ބްލޮގަރު ޔާމީން ރަޝީދު: ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރާލައިފަ
23 އެޕްރީލް 2017 - 14:04
މަރުގެ ބޮޑެތި މައްސަލަތައް މިނިވަންކަމާ އެކު ބެލުމުގައި ދިވެހި ފުލުހުން ގާބިލް ނޫން ކަމަށާއި، އެހެންވެ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގުގައި ބޭރުގެ ފަރާތްތައް ވެސް ބައިވެރިކުރަން އެމްޑީޕީން މިއަދު ގޮވާލައިފި އެވެ. އަދި އެ ތަހުގީގު ދެ ފުށް ފެންނަ ގޮތަކަށް މިނިވަންކަމާ އެކު ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށްދޭން ވެސް އެ ޕާޓީން ވަނީ އެދިފަ އެވެ.
މަޝްހޫރު ބްލޮގަރު ސ. ފޭދޫ ޗަނބޭލީގޭ ޔާމީން، 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިން ރޭ ދަންވަރު އެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަނީ ވަޅި ހަރައިފަ އެވެ.
ޔާމީން މަރާލުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ އެފަދަ ބޮޑެތި މައްސަލަތައް މިނިވަންކަމާ އެކު ތަހުގީގުކުރުމުގެ ގާބިލްކަމެއް ފުލުހުންގެ ކިބައިގައި ނެތް ކަމަށާއި އެހެންކަމުން އެ މައްސަލަ، ބޭރުގެ ފަރާތްތައް ވެސް ބައިވެރިކޮށްގެން ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
ޔާމީނަށް ދިން ހަމަލާ، ސިޔާސީ ބޭފުޅުންނަށް މީގެ ކުރިން ދިން ހަމަލާތަކާ އެއްގޮތްތަކެއް ހުރިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަލީ ވެސް އަވަހާރަކޮށްލާފައި ވަނީ ގޭގެ ސިޑިގޮޅި ތެރޭގައި ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.
މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން މަރާލީ އެތައް އިންޒާރެއް ދިނުމަށްފަހުގަ އެވެ.
ވަރަށް ގިނަ ދުވަހު އިންޑިއާގައި ދިރިއުޅެ، މަތީ ތައުލީމް ހާސިލްކޮށްފައިވާ ޔާމީން އަންނަނީ "ދަ ޑެއިލީ ޕެނިކް"ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުންނެވެ. ރާއްޖޭގެ ސިޔާސީ އަދި ދީނީ ހަރުކަށި ކަމާ ބެހޭ ގޮތުން ވެސް އޭނާ ފާޑު ކިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ
24 April 2017
ދިވެހި ފުލުހުންގެ ގާބިލުކަން ނުހުންނަންވީ އެއްވެސް ސަބަބެއް ނެތެވެ. ޓްރޭނިން ކުރަނީ ޔޫއެސްއޭ އޮސްޓްރަލިއާ އިންގްލޭންޑް ޕާކިސްތާން އިންޑިއާ އަދި ތައިލޭންޑް ސްރީލަންކާ ފަދަ އެކިއެކި ގައުމުތަކުންނެވެ. މާނައީ ދުނިޔޭގެ ހުރިހާ ފެންވަރެއްގެ ތަޖްރިބާ ލިބިފައިވާނެއެވެ. މައްސަލައަކީ ގާބިލިކަމެއް ނޫނެވެ. އެހެންކަމެކެވެ. އެއީ މިގައުމުގެ ބައްޔެވެ. ބޮޑުބައްޔެވެ. ގައުމަށްޖެހިފައިވާ ކެންސަރެވެ. އެ ކެންސަރުގެ ސަބަބުން މިނިވަން ތަހްގީގެއް ނުކުރެވެއެވެ. ކުރަން މަސައކަތް ކޮށްފިމީހަކުގެ ދުވަސްދަނީއެވެ. އެހެންވެ އެކަކުވެސް އަމިއްލައަށް ހަލާކުވާން ބޭނުން ނުވަނީއެވެ. އަދި އެކަކު ދެމީހަކު އެފަދަ ކަމެއް ކުރިއަސް ނަތީޖާއެއް ނުނެރެވެއެވެ.
ވާގް
23 April 2017
ކޮބާ ފުލުހުންގެ އަޕްޑޭޓް. ނޯ ނިއުސް ބްރީފް. މެންބަރެއް ގަޔަށް އެމްޑީޕީ ކުލަ ޖެހޭ ހިސާބުން 5 މިނެޓުން ނިއުސް ބްރޭކް ފުލުހުންނަށް ގެންނަން އެގޭ
ނުރަބޯ
23 April 2017
ކޮންމެހެން މިތާކަށް ބޭރުގެ ނުފޫޒު ފޯރުކުރާކަށް އުޅޭނެކަމެއްނެތް....!!!