ޑްރޯނަކުން ނަގާފައިވާ ފޮޓޯއެއް: ތަފާތު ވައްތަރުގެ ޑްރޯން އުދުއްސުން މިހާރު ވަނީ އާންމުވެފައި
21 ޖޫން 2016 - 10:43
ރަސްފަންނު ސަރަހައްދު ފިޔަވައި މާލޭގެ އެހެން ހިސާބެއްގައި ޑްރޯން ބޭނުންކުރާ ނަމަ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހުމަކީ ސަލާމަތީ ގޮތުން ރަނގަޅު ނިންމުމެއް ކަމަށް ފޮޓޯ ކައުންސިލްގެ ރައީސް އަދި ފޮޓޯގްރާފަރު މުހައްމަދު ޝާފީ މިއަދު ބުނެފ އެވެ.
ޝާފީ ބުނީ ޑްރޯން ފަދަ އެއްޗެހި ގިނަ މީހުން މިހާރު ބޭނުންކުރަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ކަމަށާއި އޭގެ މައުލޫމާތު ވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނިންމުމާ ގުޅޭ ގޮތުން ރާއްޖޭގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓްރީން މި މަހު 9 ގައި އިއުލާންކުރި ގޮތުގައި ރަސްފަންނު ފިޔަވައި މާލޭގެ އެހެން ސަރަހައްދެއްގައި ޑްރޯން އަރުވާ ނަމަ އެ މިނިސްޓްރީގެ ހުއްދަ ކުރިން ނަގަން ޖެހޭނެ އެވެ.
ރަސްފަންނުގެ އިތުރުން ސިފައިންގެ ބެލުމުގެ ދަށުގައި ހުރި ސަރަހައްދުތަކުގައި ވެސް ހުއްދަ ނެތި ޑްރޯން ދުއްވުން ވަނީ މަނާކޮށްފަ އެވެ. އެއީ ރީޖަނަލް އަދި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި އާރަށާއި ގިރިފުއްޓާއި ސިފަވަރު ހިމެނޭ ސަރަހައްދާއި ޅ. މަޑިވަރުގެ އިތުރުން މާފިލާފުށި ހިމެނޭ ސަރަހައްދާއި ލ. ކައްދޫ ސިފައިންގެ މަރުކަޒާއި ސ. ގަން ސިފައިންގެ މަރުކަޒު ސަރަހައްދެވެ.
ޝާފީ ބުނި ގޮތުގައި އެއާޕޯޓްތައް ކައިރީގައި ޑްރޯން އެރުވުން މަނާކުރުމަކީ ސަލާމަތީ ގޮތުން ވެސް ރަނގަޅު ނިންމުމެކެވެ.
ޝާފީ ޑްރޯނެއް އަރުވަނީ: އުސޫލުތަކެއް ހަދަން ޖެހޭނެ ކަމަށް ބުނި
ބޭރު ބައެއް ގައުމުތަކުގައި ވެސް ވަކި ސަރަހައްދުތަކެއްގެ ފޮޓޯ ނަގާ ނަމަ ސަލާމަތީ ބާރުތަކުގެ ހުއްދަ ނަގަން ޖެހޭ ކަމަށާއި ރާއްޖޭގައި ވެސް އެގޮތަށް އެކަން އޮންނަން ޖެހޭނެ ކަން ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ތަންތަނުގެ މައްޗަށް ޑްރޯން އަރުވައިގެން ފޮޓޯ ނަގަންވީ ކުރިން ނަމަ. އަޅުގަނޑަށް ހީވަނީ ކޮންމެވެސް އުސޫލެއް، މިންގަނޑެއް ނެތުމުގެ ސަބަބުން އެކަން މަނާކުރަން ޖެހިފައި ކަންނޭނގެ އެ އޮތީ،" ޝާފީ ބުންޏެވެ.
"އެކަމަށް އުސޫލުތަކާއި މިންގަނޑުތަކެއް ހެދެން ޖެހޭނެ."
