ރާއްޖޭން މިއަހަރު ހައްޖަށް ދިޔަ ބައެއް މީހުން އުމްރާގެ އަޅުކަމުގައި: ޙައްޖުގެ އަޅުކަމުގެ ތެރެއިން ވެސް ތަޤުވާވެރިކަން ހާސިލު ކުރެވެންވާނެ. -- ފޮޓޯ: އަހުމަދު އަބުދުﷲ ސައީދު /މިހާރު
11 އޯގަސްޓް 2017 - 09:43
އިސްލާމް ދީނުގެ ހުރިހާ އަޅުކަމަކުން ވެސް ހާސިލު ކުރަން ޖެހޭ އެންމެ ފަހުގެ އަމާޒަކީ ތަގުވާވެރިކަން އިތުރު ކުރުމެވެ. މިގޮތުން ހައްޖުގެ އަޅުކަމުގެ ތެރެއިން މިކަން ހާސިލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ތަލްބިޔާ ކިޔުމާއި، ޠަވާފުކުރުމާއި، ސަޢުޔުކުރުމާއި، ޢަރަފާތުގައި ހުރުން ފަދަ ޙައްޖުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތައް އަދާކުރުމަށް ގުނަވަންތަކުން ކުރާ ޢަމަލީ ކަންކަމާއި ކިޔާ ކިޔުންތަކުން އޭގެ ޒާތުގައި ތަޤުވާވެރިކަން އިތުރު ވާނެ ހެއްޔެވެ؟
ހަގީގަތުގައި ދަތުރެއް ކޮށްލައިގެން ނުވަތަ ހިނގުންތަކަކާއި ދުވުންތަކަކުން ނުވަތަ އެނޫންވެސް އެހެން ހަރަކާތްތަކަކުން އަދި ދުލުން ބޭރުކުރާ އަޑުތަކަކުން ވެސް އޭގެ ޒާތުގައި މީހާ ތަޤުވާވެރިއެއް ނުކޮށްދޭނެ އެވެ. ސަބަބަކީ ތަޤުވާވެރި ކަމަކީ ﷲ ގެ ކޯފާ އާއި ޢަޛާބުން ރައްކާތެރި ވުމަށްޓަކައި ހުރަހެއް ބިނާ ކުރުން ކަމުގައިވާ ހިނދު އަދި މިކަމަށް އޮތް މަގަކީ ﷲގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުން ކަމުގައިވާ ހިނދު، އިންސާނާގެ ހިތާއި ސިކުނޑި އާއި ރޫހު އެ ޢަމަލުތަކާ ގުޅުން ލާޒިމު ވާތީ އެވެ. އެކަންކަމާ ގުޅުވައިގެން ވަކި ކަންތައްތަކެއް ގަބޫލު ކުރުމާއި، ވަކިކަހަލަ ޝުޢޫރުތަކާއި އިޙުސާސްތަކެއް ހިތުތެރޭ އުފެދުމާއި، ރޫހާނީ ވަންތަކަމެއް އެކުލެވިގެން ވާން ޖެހެއެވެ. އިންސާނާގެ ނަފްސު ވަކި ކަންކަމަކަށް ހަރަކާތްތެރި ކުރުވޭނީ އޭރުންނެވެ.
މިހެން ކަމަށް ވާނަމަ ޙައްޖުގެ އަޅުކަމުގައި މިގޮތުން އެކުލެވެން ޖެހޭ ރޫޙާނިއްޔަ ވަންތަ ކަމަކީ ކޮބައިބާ އެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި މީގެ އެންމެ ފުރަތަމަ ކަމަކީ އެ އަޅުކަމާ މެދު ތިމާ ޤަބޫލު ކުރާ ގޮތެވެ. މިގޮތުން ޙައްޖަކީ މީހުން ކުރާތީވެ ނުވަތަ އިޖުތިމާޢީ އާދަ ކާދައަކަށް ވާތީވެ ނުވަތަ މީހުންނަށް ކަންދައްކަން ވެގެން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ.
