05 ޑިސެމްބަރ 2017 - 13:55
ހދ. ކުޅުދުއްފުށީގައި ހެދުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް 3،300 ޓަނުގެ ބޮޑު ހިލަ ހިފައިގެން ރާއްޖެ ދަތުރުކުރަނިކޮށް ތޫފާނުގައި ޖެހި ބަންޑުން ޖަހައިލި ބާޖު ވަނީ އިންޝުއާ ކޮށްފައި ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އިންޑިއާގެ ޓުޓިކޮރިނުން ފުރައިގެން އެމްޓީސީސީގެ ބާޖު "ކުރިމަގު 7" ކަފު ޖަހައިން، ޓަގްބޯޓް "ޓެންގޯ 575" ދަތުރު ކުރަނިކޮށް ބާޖު ބަންޑުން ޖަހައިލީ ތޫފާން "އޯޝީ"ގެ ކޮޅިގަނޑެއްގައި ޖެހި މިދިޔަ ހުކުރު ދުވަހު އެވެ. ބާޖް ކަފު ޖަހައިގެން ދުއްވި ޓަގުގައި 11 މީހުން ތިއްބެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އެ ހާދިސާގައި އަނިޔާއެއް ލިބިފައެއްނުވެ އެވެ.
ބާޖު ބަންޑުން ޖަހާލުމާ ގުޅިގެން އެއީ ކިހާވަރެއްގެ ގެއްލުމެއްތޯ ބެލުމަށް ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެކަމަށް އެމްޓީސީސީން ވަކި އެއްޗެއް ނުބުނެ އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބާޖާއި ޓަގުބޯޓަކީ ވެސް އިންޝުއާ ކޮށްފައިވާ ދެ އުޅަނދު ކަމަށެވެ.
މިދިޔަ މަހު 27 ވަނަ ދުވަހު ޓުޓިކޮރިނުން ދަތުރަށް ފެށިތާ ދެ ދުވަސް ފަހުން އެ ޓަގުބޯޓާއި ބާޖް ތޫފާނުގެ ކޮޅިގަނޑުގައި ޖެހުނު އިރު އޮތީ، ކުޅުދުއްފުއްޓާ 152 މޭލު ދުރުގައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މިހާރު އެ ޓަގުބޯޓު ވަނީ ކުޅުދުއްފުށީގައި ބަނދަރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy