ރިޕޯޓް / މީހުން މެރުން

63 މަރު: އިންސާފު ކޮބާ؟ ހުއްޓޭނީ ކޮން އިރަކު؟

މެޔަށް ވަޅި ހަރައި މި އަހަރު މަރައިލި މުހައްމަދު އަަނަސް އަށް އިންސާފު ހޯދައިދޭން ގޮވާލާ އޭނާގެ ރަށް، ރ. މީދޫގައި ބޭއްވި ހިނގާލުމެއްގައި ބައިވެރިވި މީހުން ދުއާކުރަނީ: މީހުން މެރުން ނުހުއްޓި އިތުރުވަމުންދާ އިރު، ގިނަ އާއިލާތަކަށް އިންސާފު ނުލިބި އެތައް އަހަރެއް ހޭދަވޭ.-- ފޮޓޯ: ނާޝިތު

ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނައިން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ކޮށާލާފައިވާ މީހުންނެވެ. ބައެއް ފަހަރު، އެހެން މީހެއް ކަމަށް ހީކޮށް އޮޅުމަކުން "މަރާލެވިފައިވާ" ކުށެއް ނެތް ޒުވާނުންނެވެ. އަނިޔާވެރިންގެ އަތްދަށުވި މައުސޫމް ކުޑަކުދިންނެވެ. އެ މީހުންގެ ވާހަކަ އިން މި ހަފްތާގައި ގިނަ ބަޔަކު ސިހިއްޖެ އެވެ. ރުޅިއަތުވެއްޖެ އެވެ. ހިތްހަލާކުވެއްޖެ އެވެ.

"މިކަން ހުއްޓޭނީ ކޮން އިރަކު ހެއްޔެވެ؟ އިންސާފު ކޮބާ ހެއްޔެވެ؟"

އިންސާނީ ހައްގުތަކުގެ ދުވަސް މި ހަފްތާގައި ފާހަގަކުރި އިރު، "ދިރިހުރުމުގެ ހައްގު"ގެ ޝިއާރުގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކުރި އެއް ކަމަކީ 2001 އިން ފެށިގެން މިހާތަނަށް ހިނގާފައިވާ، މީހުން މެރުމުގެ ހާދިސާތައް އެއް ތަނަކުން ދައްކައިދިނުމެވެ. "އެމްވީމާޑާސް.ކޮމް" އިން މީގެ އަހަރުތަކެއް ކުރިންސުރެ އެކަން ކުރަމުން އައި ނަމަވެސް ޓީއެމްގެ ފޭސްބުކް ޕޯސްޓާ އެކު، މަރުގެ އަދަދާއި ހާދިސާތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

އެ ހާދިސާތައް ގެނެސްދިނުމުގައި ޓީއެމްގެ އުއްމީދަކަށް ވެސް ވީ މައްސަލައާ ބެހޭ ގޮތުން "މުހިއްމު ވާހަކަތަކެއް ދެކެވި ހޭލުންތެރިކަން އިތުރު"ވުމެވެ. ސަބަބަކީ، އެ ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި، "ރާއްޖޭގައި މީހުން މެރުމުގެ ހާދިސާތަކަށް [އެންމެ] ދުވަހެއްގެ ކަވަރޭޖު ލިބޭ އިރު، މަރުވާ މީހުންގެ އާއިލާތަކަށް މަދުން ނޫނީ އިންސާފު ލިބޭ ތަނެއް ނުފެނެ" އެވެ.

"މާތްކަލާކޯ! މިކަން ހައްލުކުރަން ކޮންމެވެސް މީހަކު ކޮންމެވެސް ކަމެއް ކުރަން ވެއްޖެ."

"ހަމައެކަނި އޮތީ ދުއާކުރުން"

ތެދެކެވެ؛ ޖިނާއީ އަދުލުގެ ނިޒާމުގެ ދޯދިޔާކަމާއި މުއައްސަސާތައް ފެއިލްވުމާއި އިހުމާލާއި އެކި ކަހަލަ ގޮންޖެހުންތަކާއި މައްސަލަތަކާއި ސަބަބުތަކާ ހެދި އިންސާފު ނުލިބިފައި ނުވަތަ އިންސާފު ލިބުން ލަސްވެފައި އެތައް އާއިލާއެއް އެބަ ތިއްބެވެ. އެކަމަކު އެ މީހުންގެ ވޭނާއި ކެކުޅުން އަޑުއަހަނީ ކާކު ހެއްޔެވެ؟ މައްސަލަތައް ކުރިއަށް ނުގޮސްގެން ކުރާ އާދޭސްތަކަށް އިޖާބަދެނީ ކޮން ބައެއް ހެއްޔެވެ؟ އިންސާފު ހޯދަން އޮތީ އެ މީހުންނަށް ކޮން މަގެއް ހެއްޔެވެ؟ ގިނަ މީހުންނަށް އަމިއްލަ އިޚްތިޔާރެއް، މިނިވަންކަމެއް ވެސް ނެތެވެ.

