މުނިފޫހިފިލުވުން / ބޮލީވުޑް

ޑްރަގްގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިއެއް ބެދިއްޖެ

މަމްތާ ކުލްކަރްނީ: ނުވަދިހައިގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި ބަތަލާއެއް

ތަންކޮޅެއް ކުރީގެ ފިލްމުތަކުން ފެނިފައިވާ ރީތި ބަތަލާ މަމްތާ ކުލްކަރްނީ ފިލްމަކުން ނުފެންނަތާ ގިނަ ދުވަސްތަކެއްފަހު އޭނާގެ ޚަބަރެއް ވެއްޖެ އެވެ. ނަަމަވެސް މިފަހަރު ފިލްމެއް ކުޅޭ ވާހަކައެއް ނޫނެވެ. އިންޑިއާއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަކީ މަމްތާ އަޑީގައި ހުރެގެން އެތެރެކޮށްފައިވާ ތަކެތި ކަމަށް އިންޑިއާގެ ފުލުހުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އިންޑިޔާގައި މިހާތަނަށް ހިންގި އެންމެ ވަރުގަދަ ޑްރަގް ޓްރެފިކިން ރެކެޓްގައި މަމްތާގެ ބައިވެރިވުން އޮތްކަން އިންޑިޔާ އޮފިޝަލުންނަށް މިހާރު ވަނީ މުޅީން ޔަގީން ވެފަ އެވެ.

މަމްތާގެ ރޭވުމުގެ ދަށުން އިންޑިއާއަށް އެތެރެކުރި ކަމަށް ބެލެވޭ މަސްތުވާތަކެތި ފުލުހުން ދައްކާލަނީ

މަމްތާ، 44، އަކީ މިކަމުގައި ހަމައެކަނި ބައިވެރިވާ މީހާއެއް ނޫނެވެ. މިކަން ރާވާ ހިންގީ ވެސް މަމްތާކަމަށް އިންޑިޔާގެ ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން މަމްތާގެ ފިރިމީހާ ވިކީ ގޯސްވާމީ އަށް ވެސް މިފަދަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ހަގީގަތުގައި ވިކީ އަކީ އެމެރިކާ ފުލުހުން ވެސް މިހާރު ހޯދަމުންދާ އިންޓަނޭޝަނަލް ޑްރަގް ލޯޑް އެކެވެ. އޭނާއަކީ ނާކޮޓިކްސްގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މީހެއް ކަމަށްވެ އެވެ.

މި މައްސަލައިގައި މަމްތާ ބެދިފައިވާލެއް ބޮޑުކަމުން އޭނާގެ ނަމުގައި މިހާރު އިންޓަޕޯލުން ރެޑް ކޯނާ ނޯޓިސް ވަނީ ނެރެފަ އެވެ. ރެޑް ކޯނާ ނޯޓީސް އަކީ އިންޓަނޭޝަނަލް އެރެސްޓް ވޮރަންޓަކާ ދާދި އެއްވަރުގެ އެއްޗެކެވެ.

ގިނަ ދުވަސްތަކަކަށްފަހު މަމްތާ ފެނުނުއިރު އައިސްފައިވާ ބަދަލު މި ފޮޓޯއިން ހާމަވޭ

މިހާރު ބެލެވޭ ގޮތުން މިކަމުން މަމްތާއަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މިހާތަނަށް މި މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި މާ ލަހެއް ނުވެ މަމްތާ ވެސް ހައްޔަރުކުރެވިދާނެކަމަށް ލަފާ ކުރެވެ އެވެ.

ފިލްމީ ތަރިއަކު މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑަކަށް ވުމުން އިންޑިއާ ފުލުހުން މިހާރު ދަނީ މުޅި ބޮލީވުޑް ވެސް ސްކޭންކޮށް ޝައްކުވާ ކަހަލަ އެއްވެސް ކަމެއް ވޭތޯ ބަލަމުންނެވެ.

މިފަދަ ވިޔަފާރިއެއްގައި ބައިވެރިވާ ކަމަށް ގަބޫލުކުރެވިގެން ގުޖްރާތުގެ އެކްޓަރެއް ކަމަށްވާ ކިޝޯރް ރާތޯޑް އަށް ފުލުހުން ދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ.

މަމްތާ ބޮލީވުޑަށް ތައާރަފްވީ 1992 ވަނަ އަހަރު ނުކުތް "ތިރަންގާ" އިންނެވެ. ނަމަވެސް އޭނާ ބޮޑަށް ފާހަގަ ކުރެވެގެން ފެށީ 1993 ގައި ނުކުތް "އާޝިގް އާވާރާ" އިންނެވެ. އޭގެ ފަހުން ގިނަ ފިލްމުތަކެއް އޭނާ ކުޅުނެވެ. އެންމެ ފަހުން މަމްތާ ފެނުނީ 2002 ގައި ނުކުތް "ކަބީ ތުމް ކަބީ ހަމް" ކިޔާ ފިލްމަކުންނެވެ. ދެން ކުއްލިއަކަށް ގެއްލުނީ އެވެ. އެދުވަސްވަރު ބައެއް ނޫސް މަޖައްލާތަކުގައި ލިޔެފައިވާ ގޮތުން މަމްތާ އާއި މުމްބާއީގައި އުޅޭ މާފިއާ ބޮޑު މީހަކާ ރައްޓެހިވެގެން އޭނާއާ އެކު ބޭރު ގައުމަކަށް ހިޖުރަ ކުރީ އެވެ.

0 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 39%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454