ޚިޔާލު / ދީން

ރޯދައިން ދަސްކުރާ ކަންކަން ފަހަށް ވެސް ދެމިހުންނަން ޖެހޭ

އިސްލާމީ މަރުކަޒުގައި ކުރި މި އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭގެ ދަމުނަމާދުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ބައިގައި އަންހެނުން ނަމާދު ކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޑރ. ސަޢުދުﷲ ޢަލީ

23 ޖޫން 2017 - 09:07

ނަފްސު ތަޒުކިޔާ ކޮށް ޝަހުވަތްތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރުމަށްޓަކައި ބޭނުންވާ ހިތްވަރާއި ކެތްތެރިކަމާއި ހުނަރުތައް ދަސްކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި މެނުވީ ރަމަޟާން މަސް ނުވެ އެވެ. އެހެންކަމުން ބުއްދިވެރި މުސްލިމުން މި ތަމްރީނު ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރެ އެވެ.

މި އަހަރުގެ ރަމަޟާން މަސް ވެސް ހޭދަ ކުރެވެމުން މިދަނީ އެގޮތުގަ އެވެ. ރަމަޟާން މަސް ނިމެން މިހާރު މި ވަނީ ވަރަށް ގާތް ވެފައެވެ. މިހާ ހިސާބުން ދެން އެންމެ ބޮޑު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަކީ ޖެހިގެން އަންނަ ރަމަޟާން މަސް އަންނަން ވަންދެން މި ތަމްރީނު ތަކުގެ އަސަރު ދަމަހައްޓާނެ ގޮތަކާ މެދު ވިސްނުމެވެ.

ރަމަޟާން މަސް ނިމި ޢީދު އައުމުން އުފާކުރާ އިރު އެ އުފަލަކީ ރޯދަ ހިފުމުގެ ބުރަ މަސައްކަތުން މިންޖުވުމުން ކުރާ އުފަލަކަށް ވެގެން ނުވާނެ އެވެ. ނުވަތަ އެއީ ރޯދަމަހުގެ ތަފާތު އަޅުކަންތަކުގައި ފަރުވާ ކުޑަކޮށް ރޯދައާ މެދު ފާޑުކިޔައި އުޅެވުނީތީ ކޮންމެވެސް މިންވަރަކަށް ލަދު އިހުސާސް ކުރެވިގެން އެކަމުން ލިބިފައިވާ ހިތް ނުތަނަވަސްކަން ފޮރުވުމަށްޓަކައި އެހެންމީހުންނާ އެކުގައި ބައިވެރިވެލާ ބައިވެރިވުމަކަށް ވެސް ވެގެން ނުވާނެ އެވެ. މިފަދަ ކަންކަމުގެ ބަދަލުގައި އީދުގެ އުފާ އެއީ ރޯދަމަހުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ކާމިޔާބާއި ނަޞްރުގެ އުފާކުރާ ކަމުގައި ވޭތޯ މަސައްކަތް ކުރަން ޖެހޭނެ އެވެ. ހަގީގީ އުފާވެރިންނަކީ އެއީ އެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރޯދައިގެ އަޅުކަން އަދާކުރާއިރު އެކަމުން ކެތްތެރިކަމާއި އީމާންކަމާއި ތަޤުވާ ހާސިލު ކުރުމުގައި އެންމެން އެއްވަރެއް ނުވާނެ އެވެ. ރޯދައިގެ މަދަރުސާ އިން ހާސިލު ކުރާ ސެޓުފިކެޓުގައި ތަފާތު ދަރަޖަތަކުން ފާސްވާ މީހުން ތިބޭނެ އެވެ. އެހެންކަމުން ރޯދައިގެ ފަހުން ދެން އަންނަ ދުވަސްތަކުގައި އޭގެ ބޭނުން ހިފުމަށްޓަކައި ރޯދައިން ދަސްކުރި ފިލާވަޅުތައް ވެސް އެކި މީހުންނަށް ލިބިފައި ވާނީ އެކި މިންވަރަށެވެ.