"ނޫހުގައި އަހަރެމެންގެ ވާހަކަ ލިޔެގެން ބަޔަކު ރުޅިއަރުވާކަށް ބޭނުމެއް ނޫން. މިތާ މި އޮތީ ވަރަށް ބޭއިންސާފު ނިޒާމެއް،" މީގެ ހައެއްކަ އަހަރު ކުރިން މަރާލި ޒުވާނެއްގެ އާއިލާ މީހަކު، ނޫހުގައި ނަން ޖަހަން ދެކޮޅުހެދި ސަބަބު ކިޔައިދިނެވެ.

"އަހަރެމެންގެ އެއްވެސް ބާރެއް ނެތް. ބާރުހުރި ބަޔަކާ އަހަރެމެންނާ ގުޅުމެއް ވެސް ނޯވޭ. ހަމައެކަނި އޮތީ ދުއާކުރުން."

އެ ގަތުލުގެ ތުހުމަތުކުރެވޭ ގިނަ މީހުންގެ ޝަރީއަތް އަދިވެސް ނިމިފައި ނުވާ އިރު އާއިލާގެ މެމްބަރުން ތިބީ "މި ދުނިޔެ އިން އިންސާފު ލިބިދާނެ ކަމަށް" ގަބޫލު ވެސް ނުކުރާ ހިސާބަށް ގޮތްހުސްވެ، މާޔޫސްވެފަ އެވެ.

"ޝަރީއަތުގެ އަޑުއެހުމެއް އޮތްކަން ވެސް އެނގެނީ ހަމައެކަނި ޚަބަރުތަކުން. އެކަހަލަ ކޮންމެ ފަހަރަކު އަހަރެމެންނަށް ލިބެނީ ހިތްދަތިކަން. އަހަރެންގެ އާއިލާ މުޅިން ބަދަލުވެއްޖެ. ކުރިއެކޭ އެއްގޮތެއް ނޫން. އޭނަގެ މަންމަ އުޅެނީ ޑިޕްރެޝަންގައި،" އެ މީހާ ކިޔައިދިނެވެ.

"ވަރަށް، ވަރަށް ހިތްދަތިވޭ. ބުނެދޭނެ ގޮތެއް ވެސް ނޭނގޭ. އިހުސާސްކުރެވެނީ ހުސްކަން. ފަޅުކަން."

"ހުއްޓާނުލާ މި ވާހަކަ ދެއްކުން ކުރިއަށް ނުގެންގޮސްފިއްޔާ، މާނައެއް ނެތް ސިޔާސީ ހުސް ވާހަކަތަކުގެ ތެރެއަށް މި މައްސަލަ ދާނީ ގެނބިގެން."

"ހިމޭންކަން ނޫން އެއްޗެއް ނެތް"

އެންމެ ހަތަރު ލައްކަ މީހުން ދިރިއުޅޭ ގައުމެއްގައި މީހުން މެރުން މި ދަރަޖަ އަށް ގޮސްފައިވާ ކަން ގަބޫލުކުރަން ވެސް ބައެއް މީހުންނަށް ދައްޗެވެ. އެއާ އެކު ކަންބޮޑުވުމުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިއްސާކޮށްފަ އެވެ.

"އަހަރެމެންގެ އަމާންކަން ކޮބާ؟ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ނުދެވެންޏާ ދައުލަތެއް އޮތުމުގެ ސައްހަ ބޭނުމެއް ކޮބާ؟" ޝުއޫރު ފާޅުކުރި މީހަކު ސުވާލުކުރި އެވެ.

"މީހުން ހަނދާން ހުރީ މީގެ ތެރެއިން ކިތައް ހާދިސާ ހެއްޔެވެ؟" އެހެން މީހަކު އެހި އެވެ.

"މިފަދަ ވާހަކަތައް ކުޑަ ދުވަސްކޮޅެއް ވަންދެން ޚަބަރުތަކުގައި އަންނާނެ. ފަހަރެއްގައި މަދު ހަފްތާތަކެއް ވަންދެން މީހުންގެ ޝައުގުވެރިކަން ލިބިދާނެ. އެއަށް ފަހު، އާއިލާތައް ފިޔަވައި އެހެން އެންމެން އެކަމެއް މަތިން ހަނދާން ނެތޭ،" ފޭސްބުކްގައި އެކަކު ލިޔެފައިވެ އެވެ.

އެހެން މީހަކު ދެކެނީ "މި ހުރިހާ ފުރާނައެއް [ގެއްލިގެންދިޔަ އިރު] ހިމޭންކަން ނޫން އެއްޗެއް ނެތް" ކަމަށެވެ.

