ރިޔާޒް: އޭނާއަށް ދައުވާކުރަނީ ފޯނެއް ހުޅުވަން ފުލުހުން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ --ފޮޓޯ/މިހާރު
27 އެޕްރީލް 2017 - 21:26
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ފުލުހުންގެ ތަހުގީގެއްގައި ހިފަހައްޓާފައި ވަނިކޮށް އެ ފޯނު ނިއްވާލީ ރިޔާޒް އަމިއްލަ އަށް ކަން އެނގިފައިވާ ކަމަށް ފުލުހަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރިޔާޒަށް ދައުވާކުރަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަދޭން ފުލުހުން އެދުމުން އެކަން ނުކުރި ކަމަށް ބުނެއެވެ. ރޭ ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން ބައެއް ފުލުހުންގެ ހެކިބަސް ކޮންމެވެސް ވަރަކަށް ފުށުއަރައި، އެ ފޯނު ލިބުނުއިރު ފޯނު ނިވާލާފައި އޮތް ކަމަށް ބައެއް ފުލުހުން ބުނިއިރު އަނެއް ބައި ފުލުހުން ބުނެފައިވަނީ ފޯނު ލިބުނުއިރު އޮތީ ނުނިއްވާ ކަމަށެވެ.
ކޯޓުގެ އިސް ނެގުމުގައި ހާޒިރުކުރި އެއް ފުލުހަކު ބުނި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮއްވާ "ފްލައިޓް މޯޑަށް" އެ ފޯނު ލުމަށް ރިޔާޒްގެ އަތަށް ފޯނު ދިނުމުން އެ ފޯނު ރިޔާޒް އަމިއްލަ އަށް ނިވާލެއްވީ ކަން ތަހުގީގު ޓީމުގެ އެހެން ފުލުހެއްގެ ފަރާތުން އެނގުނެވެ. އެކަމަކު ފޯނު ނިވާލި މަންޒަރު އޭނާ އަށް ނުފެންނަ ކަމަށާއި އޭނާއަކީ ހަމައެކަނި ރިޔާޒްގެ ބަޔާނެއް ނެގުމުގައި ބައިވެރިވި މީހެއް ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އެ ފުލުސް މީހާއަކީ ފޯނު ހުޅުވަން ރިޔާޒަށް އެންގުމުން އެކަން އޭނާ ނުކުރެއްވި ކަމަށް ބުނެ ފުލުހުންނަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ރިޔާޒްގެ ބަޔާން ނެގި މީހާ އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތަށް ދީ އުޅެންތޯ ރިޔާޒްގެ ވަކީލުން ސުވާލު ކުރުމުން، އޭނާ ބުނީ ބައެއް ހާލަތްތަކުގައި ފޯނު ފަދަ ތަކެތި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތަށް ދޭ ކަމަށެވެ. އެކަމަކު އެކަން ކުރަނީ ފުލުހުންގެ ކުރިމަތީގައި ފޯނު ހުޅުވުން ފަދަ ކަންކަން ކުރަން ކަމަށް އޭނާ ބުންޏެވެ.
ރިޔާޒްގެ ފޯނުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އަޕްޑޭޓްކުރާ މީހާ ދިފާއީ ހެއްކެއްގެ ގޮތުގައި ރިޔާޒްގެ ފަރާތުން ހުށަހެޅުމުން އޭނާ ހެކިބަސް ކޯޓުން މިއަދު ވަނީ ނަގައިފަ އެވެ. ރިޔާޒަށް ބޮޑުބޭބެ ކިޔާ އަމީރު ޝާހު ބުނިގޮތުގައި ރިޔާޒްގެ ފޯނުގެ ލޮކް ކޯޑަކީ އޭނާ ގެންގުޅޭ ކޯޑްތަކެކެވެ. ސަބަބަކީ އެ ފޯނަކީ ނިއްވާލާނެ ފޯނެއް ނޫން ކަމަށް ރިޔާޒް ވިދާޅުވެފައިވާތީ ކަމަށާއި ފޯނު ނިއްވާ ނުލައި އޮންނައިރު ފޯނު ހުޅުވަން ރިޔާޒް ބޭނުން ކުރާނީ ފިންގަޕްރިންޓް ކަމަށް ޝާހު ބުންޏެވެ.