މިގޮތުން ރޯދައިގެ މަދަރުސާއިން ހަގީގީ ކާމިޔާބު ހޯދި ބަޔަކަށް ވާނީ ރޯދައިގެ ފަހުން އަންނަ ދުވަސްތަކުގައި ދިރިއުޅުމުގެ ހަޔާތުގެ އަޑިގުޑަން ތަކުގައި ސާބިތުކަމާއި ކެތްތެރިކަމާ އެކު ހުރުމުގެ ތަމްރީނު ލިބުނު ބައެކެވެ. ރޯދަމަހު ކެތްތެރިވެގެން ސާބިތުކަން މަތީ ތިބި ތިބުން ރޯދައިގެ ފަހުންވެސް އެއަށް ބަދަލެއް ނައިސް އެ ގޮތުގައި ހިފަހައްޓާލެވޭނެ ބައެކެވެ.

މި ދެންނެވި ސިފަތަކާއި ހުނަރުތައް ލިބުނު މީހުންނާ ޚިލާފަށް އަނެއް ބަޔަކީ، ކީރިތިރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަ ކުރައްވާފައިވާ "ބަނޑުހައިވުމާއި ކަރުހިއްކުން ނޫން ކަމެއް ރޯދައިން ހާސިލު ނުކުރެވޭ" މީހުންނަކީ ކެއުމާއި ބުއިމުން އެކަނި ރޯދަހިފާ ބައެކެވެ. މިފަދަ މީހުންގެ ނަޒަރުގައި ރޯދަ މަސް ދިއުމުން ދެން އެ އައީ ކެއުމާއި ބުއިމުގެ މައްސަރެވެ.

އެހެންކަމުން ދިރިއުޅުމުގެ ހަޔާތުގައި ދަތިތަކާއި މުސީބާތްތަކާ ކުރިމަތިލާ ހިނދު ކެތްތެރިވާކަށް މިފަދަ މީހުންނަށް ދަސްވެފައެއް ނޯންނާނެ އެވެ. މިފަދަ ބަޔަކަށް ދަތިއުނދަގޫ ކަމެއް ދިމާވުމުން އެމީހުންގެ ލޯމަތީ މުޅިދުނިޔެ އަނދިރިވެގެންދާނެ އެވެ. ރުޅި އައިސް ހިތް ނުތަނަވަސް ވާނެ އެވެ. އަދިކިއެއްތަ، އެންމެފަހުން މާޔޫސްވެ ހަދާނެގޮތް ހުސްވެގެންދާނެ އެވެ.

މިހެން ވާން ޖެހެނީ މިފަދަ މީހުން ރޯދަމަހުގެ ދުވާލު ކެއުމާއި ބުއިމުން ދުރުހެލިވީ ހަގީގަތުގައި ﷲ އަށް ޚާލިޞްކޮށް އަޅުވެތިވުމަށް ކަމުގައި ނުވާތީ އެވެ. ކެތްތެރިކަމާއި އަޒުމް ވަރުގަދަ ކުރުމުގެ ތަމްރީނެއްގެ ގޮތުގައި އެ ރޫހުގައި ކަމުގައި ނުވާތީ އެވެ. އިޖުތިމާއީ ލަދަށް ނުވަތަ އެނޫން އެހެން ގޮތެއް ނެތިގެން ހިތާ ދެކޮޅަށް ކުޅަ ކަމެއް ކަމުގައި ވާތީ އެވެ.

އަދި ކިއެއްތަ، މިފަދަ ބައެއް މީހުންގެ ރޯދަ ހިފުމުގައި އިޚްލާޞްތެރި ކަމެއް އެއްގޮތަކަށް ވެސް ނުވާތީ އެވެ. ތިމާ މި ރޯދަ ހިފަނީ ތަޤުވާވެރިކަން ހާސިލު ކުރަންކަން ނޭނގޭތީ އެވެ. މިގޮތަށް ރޯދަ ހިފާ ބަޔަކަށް ފަހަރެއްގައި ދިރިއުޅުމުގެ ދަތިތަކާއި އުނދަގޫތަކަށް ކުރިމަތިލާން ކުޅަދާނަ ނުވުން ގާތެވެ.

