ކޯސްޓްގާޑުގެ އުޅަނދެއް އަޅާފައި: ލަންކާގެ މަސް ބޯޓެއް ދިވެހި ސިފައިން މިއަދު ވަނީ ހޯދާފައި-- މިހާރު ފޮޓޯ
11 ޑިސެމްބަރ 2017 - 17:43
އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން "އޮކްޝީ" ގައި ގެއްލުނު ލަންކާގެ މަސް ބޯޓެއް، ދިވެހި ސިފައިން މިއަދު ހަވީރު ހޯދައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހާލުގައި ޖެހިފައިވާ ލަންކާގެ އެ ބޯޓު ފެނުނީ، ހއ. ތުރާކުނުގެ 62 ނޮޓިކަލް މޭލު ބޭރުން، ކޯސްޓްގާޑުގެ އުޅަނދަކަށް ކަމަށެވެ. ރޯޝަނީ ނަމަކަށް ކިޔާ އެ ބޯޓުގައި އޭރު ހަތް މީހަކު ތިއްބެވެ.
އެމްއެންއެޑީއެފުން ބުނިގޮތުގައި އެ ހަތް މީހުންގެ ވެސް ހާލު ގޯހެއް ނޫނެވެ. އެކަމަކު އެ ބޯޓުގައި އެއްވެސް ވަރަކަށް ބޯފެން ނެތުމުން، ކޯސްޓްގާޑުގެ އުޅަނދުން ފެނާއި އެހެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.
ދިވެހި ސިފައިންނަށް މި ފެނުނީ ލަންކާއިން ގެއްލިގެން ރިޕޯޓުކޮށްފައިވާ އުޅަނދެކެވެ.
ތޫފާނުގައި އިންޑިއާ އާއި ލަންކާގެ 67 މަސް ބޯޓެއް ގެއްލިފައިވާ އިރު، އެ އުޅަނދުތައް ހޯދުމަށް ދެ ގައުމުގެ ސިފައިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެއްލުނު އިންޑިއާގެ މަސްވެރިންނާއި މަސްބޯޓުތައް ހޯދުމަށް، އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
ތޫފާން "އޮކްޝީ" ގައި އިންޑިއާގެ ޓެމިލްނާޑޫ އާއި ލަންކާގެ ބައެއް ހިސާބުތަކަށް ބޮޑެތި ގެއްލުންތައްވެ، ބައެއް މީހުން މަރުވެފައި ވެ އެވެ. އަދި ކެރެލާ އާއި މަލިކު ހިމެނޭ ސަރަހައްދުން ހާލުގައި ޖެހުނު 531 މަސްވެރިން ސަލާމަތްކޮށްފައިވާ ކަމަށް ކެރެލާގެ ކަމާ ބެހޭ އިދާރާތްތަކުން ބުނެފައި ވެ އެވެ. މި ތޫފާނުގެ އަސަރު ރާއްޖެއަށް ވެސް ކުރި އެވެ. އެގޮތުން ރާއްޖެއަށް ގަދައަށް ވިއްސާރަކޮށް 57 ރަށަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުތަ؟
11 December 2017
ހަމަ އަސްލުވެސް ކޯސްޓް ގާޑުންތޯ ހޯދީ؟ ނޫނީ މަސްވެރިންތަކަކަށް ފެނިގެން ތިޔަ ވިދާޅުވާ ބޯޓުގެ ތަފްސީލް ދިނީތޯ؟ މިހެން މިދެންނެވީ، ފާއިތުވި ގިނަ ހާދިސާ ތަކުގައި ކޯަސްޓްގާޑުން 'ސަލާމަތްކޮށްފި' ހެޑިން އަންނަ ފަހަރަކުވިއްޔާ އޮންނަނީ ކޮންމެވެސް ބަޔަކަށް ފެނިގެން މާ ކުރިން ރިޕޯޓްކޮށްފަ.
ފޮނިކަލޯ
11 December 2017
އަނެއްކާ ތިމީހުން ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކޮށްފައި ނުވޭތޯއެވެ. ރަނގަޅައް ޗެކު ކުރުން އެއީ ވަރައް މުޙިއްމު ކަމެކެވެ. ސަބަބަކީ މަކަރު ވެރި ބަޔަކައްވާތީއެވެ.
ޢަލީއަލީ
11 December 2017
ރަގަޅަށް ލިޔެފައޮތް އެއްޗެއްކިޔާބަލަ. ބޯޓަކީ ތޫފާނުގައި ގެއްލުނުކަމަށް ރިޕޯޓްކޮއްފަ އޮތް ބޯޓެއްކަމަށް އެއޮތީ. ލަންކާއާ ރާއްޖެއާ އިންޑިޔާއިންވެސް ދަނީ މިބޯޓުތައް ހޯދަމުން. ކޮމެންޓް ކުރާއިރު ބަލާލަން ރަގަޅު ދީފަހުރި މައުލޫމާތައް.
ޤައުމު
11 December 2017
އެބަ ރަނގަޅުވޭ!
ފަޔަރ
11 December 2017
އެކަމަކު ގެއްލުނު ރިލްވާނެއް ނުފެނުނު!!!