އޭނާ ބުނީ މާލެ ސަރަހައްދުގައި ފްލައިޓްތައް ދަތުރުކުރާ ގޮތަށް ބަލާ ނަމަ ރަސްފަންނަކީ ވެސް ޑްރޯން އަރުވަން ހުއްދަ ދޭން ރައްކާތެރި ހިސާބެއް ނޫން ކަމަށެވެ.
"ވިލިނގިލީ، ރަސްފަންނު އެއީ ބޯޓުތައް [ސީޕްލޭން] ތިރިން ދަތުރުކުރާ ހިސާބެއް. ގިނަ ފަހަރު އެ ހިސާބަށް ޑްރޯން އަރުވާފައި ބޭނުންވަނީ މުޅި މާލެ ނުވަތަ ވިލިނގިލި ނަގަން. އެހެންވީމާ އެ ހިސާބަށް އަރާއިރު ސީޕްލޭންގެ ޒޯނަށް ވަދެވިފައި މި އިންނަނީ،" ޝާފީ ބުންޏެވެ.
އޭނާ ބުނީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ އިރު އެކަމުގައި ފަސޭހަ ގޮތްތަކެއް އޮތުން ވެސް މުހިންމު ކަމަށެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުން ފޮޓޯ ކައުންސިލުން އިސްނަގައިގެން އޭވިއޭޝަން ޑިޕާޓްމަންޓާއި ޑިފެންސް މިނިސްޓްރީއާ އެކު މަޝްވަރާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާފީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަމާން
21 June 2016
ޝާފީ އެމް. ޕީ. ސީ ގެ ރައީސް ގެ މަގާމުގަ ހުރެ ދެކޮޅު ނުބަލާ ވާހަކަ ދެއްކީމަ ކަޑަ ދޯ!.. ޝާފީ އަކީ ފޮޓޯގްރާފަރެއް ނޫން، އަގު ބޮޑު ކެމެރާތަކެއްގެ ވެރި އެއް! ޑްރޯން އުދުއްސަންވެސް ފެށީ ދެތިން މަސް ކުރިން.. ސޯ އެހެންވީމަ ފޮޓޯގްރާފަރުންގެ އަދި ޑްރޯން ގެ މަސައްކަތް ކޮށްގެން ކައިގެން ބޮއިގެން އުޅޭ ކުދިންގެ އިހުސާސް ތަކެއް ޝާފީ އަށް ނޭނގިދާނެ... ޝާފީ ސަރުކާރުގެ މިނިސްޓްރީ ތަކަށް ހިލޭ ޑްރޯން ޝޮޓް ތަށް ނަގައިދިނަސް، ޑްރޯންއިން ފޮޓޯ ނަގައިދީގެން އާމްދަނީ ހޯދައިގެން އުޅޭ ކުދިން މަދެއް ނޫން އިގޭތޯ ޝާފީ!.. މި ކޮމެންޓް ޖަހާލަ ދޭތި
ހުސޭނު
21 June 2016
ކަންކަމުގެ އަސްލަކީ ހުއްދަވުން. މިކަމުގަ ސަރުކާރުން މިބުނަނީ ޑްރޯން އެރުވުންމަނަލޭ. ހުއްދައީ ހަމައެކަނި ރަސްފަންނުގައޭ. މީތި ކަޑަ. ކަނޑައަޅަންޖެހޭނީ މަނާ ތަންތަން. ހުއްދަ ތަންތަނެއް ނޫން
ރަދީފް
21 June 2016
ފޮޓޯ ކައުންސިލް. ޕަކާޒް. ކާޓޫނު ކައުންސިލް .ދެން ތަންކޮޅެއް ކުރީޒަމާނުގަނަމަ ނެގެޓިވް ކައުންސިލެއްވެސް އޮންނާނެ.
