ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި ހަރަކާތެެއް.-- ފޮޓޯ/ ޓްވިޓާ
11 ޖޫން 2017 - 14:07
ބްލޮގާ ޔާމީން ރަޝީދުގެ މަރާލުމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ފުލުހުންނަށް ބާރު އަޅައި އިންސާފު ހޯދައިދިނުމަށް އެދި އޭނާގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގައި މިއަދު އެދިއްޖެ އެވެ.
އިޖުތިމާއީ ތަފާތު މައްސަަލަތަކާއި އިންސާނީ ހައްގުތަކުގައި މަސައްކަތް ކުރަމުން އައި އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން މަރާލީ މިިދިޔަ އޭޕްރީލް 23 ވަނަ ދުވަހު އެވެ. އޭނާގެ މަރަށް މިއަދަށް 50 ދުވަސްވީއިރު، އެ މައްސަލާގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޔާމީންގެ އާއިލާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އާއިލާ އާއި ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ ފަރާތުން އެޗްއާރުސީއެމަށް 454 ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސިޓީތަކުގައި، ޔާމީން މަރާލި މައްސަލަ ހިނގިގޮތް ބަލައި އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރަން ގޮވާލާފައިވާނެ ކަމަށް ބުންޏެވެ.
އެ މައްސަލަ އަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޔާމީން މަރާލުމުގެ ކުރިން އޭނާ އަށް ދީފައިވާ އިންޒާރުތައް އެދެވޭ ގޮތެއްގައި ފުލުހުން ބަލާފައިނުވާތީ، އެކަން ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައިދިނުމަށް ވެސް ސިޓީތަކުގައި އެދިފައިވެ އެވެ.
"ޔާމީން ރަޝީދުގެ މަރަށް ފަހު އާއިލާ ދިރިއުޅެމުން ދަނީ ހިތްދަތިކަމާއި ވޭނުގައި، މި މައްސަލައަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އާއިލާގެ އެދުމަކީ، މި ސިޓީތަކުގައި އެދިފައިވާ ފަދައިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ގާނޫނީ ޒިންމާ އަދާކޮށް، ރާއްޖޭގައި އުފެދިފައިވާ ބިރުވެތިކަމާއި މީހުންނަށް އިންޒާރު ދިނުމާއި މެރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމެވެ،" ޔާމީންގެ އާއިލާގެ ބަޔާނުގައި ވެ އެވެ.
ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާހި
11 June 2017
އިންސާފު ހޯދަން ތިޔަ ކޮމިޝަނަށްދާނީ މޮޔައެއް،
ބޫ
11 June 2017
" އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ." މިމަންޒަރު ޚިޔާލަށް ގެނެވޭތޯއެވެ. އެވަރަށް ވަޅިހަރާއިރު އެވަޅިހެރި މީހުންގެ ޙާލަތާމެދު ހަމަ ޢަޖާއިބުވާހައްޔެއް ނުވޭތޯއެވެ؟ އިންސާނުން ވިއްޔާއެވެ.
Abdul Latheef
11 June 2017
ޔާމީން ރަޝީދު އަށް އިންޒާރު ދެނީ ކޮންކަހަލަ މައްސަލައެއް ގައި ކަން ނޫސްވެރިން ނުލިޔަނީ ކީއްވެބާ؟ މީހަކު ސޯޝަލް މީޑިއާ ގައި ޝުޢޫރު ފާޅުކުރީތީ ހަމަ ގައިމުވެސް މަރައެއްނުލާނެ. އަހަރުމެނqވެސް އެބަލިޔަމޭ. އެކަމަކު މަރުގެ އިންޒާރެއްނާދެޔޭ. ކޮންމެސް ކަމެއް ވާތީއޭ މަރުގެ އިންޒާރު އަންނަނީ. ވީމާ އެހުރިހާ މަޢުލޫމާތު ހިމެނޭ ރިޕޯރޓެއް "މިހާރު" ނޫހުން ގެނެސްދިނުން ވަރަށްބޮޑަށް އެދެން