ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް: އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ދިން މީހުންގެ ވާހަކަތަކުގައި ފުރުއެރުންތަކެއް ހުރި. -- ފޮޓޯ: މިހާރު
26 އެޕްރީލް 2017 - 22:57
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު އޮތީ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމެވެ. ހެކިވެރިން ދެއްކި ވާހަކަތަކަށް ބަލާއިރު އެކި މީހުން ދެއްކި ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ ރިޔާޒަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގެ މިއަދުގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ހަތަރު ފުލުހެއްގެ ހެކިބަސް ނެގި އެވެ.
ރިޔާޒް މަގުމަތިން ހިފަހައްޓައި، އޭނާ އަތުން ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހަކާއި ތަހުގީގު ޓީމުގައި ބައިވެރިވި ދެ ފުލުހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނެގި އެވެ. ޚާއްސަކޮށް، ތަހުގީގު ޓީމުގައި ބައިވެރިވި ދެ ފުލުހުންގެ ހެކިބަސް ކޮންމެވެސް ވަރަކަށް ތަފާތެވެ.
ތަހުގީގު ޓީމުގައި ހަރަކާތްތެރިވި ދެ ފުލުހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނި ގޮތުގައި ފޯނު އަތުލި ރޭ ފުލުހުންގެ މައި މަރުކަޒުން އެ މީހުންނަށް އެ ފޯނު ލިބުނުއިރު ފޯނު އޮތީ ނިއްވާލައިފަ އެވެ. އެކަމަކު އެ ޓީމުގައި ބައިވެރިވި އަނެއް ފުލުސް މީހާ ހެކިބަސް ދެމުން ބުނީ ފޯނު ލިބުނުއިރު ވެސް އޮތީ ނިއްވާނުލާ ކަމަށެވެ. އޭރު ވެސް އެ ފޯނަށް އެކި މީހުން ގުޅަމުން ދިޔަ ކަމަށް ދެވަނަ ފުލުސް މީހާ ބުންޏެވެ.
ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހުން ވެސް ހެކިބަސް ދެމުން ބުނީ މަގުމަތިން ރިޔާޒް ހިފަހައްޓައި، ފޯނު އަތުލުމަށް ފަހު ވެސް އެ ފޯނު އޮތީ ނުނިއްވާ ކަމަށެވެ. އެ ފޯނު ހިފައިގެން ރިޔާޒާ އެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގޮސް އެތަނުން ރިޔާޒް ކުރިމަތީގައި އެވިޑެންސް ބޭގަކަށް އެ ފޯނު ލައިގެން ފުލުހުންގެ މައި މަރުކަޒަށް ގެންދިޔައިރު ވެސް ފޯނު އޮތީ ނިއްވާނުލާ ކަމަށާއި އޭރު ވެސް އެ ފޯނަށް އެކި މީހުން ގުޅަމުން ދިޔަ ކަމަށް އެ ދެ ފުލުހުން ވެސް ހެކިބަސް ދެމުން ބުންޏެވެ.
ތަހުގީގު ޓީމުގެ ފުލުހުންގެ ތެރެއިން ފުރަތަމަ ހެކިބަސް ދިން ފުލުސް މީހާ ބުނި ގޮތުގައި ފޯނު ހުޅުވަން ކޯޓު އަމުރުގައި އަންގާފައި ނެތް ކަމަށް ވިދާޅުވެ، ފޯނު ހުޅުވަން ރިޔާޒް އިންކާރު ކުރެއްވުމުން އެކަން ގާނޫނީ ކުށަކަށް ވެދާނެ ކަމާއި ފޯނު ހުޅުވަން ލާޒިމްވާނެކަން އެރޭ ރިޔާޒަށް އެންގި އެވެ. އެކަމަކު އެ ޓީމުގެ ދެވަނަ ފުލުސް މީހާ ބުނި ގޮތުގައި އެފަދަ އެންގުމެއް ރިޔާޒަށް އަންގާފައެއް ނުވާނެ އެވެ.
ދެވަނަ ފުުލުސް މީހާ އެގޮތަށް ބުނިއިރު، އޭނާ ތަހުގީގަށް ދިން ބަޔާނުގައި ވެސް ރިޔާޒަށް އެކަން އެންގި ކަމަށް ބުނެފައި އޮތެވެ. އެ ބަޔާނުގައި އެގޮތަށް އޮތުމުން ދިފާއީ ވަކީލުންނާއި ފަނޑިޔާރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ބުނީ އެ ބަޔާނުގައި އެގޮތަށް އޮތަސް އެއީ ދޮގެއް ކަމަށާއި އެގޮތަށް ރިޔާޒަށް އަންގާފައި ނުވާނެ ކަމަށެވެ.