އޭގެ ބަދަލުގައި އެއީ މާތްﷲ އަށް ކިޔަމަންވުމުގެ ގޮތުން ކުރާ ކަމެއްކަން ގަބޫލު ކުރަން ޖެހޭނެ އެވެ. އަދި އެއީ ދީނުގެ މުހިންމު ރުކުނެއްކަމާއި، އެރުކުން އަދާކުރުމުގެ ޝަރުޠުތައް ފުރިހަމަވެ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަން ހަމަ ކޮންމެހެން ކުރަން ޖެހޭނެކަން ގަބޫލު ކުރަން ޖެހޭނެ އެވެ. އަދި އެ ހާލަތުގައި އެކަން ނުކުރުމަކީ ފާފައެއްކަން ވެސް ގަބޫލު ކުރަން ޖެހޭނެއެވެ.
މި ގަބޫލު ކުރުންތަކަށް ފަހު ޙައްޖުގެ އެކިއެކި ކަންކަމާ މެދު ހިތުގައި ވަކިކަހަލަ ޝުޢޫރުތަކެއް ނުވަތަ އިޙުސާސްތަކެއް އުފެދެން ޖެހޭނެ އެވެ. މިގޮތުން އިޙްރާމް ބަންނަ ހިނދު ތިމާ އަށް މި ވަދެވެނީ ވަކި ގައިދުތަކެއްގެ ތެރެއަށް ކަމާއި، ތިމާ މި ވަނީ އޭގެ ތެރޭގައި ބަނދެވިގެން ކަން ގަބޫލު ކުރުމާ އެކު އެ ގައިދުތަކުން ތިމާ ބޭރުނުވެ ހުރުމުގެ ޢަޒުމް އޮންނަން ޖެހޭނެ އެވެ.
މި ޢަޒުމުގެ ދަށުން، އިޙްރާމް ބަނުމުން ޙަރާމްވާ އެއްވެސް ކަމެއް ނުކޮށް ހުންނަން ޖެހެ އެވެ. އަދި މިގޮތުގައި ހުންނަން ޖެހޭނީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެކަލާނގެ އެންގެވި ކޮންމެ ކަމަކަށް ވެސް އާއެކޭ ބުނާ ހާލު އެވެ. ލައްބައިކަ ލައްބައިކަގެ މާނަ ހިތުގައި އޮންނަ ހާލުގަ އެވެ. އަދި ހިތުގައި އެކަން އެކުލެވޭކަން ޔަގީން ކުރުމުގެ ގޮތުން ހަރުއަޑުން ކިޔައި އޭގެ މާއްދީ ބައި ވެސް ފުރިހަމަ ކުރާ ހާލުގަ އެވެ.
އިޙްރާމް ބަނުމާ އެކު އެ ވަދެވޭ ގައިދުތަކުގެ ތެރޭގައި ވަކި ވައްތަރެއްގެ ހެދުން އެޅުމުން މަޙްރޫމު ވުމުން އެއިން ރަމްޒު ކޮށްދޭ ކަންތައްތައް ހިތުގައި އޮންނަން ޖެހެ އެވެ. މިގޮތުން ޤިޔާމަތް ދުވަހު އެންމެހާ އިންސާނުން މަޙްޝަރު ކުރެވިގެން ދާނެ ގޮތުގެ ތަޞައްވުރެއް ލިބެން ޖެހެ އެވެ. ހިތަށް ބިރުވެތިކަމާއި މަޑުމޮޅިކަން އިހުސާސްވާން ޖެހެއެވެ.
ޠަވާފު ކުރާއިރު އޭގެ އެންމެ މުހިންމު ބޭނުމަކީ މާތްﷲ ގެ ޙަޟްރަތުން މަޢާފަށް އެދުން ކަމުގެ އިހުސާސް ކުރެވެން ވާނެ އެވެ. ތިމާ ބޭނުންވަނީ ދުނިޔެއާއި އާޚިރަތުގައި ވެސް ހެޔޮގޮތޭ ދުލުން ކިޔާއިރު އެއީ ހަގީގަތުގައި ވެސް ތިމާގެ އެދުން ކަމުގައި ވާން ޖެހޭނެ އެވެ. އެއީ ހަމައެކަނި އަނގައިން ބޭރުވާ މާނައެއް ނެތް ބަސްތަކަކަށް ވެގެން ނުވާނެ އެވެ. މަލާއިކަތުން ވެސް މާތްﷲގެ ޢަރުޝިފުޅު ވަށައިގެން ޠަވާފު ކުރައްވައި މަޢާފަށް އެދިލެއްވި ކަމަށް ބައެއް ރިވާޔަތް ތަކުގައި ވެއެވެ.