މާލޭގެ ނޫރު މިސްކިތުގައި ކުރި މި އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭގެ ދަމުނަމާދުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ބައިގައި އަންހެނުން ނަމާދު ކުރަނީ. --މިހާރު ފޮޓޯ: ހުސައިން ވަހީދު

ކޮންމެއަކަސް ރޯދަ މަހު ރޯދަހިފުމާއި އެހެން އަޅުކަންތަކަށް ކުރިމަތިލާން ޖެހެނީ މާތްﷲ އަށް ޓަކައެވެ. އެއީ އޭގެ ސަބަބުން ﷲ އަށް ލިބޭ ފައިދާ އަކަށް ނުވަތަ އެކަން ނުކުރުމުން އެކަލާނގެ އަށް ލިބޭ ގެއްލުމަކުން ދުރުހެލި ވުމަށްޓަކައެއް ނޫނެވެ. ހަގީގަތަށް ބަލާނަމަ ރޯދަ އާއި އެހެނިހެން ހުރިހާ އަޅުކަމަކުން ވެސް ލިބޭ ހުރިހާ ފައިދާ އެއް އޮންނަނީ ހަމައެކަނި އިންސާނާ އަށެވެ. އޭނާގެ ދުނިޔެ އާއި އާޚިރަތު ކާމިޔާބު ކުރުމަށެވެ.

މިގޮތުން އުޚްރަވީ ހަޔާތުގައި ﷲގެ ޙަޟްރަތުން ހެޔޮ ދަރުމަ ލިބިގެން ދާނެ އެވެ. އަދި ދުނިޔަވީ ހަޔާތަށް ވެސް އެއިން މަންފާތަކެއް ޚާއްޞަ ވެގެން ވެއެވެ. މިގޮތުން ރޯދައިން ލިބުނު ތަމްރީނުތަކުގެ އަސަރު އެންމެ ކުޑަވެގެން ދެން އަންނަ ރަމަޟާން މަހަކާ ޖެހެންދެން ދެމިހުރުން ހިމެނެ އެވެ. ފުރިހަމަ ޞާލިޙު އިންސާނެއްގެ ގޮތުގައި ދެމި ހުރެވޭނީ މި ދެންނެވި ތަމްރީނުގެ އަސަރު ދެމި ހުރިހާ ހިނދަކު އެވެ. އަދި މިއަސަރު ދެމިހުންނަ ނަމަ އެއީ އާޚިރަތަށްޓަކައި އިތުރު މަންފާތަކެއް ހޯދަން ލިބޭ ފުރުސަތެއް ވެސް މެއެވެ.

މި ގޮތުން ރޯދަ މަހު ލިބިގަންނަ ތަމްރީނުތަކާއި ހުނަރުތައް ބައިވަރެވެ. އެއް ކަމަކީ އަދި މުހިންމު ކަމަކީ އެދުންތަކާއި ޝަހުވަތްތަކުގެ ކުރިމަތީ ކެތްކުރުމުގެ ތަމްރީނެވެ. ވީމާ ރަމަޟާން މަހުގެ ފަހުންވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މި ކެތްތެރި ކަމުގެ އަސަރު ފެންނަން ޖެހޭނެއެވެ. ކޮންމެ ކަމެއްގައި ވެސް އަޒުމް ވަރުގަދަ ވާން ޖެހޭނެ އެވެ. ރުޅިމަޑު ހިތްތިރި މީހަކަށް ވާން ޖެހޭނެ އެވެ.

ދެ ވަނަ ކަމަކަށް ލިބިގަންނަ ތަމްރީނަކީ ފަރުޟު އަޅުކަންތަކުގެ އިތުރުން ސުންނަތްތައް އަދާ ކުރުމަށް އާދަ ކުރުމެވެ. އެހެންކަމުން ރަމަޟާން މަސް ނިމުނަސް ސުންނަތް ރޯދަތައް ހިފަން ޝައުގުވެރިވާން ޖެހޭނެ އެވެ. ރަމަޟާން މަހުގެ ރޯދައިގެ އިތުރަށް ޝައްވާލު މަހު ހަ ރޯދައާއި އަދި ކޮންމެ މަހަކު ތިން ރޯދަ ހިފާ ނަމަ އެފަދަ މީހަކީ މުޅި އުމުރުގައި ރޯދައަށް ހުންނަ މީހެއް ފަދަ މީހަކަށް ވެގެންދާނެ އެވެ.