ކޯޓު އަމުރުގައި، ފޯނު ހުޅުވައިދޭން ރިޔާޒަށް އަންގާފައި ނެތް ކަމަށް ވިދާޅުވެ، ފޯނު ހުޅުވަން ރިޔާޒް ދެކޮޅު ހެއްދެވުމުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްކޮށް އިތުރު ކޯޓު އަމުރެއް ހޯދަން މަސައްކަތް ކުރި ކަމަށް ތަހުގީގު ޓީމުގެ ފުރަތަމަ ފުލުސް މީހާ ބުންޏެވެ. އެކަމަކު އެ އަމުރު އޮތް ގޮތުން ފޯނު ހުޅުވަން ރިޔާޒަށް ލާޒިމްވާނެ ކަމަށް ކޯޓުން ފުލުހުންނަށް އެންގި ކަމަށާއި އެހެންވެ ޖެހިގެން އައި ދުވަހު ރިޔާޒް ހާޒިރުކޮށް އެ ވާހަކަ ބުނުމުން އެ ފޯނު ހުޅުވަން ތިން ކޯޑެއް ރިޔާޒް ދެއްވި ނަމަވެސް އެއިން އެއްވެސް ފަހަރަކު ފޯނު ނުހުޅުވުނު ކަމަށް އޭނާ ބުންޏެވެ.
ފޯނުގެ ލޮކް ކޯޑް ހަނދާންވެއްޖެ ނަމަ އޭނާ އަށް ފަހުން ގުޅުމަށް ރިޔާޒަށް ދެންނެވި ކަމަށާއި އެކަމަކު ރިޔާޒް އޭގެ ފަހުން ނުގުޅުއްވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އެ ފުލުސް މީހާގެ ހެކިބަހާ ތަފާތުކޮށް، ތަހުގީގު ޓީމުގެ ދެވަނަ ފުލުސް މީހާ ބުނިގޮތުގައި ފޯނު ހުޅުވަން ރިޔާޒް ދެކޮޅު ހެއްދެވުމުން އިތުރު ކޯޓު އަމުރެއް ހޯދަން ފުލުހުން މަސައްކަތް ކުރިކަން އޭނާއަކަށް ނޭނގެ އެވެ. އެކަމަކު އެ ޓީމުގެ ފުރަތަމަ ފުލުސް މީހާ ވެސް ބުނި ގޮތަށް އޭނާ ވެސް ބުނީ ފޯނު ހުޅުވަން ތިން ކޯޑެއް ރިޔާޒް ދެއްވި ކަމަށާއި އެއިން އެއްވެސް ފަހަރަކު ފޯނު ނުހުޅުވުނު ކަމަށެވެ.
ރިޔާޒް އަތުން ފޯނު އަތުލުމުގައި ހަރަކާތްތެރިވި ދެ ފުލުހުން ވެސް ބުނި ގޮތުގައި ކޯޓު އަމުރު ދައްކައި، ފޯނު ދޭން އެންގުމުން ރިޔާޒް އެ ފޯނު ޖީބަށް ލެއްވީ އެވެ. ރިޔާޒްގެ ޖީބުން ފޯނު ނެގީ އޭގެ ތެރެއިން ފުލުހެއް ކަމަށާއި ފޯނު އަތުލުމުން އިތުރަށް އެކަމަށް ރިޔާޒް ދެކޮޅު ނުހައްދަވާ ކަމަށް އެ ދެ ފުލުހުން ބުންޏެވެ. ފޯނު އަތުލުމަށް ފަހު ގަލޮޅު ޕޮލިސް ސްޓޭޝަނާ ހަމައަށް އެ ފޯނު ގެންދިޔައީ ރިޔާޒަށް ފޯނު ފެންނަ ގޮތަށް އޭގެ ތެރެއިން އެއް ފުލުހެއްގެ އަތުގައި ބާއްވައިގެން ކަމަށް އެ ދެ ފުލުހުން ވެސް ހެކިބަސް ދިނެވެ.
މިރޭ ވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ވެސް ނަގައި، ނިންމާލައިފަ އެވެ. ދެން އޮންނާނީ ރިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންނާއި ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ ފަރާތްތަކުގެ ހެކިބަސް ނެގުން ކަމަށް އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.