އެހެންވެ ޠަވާފަކީ އޭގެ ރަމްޒެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅު ވެއެވެ. އެހެން ކަމަށް ވާނަމަ ތަސައްވުރު ކުރަން ޖެހޭނެ އެއް ކަމަކީ، ﷲ އަށް އުރެދުމެއްވެ ވަޑައިނުގަންނަވާ މަލާއިކަތުން ޠަވާފު ކުރައްވައި ﷲގެ ޙަޟްރަތުގައި ދަންނަވާއިރު ތިމާ ފަދަ ކުށްކުރާ މީހަކު މަޢާފަށް އެދުން މާ އައުލާކަން ބޮޑުވެގެންވާނެ ކަމުގައެވެ.
ސަޢުޔު ކުރާއިރު ހަނދާނަށް ގެނެސްދެނީ އީމާންތެރި މަންމަ އަކު އެކަމަނާގެ ދަރިފުޅަށްޓަކައި އަދި ކިޔަމަންތެރި އަނބިކަލަކު އެކަމަނާގެ ފިރިކަލުންނަށްޓަކައި ވެ ވަޑައިގެންނެވި ޤުރުބާނެވެ. އެއީ މާތްﷲ އާ މެދު އޮތް އިތުބާރެއްގެ ބޮޑުކަމާއި ޔަގީންކަމެއްގެ ބޮޑު ކަމުގެ ސަބަބުންނެވެ. ވީމާ ސަޢުޔު ކުރާ އިރު މި ހަނދާން އާލާވާން ޖެހޭނެ އެވެ. އަދި ތިމާގެ ހިތުގައިވެސް މާތްﷲ އާ މެދު އެފަދަ އިތުބާރެއް އުފެދެން ޖެހޭނެއެވެ. އެކަލާނގެ އަށް ވަކީލު ކުރުމުގެ މުހިންމުކަން ދަސްކުރަން ޖެހޭނެ އެވެ. އަދި ވަކީލު ކުރުމަކީ މަސައްކަތެއް ނުކޮށް ހުރުން ނޫންކަމުގެ ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ސަޢުޔުގެ އެއް މާނައަކީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމެވެ.
ޢަރަފާތުގެ ބިމުގައި އާދަމްގެފާނާ ހަމައިން ފެށިގެން އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި އަދި މާތްނަބިއްޔާ މުޙައްމަދުގެފާނު ކުރެއްވެވި އެންމެ މުހިންމު ކަމަކީ މާތްﷲ އަށް ދުޢާކޮށް އިސްތިޣްފާރު ކުރެއްވުމެވެ. އެއީ ނަބީންނެވެ. ވީއިރު ޢަރަފާތު ބިމުގައި ތިމާ ހުންނަ އިރު މިކަމަށް އެ ބޭކަލުންނަށް ވުރެ ބޮޑަށް ތިމާ ބޭނުން ޖެހޭނެކަން ގަބޫލުކޮށް ހިތަށް ތަވާޟުޢު ވެރިކަން ވަންނަން ޖެހެއެވެ. ކުށްތަކަށް މަޢާފަށް އެދެން ޖެހެއެވެ. ﷲއަށް ޙަމްދާއި ޝުކުރު ކޮށް އެކަމުގެ ހަގީގީ އިހުސާސްތައް ކުރެވެން ޖެހެއެވެ.
ޖަމްރާތަކަށް ހިލައުކުމަކީ ޝައިޠާނެއްގެ ވަސްވާހުން ސަލާމަތްވުމަށް ނަބީބޭކަލަކު ކުރެއްވެވި މަސައްކަތެއްގެ ރަމްޒެކެވެ. ވީމާ މިރަމްޒީ ޝަޢީރާ އަދާ ކުރާއިރު ހިތުގައި އޮންނަން ޖެހެނީ ތިމާވެސް އެފަދައިން ޝައިޠާނާގެ ވަސްވާހުން ސަލާމަތްވާން ތައްޔާރަށް ހުރި ކަމެވެ. ޝައިޠާނާ ރަޖަމް ކޮށްގެން ނަމަވެސް ވަސްވާސްތަކުން ސަލާމަތްވެ ހަމައެކަނި މާތްﷲ އަށް ކިޔަމަންވާނެކަން ހިތުގައި އޮންނަން ޖެހޭނެ އެވެ.
