ގޮނޑީގެ މައްސަލައާ ގުޅޭގޮތުން ސައުދު (ކ) ، އަމީތު (މ) އަދި ލަތީފު ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި.-- މިހާރު ފޮޓޯ
09 ސެޕްޓެމްބަރ 2017 - 14:39
މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ގޮތް އެ ކޯޓުން އަލުން ސާފުކޮށްދޭންޖެހޭ ކަމަށް، އެ މައްސަލަ ރައްދުވާ ހަތަރު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ހަތަރު މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ، ގޮނޑީގެ މައްސަލައާ ގުޅޭގޮތުން ކޯޓުން ނިންމި ގޮތް އެކި ގޮތްގޮތަށް މާނަކުރަމުންދާއިރު، އެކަން ކޯޓުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
އިންތިހާބެއް ނުވަތަ ގޮނޑިއަކާ ގުޅޭ ހިލާފެއް އުފެދިއްޖެނަމަ އެކަމުގެ އެންމެ ފަހު ބަސް ބުނަންޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވުމުން، އެކަމުގައި އީސީއަށް ގޮތް ނިންމުމުގެ ބާރެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޝަރުއީ ކޯޓަކުން ހުކުމެއް ކުރާނަމަ އެ ހުކުމް ރައްދުވާ ދެ ފަރާތަށް ވެސް ހުކުމުގައި ބުނާ އެއްޗެއް އެނގޭ ފަދަ ގޮތަކަށް ސާފުކޮށް ހުކުމް ކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޟިއްޔާއެއްގައި ކަނޑައަޅާފައިވޭ. އަޅުގަނޑަށް ސުޕްރީމް ކޯޓުގެ ހުކުމުން ސާފު މިވަނީ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަަމަށް،" ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވި އެވެ.
ވައްޑެ ވިދާޅުވީ ގޮނޑިއާމެދު ސުވާލުއުފެދޭ ކަމެއް ދިމާވެއްޖެނަމަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭއިރު، އީސީއަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން އެ އަރައިގަތީ ޖިނާއީ ކުށަކަށްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ކަމަށެވެ. އަދި އެކަންތައްތައް ކުރީ ލިޔެކިޔުންތަކުން، ދެފުށް ފެންނަ ގޮތެއްގައި ކަމަށްވާތީ އޮޅުވާލެވޭކަށް ނޯންނާނެ ކަމަށް ވިދާޅުވި އެެވެ.
"މިއީ އާދައިގެ ގޮތަކަށް ކޮށްފައި އިން ކަމެއް ނޫން މިހާ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލާކަށް. މިހާ ސާފުކޮށް ކޮށްފައި އިން ކަމެއް އީސީގެ ޒިންމާއިން ބަރީއަވުމަށްޓަކައި ތިމަންނަމެންނަށް މިވެނިތާކުންކޭ ސިޓީ ފޮނުވުމުގެ ޖާގަ ޕީޕީއެމަށް ލިބޭތޯ ބަލަންޖެހޭނެ،" ވައްޑެ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އީސީން ހިންގަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށެެވެ. އެކަންކަން ހުއްޓުވަން ސުޕްރީމް ކޯޓުން ތެދުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީހަކު ނިސްބަތްވާ ޕާޓީއެއްގެ ސަބަބަުން ނުވަތަ ޕާޓީއަކުން ވަކިވުމުން ގޮނޑިގެއްލޭނަމަ، ސަރުކާރުން ކޮންމެ ފަދަ ގޮތަކަށް ވެސް ކަންތައްތައް ކޮށްފާނެ ކަމަށް ސައުުދު ވިދާޅުވި އެވެ.
