އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމުގައި އިބޫ (ވ) އާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ބައިވެރިވެ ވަޑައިގަންނަވަނީ-- --ފޮޓޯ/ނިޝާން އަލީ/މިހާރު
13 ޖުލައި 2017 - 07:42
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މައްސަލަ ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ 29 މެމްބަރަކު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރިހާ މެމްބަރުންހެން ވަނީ ބަންޑާރަ ނައިބުގެ މި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އަދި މެމްބަރުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާއިރު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމު ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ކަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ޖުމްހޫރީީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީގައި ސީދާ ވަކި ގޮތަކަށް ބުނެފައި އޮތް ކަމެއް، އެއާ އިދިކޮޅަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ސާފު އިބާރާތުން "ބްލެކް އެންޑް ވައިޓުން" ލިޔެފައިވާ ކަމެއް، ގާނޫނާ ހިލާފަށް ނިމިގެން ހިނގައިދާނެ ކަމަށް ހީނުކުރައްވާ ވެސް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ އެންމެ އިސް އެއް ލީޑަރު ގާސިމް --ފޮޓޯ/ނިޝާން އަލީ/މިހާރު
"އަޅުގަނޑު ދެކޭ ގޮތުގައި އެ މައްސަލަ ސުޕްރީމު ކޯޓުން އެ ބަލަނީ ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ސުޕްރީމު ކޯޓަށް ހުށަހެޅުއްވީމައި. އެކަމަކު އަޅުގަނޑު ޔަގީންކުރަނީ އެ މައްސަލަ ނިމިގެންދާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް،" ގާސިމް ވިދާޅުވި އެވެ.
ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމު ކޯޓަށް ގާނޫނު އަސާސީން ލިބިދޭ ހަމައެކަނި ބާރަކީ މަޖިލީހަށް ކުރިމަތިލާ މެމްބަރެއްގެ ޝަރުތު ހަމަވޭތޯ ބެލުމާއި އުނިވެއްޖެ ނަމަ އެކަން ބަލައި ގޮތެއް ނިންމުން ކަމަށެވެ. އެކަމަކު އިތުރު ޝަރުތުތަކެއް ކޮށް، މެމްބަރުކަމުން ވަކިވީތޯ ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ސުޕްރީމު ކޯޓުން ލިބިދީފައި ނުވާއިރު އެކަން އެނގިވަޑައިގެން ހުންނަވައި ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އަނިލް ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި އޮންނަ ގޮތުން، މަޖިލީހުގައި ނަގާ ވޯޓަކުން، ދައްކާ ވާހަކައަކުން އެއްވެސް މެމްބަރަކާ މެދު ފިޔަވަޅެއް ނޭޅޭނެ. އަދި ތަހުގީގުކޮށް ބަންދެއް ވެސް ނުކުރެވޭނެ. މިހެން އޮއްވެ، ޕާޓީއަކުން ނެރޭ ވިޕްލައިނަކާ ހިލާފަށް ވޯޓުލާ މެމްބަރެއްގެ މެމްބަރުކަން ގެއްލޭނެ އެއްވެސް ގޮތެއް ގާނޫނު އަސާސީއަކު ނެތް،" ކޯޓުން އެ ފަދަ ގާނޫނާ ހިލާފު ނިންމުމެއް ނިންމާނެ ކަމަށް ގަބޫލު ނުކުރައްވާނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް (ކ) އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ-- --ފޮޓޯ/ނިޝާން އަލީ/މިހާރު
ދުސްތޫރީ އެ މައްސަލައިގެ ތެރެއަށް ވަންނަވަން ހުށަހަޅުއްވާފައިވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެޓާނީ ޖެނެރަލްގެ ނިންމުމާ ގުޅޭ ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އާއި ސުޕްރީމު ކޯޓުގެ ނިންމުން ތަފާތު ވެއްްޖެ ނަމަ ރައްޔިތުން އޭގެ ތެރޭން ގަބޫލުކުރާނީ ކޮން ނިންމުމެއްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މި މައްސަލަ އޮތް ގޮތުން، ހުރިހާ ބާރެއް ލިބޭނީ ޕާޓީތަކަށް ކަމަށާއި އޭގެ ސަބަބުން މެމްބަރުންގެ ދައުރު ހަނިވެ، ރައްޔިތުން އެދޭ ގޮތަށް ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގަނެވޭނެ ކަމަށެވެ.
