އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން: އެ ހޮސްޕިޓަލުން އަދިވެސް އާސަންދަ ހިދުމަތެއް ނުލިބޭ.
09 މެއި 2017 - 18:06
އާސަންދަ އިން ހިދުމަތް ދިނުމުގައި އޭޑީކޭ ހޮސްޕިޓަލަށް އެއްވެސްސ ހުރަހެއް ނެތް ކަމަށާއި ނަމަވެސް އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ހިދުމަތް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އިއްޔެ ހުރިހާ ފަރާތްތަކަށް ހުއްދަދީފައި. އޭޑީކޭ އަށް ވެސް ހިދުމަތް ދިނުމަށް ހުރަހެއް ނޯންނާނެ. އެކަމަކު އެ ހޮސްޕިޓަލުން ހުށަހަޅާފައިވާ އެ އެއްބަސްވުމަށް މާއްދާތަކެއް އިތުރުކުރަން،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އޭޑީކޭއާ އެކު ވެސް ސޮއިކޮށްފައިވާނީ އެހެން ހުރިހާ ތަނަކާއެކު ވެސް ސޮއިކޮށްފައިވާ އެއްބަސްވުމުގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ހުށަހަޅާފައިވަނީ އެއް އަހަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އޮންނާނީ ހުރިހާ ތަނަކާއެކު ވެސް ހަމަހަމަ އެއްބަސްވުމެއް. ނަމަވެސް އަޅުގަނޑުމެން އޭޑީކޭއާ އެކު ވެސް މަޝްވަރާކުރާނަން،" މައުމޫން ވިދާޅުވި އެވެ.
ނަމަވެސް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ އާސަންދައާ އެކު ސޮއިކޮށްފައިވާ އެގްރިމަންޓެއް ނެތް ކަމަށެވެ. އަދި އާސަންދައާއެކު ސޮއިކުރެވުނުހާ އަވަހަކަށް ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާސަންދަ ކުންފުނިން ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް ހިދުމަތް މެދުކަނޑާލުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ބުނީ އެއީ ވެރިކަންކުރާ ޕީޕީއެމަށް އިންތިހާބުން ބޮޑު ނާކާމިޔާބަކާ ކުރިމަތިވުމުން ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އާސަންދަ ކުންފުނިން އެކަމަށް އެއްބަހެއް ނުވެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން ވިދާޅުވީ އެއީ ވޯޓާ ދިމާކޮށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ހިދުމަތް މެދުކަނޑާލަން ނިންމިކަން ހޮނިހިރު ދުވަހު ހަވީރު އީމެއިލް މެދުވެރިކޮށް ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވޯޓު ލުން އޮތީ ވެސް ހޮނިހިރު ދުވަހު އެވެ.
"މިއީ އެއްގޮތަކަށް ވެސް ވޯޓާ ދިމާކޮށް ކުރިކަމެއް ނޫން. އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމުގެ ކުރިން އަޅުގަނޑުމެން އެކަން އަންގަން ޖެހޭ ހުރިހާ ފަރާތްތަކަށް އީމެއިލް ފޮނުވީ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދަ އަށް އަބަދުވެސް ބަދަލުތަކެއް ގެންނަ ކަމަށެވެ. އަދި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާވަމުން އަންނަ ވަރަކަށް އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އައިޖީއެމްއެޗްގެ ކެތުލެބް ހެދުނީމަ ބޭރަށް ފޮނުވާކަށް ނުޖެހޭނެ. އަދި އެ ތަނުގެ ލެބޯޓަރީ އާއި ހުޅުމާލޭގެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާވަމުން އަންނަ ވަރަކަށް އާސަންދަ އަށް ބަދަލުތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް މެދުކަނޑާލީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާނެ ފައިސާ ނެތިގެން ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން މައުމޫން ވިދާޅުވީ އާސަންދަ އަށް ދައްކާނެ ފައިސާ އެބަހުރި ކަމަށެވެ. އަދި އެ ހިދުމަތް ހޯދަން އެދޭ ފަރާތްތައް އިތުރުވަމުން އަންނަނީ ފައިސާ ދައްކާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާސަންދައިގެ ލާރި އެބަހުރި. ފައިސާގެ މައްސަލައެއް ނޫޅޭ. އޭޑީކޭ އަށް އަދި އެހެން ތަންތަނަށް އަބަދުވެސް ޕެންޑިން އުޅޭނެ. އެކަމަކު ކޮންމެ ދުވަހަކު އެތައް ހާސް ޓްރާންސެކްޝަން ހަދާނެ. މި ސަރުކާރު އައި ފަހުން ލާރި ދައްކާފައި އޮންނާނީ. ޕޭމަންޓް ދައްކާތީ މިހާރު ގިނަ ބަޔަކު ޖޮއިންކުރަން ބޭނުން ވާނީ،" މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިން
11 May 2017
ކެތް ލެބްގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތެއް ބުނެދީބަލަ ޕްލީޒް. އަދި ޑރ.ޢަލީ ޝަފިޤަށް ދެއްކޭނެ ގޮތެއްވެސް. ފޮލޯ އަޕް ކޮށްލަންވެސް ނަންބަރެއް މި ލިބެނީ 6 މަސް ފަހުންނޭ!އަދި އެވަރުން ބޭހެއްވެސް ނުލިބޭ. އޭޑީކޭ މީހުންވެސް ފޮނި ދައްކަންޏާ ދައުލަތަށް އެތަން ނަގާފަ އިންޑިޔާ ބަޔަކަށްދީ. ޚިދުމަތް މާ ރަނގަޅުނެ
އެމްއޭގީ
10 May 2017
މަގާމުން އިސްތިއުފާ ދިނުމަކަށްވެސް ހުރަހެއް ނެތް ދެއްތޯ؟
ާއަލީ
10 May 2017
ރަގަޅު އޭޑީކޭ! މިއީ ކުޅޭކުޅިވަރެއްނޫން. އެއްދުވަހު އެގްރީމެންޓް ބާތިލްކޮށްފީމޭ. އަނެއްދުވަހު ނޫނޭ ނުކުރަމޭ! ދެފަރާތަށްވެސް އިންސާފުވެރިގޮތަކަށްނޫނީ އަލުން އެއްބަސްނުވާތި! އުވާލަންޏާ އެކަށީގެންވާ މުހުލަތެއް ދޭންޖެހޭނެ.