ރިޔާޒްގެ ފޯނު ފުލުހުން އަތުލިއިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ރާއްޖެ އައުމަށް ރިޔާޒް އެންގެވުމުން އޭނާ ރާއްޖެ އައީ ކަމަށް ޝާހު ބުންޏެވެ. އޭނާ ރާއްޖެ އައުމުން، ފޯނުގެ ލޮކް ކޯޑް ބޭނުން ކޮށްގެން ފޯނު ނުހުޅުވުނު ކަމަށް ރިޔާޒް ވިދާޅުވި ކަމަށާއި އެހެންވެ، އިތުރު ފަސް ކޯޑެއް އޭނާ ރިޔާޒަށް ދިން ކަމަށް ޝާހު ބުންޏެވެ.
ރިޔާޒްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރޭގައި ހިމެނޭ، އެ މައްސަލައިގެ ތަހުގީގު ޓީމުގެ ފުލުހަކު ހެކިބަސް ދޭން ހާޒިރު ކުރުމުން އޭނާ ވަނީ ހެކިބަސް ދޭން ދެކޮޅު ހަދައިފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ރިޔާޒަށް ތުހުމަތު ކުރެވުނު އަސްލު މައްސަލަ ބެލުމުގެ އިސް މީހާއަކީ އޭނާ ކަމަށްވެފައި، މިހާރު ކޯޓުގައި ހިނގާ މައްސަލައަކީ އޭނާ އަށް އެއްބާރުލުން ދީ، ފޯނު ހުޅުވައި ނުދިނުމުން ކުރާ ދައުވާއެއް ކަމަށްވާތީ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
ހެކިބަސް ދޭން އެ ފުލުސް މީހާ އިންކާރު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އޭނާގެ ނުރުހުމުގައި ހެކިބަސް ނެގުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހެކިބަސް ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށްވިޔަސް ބައެއް ހާލަތްތަކުގައި ހެކިބަސް ނުދިނުމަކީ ހެކިވެރިޔާ އަށް ކުރެވިދާނެ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
ފޯނު ހުޅުވައި ނުދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމުގައި ހަރަކާތްތެރިވި އެހެން ފުލުހަކު ހެކިބަސް ދެމުން ބުނީ އެ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން ރިޔާޒަށް ލިބިގެންވާ ހައްގުތައް އޭނާ އަށް ބަޔާންކޮށް ދިން ކަމަށެވެ. އެ ފުލުސް މީހާއަކީ ވެސް ކޯޓުގެ އިސް ނެގުމުގައި ހާޒިރުކުރި ފަރާތެކެވެ.
މިރޭގެ އަޑުއެހުން ކުރިއަށް ގެންދަނިކޮށް، ތަހުގީގުގެ މުހިންމު ލިޔުމެއް ރިޔާޒްގެ ވަކީލުންނަށް ނުލިބި އޮތް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ރިޔާޒްގެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް (ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ތަކެތި ނަގުލުވަމުން ދިޔަ ގޮތް ބަޔާންކުރާ ރިޕޯޓް) އާއި ރިޔާޒްގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓް ރިޔާޒްގެ ވަކީލުންނަށް އޮތީ ނުލިބި އެވެ. އެކަން މިރޭ ހާމަވުމާ އެކު ވަކީލުން އެ މައްސަލަ ނަގައި، ކަންބޮޑުވުން ފާޅުކުރި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ލިޔުންތައް ދޫކުރުމުގައި ކޯޓުން އަދާކުރަނީ މެދުވެރިއެއްގެ ރޯލެއް ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާލިބޭ ފަރާތަށް ދޭން ބޭނުންވާ ލިޔުންތައް ކޯޓުން ދޫކުރާނެ ކަމަށެވެ. އެކަމުގައި ކޯޓުން ޒިންމާ އުފުލަންޖެހޭނެ ކަމެއް ނެތް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
ހެކި ހުށަހެޅި އަޑުއެހުމުގައި، އެ ދެ ލިޔުން ހުށަހެޅި ވާހަކަ ދައުލަތުން ބުނި ކަމަށާއި އެކަން ދިފާއީ ވަކީލުންނަށް ފާހަގަ ނުވިޔަސް އެކަން ރެކޯޑްތަކުން އެނގޭ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އެހެންވީއިރު އެ ލިޔުން ނެތް ވާހަކަ ކުރިން ދިފާއީ ވަކީލުން ފާހަގަ ނުކުރައްވާ އޮތުމުން އެކަމާ މެދު ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ރިޔާޒްގެ ވަކީލުން ބުނީ އެ ލިޔުމުގެ ވާހަކަ އޭރު ފާހަގަވެފައި ކަމަށެވެ.