ޝާފިއު
21 June 2016
ޝާފީ އިންޓަރވިއު ދޭއިރު ދެކޮޅު ބަލާލާފަ ދޭނަަމަ ދޯ!.. ޑޮރޯން އެސޯސިއޭޝަން އެއްވެސް އޮންނަކަން ނޭގެނީތަ؟ ކޮމްޕްލެއިން އެއް ނެތޭ ބުނި އިރު، ޝާފީ ވެސް އެ ވައިބަރ ގްރޫޕެއްގަ އިންނަ ފޮޓޯގްރާފަރުންގެ ވައިބަރ ގްރޫޕްގަ ފާޅު ކޮށްފަ ހުރި ހިތްހަމަ ނުޖެހުމުގެ ޝުޢޫރު ތައް ނުފެންނަނީ ތަ؟
އެނޮނީމާ
21 June 2016
ކަމަކުނުދޭ ހަދަންވީ ގޮތަކީ ސަލާމަތީ މަރުކަޒާ އެހެންވެސް އެކަހަލަ ކްރިޓިކަލް ތަންތަންފިޔަވައި އެހެން ހިސާބުތަކުގަ ދުއްވޭގޮތަށް ހަދަންވީ. މިހެންވެސް ދުއްވޭނީ ވަކިއުސްމިނެއްގަ ކަމަށް މިސާލަކަށް 300 ފޫޓަށް ވުރެ މައްޗަށް ނާރާގޮތަށް އެޔަށްވުރެ މައްޗަށް އަރާނަމަ ހުއްދަނަގަންޖެހޭގޮތަށް. ސަލާމަތީ ތަންތަނުގެމަތިންވެސް ހުއްދަނަގައިގެން ވަހި އުސްމިނެއްގަ ދުއްވޭގޮތަށް ހެދީމަ ރަނގަޅުވާނެއްނު. ބޯހަލާކު
ޖޭޑް
21 June 2016
ޑިފެންސް މިނިސްޓްރީން މި މަހު 9 ގައި އިއުލާންކުރި ގޮތުގައި ރަސްފަންނު ފިޔަވައި މާލޭގެ އެހެން ސަރަހައްދެއްގައި ޑްރޯން އަރުވާ ނަމަ އެ މިނިސްޓްރީގެ ހުއްދަ ކުރިން ނަގަން ޖެހޭނެ އެވެ. ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން މި ގޮތަށް ކުރާ އިއުލާނުން ކަންކަން މަނާ ކުރެވޭނެ ކަމަކަށް ނުފެނެއެވެ. މިކަމަށް ގާނުން ބާރު ލިބިގެން ގަވާއިދެއް ބޭނުންވެއެވެ. އިއުލާނުންނާއި ދެންނެވުމުންނާއި ސިޓީއިން ކަންކަން މަނާކުރުމުގެ ޒަމާން ހިގައްޖެއެވެ. އެކަމަކު ސްޕްރީމް ކޯޓް!!
އެމްސް
21 June 2016
"އޭނާ ބުނި ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނިންމުމާ ގުޅޭ ގޮތުން ރާއްޖޭގެ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައެއް ނުވެ އެވެ" މި ޖުމުލައިން ގިނަ ބައެއްގެ ޝަކުވާ މިކަމުގައި ހުރިކަން ދޭހަވޭ އެހެނީ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނަކީ ރާޢްޖޭގެ ނިސަބަތުން އަދި ވަރަށް މަދު ބައެއް
މަހީލް އަލީ ޖަލީލު
21 June 2016
ޑުރޯން އަރުވަން ލައިސެންސެއް ދޫކުރަން ފެނޭ. ތިޔައީ ހަމަ ނޭނގޭމީހަކު ދުއްވައިފިނަމަ މީހެއްގެ ފުރާނައަށްވެސް ގެއްލުމެއް ލިބިދާނެ އުޅަނދެއް
މުހައްމަދު
21 June 2016
ހުޅުމާލޭ ސެންޓްރަލް ޕާކަކީވެސް ޑްރޯން އުދުއްސަން ރައްކާތެރި ސަރަހައްދެއް ނޫން. އެކަމަކު އެއީ އެތަނުގައި މިހާރު އާންމުވެފައި އޮތް ކަމެއް. ނުރައްކަލެއް ހިނގުމުގެ ކުރިން ފިޔަވަޅެއް އަޅާނެ ބާވައެވެ.
ބޯގޯސް
21 June 2016
ޝާފީ ޑްރޯންއަކީ ކޯޗެއް؟ ގިނަމަމީހުންނަށް ނޭނގޭ ބުނާއިރު ޝާފީވެސް ބުނެދީފައެއް ނެތް އޭ ކޯޗެއްކަމެއް.