"އީސީ އިން ގޮނޑި ގެއްލިޖެކަމަށް އިއުލާނުކުރުމާ ގުޅިގެން ދެން ހިނގާ ގާނޫނާ ހިލާފު ކަންތައްތައް ހުއްޓުވަން ސުޕްރީމް ކޯޓުން ތެދުވާންޖެހޭ. މި ހާލަތުގައި ސުޕްރީމް ކޯޓު ނިދާފައި އޮވެގެން ނުވާނެ. ރައްޔިތުންގެ މެދުގައި ބޮޑު ބަހުސަކަށް ވެގެން ހިތްނުތަނަވަނަސްކަމެއް މި އޮތީ އުފެދިފައި، އެހެންވީމަ ކޯޓުން އިސްނަގައިގެން ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންނަށް އެކަންކަން ސާފުކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރަން،" ސައުދު ވިދާޅުވި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އީސީން އިއުލާނުކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ގާނޫނާ ހިލާފު ކަންތައްތައް ހައްލުވެގެން ދާނީ ރައްޔިތުން އެ ކަންކަމަށް އަޑު އުފުލައިގެން ކަަމަށެވެ. އަދި އެކަމުގައި ހުރިހާ އެންމެން ބައިވެރިވުމަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ. އަމީތު ވެސް ވިދާޅުވީ އޭނާގެ ގޮނޑި ގެއްލުނުކަމަށް ކޯޓުން ހުކުމް ނުކުރާ ކަމަށެވެ. އެހެންކަމުން އަންނަ މަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް، މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވިދާޅުވީ، މަޖިލީހުގެ މެމްބަރަކަށްވީތީ އެ އިދާާރާއިން ދީފައިވާ ލިޔެކިޔުންތަކާއި ބައެއް މުހިއްމު ތަކެތި އެބަހުރި ކަމަށެވެ. ނަމަވެސް އެ އެއްޗެހި ހަވާލުކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ވެސް އަދި އީސީން ވެސް އޭނާއަށް އަންގާފައިނުވާ ކަމަށް ވިދާޅުވި އެވެ.
އަމީތާއި ވައްޑެ އާއި ސައުދުގެ އިތުރުން ލަފީތުގެ ގޮނޑި ހުސްވެއްޖެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ގޮނޑީގެ މައްސަލައާ ގުޅިގެން އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބުށެން
10 September 2017
ސާފުކޮށްދޭން ބޭނުންވާ ކަމެއްނަމަ ސާފުކޮށްދޭވަރު ކުރެވިއްޖެތާއެވެ. ބޭނުން ނުވަނީ ވެދާނެގޮތަކާމެދު ބިރުހީވާތީކަމަށް ވެދާނެއެވެ.
ތެދުބަސް
10 September 2017
13 ޖުލައި 2017ގެ ސްޕްރީމްކޯޓުގެ ހުކުމުގައި އޮތީ ޕާޓީގެ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންގެ ވާހަކަ, ދިއްދޫ ދާއިރާގެ މެމްބަރަކީ އަމިއްލަގޮތުން ވާދަކޮށް ގޮނޑި ހޯދި މެމްބަރެއް, އިލެކްޝަނުން ސުލައިމާނު ދިއްދޫ ދާއިރާގެ ގޮނޑި ގެއްލުނު ގޮތް ދިއްދޫގެ ރައްޔިތުންނަށް ސާފުކޮށްދެއްވުން އެދެން. އަދި ސްޕްރީމް ކޯޓުގެ ހުކުމުގައި ނުހިމެނޭ މެމްބަރެއްގެ ގޮނޑި ގެއްލުނީ ކިހިނެއްކަން ސްޕްރީމްކޯޓުގެ ފަނޑިޔާރުން ދިއްދޫގެ ރައްޔިތުންނަށް ސާފުކޮށްދިނުން އެދެން. އަދި ގޮނޑ ގެއްލުވާލުމަށް ބަންޑާރަނައިބް ސްޕްރީމްކޯޓަށް ހުށަހެޅުއްވި މާއްދާ, ޕާޓީއަކުން ވަކިކުރިޔަސް އިންތިބުވެފައިވާ ނަގާމް ނުގެއްލޭނެ ކަމަށްބުނާ މާއްދާ ކޯޓުން ބާތިލްނުކުރާއިރުސ ގޮނޑިގެއްލުނުހޮތް އިލެކްޝަނުންނާ ކޯޓުން ރައްޔިތުންނަށް ސާފުކޮށްދިނުން އެދެން.
ސާފުބަހުން
10 September 2017
ސްޕްރީމް ކޯޓުން ނެރުއްވި ލިޔުން ރައްޔިތުންނަށް ރަނގަޅަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ސާފުކޮށް ދެއްވުން އެދެން. ގޮނޑި ގެއްލުނިއްޔާ ގެއްލުނުކަމަށް ނުގެއްލެންޏާ ނުގެއްލޭ ކަމަށް. ފަހުބަސް ރައްޔިތުންނަށް ސާފުކޮށް އަދުލުވެރިކޮށް އިއްވާދިނުމަށް ފަނޑިޔާރުން އަރިހުން އެދެން. މީ ރައްޔިތުންތަކެއްގެ ހައްގުތަކާ ގުޅިފައިވާ ކަމަކަށްވާއިރު, ނެރޭ ހުކުން ކޮންމެ ރައްޔިތަކަށްވެސް ސާފުކޮށް އެނގެންވާނެ.