ކުރިން ގާޒީ އަހުމަދު ޝަކީލް އެކަނި ބެއްލެވި އެ މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ ގާޒީ ޝަކީލާއި ގާޒީ އާދަމް އާރިފް އަދި ގާޒީ އަލީ އާދަމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
ކުއްލި ގޮތަކަށް އައި އެ ބަދަލާ ގުޅޭ ގޮތުން މިއަދުގެ ޝަރީއަތުގައި ރިޔާޒް ސުވާލު ކުރެއްވުމުން، ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ ޝަކީލް ވިދާޅުވީ އެއީ ކޯޓުގެ އިދާރީ ހިންގުމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ވެސް މައްސަލައިގެ ބާވަތަށް ބަލައި، އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިބެގެން ދަށު ކޯޓެއްގައި މައްސަލަ ބެލިދާނެ އެވެ.
މިއަދު ހަވީރުން ފެށިގެން މިރޭ ވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާތީ ހަލުވި ސްޕީޑެއްގައި ޝަރީއަތް ހިނގާ ކަމަށް ބުނެ އެކަމާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދި އެވެ. ޖަވާބުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ އަވަސް އަރުވާލައިގެން ނިންމަން ކޯޓުން ނޫޅޭ ކަމަށާއި އަޑުއެހުންތައް ކުރިއަށް ގެންދަނީ ރިޔާޒްގެ ވަކީލުންނަށް ވެސް ބޭނުންވާ މިންވަރަށް ފުރުސަތު ދެމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޮލ
27 April 2017
ފޯނު ހުޅުވަިފއޭވެސް ބުނި.އަދިވެސް ނުހުޅުވާތަ؟
އާހަމަ
27 April 2017
ޤާނޫނަކުން ރައްޔިތުންނަށް ދޭ ހިމާޔަތަކަށްވުރެ ބިރުވެރިކަން ބޮޑުވާނަމަ، ޤާނޫނެއް އޮތުމަށްވުރެ ރަގަޅީ ނެތުމެވެ. ޖަންގަލީގަ އޮންނަގޮތަށް ބޮޑުއެތި ކުޑައެތި ކާލާ ގޮތަށް އޮތުން ރަގަޅުކަމަށް މީހުންނަށް ހީކުރެވެން ފަށައިފިއެވެ.
ބޯވަ
27 April 2017
މި ވަރުންވެސް ބޭނުން ހުކުމެއް އިއްވާލަފާނެވެ. މިކަހަލަ ދެކޮޅު ނުޖެހުން ތައް ހުއްޓާވެސް އަންގަވާފައިވާ ހުކުމް ނެރުމަށް ޝަރީއަތްތައް ސިއްުރުކުރާ ކަމަށް ފެނެެއެވެ.
ވޭން
27 April 2017
ހުޅުވާލެވިފައިވާ ޝަރީއަތެއްގެ ބޭނުމަކީ މިއެވެ. ޝަރީއަތަށް ޝައުގުވެރިވާ މީހުންގެ ޝަރީއަތުގެ މަޖިލީހުގައި ކަންހިނގިގޮތް ސާފުވެމެވެ. އިންސާފުވެރި ހުކުމެއްކަން ދެނެގަންނަށް ފަސޭހަވުމެވެ. މިގޮތަށް ހެކިން ބަހުގައި ފުށުއެރުންތައް ހުރެ ތަހުގީގު ބަޔާންތައް ދިމާނުވެ ހުއްޓާވެސް ހުކުމެއް ޖަހާލުމަށް ފަސޭހަށް ޝަރީއަތްތައް ސިއްރުކުރަމުން ދާކަމީ ނުހަނު ހިތާމަ ހުރިކަމެކެވެ. ގާނޫނު އަސާސީގައި ހުޅުވާލެވިފައިވާ ޝަރީއަތެއްގެ ވާހަކަ ލިޔުމުގެ ބޭނުން ކަނޑާ ނުލާށެވެ.
ކީއްވެތޭ
27 April 2017
ރިޔާޒު ފޯން ހުޅުވާ ނުދޭން އުޅެނީ އެއީ ކިއެއްވެގެން ތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލަކީ. ތީ ވަރަށް ބޮޑު މައްސަލަ އެކެވެ. ފުލުހުން ބޭނުންނަމަ ޔޫރިން ވެސް ދޭން ޖެހޭނެ ޓެސްޓް ކުރަން ދެން ފޯން ނުދެވެންވީ އަދި ފޯން ގެ ޕިން ނަންބަރު ނުދެވެންވީ ސަބަބަކީ ކޮބައިތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލަކީ.
