ޖަބީން: އޭނާއަކީ ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް
05 ޑިސެމްބަރ 2017 - 12:26
ތ. ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޖަބީން ހަ މަހަށް ގޭ ބަންދުކުރަން އެ ރަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވިލުފުށީ ކައުންސިލަށް ހޮވި، އެ ކައުންސިލްގެ ރައީސްކަން ވެސް މިދިޔަ ދައުރުގައި އަދާކުރި ޖަބީންގެ މައްޗަށް ގޭ ބަންދުގެ ހުކުމެއް މި އަހަރުގެ އޭޕްރީލް މަހު އިއްވީ 2015 ގައި އެމްއާރުޑީސީން އެ ރަށު މަގު ހެދުމަށް ޖަހާފައި ހުރި ދަގަނޑެއް އުފުރާލައި، އެއްލައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރުމުންނެވެ. އެ ހުކުމް އައި އިރު ޖަބީން ހުރީ ކައުންސިލް މެމްބަރެއްގެ ގޮތުގަ އެވެ.
އެކަމަކު އެ ހުކުމާ އެކު، ކައުންސިލަރު ކަމުގެ ގޮނޑި ގެއްލުމުގެ އިތުރުން އެ ކައުންސިލްގެ އިތުރު ދައުރަކަށް އޭނާ ވާދަކޮށްފައިވަނިކޮށް އޭނާގެ ކެންޑިޑެސީ ވެސް ވަނީ ބާތިލްވެފަ އެވެ.
ވިލުފުށީ ކޯޓުގެ އެ ހުކުމް ޖަބީންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖަބީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދީ އަދި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމުގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށެވެ.
އެގޮތުން ދައުލަތުގެ ހެކިވެރިއަކު ދެ ފަހަރަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވާ އިރު އެ ހެކިވެރިޔާ ދެ ވަނަ ފަހަރަށް ހާޒިރު ކުރުމުން ހެކިބަސް ދީފައިވަނީ ކުރިން ހެކިބަސް ދިން ގޮތާ މުޅިން ތަފާތުކޮށް ކަމަށް ހުކުމުގައިވެ އެވެ. އަދި އޭނާ ދެ ވަނަ ފަހަރަށް ހާޒިރު ކޮށްފައިވަނީ އިތުރު ކަމެއް ސާފު ކުރުމުގެ ގޮތުން ނޫން ކަން އެނގޭ ކަމަށާއި އެހެންވެ، އެއީ ހެކިބަސް ނެގުމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ޖަބީނަށް ދީފައި ނުވާ ކަމަށާއި ހެކިންގެ ހެކިބަހާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ދަށު ކޯޓުން ޖަބީނަށް ދީފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެއީ އޭރު އަމަލު ކުރަމުން އައި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމާ ބެހޭ ގަވާއިދާއި ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޖަބީންގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ދިނުމެއް ނެތި ކަމަށާއި އެއީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތާ ޚިލާފް ކަމެއް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫމް.
05 December 2017
މަގުޞަދަކީ ކެނޑިޑޭސީ ބާތިލްކުރެވެ. ޢެކަން ކޮއްފިއެވެ. ދެން ތިޔަ ހުކުމް ބާތިލް ކުރިޔަސް ވަރިހަމައެެވެ.
ސިޔާނާ
05 December 2017
ހުކުމް ބާތިލުކުރުމުން ނުފުދެއެވެ. މައްސަލައިގެ ޝަރިޢަތް އަލުން ހިންގަން ހައިކޯޓުން އަންގަންވާނެއެވެ. މި މައްސަލައަށް ބަލާއިރު އިސްތިއުނާފުގެ ބޭނުމަކީ އެއީއެވެ. އެއީ މައްސަލަ ހިންގި އިރު ހިނގާފައިވާ އިޖުރާއީ ކަމަކުން ދިމާވި ކަމެކެވެ. އެ ހެކިވެރިޔާއާ ސުވާލުކުރުމުގެ ފުރުސަތު ދައުވާލިބޭ މީހާއަށް ދީގެން އަލުން ޝަރިޢަތް ހިންގާށެވެ. ކުރިއަރާފައިވާ ޖުޑިޝަރީތަކުގައި ކަން ހިނގަނީ އެމަގުންނެވެ.
ޝަނީފް
05 December 2017
ރިޔާޒު ބުންޏެންނު މިފަހަރު ގޮނޑި ލިބޭނީ ޕީޕީއެމަށޭ. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ގޮނޑި ދަމައިގެންފި.
މާމަ
06 December 2017
ވަރަށްމޮޅު ކަމެއްތަ އެކުރެވުނީ؟
ރާބިއު
05 December 2017
ތިޔަ ހުކުމް ކުރީ ކޮން ގާޒީއެއްބާ
ބޭރު
05 December 2017
ރިޔާޒު ރަސީދުގެ ބަހަކަށް އިންތިޒާރު ކުރަމެވެ.
އުނބުށެން
05 December 2017
ދެން ތިޖެހުނީ ގޮނޑި ގެއްލުމުން ގެއްލުނު މުސާރަވެސް ދޭންތާއެވެ. އެކަމަކު ދެވަނަ ފަހަރަށް ކުރިމަތިލީމަ ކެންޑިޑެންސީ ބާޠިލުކުރި ކުރުމަށް ލިބޭނީ ކޮން ބަދަލެއް ބާވައެވެ. އަވަސް އަރުވާލައިގެން މީހުންގެ ޙައްޤުތަކާގުޅޭ ކަންކަން ނިންމީމާ ވާނީ މިހެންނެވެ.