ބޫންބޫން
10 September 2017
އަހަރެމެން ގޭގައި ގެންގުޅުނު ވަރަށް އަގުބޮޑު ގޮނޑިއެއްވަނީ ހަލާކުވެގެން ގެއްލިފައި ވީމާ މިގޮނޑި އަލުންލިބޭނެ ގޮތެއް ހައްދަވައި ދެއްވަލަބަލަ
ހަނދާން
10 September 2017
ސްޕްރޯމްކޯޓުން މެމްބަރުންނަށް ސާފު ޖަވާބެއް ދެއްވުން އެދެން. ގޮނޑި ނުގެއްލެއްޏާ ނުގެއްލޭ ކަމަށް, ގެއްލުނިއްޔާ ގެއްލުނު ކަމަށް ސާފުބަހުން, ރައްޔިތުންނަށްވެސް އެނގޭ ގޮތަށް އަދުލުއިންސާފު ގާއިމްކުރައްވާ ވެރިންގެ ބަހަކީ ގޮތްގޮތަށް މާނަ ކުރެބިގެންވާ އެއްޗަކަށް ވެގެންނުވާނެ. ފަހުބަސް ރައްޔިތުންނަށް ސާފު ބަހުންދެއްވާ ރައްޔިތުންގެ ހައްގު އަދުލުވެރިކަމާއެކު އަދާކޮށްދެއްވާ. އަދި މިނޫން ދުވަހެއް ވާކަން ހަނދާންކުރައްވާ ﷲ ގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެކަން ހަނދާން ކުރައްވާ, ހަމައެކަނި ބިރުވެތިވާންޖެހެނީ ﷲ އަށް ކަން, އެހެން ފަރާތެއްނެތް ކަން ހަނދާން ކުރައްވާ!
އިންސާފު
10 September 2017
ކަންކަން އެނގިތިބެ އޮޅުވާލާ, މަކަރުވެރި އަދުލުއިންސާފުން ބޭރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ވެރިން ނިކަމެތި ކުރައްވާ ނާކާމިޔާބު ކުރެއްވުމަށް އަވަސްކުރައްވާނދޭވެ! އާމީން
ނެޝަނަލިސްޓް
10 September 2017
ސުޕްރީމް ކޯޓު ގެ ނިންމުންތައް ސާފުވާންވާނެ އަދި އެ ނިންމުންތައް ތަންފީޒު ކުރޭތޯ ކަށަވަރު ކުރަން ޖެހޭނެ!
މުރަގަ ތޮޅި
10 September 2017
4 މީހުންގެ ހުކުމުގެ ކޮޕީ އެއް އަހަންނަކަށް ނުލިބޭ
ދިއްދޫ
09 September 2017
ސުލައިމާނު, ފުށުއަރާ މާއްދާއޭ ކިޔާފަ ސްޕްރީމް ކޯޓަށް ގޮނޑިގެއްލުވާލަންވެގެން ހުށަހެޅި މާއްދާ ސްޕްރީމް ކޯޓަކުން ބާތިލެއްނުކުރޭ, ޕާޓީއަކުން ވަކިކުރިއަސް އިންތިހާބުވި މަގާމް ނުގެއްލޭނެކަމަށް ބުނާ މާއްދާ ދެން މެމްބަރުންގެ ގޮނޑި އިލެކްޝަނުން ގެއްލުވާލީ ކޮންއެއްޗެއް ބައްލަވާފަތޯ? ސްޕްރީމްކޯޓުގެ 13 ޖުލައި 2017ގެ ހުކުމުގައި އޮތީ ޕާޓީގެ ޓިކެޓުގައި އިންތިހާބުވެ ގޮނޑިލިބުނު މެމްބަރުންގެ ވާހަކަ އަމިއްލަގޮތުން ވާދަކޮށް ގޮނޑި ހޯދި ދިއްދޫ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުނީ ކިހިނެއްވެގެންތޯ ދިއްދޫ ދާއިރާގެ ރައްޔިތުން ބޭނުންވޭ ސުލައިމާނު އެކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް.
ޕޮގުބާ
09 September 2017
ތިކަމާދެންނުތޮޅޭ މިހާރުވެސްނިމިފަ ތިއޮތީ ތިކަން ލާހިކެއްނޫން 4މެންބަރުންނަކަށް މަޖިލީހަށް ވަންނާކަށް އަޅެވަދެބަ!!