ދައުލަތުން ބުނީ އެކަން ދިމާވީ ނަމްބަރު ތަރުތީބު ކުރުމުގައި ދިމާވި އޮޅުމަކުން ކަމަށެވެ.
ގާޒީ އަހުމަދު ޝަކީލާއި ގާޒީ އާދަމް އާރިފާއި ގާޒީ އަލީ އާދަމް ބައްލަވާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ވެސް ބާއްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
04 May 2017
ފޯނު ނިއްވާ ނުލަން ޕޮލިހުން އެދުނުތަ؟ ކޯޓކުންވެސް އަމުރެއް ނުކުރޭ ފޯނު ހަވާލު ކުރަންވާނީ ނިއްވާ ނުލާ ކަމަކަށް. ދެންވާނީ ކިހިނެއ؟
އީދުކަޅުބެ
28 April 2017
ކޯޓުންވެސް މައްސަލަތަކުގައި ހެކި ހުށަހަޅާތޯއެވެ! އެހެންވެއްޖެއްޔާ ހޯދޭނެ އިންސާފެއް ނޯންނާނެއެވެ.
ގަމީދޫނި
28 April 2017
ޕޮލިހުން ހާދަހާ ތެދުވެރިޔޭ މިވަރު ކަމެއްވެސް އިންސާފު ނުހޯދާ ދޫނުކުރޭދޯ އަދި ކޮބާ މަރުގެ ކަންތައްތައް ކިހާވަރަކައްބަލާނެ.
ޒިންދަގީ
28 April 2017
އަމިއްލަފޯނު އަމިއްލައަށް ނިއްވާލީމަ ޝަރީއަތްކުރަނީ؟؟ އަމިއްލަގޭ ފާޚާނާއިގެ ބޮކި އަމިއްލައަށް ނިއްވާލިޔަސް ކުއްވެރިވެދާނެ މިރާއްޖޭގަ. އެކަމަކު އެއީ ސިޔާސީ ފިކުރު ހުންނަގޮތަކުން އެވަގުތަކު..
ދޮންޕުލަސް
28 April 2017
އަމިއްލަ ފޯނު ނިއްވާނީ އަމިއްލައަށް!
Mishy
28 April 2017
މިއަށްވުރެ މުހިއްމު ކަމެއް ނެތީބާ މި ޤައުމުގައި ދައުވާ ކުރަން...ހުރިހާ މައްސަލައަކީ މީނަ ޔާމީނާ ދެކޮޅުވުން...އޭނަ އާއި އެއްކޮޅު މީހުން ކޮންފަދަ އަރާމު ދިރިއުޅުމެއް އެއުޅެނީ ރައްޔިތުންގެ ލާރިކައިގެން....
ރާއިޒް
28 April 2017
މިއޮތް ޓެކްނޮލޮޖީ ކުރިއަރާފައިވާ ޒަމާނުގައި ޒަމާނުގައި ފުލުހުންނަށް ފޯނެއް ނުހުޅުވުމަކީ ދެރަކަމެއް. މީހަކު ބުނެގެން ރިޔާޒް ނައްތާލަން އުޅުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް
ޢަލީ
28 April 2017
ފުލުހުންގެ ޒިންމާ އަދާ ކުރުމުގެ ތެރާގަ ހިނގާކަމަކާ ބެހޭގޮތުން ހެކިބަސް ދޭން ފުލުހަކު ކޯޓަށް ހާޒިރު ކުރީމަ ކޮން އުޒުރުވެރިއެއްވާކަށް. އެހެން މައްސަލަ އަކާ ކޮންފްލިކްޓް ވަންޏާ އެމައްސަލަ އަކަށް އެހެން ފުލުހަކު އައްޔަނު ކުރީމަ ނިމުނީ. ފުލުހެއްގެ ހައިސިއްޔަތުން ކުރާ ކަންކަމުގަ ހެކިބަސް ދޭންޖެހޭނެ. ޒިންމާދާރުކަން ކުޑަކަން މިފެންނަނީ.
ާއަހްމަދު އައްފާން
28 April 2017
ޕޮލިހުން ތީ ކީއްކުރާ ބައެއް.ފޯނެއް ނިއްވަފިއްޔާ ހުޅުވާކަށް ޢިނގެނީކީނޫން.ކޮންމެސް ކަމަކު ދޯ ޕޮލިސް އިންޓެލިޖެންސް އޮންނަނީ.މިހެންހަމަ ބުނެލީ.
ހަހަ
27 April 2017
މަށަށް ފެންނަނީ ފޯނު 13 އަހަރަށް ޖަލަށް ލާން.