ޚިޔާލް123
27 April 2017
ފޯނާ، އަހަރުމެންގެ ދަރިންނާ، އަބިންން މިއީ ދައުލަތުގެ މުދާގަނޑެއްނޫނެވެ، އެހެންވީމާ ބޭނުންވައިކަމެއް ބޭނުންވައި ގޮތަކަށް ނުކުރެވޭނެއެވެ، މިހާރުދެން މިކަންވެސް އަތަށް ގޮވީމައިކޮންހައި އަނގައެއް ތަޅައިކައްހެއްޔެވެ.
ކުރެވެނީއޭ
27 April 2017
ރިޔާޒާ ދެކޮޅަށް ހުށަހެޅި ހެކިންގެ ބަހުގައި ފުށުއެރުންތަކެއް ހުރި ނަމަވެސް އެއީ ރިޔާޒުގެ ވަކީލުންގެ ޒިންމާ އެއް ރިޔާޒުގެ ދިފާއުގައި ލީގަލް އެޑްވައިސް ދިނުމާއި މިފަދަ ކަންކަން ކުރުމަކީ. ރިޔާޒު މިހާރުވެސް ބުނެލަންވީ ފޯން އަންލޮކް ކޮށްދޭނަމޭ. އެނިމުނީ އެއް ނޫން. ފޯން އަންލޮކް ނުކޮށްދޭން ރިޔާޒު ތިޔާ އުޅުއްވަނީ އޭގައި ކޮންމެވެސް މައްސަލަ ތަކެއް ހުރުމުން ކަން އެއީ މަމެން ޝައްކު ކުރާ ކަމެކެވެ.
ސަނާ
27 April 2017
ނުޖެހޭ ފޯން އަންލޮކް ކޮށްދޭކަށް! މިހަކު ކުށެއްނުކުރަނީސް އެމީހެއްގެ ޒާތީކަންކަމައް އަރައެއްނުގަވޭނެ!!!
ޤައުމު
27 April 2017
މިކަންކަމާ ހެދި ދޯ ޝަރީއަތްތައް ސިއްރުކުރަންޖެހެނީ!
އެކްސްޕޮލިސް
27 April 2017
ފޯން އެކަކު އަތުން އަނެކަކު އަތަށް ދާނީ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ވެގެން. އެހެންކަމުން ފޯނު ނިވިފައި އޮތްކަމަށް ބުނާ ފުލުސް އޮފިސަރު އެއީ އެންމެ ފަހުން ފޯނުގެ ކަސްޓަޑީ ލިބުނު އޮފިސަރު ނަމަ، އޭނަ އަތަށް ފޯނު ލިބިފައި އޮތްއިރު ނިވިފައި އޮތުން މައްސަލަ އެއް ނޫން. (ބެޓްރި ހުލިވުން ފަދަ ކަމަކުން ނިވިދާނެ) އެކަމަކު އޭނަ ނިވިފައި އޮތްކަމަށް ބުނެފައި، އެއަށްފަހު ކަސްޓަޑީ ލިބުނު އޮފިސަރު ނުނިވި އޮތްކަމަށް ބުނާނަމަ އެއީ ފުށުއެރުމެއް.... ޤާނޫނީ އިންޒާރު ދިނުމުގައި ދެގޮތައް ބުނާ ބުނުމުގައި މައްސަލަ އެބަ އުޅޭ. ކޮންމެވެސް އެކަކު ދޮގު އެބަ ހަދާ.
ޕްރިންސެސް
27 April 2017
ކުރުކޮށްފޮނިކޮށް....މި ސަރުކާރުގެ ހަޤީޤަތް..... މިނިވަން ކަމާއެކު އުޅެންބޭނުންނަމަ ސަނާ ކިޔަންވީ ނޫނީ ޖަލު.... ވވ ސާފް
ޒިންދަގީ
27 April 2017
ހަމަޔަގީނުންވެސް ތިޔަ މަޖިލީހުގައި ކޮންމެސްއެކަކު އެބަ ދޮގުހެކިދޭ.. އެކަމުގެހުރި ނުބައިކަން ނޭގެނީބާ!!