ތަޤުވާގެ ފެށުމަކީ ހަގީގަތުގައި މި އެވެ. އެކަން ފުރިހަމަވެގެންދާނީ ކިޔަމަންތެރިކަން އަދާކޮށްގެން ނެވެ. ކޮންމެފަދަ ޤުރުބާނެއް ވެގެން ނަމަވެސް ކިޔަމަންވެގެންނެވެ. އެހެންކަމުން ލޯބިވާ ދަރިކަލުން ﷲ އަށްޓަކައި ޤުރުބާންކޮށްލުމުގެ އަމުރަށް އިބްރާހީމްގެ ފާނާއި އިސްމާޢީލް ގެ ފާނު ކިޔަމަންވެވަޑައިގަތް ގޮތް މިތަނުގައި ހަނދާނަށް ގެންނަން ޖެހެއެވެ. ނަޢަމް ސޫއްޕަކީ މި ދެންނެވި ޤުރުބާނުގެ ރަމްޒެކެވެ.
އެހެންކަމުން މިއަދު މި ކަތިލަނީ އާދައިގެ ބަކަރިއެއް ނުވަތަ ކަންބަޅިއެއް ކަމުގައިވިއަސް އެއީ ޤުރުބާންވުމުގެ ރަމްޒެއްކަން ހަނދާން ކުރަން ޖެހެއެވެ. އެކަމަކު މިކަމުގެ ރޫހާނިއްޔަތު ވަރުގަދަ ވެގެންދާނީ ﷲއަށްޓަކައި ނަމަ މިއަށްވުރެ އެތައް ގުނައެއްގެ އަގުހުރި އެއްޗަކުންވެސް ޤުރުބާންވާން ތިމާ ތައްޔާރަށް ހުރި ކަމުގެ އިޙުސާސްތައް ކުރެވިގެންނެވެ. ލޮލުން ކަރުނަ ފާއްދާލެވިގެންނެވެ. ރޫޙާނިއްޔަތަކީ އެއީއެވެ.
މި ފަދަ ރޫޙާނިއްޔަތަކާ އެކު ޙައްޖު އަދާކުރެވިއްޖެ ނަމަ އެއީ ތަޤުވެރިކަން ހާސިލު ކުރަން ޖެހޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ. ޙައްޖަކީ ފަތުރުވެރިކަމެއްގެ ގޮތުގަ އާއި، ވިޔަފާރި ދަތުރެއްގެ ގޮތުގައި އޭގެ މާއްދީ ބައިން ފަހަރެއްގައި ފެނިދާނެ އެވެ. އަދި އެއީ ހަށިގަނޑަށް އެކި ގޮތްގޮތުން ކަސްރަތު ތަކެއް ލިއްބައިދޭ ތަމްރީނުތަކެއްގެ ގޮތުގައާއި، އިޖުތިމާޢީ ކޮންފަރެންސެއްގެ ގޮތުގައި ވެސް ފެނިދާނެ އެވެ.
މިފަދަ މާއްދީ ބައިތަކުން މާއްދީ މަންފާއެއް ހައްޖުގެ ތެރެއިން ހޯދިޔަސް އެންމެ ރަނގަޅު މަންފާ އަކަށް ނުވަތަ ކޮށްތަކަށް ވާނީ ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ފަދައިން ތަޤުވާ ގެ ކޮއްތެވެ. މިކަން ހާސިލުވާނީ މި ދަތުރު ރޫޙާނީ ދަތުރަކަށް ވެސް ހަދާލެވިގެންނެވެ. ވީމާ ހައްޖުގެ ޝަޢީރާ ތަކާ އެކު ކުރިން އިޝާރާތް ކުރި ފަދަ ގަބޫލު ކުރުންތަކާއި އިހުސާސްތަކާއި ޝުއޫރުތައް ގުޅިލާމެހިގެން ދާން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy