކަމެއް ކުރިޔަސް ބިދޭސީންގެ ވައްތަރުތައް ދަނީ އިތުރުވަމުން، ގައުމުގައި މިކްސްޑް ކަލްޗުރަލް ކަންތައްތައް ފެންނަމުންދަނީ މިހާރުވެސް
ދޮންބެދައްތަ
18 December 2025
ތީގެ ސަބަބުން ރާއްޖޭން ބޭރުގަ އުޅޭދިވެހިނައްވެސް އެގައުމުތަކުން ކަންކުރާނީ ހަމަ ޗާހެން
އެމްސް
18 December 2025
ޢާއްމުގޮތެއްގަ ދިވެހިން ރާއްޖެއިން ބޭރުގަ އުޅެނީ އާމްދަނީ ހޯދާ/އެކިއެކި ވަގު ވިޔަފާރި ހިންގާކަށް ނޫނެވެ!
ރައިޑަރ
18 December 2025
ރައީސް ނުބުނަނީސް ހަމަ ނޭނގެނީތަ ތިކަން ކުރަން. ޤައިމު ޒިއްމާދާރު ބައެއްނަމަ ދަންވަރު ގަނޑީގަ އެގޮތަށް އުޅޭމީހުންނާ ސުވާލުކޮށް ޗެކްކުރާނެ. އެކަމު މިއުޅޭ ފުލުހުން ހަދާ ގޮތަކީ ޗެކްޕޮއިންޓް ހަދާފަ މުސްކުޅި ބޭބެއިންނާ ރީތި އަންހެންކުދިން ހުއްޓުވައި އެމީހުން ޗެކްކުރުން. އެމީހުންގެ ސްޕަވައިޒަރުން އޮންނަނީ ވަކި އަދަދަކަށް ޗެކްކުރަން ބުނެފަ. އެހެންވެ އަމާ ބުނީމަ ފަރަށްދާހެން ޗެކްކުރަނީ ދެން ގޮސްބުނަނީ ބޮސް މިއަދު 30މީހުންނާ 20 ވެހިކަލް ޗެކްކުރިން.
އެމްސް
18 December 2025
ތިއަށްވުރެ އަދި މާއަދައިގެ ނޫންތޯ ނުޤަވާޢިދުން ނުވަތަ ނުރައްކާތެރިކޮށް މަގުމަތީގަ ދުއްވާއުޅަނދުތައް ހުއްޓުވާ ފިޔަވަޅު އެޅުން . . ! އެކަމަކު ބެލެނީ: ސްޓިކާތައް ހަމަތޯއާއި، ލައިސަންސް އޮވޭތޯ އެކަންޏެވެ!
ޕޭމަންޓު މަތި
18 December 2025
ބިދޭސީ މީހާ މަގުމަތީ ދަންވަރު އުޅޭކަށްނުޖެހޭ މަސައްކަތްކޮށްގެން އުޅޭމީހާ އޮންނަންވާޏީ ދަންވަރު ނިދާފަ މަގުމަތީ ގިނަވެގެން އުޅޭކަށް ޏުޖެހޭނެ
ހަމަދު ސަލީމް
19 December 2025
ކޮބާ ދަންވަރަކީ، 12 އިގެފަހުން މަގުމަތިން ފެން ކޮންމެ ބޭރު މީހަކީ އާއްމު މަސްލަހަތު ގެއްލޭކަހަލަ ކަންތައްކުރަން އުޅޭ މީހުނެއްނޫން. ގިނަ މީހުންނަކީ ހޮޓާ، ރެސްތޯރަންޓް، ކެފޭފަދަ ތަންަނުގަ މަސައްކަތްކުރާ މީހުން. 1 ޖަހާއިރު އެތަންތަން ބަންދުކުރީމަ ނިދަންދާ މަގުމަތިން ހުއްޓުވާފަ ސުވާލުތައް ކުރުމަކީ ނާތަހުޒީބްކަމެއް.
ހަލޯ
18 December 2025
ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހަމައެކަނި މީހުން ދިރިއުޅޭ ރަށްތަކަށްސަމާލުކަން ދިނުމަކީ ފުދޭވަރެއްގެ ކަމެއް ނޫނެވެ. ޤަވާއިދާ ޚިލާފަށް ތިބި ގިނަ ބިދޭސީން، ޚާއްޞަކޮށް ރިސޯޓުތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ. ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމުގެ ފަސޭހަ ނިޒާމެއް ޤާއިމުކުރުމަކީވެސް މުހިންމު ކަމެކެވެ. މި މައްސަލަ ދިގުދެމިގެންދިޔަނުދީ، ޙައްލުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ
ދޑާާދފ
18 December 2025
ހުޅުމާލެއާ މާލޭގެ ޕާކުތަކުގައި ދިރިއުޅެ ވަޒީފާއަދާކުރާ ބިދޭސިން ވަރަށް ގިނަ، ފެންވަރާ ހަދަނީ މިސްކިތްތަކުން...
ާއަލްޖިބްރރާ
18 December 2025
މިއީ ދެންކޮންކަމެއް. އަދިވެސް ބިދޭސީން ހިންގާ ފިހާރަތަކާއި ޓޭކްއަވޭތަކާ ކެފޭތައްް ބައިވަރު އެބަހުރި.
ރަމަ
18 December 2025
ތިކަން ކުރުމުގައި ބޮޑެތި ޤާނޫނީ ފުށޫއެރުންތަކެއް އެބަހުރި ވަކިބަޔަކަށް އަމާޒުކޮށްގެން ތިކަން ކުރުން ރަގަޅެއްނޫން ބިދޭސީން ރޭގަނޑު 12:00 ގެ ފަހުން ވަރަށްނޫޅޭނެ މިރާއްޖެއަށްބިރުއޮތީ ފޭރޭ މީހުންނާއި، ގޭންގުގެ ބިރުވެރިކަން ކީއްވެތޯ މިކަން ކޮންޓްރޯލް ނުކުރެވިގެންއުޅެނީ! ރޭގަނޑު 12 ގެފަހުން ބިދޭސީއެއް ބޭރުގައި އުޅެގެން މިއަދާ ހަމައަށް ކޮށްފައިވާ ގޯސްކަމެއް ބުނެ ނުދެވުނުތާ މިކަން މިމަގުން ކުރުމުން މީގެ ނޭދެވޭ އަސަރު ނުކުރާނެ ދިމާލެއް ފަހުންނުހުންނާނެ!
އެމްސް
18 December 2025
ބިދޭސީންނީ މިޤައުމަށް ބަލަދު އަރާނެ ބަޔެއް ނޫނެވެ! ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ ޤައުމު އެބައޮތެވެ!