ޕީޕީއެމުން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ: އެރަށު ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ނެގީ އެމްޑީޕީން --ފޮޓޯ/މިހާރު
03 ޖޫން 2017 - 17:35
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގައި އޮތް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިދާރާތައް މިއަދުން ފެށިގެން އުވާލައްވައިފި އެވެ.
ފުވައްމުލަކުގައި އަތޮޅު ކައުންސިލަކާއި އެރަށުގެ ކޮންމެ އަވަށަކަށް ވަކި ރަށު ކައުންސިލަކާ އެކު ޖުމްލަ ނުވަ ކައުންސިލް އޮއްވައި ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ކުރިން ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުގައި ބޭއްވީ ސިޓީ ކައުންސިލްގެ އިންތިޚާބެކެވެ.
ކުރިން އޮތް އަތޮޅު ކައުންސިލްގެ އިދާރާ އާއި ނުވަ ރަށު ކައުންސިލް އިދާރާ އުވާލައްވައި، ސިޓީ ކައުންސިލް އިދާރާގެ ނަމުގައި އާ އިދާރާއެއް ރައީސް އުފެއްދެވީ އެރަށު ސިޓީ ކައުންސިލަށް އިންތިޚާބުވި ތިން ކައުންސިލަރުން މިއަދު ހަވީރު ހުވާ ކުރެއްވުމުން ކުރީގެ ކައުންސިލްތަކުގެ ދައުރު ހަމަވުމުންނެވެ.
ލާ މަރުކަޒީ ގާނޫނު ބުނާގޮތުން ކޮންމެ ކައުންސިލަކަށް ކައުންސިލް އިދާރާއެއް އުފެއްދެވުމަކީ ރައީސްގެ ޒިންމާއެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފެއްދެވުމުގެ ކުރިން، އެރަށު ސިޓީ ކައުންސިލަށް އޮންނާނީ އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލަށް ވެސް ލިބިގެންވާ ބާރުތައް އެކަނި ކަމަށް ކަނޑައަޅައި، އެ ކައުންސިލްގެ ބާރުތައް ރައީސް ޔާމީން ކުރިން އޮތީ ހަނިކުރައްވައިފަ އެވެ. ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީ ކައުންސިލްގެ ބާރުތަކާއި ޒިންމާ ކަނޑައަޅާނީ ރައީސެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެރަށަށް ސިޓީގެ ދަރަޖަ ލިބުނީ 10،000 މީހުން އާބާދީ ހަމަވާ ރަށްރަށަށް ސިޓީގެ ދަރަޖަ ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުންނެވެ. ކުރިން ގާނޫނުގައި އޮތީ ސިޓީގެ ދަރަޖަ ދެވޭނީ 25،000 މީހުންގެ އާބާދީ އޮންނަ ރަށްރަށަށް އެކަނި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓީ
04 June 2017
ރާއްޖޭގެ ރަށްތައް ހުންނަ ގޮތުން، ތަރައްގީ ގެނެވިފައި އޮންނަ ގޮތުން، އާބާދީގައި 10 ހާސް ޖެހޭ ރަށެކޭ ދެ ހާސް ޖެހޭ ރަށެކޭ ބަލާބެލުމަށް ތަފާތެއް ނުހުރޭ. ވާހަކަ އަކީ ވައިކަރަދޫ އެކޭ، ފުވައް މުލަކެކޭ ތަފާތެެއް ނުފެންނާނެއޭ. ހުންނަނީ ހަމަ އެއްކަލަ ކަޅު ހަމާއި، މިސްކިތާ، އޮފީސް ސްކޫލް ތައް. އޮންނަނީ ފަޅުކޮނެފައި ވާޓަރު ހަދާފައި. އެހެންވީމަ، ރަށުގެ ނަމުގެ ފަހަތަށް ސިޓީ އިތުރުކޮށްލީމަ މި އެނގެނީ މިއީ ސިޓީ އެއް ކަން.
މުހައްމަދު
04 June 2017
ރާއްޖޭގައި ސިޓީގެ ދަރަޖަ ދޭ ކޮންމެ ތަނެއްގެ ނަމަށް، ނަން ކިޔާއިރު ސިޓީ އިތުރު ކުރަންޖެހޭތަ؟ އާއްމުކޮށް ކިޔާއިރު ލަންޑަން، ބަރލިން، ޓޯކްޔޯ، ވޮޝިންޓަން، ރޯމް، މުމްބާއި، ކޮލަމްބޯ، ކަތްމަންޑޫ، ކައިރޯ، ރިއޯ ޑި ޖިނިރޯ، މެލްބަރން، ބެއިޖިންގ، ޖޮހޮނޮސްބަރގް.. މި މިރީ ހައްތަހާ ވެސް ނަން މަޝްހޫރު ސިޓީ ތައް އެކަމު ނަމުގެ ފަހަތަކަށް ސިޓީއެއް ނުކިޔާ.
ބަކުރު އެންޑް ޒުބޭރް
03 June 2017
ކޮންމެ 10000 އަކީ ސިޓީއެއްކަމަށްވާނަމަ ހަމަ މިހާރު މިރަށް ސިޓީައަކަށް ހަދަން މި މަސައްކަތް ފަށަނީ........
ދޭނަން
04 June 2017
އެހީއެއް ބޭނުންނަމަ އަންގާލާ..