ނެކްސްޓްޓައިމް
10 May 2017
ވޯޓާ ދިމާކޮށް ކުރިކަމެއް ނޫންވެއްޖިއްޔާ ދެންވެސް ތަންކޮޅެއް ސަމާލުވާންވީ ގައުމުގެ މުހިންމު އެފަދަ ދުވަސްތަކާ ތިޔަކަހަލަ މޮޅެތި އެނައުންސްމަންޓްތައް ކުރުމާ ދިމާނުވޭތޯ. މިސަރުކާރުގައި އިއްތިފާގުތައް އެހާގިނަވީމަ ރައްޔިތުންނަށްވެސް ދެކެވޭނީ ކޮންމެ ކަމެއް ގޯސް ނަޒަރަކުން.
އޭޑީކޭ
10 May 2017
61 މިލިޔަން ނުދައްކާ ކޮން ހުރަހެކޭތޯ؟
އަހުމަދު
09 May 2017
ދެންހަމ ކޮންމެ އެއްޗެއްބުންޏަސް ޤަބޫލު ކުރަންވީތޯ. އާސަންދަ ކަނޑާލީ ވޯޓްގެ ނަތީޖާފާޅުކުރަންފަށާއިރަށް ލިވެންފެށި ނަތީޖާތަކުން ކުއްލިއަަކަށްއައި ޖަޒުބާތަކުންހޭވެރިކަންފިލާދިްުމުން ވީކަމެއް . ދެނ ހޭވެރިކަންވެގެން އަނެއްކާ އިޔާދަ ކުރީ.
ހަސަންބެ
09 May 2017
އާސަންދަ ނުކަޑައޭ ބުނިނަމަ މާ ތާހިރެެއްނު!
ހަސަނު
09 May 2017
އޭޑީކޭ އިން ހިލޭ ސާބަހަށް ހިދުމަތް ދިނުމަށްވެސް އެއްވެސް ހުރަހެއް ނެތް... ކޮންޓުރެކްޓެއް އުވާލައިފިނަމަ ދެން ޖެހޭނީ އަލުން އަނެއްކާ ކޮންޓުރެކުޓު ހަދަން..
އޭބީ
09 May 2017
މިހާރު ލިބޭނެ........... މިހާރު ނުލިބޭނެ........................ މިހާރު ލިބޭނެ.........މިހާރު؟؟ ކޮންފަދަ ބޮޑު މުޞީބާތެއްތޯ މިއީ؟ އެނޫން ގަޑިޔަކު ނޫނިއްޔާ އެކަން ކުރެވޭ ކަމަކަށްނުވިދޯ؟ ތިހާ ގަޓް ހުރިނަމަ ވޯޓް ލާން ނުފަށަނީސް ތިކަން ކުރިނަމަ ވެއްޖައިހެއްނު؟ މޮޅުކޮށްލަން ހަދައިގެން އަތަށް ގޮވުން ނޫން ކަމެއް އެބަވޭތަ؟؟؟؟؟
ވޯލް
09 May 2017
މަޖިލިސް މެދުވެރިކޮށް އާސަންދަ ކުއްލިއަކަށް ކަންޑާލި ސަބަބު އެބަޖެހޭ ބަލަން. މިއީ އެތައް ލައްކަ ދިވެހި ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކަމެއް. ހަމަ އެހެން ކުރެފަ ނުކުރެވޭނެ، އެފަދަ ނިންމުމެއް ނިންމަންޏަ އެކަން ކުރިން ދިވެހި ރައްޔިތުންނާ ހިއްސާ ކުރަންޖެހޭނެ،