ކުރީގެ ނައިބު ރައީސް އަދީބު (މ) 2015 ވަނަ އަހަރު ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންނެވުމަށް ބޯޓަށް އަރާވަޑައިގަންނަވަނީ: އެމަނިކުފާނު ހައްޔަރުކުރެއްވީ ޗައިނާއިން ވަޑައިގަންތަނުން.--ފައިލް ފޮޓޯ: ރައީސް އޮފީސް
20 ޖޫން 2017 - 20:07
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވިޔަސް ފިއްލެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބުގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ ފިއްލެވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާއިން މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަވަނީ މުއައްސަސާތަކުގައި އެދެމުންނެވެ.
އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އަދީބު ރާއްޖެ ވަޑައިގެންނެވީ ވެސް ތުހުމަތުތަކެއް ކުރަނިކޮށް ކަމަށެވެ. ނަމަވެސް ފިއްލެވުމުގެ ބަދަލުގައި އަދީބު ބޭނުންފުޅުވެވަޑައިގަތީ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވީ ވެސް ހައްޔަރުކުރެއްވުމުގެ ފުރުސަތު އޮތްކަން ގަބޫލުކުރައްވައި. ފިއްލެވުމުގެ ފުރުސަތު ވެސް އޮތް،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ބޭސްފަރުވާއަށް ސަރުކާރުން ވަރަށް އިތުބާރުކުރާ ގައުމަކަށް ނަމަވެސް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި މީހަކު ކަމެއް ކޮށްފާނެ ކަމަށް ލަފާކޮށް އަސާސީ ހައްގެއް މަހުރޫމްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދީބުގެ ވަކީލުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތު ސީރިއަސްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ނުދޭން އުޅޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށެވެ. އެކަމަކު އަދީބާ މެދު ޝަރީއަތް ކުރެވި ކުށް ސާބިތުވެފައި ހުރި ކަންކަމާއި އެ މަނިކުފާނަށް ތުހުމަތު ކުރެވި މިހާރު ޝަރީއަތް ހިނގަމުންދާ މައްސަލަތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް އެ މަނިކުފާނު ފޮނުވެން ނެތް ކަމަށެވެ.
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަ ކުރައްވައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޖެ
22 June 2017
ވަކީލަށް ކިހިނެތްތަ އިނގެނީ. ވަކީލަށް އިނގުނަސް ބުނާނެތަ؟؟
zahid
21 June 2017
ސިޔާސީ ކޮންމެމީހެއްވެސް ބަލިވާއިރަށް ބޭރަށްދާން އުޅެނީ ކީއްވެތަ. ސަރުކާރު ހިންގަން މިމީހުން ތިބޭއިރު ދައްކާނީ ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުވާހަކަ. މައުމޫނެއް ނަޝީދެއް ޔާމީނެއް މިހެންގޮސް ހޮސްޕިޓަލުގަ އުޅޭ ޑޮކްޓަރުންގެ އާއިލީ މީހެއް ބަލިވިޔަސް އަބަދު ބޭރަށްދާތަން ފެންނަނީ. ދެންކިހިނެތް ރައްޔިތުން ސިއްހީ ނިޒާމަށް އިތުބާރުކުރާނީ
އަރުސު
21 June 2017
މީހަކު ފިލާފާނޭ ކިޔާފަ އޭނާއަށް ލިބިދޭ އަސާސީ ޙައްޤުތަކުން މަހުރޫމްކުރުމަށް ސަރުކާރުން ނިންނި ނިންމުންތީ ވަރަށްވެސް ނާ އިންސާފު ނިންމުމެއް. ކިތަންމެ ގޯސް މީހަކަށް ހަމަޔާ އިންސާފުުން ކަންކަން ކުރެވެންޖެހޭނެ. އަދީބު ފިލާފާނެތީ ސަރުކާރުން ބިރުގަންނަންޏާ އޭނާގެ ފަހަތުގަ ދެތިން ފުލުހުން ބަހައްޓާފަ ވިޔަސް އޭނާއަށް ބޭސްފަރުވާ ވަގުތުގައި ލިބުން މުޙިއްމު. ނާއިންސާފުން ރައްޔިތުމީހާއާ ދޭތެރޭ ކުރާ ކޮންމެކަމަކަށް ސަރުކާރުގަ ތިޔަ ތިބި މީހުންވެސް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެ. އެ ދުވަހުން ކީކޭބާ ބުނާނީ؟
ޕޮކަންޑި މޭން
21 June 2017
ތެދެއް އެބުނީ. އަދީބު އުޅުއްވަނީ ރަމަޟާން މަސް ނުނިމެނީސް އުމްރާއެއް ކުރެވޭތޯ.
ޝުޖާއު
21 June 2017
ސުބުހާނަﷲ. އޭރުން އަދީބުގެ މައި ބަދައަށް ކިހިނެއް ވާނެބާ؟ ސަރުކާރަށް ގޮވާލަން. އެމަނިކުފާނުގެ މައި ބަދަ ރަނގަޅު ކުރުމަށް ރާއްޖެ ނޫން ކޮންމެވެސް ތާކަށް ފޮނުވާލަން
ކުޑޭ
21 June 2017
އަދީބު ފިލާފާނެ! އޭނަޔަކަށް އިތުބާރެއް ނުކުރެވޭ
ޏ
21 June 2017
ދޮގުހެދުމަކީ އިސްލާމްދީނުގަ ކިހާވަރެއްގެ ކަމެއްތޯ އިނގޭ މީހަކު ބުނެލަދީބަލަ.. ކުރިމަތީ ދުވާލުގެ އަލިކަމުގަ މިވަަމުންދާ ކަނތައް މިތިބަ ގަމާރުންނަށް ހަމަނޭގެނީބާ؟!!!
މޫސުން
21 June 2017
އަދީބު ފިލާނީކީނޫން. ނަޝީދު ހެދިހެން ކޮންމެސް ގައުމަކުން ހިމާޔަތްހޯދާނީ. އަހަރެމެން އެއަށް ކިޔަނީ ފިލުން. ބޭރު ގައުމެއްގެ ޖާމިނުވުން ނެތި ބޮޑެތި ކުއްވެރިން ރާއްޖޭންބޭރަށް ފޮނުވިގެންނުވާނެ. މިއަދު އިދިކޮޅު ފަރާތްތަކުން އަދީބުގެ ފައިސާގެ ދަހިވެތިކަމުގައި ތިއުޅޭ އުޅުން ސަރުކާރަށް ވިސްނޭނެކަމަށް އުންމީދުކުރަން.
މުހައީ
21 June 2017
ފީލާކަށެއް ނޫން... ރައްކާވާންދޯ އުޅެނީ..
އިސްމާއިލް
21 June 2017
ތިބުނީ ކަނޑުކޮހަކުވެސް ގަބޫލް ނުކުރާނެ ވާހަކައެއް. ހުދު އަދީބުވެސް، ހޭނެ ތިވާހަކަ އަޑު އަހާފަ!