"މަޖިލީހުގެ މެމްބަރުން އިހްތިޔާރު ކުރަނީ ޕާޓީއަކުންނެއް ނޫން. ނޫނީ އެ މެމްބަރަކު ހޮވަން ވޯޓު ދޭނީ ވަކި ޕާޓީއެއްގެ މީހުންނެއް ވެސް ނޫން. އެކަމަކު މިހާރު އޮތް ގޮތުން ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓެއް ނުލެވޭނެ. މީގެ ސަބަބުން ރައްޔިތުންގެ ވެސް ވަރަށް ގިނަ ހައްގުތަކެއް އެބަ ގެއްލޭ،" މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ވިދާޅުވި އެވެ.
ރޭ ކުނޫޒުގައި އޮތް އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނާރާ (ކ) އާއި ވައްޑެ ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ނިޝާން އަލީ/މިހާރު
ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިބިހޫރު
13 July 2017
ތިޔަބުނާ އަނިލް އަށް ތިޔަގޮތުގައި ދެމިހުރެވޭނީ ކިހާދުވަހެއްވަންދެން ބާ؟؟ ތިގޮތަށް އުޅުނު ބަޔަކު އެހެލާފައި، ޖަލަށް ލާފައި އަދި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބިތަންވެސް އަހަރެމެން ދެކެފިން. ދެން ތިބުނާ މީހާގެ ކަންތައް ދާނީ ކިހާވަރަކުންބާއޭ ހިތަށް އަރާ.
ޒެޑް
13 July 2017
ފޮޓޯއގަ ހިނިފުޅުވަޑުވާ ދެބޭފުޅުންގެތެރެއިން އެއްބޭފުޅަކު ވިދާޅުވާކަހަލަ ނިކަންހުންނާށޭ އަތުޖެހޭދުވަހަކުން 7 ފެބްރުއަރީ ގެ ކުޅިގަޑު ކުޅެލާނަމޭ!
މޫސަ
13 July 2017
ސުޕްރީމް ކޯޓުން އަމިއްލައަށް ޤާނޫނުތަކަށް ބަދަލު ގެންނަމުން ދިޔަ އިރުވެސް އެކަން ފެނުނު މެމްބަރެއް ނެތެއް ނޫންތޯއެވެ. މިފަހަރުވެސް ހޭލެވުނުކަން ނަސީބެއްނު.
ލުގުމާން
13 July 2017
އަނިލް އުޅުއްވާނީ ގާނޫންގެ ބާރު ކަނޑުވާލަން، އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރު ވައްޓާލަން.... ނެތެއްނޫން މާބޮޑު މައްސަލައެއް.