ތިން ވަނަ ކަމަކަށް އެހެން މަސްމަހާ ޚިލާފަށް ފަރުޟު ނަމާދަށް ޚާއްޞަ ފަރުވާތެރިކަމެއް މި މަހުގެ ތެރޭގައި ދެވެއެވެ. ނަމާދުތައް ވަގުތުންވަގުތައް އަދާކުރުމުގައި ފުރަތަމަ ޖަމާއަތުގައި މިސްކިތުގައި ކުރުމަށް އާދަ ކުރެވެއެވެ. އެހެންކަމުން ރޯދައިގެ ފަހުންވެސް އެކަން އެ ގޮތުގައި ދެމެހެއްޓުން ވަރަށް މުހިންމެވެ. ހަތަރުވަނަ ކަމަކީ ޤުރުއާން ކިޔެވުން އެ މަހުގައި އިތުރު ކުރެވިގެން ދިއުމެވެ.

މި ތަމްރީނު ހޯދުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދަނީ ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވުނު ޤުރުއާނުގެ މައްސަރު ކަމަށް ވާތީއެވެ. އެ މަހުގައި ޤުރުއާން ކިޔެވުން އިތުރު ކުރުމަކީ އެ މަތިވެރި ނިޢުމަތުގެ މަތިން ހަނދާން އައު ކުރެވޭ ކަމެއް ކަމުގައި ވާތީ އެވެ. ވީމާ ރޯދައިގެ ފަހުން އެ ފޮތް މަތާރަންފިލާ މަތީ ނުވަތަ އަރުޝީފުގައި ބާއްވަން ވެއްޖެ ނަމަ އެއިން ހިދާޔަތު ލިބިގަނެ ޘަވާބު ހޯދާނީ ކިހިނަކުން ހެއްޔެވެ؟

ފަސް ވަނަ ކަމަކީ ފަގީރުންނާއި މިސްކީނުން އުޅޭ ހާލަތު ރޯދައިގެ އަޅުކަމުގެ ސަބަބުން ކޮންމެވެސް މިންވަރަކަށް ތަސައްވުރު ވެގެން ދިއުމެވެ. އެހެންކަމުން ރަމަޟާން މަހުގެ ތެރޭގައާއި އަދި އެމަސް ނިމުމުން ވެސް ދީލަތި ކަމުގެ އަތް ހުޅުވާލުމެވެ. ފަގީރުންނާއި މިސްކީނުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވާން އިސްލާމް ދީނުގައި އިރުޝާދު ދީފައިވާތީ ދީލަތިކަމުގެ އަސަރު އެއީ މޫސުމީ ކަމެއް ކަމުގައި ނުހަދައި އެހީތެރިކަމުގެ އަތްތައް ފޯރުވައި އުޅެން ޖެހެއެވެ.

މިހެން ގޮސް ރޯދައިގެ މަދަރުސާއިން ދަސްވާ ހުރިހާ ކަމެއްގެ އަސަރު ވެސް އެ މަސް ނިމިގެން ދެން އަންނަ ދުވަސްތަކުގައި ވެސް ފެންނަން ޖެހޭނެއެވެ. އޭގެ އަސަރު އެއްގޮތަކަށްވެސް ފިލައިގެން ދިޔަނުދީ ހިފަހައްޓަން ޖެހޭނެ އެވެ. ރޯދަމަސް ނިމި ޢީދުގެ އުފާ އަޅުގަނޑުމެން ފާޅުކުރުމުގެ ހަގީގީ ބޭނުމަކީވެސް ރޯދައިން ކަންތައްތަކެއް ދަސްވެ އަގުހުރި ސެޓުފިކެޓެއް ލިބުމުގެ އުފާ ފާޅު ކުރުމެވެ. ވީމާ އެއާއެކު އެސެޓުފިކެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ އަޒުމް އާދެ، ރޯދައިގެ ހެޔޮ އަސަރުތައް ދެމެހެއްޓުމުގެ އަޒުމް މިހާރުއްސުރެ އާކުރަން ޖެހޭނެއެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454