ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. ކޮމެޓީން ނިންމީ ޕޭ ކޮމިޝަންގެ ނައިބު ރައީސަށް 12،000ރ. އަދި މެމްބަރުންނަށް 10،000ރ. ދިނުމަށް. - ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އެޕްރީލް 2017 - 22:49
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ ހަތަރު މެންބަރުންނަށް މަހު މުސާރައިގެ ގޮތުގައި 42،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ކަނޑައެޅި 42،000ރ.ގެ ތެރެއިން ކޮމިޝަންގެ ނައިބު ރައީސަށް ލިބޭނީ 12،000ރ. ގެ މުސާރައެކެވެ. ކޮމިޝަންގެ އަނެއް ތިން މެމްބަރުންނަށް ކަނޑައެޅީ 10،000ރ.ގެ މުސާރައެކެވެ. ކޮމިޝަންގެ ރައީސްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ހުންނަވާ އިރު، އެ މަގާމަށް މުސާރައެއް ކަނޑައެއް ނާޅަ އެވެ. ކޮމެޓީން އެ ގޮތަށް ފާސް ކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޕޭ ކޮމިޝަނުގެ މެމްބަރުންނަށް މުސާރައިގެ އިތުރުން އެކިއެކި ގާނޫނުތަކުގެ ދަށުން ލިބޭ އިނާޔަތްތައް ފިޔަވައި އިތުރު އިނާޔަތެއް ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
ކޮމެޓީން މި ގޮތަށް ކަނޑައެޅި ނަމަވެސް، މާލިއްޔަތު ކޮމެޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހަޅައި ފާސް ކުރަން ޖެހޭނެ އެވެ. އެގޮތުން ކޮމެޓީގެ ރިޕޯޓު މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިނިސްޓަރު މުނައްވަރުގެ އިތުރުން ކޮމެޓީގައި ތިއްބަވަނީ އެ އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުހައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިއުމަން ރިސޯސް ޑިވިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ލުބްނާ އަބްދުލްގާދިރާއި، ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ އެވެ.
ޕޭ ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅައި، މުސާރައިގެ ކުރިއެރުން ދީ، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާ އިން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދެ އެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމެޓީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސްވެރިންނާއި އޮޑިވެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ފިޝަރީޒް މިނިސްޓްރީން މަސްވެރިންނަށް ދޫކުރި ދޯނިތަކަށްވާ ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ލުޔެއް ހޯދައި ދިނުމަށް ނިންމައިފަ އެވެ.
ދިގު މުއްދަތަކަށް ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުން މަސްވެރިންނަށް ދިން ދޯނިތަކަށްވާ ފައިސާ ނުލިބިވާކަން ފިޝަރީޒް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ހުށަހަޅުއްވައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ތާއީދު ކުރެއްވީ އެ މައްސަލަ ބަލައި ލުއި ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެ މައްސަލަ ދިރާސާކޮށް ނިންމުމަށް ސަބް ކޮމެޓީއަކަށް ފޮނުވާފައިވާއިރު، އެ ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ރިޔާޒެވެ.