ވިޒްޑަމް
13 July 2017
ޤާނޫނު އަސާސީ ގައި ވަރަށް ޞަރީޙަ ޢިބާރާތުން ބުނެފައި އެބައޮވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެހިނދުން ފެށިގެން އޭނާގެ މަޤާމް ގެއްލުނީއެވެ. ދެން މަސީޙް އަށް ވެސް އަދި ކޮންމެ މީހަކަސް ވެސް އެނގޭނެ ރައްޔިތުން މަޖިލީހުން ނިންމާކަމެއްގެ ޞައްޙަކަން ބަލަން އެއްވެސް ކޯޓަކަށް ނުދެވޭނެކަންވެސް ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައި ވާކަން ! އެހެންވީމާ އެނގޭ ކަމަކީ ސަރުކާރުންވެސް މިމައްސަލަ ސްޕްރީމް ކޯޓަށް ވައްދައިގެން މިއުޅެނީ އެކަން އެގޮތަށް ވާނެކަމަށް ނޫން! މެންބަރުންގެ ރިއެކްޝަން ހުރިގޮތެއް ބަލަން ވެގެން ! އޭގެ ހެއްކަކީ މިމައްސަލަ ކޯޓަށް ވެއްދުމަށްފަހު ރީކޯ މޫސަ ޕީޕީއެމް އަށް ސޮއިކުރުން! ސަރުކާރުން އަދިވެސް އެބަލަނީ ވޯޓަށް ނުގޮސް މިކަން ނިންމޭނެ އެއްވެސް ގޮތެއް އޮތްތޯ އެވެ. އަދީބްގެ ވާހަކަތަކުން ރައީސް ގެ މައްޗަށް ޤާނޫނުއަސާސީގައިބުނާ ގޮތުގެ މަތީން ތަޙްޤީޤް ފެށުމުގެ މަރުޙަލާވެސް ފެށޭނެހެން ވަރަށް އެބަހީވޭ! މިހާރު އެއޮތީ ތުހުމަތެއް ކުރެވިފައި ދެންއޮންނާނީ އޭގެ ޙަޤީޤަތް ހޯދުން! މީލައްކަ ވާހަކަ!
ދޮގެއްތޯ
13 July 2017
ޔާމީނު އަށް އަދި ސައީދުބެ އަށް އަދި އަނިލް އަށް ޑިމޮކްރެސީ އެއް ބޭނުމެއް ނުވާނެއެވެ.އަދި ޤައުމެއް ވެސް ބޭނުމެއް ނުވާނެއްވެ.އެ މީހުން ބޭނުން ވާނީ އަމިއްލަ ނަފުސު ސަލާމަތް ކުރުމެވެ.އެހެނޭ ކިޔާފައި އަހަރެމެން އެކަމަށް ސަޕޯޓް ކުރަންވީ ކޮން ކަމަކާ ހުރެ ހެއްޔެވެ.
ރިއަލް ޑޮނަލްޑް ޑަކް
13 July 2017
މިސަރުކާރުގެ ބާރު ނެތިދާ ދުވަހަކުން ގާނޫނުއަސާސީގެ ބާރުކަނޑުވާލުމުގެ ދައުވާ ސަރުކާރުގެ ބޮޑުންގެ މައްޗަށްކުރަންޖެހޭ. އެއީ އަންނަންއޮތް ދިވެހި ޖީލަށްޓަކައިވެސް ކުރަންޖެހޭކަމެއް.
ހަމަ ހޭގައި ހުރި މީހެއް
13 July 2017
އޭ އަނިލް އެވެ.ތިޔަ ފުޑާލަނީ އަހަރެމެން ނުހަނު މަސައްކަތުން ގެނައި ޑިމޮކްރެސީ އެވެ.
ނީލު
13 July 2017
އަނިލް ވާހަކައެއް ބުނަން ތޯއެވެ؟ ތި ކަން ކުރައްވާފައި ރައްޔިތުންގެ ކިބައިން މަޢާފަށް ނޭދޭ ށެވެ.ތިކަމުގެ ކައްފާރައެއް ނެތެވެ.ތި ކަމުގެ އަގެއް ދުވަހަކު ވެސް އަނިލް އަށް އަދި ތި ކަމުގައި ބައިވެރިވާ އެެއްވެސް މީހަކަށް އަދައެއް ނުކުރެވޭނެ އެވެ
ހެޔޮ ހިތުން
13 July 2017
އަނިލް މެން ފަދަ ކިޔަވާއިގެން ތިބި ޒިވާނުން މިހާ ދަށުދަރަޖާގެ ޢަމަލު ހިންގާނެ ކަމަށް ކުރިން ޤަބޫލެއް ވެސް ނުކުރަމެވެ. ކިޔެވި ކިޔެވި ހެން ވަނީ ނުބައި ވިއްޔާއެވެ.ﷲ ގަންދީފައި ބުނަމެވެ.ތިހާ މަޖްބޫރު ވާނަމަ އަޅުގަޑު ނަމަ އިސްތިއުފާ ދޭނަމެވެ. ރިޒްޤު ދެއްވަނީ ﷲ އެވެ.