މަސްވެރިންނާއި އޮޑިވެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ސާޙީހެއްހާ ދޯނި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އިރު އެ ދޯނިތަކުން ދައުލަތަށް 28 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
12 April 2017
ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ގެ މަޤާމަކީ ޤާނޫނު އަސާސީގައި ކަޑައަޅާފައިވާ މަޤާމެއް. އެހެން ކަމުން އެ މަ ޤާމް ގައި ހުންނަވާ މީހަކަށް ދައުލަތުން ޑަބަލް މުސާރަ އެއް ނުނެންގެވޭނެ. . . . ކޮންމެ ވެސް ވަރަކަށް ޤާނޫނަށް ތަބާވާން ދަސްކުރަން ވެއެއްޖެ. ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުގައި ކަޑައެޅިގެން މިވެނިކަމަކީ ''މަނާ ކަމެއް'' ކަމަށް ލިޔެފައި ނެތް ކަމުގައި ވިޔަސް އެކަމަކާއި ނުވަތަ އެފަދަ ކަމަކާއި ގުޅޭފަދަ އެހެން ކަންކަމަށް ހަދާފައިވާ ޤާނޫނު ތަކަށާއި ޤަވާއިދުތަކަށް ރިޔާއަތް ކުރާނަމަ މިފަދަ ގޯސް ނެހެދޭނެ. . . . އަމިއްލަ ވިސްނުން ވިސްނާ ތިމާގެ ބުއްދީގެ ބޭނުން ނުކޮށް ''މީހަކު ބުނާ ގޮތަކަށް'' ކަންކަން ނިންމާނަމަ މުޅިންވެސް ހެދޭނީ ގޯސް. ދެންވެސް ހަދާނީ ގޯސް. ފަހުންވެސް ގޯހެއްނޫނީ ނެހެދޭނެ.
ފޫހި
12 April 2017
އަދިވެސް މިމީހުންގެ މުސާރަތަ ތިޔަ ކަނޑައެޅީ. ކިހާދެރަކަމެއް. މި މަޖިލީހަކީ ރައްޔިތުންގެ ހައްޤަށް އިސްކަންދޭތަނެއްނޫން.
ހަބޭސް
12 April 2017
މިނިސްޓަރަށް މުސާރާދޭކަށް ނުޖެހޭ ؟ ދެންއެތިބީ ވަޒީފާނެތްމީހުންތަ ؟
ގައުމު
12 April 2017
ދެން ތި ނިމުނީނު. ކޮމިޝަން މެންބަރުންނަށް ހެޔޮވާނެ ދެންތިބި މީހުންނަށް ބައި ރުފިޔާއެއް މުސާރައަަށް ލިބުނަސް
ނާރެސް
12 April 2017
ދައުލަތުގެ މަތީ މުސާރަތައް ލިބޭ މީހުން ހިމެނޭ ކޮމިޝަނަކަށް އެ މީހުންނަށް މިހާރުވެސް ދައުލަތުން ދެމުންދާ މުސާރައިގެ އިތުރުން މިހާ ބޮޑު މުސާރައެއް ދިނުމަށް އެއްގޮތަކަށްވެސް ނުފެނެއެވެ. ބައިވެރިވާ ބައްދަލުވުމަކަށް ކޮންމެވެސް ވަރެއްގެ އެލަވަންސް ދިނުން އެންމެ ރަގަޅެވެ. ހަގީގަތުގެ ކޮމިޝަނުގެ މަސައްކަތްވެސް މިކުރަނީ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައެވެ. ވީމާ، މިހާ ބޮޑު މުސާރައެއް ދިނުމަކީ އެއްގޮތަކަށްވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މަޖިލީހުގެ ތަޅުމުގައި މެމްބަރުން މިކަމާ ފުންކޮށް ވިސްނާފަ ވޯޓް ދެއްވާނެކަމަށް އުއްމީދު ކުރަމެވެ.
ނިޒާމް
12 April 2017
ތިވަރު ނަގައިގެންވެސް ކަމެއްކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅު.
ކޮމިޝަން
12 April 2017
ޕޭކޮމިޝަނަށް ކަމެއް ކުރެވޭ ވަރުވާނީ އަދި ހާދަ ދުވަހަކުންނޭ، 2018 ރިޔާސީ އިންތިހާބަށް ވާއިރަށް ވާ ވަރު ވާނީ، މިވެސް ވަރަށް ވާހަކަ
ޙަސަން
11 April 2017
ސިވިލް ސަރވިސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ ނަމަކީ މުޙައްމަދު ފައިސަލްއެއް ނޫން. އޭނާގެ ނަމަކީ މުޙައްމަދު ފައިޟަލް (ފައިޒަލް).
ނިކަމެތި ސޮރު
11 April 2017
ނިކަމެތިންނަކަށް ގޮތެއްނެއްދޯ