"އިންސާފު އަލުން މާނަކުރަން ޖެހިފައި"

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަތު ތޮލާލް ދެކެވަޑައިގަންނަވާ ގޮތުގައި ދިރިހުރުމުގެ ހައްގުގެ ދިފާއުގައި އާއްމުންގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފެންނަން ޖެހެ އެވެ. އޭނާ ވިދާޅުވީ މީހުން މެރުމާއި އިންސާފު ހޯދައިދިނުމުގެ ވާހަކަ ދައްކާ އިރު އެންމެ ކަމަކަށް ވަކާލާތުކުރުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި ވިސްނުން މުހިއްމު ކަމަށެވެ. އަދި ތޮލާލް ގަބޫލުކުރައްވަނީ މިހާރު "ގިނަ ބަޔަކު ގޮތްހުސްވެފައި ތިބި އިރު ދެން ތިބި މީހުންގެ ޝައުގުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް ނެތް" ކަމަށެވެ.

"އެހެން ވީމާ ހުއްޓާނުލާ މި ވާހަކަ ދެއްކުން ކުރިއަށް ނުގެންގޮސްފިއްޔާ، މާނައެއް ނެތް ސިޔާސީ ހުސް ވާހަކަތަކުގެ ތެރެއަށް މި މައްސަލަ ދާނީ ގެނބިގެން،" އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިކަމާއި ހަމަނުޖެހުމާ ދެކޮޅަށް ޖުމްލަ ގޮތެއްގައި ވަކާލާތުކުރަން އެބަ ޖެހޭ. ޝަރުއީ ނިޒާމް އިސްލާހުކުރަން ވެސް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ގޮވާލުމެއް އަންނަން އެބަ ޖެހޭ."

ސިޔާސީ އިސްލާހުތައް ވެސް ހިމެނޭ ގޮތަށް އެކި ދިމަދިމާލުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ތޮލާލް އިތުރަށް ވިދާޅުވީ "އިންސާފު އަލުން މާނަކުރަން" ޖެހިފައިވާ ކަމަށެވެ. ކުށްވެރިންނާއި ކުށުގެ ސަބަބުން ގެއްލުން ލިބޭ މީހުން އަދި މުޖުތަމައުގެ ބައިވެރިވުމާ އެކު އިންސާފު ހޯދައިދިނުމުގެ ވިސްނުމަކަށް ދިޔުން މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ތޮލާލް ވިދާޅުވީ މި ހުރިހާ ކަމެއްގެ އެންމެ މުހިއްމު ބަޔަކީ މަރުވެފައިވާ މީހުންގެ އާއިލާތަކުގެ ބައިވެރިވުން ހޯދުން ކަމަށެވެ.

އަޒްލީނާ ނަފީސް އިން ފެށިގެން ހާރިސް އަބްދުލްޣަފޫރާ ހަމައަށް މަރާލި 63 މީހުންގެ ލިސްޓު އަދި ދިގުވެގެންދާނީ ކިހާ ވަރަކަށް ހެއްޔެވެ؟ ފޭސްބުކް ޕޯސްޓެއްގައި އެކަކު ބުނި ގޮތަށް، "މާތްކަލާކޯ! މިކަން ހައްލުކުރަން ކޮންމެވެސް މީހަކު ކޮންމެވެސް ކަމެއް ކުރަން ވެއްޖެ" އެވެ. އެކަމަކު އެ މީހަކީ ކާކު ހެއްޔެވެ؟

މަރާލާފައިވާ މީހުންގެ މައުލޫމާތު

27 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 88%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރާދު

14 December 2017

ސިޔާސީ އާޓިކަލްއެއް، ސިޔާސީ އިންޓަވިއުތަކެއް، ބޭރުގެ އެޖެންޓުންގެ އެއްކަލަ ޓްރާންސް ޕޭރަންސީ މޯލްޑިވްސް.

The name is already taken The name is available. Register?

ބޫމް

13 December 2017

2018ގައި ޔާމީން ހޮވިއްޖެނަމަ މި ޢަދަދު ތިންގުނަ ވާނެ. އެގޮތް ބޭނުން ނުވާ މީހަކު ހުރިނަމަ ޔާމީނަށް ނޫނެކޭ ބުނޭ. މީ ތެދެއްކަން ފެންނަންހުރި ހެކިޔަކުން ވަރަށް ސާފު.

The name is already taken The name is available. Register?

ޑާކްއޭލިއަން

13 December 2017

ޢެއްބުރުން ކުރި ކަންކަމުގެ ލިސްޓެއް ޖަގަހަތަކުން ގޮވި ދުވަސްވަރެއް ދިޔަ. ޢޭގަ އެސަރުކާރުގެ ދުވަސްވަރު މަރުވީ މީހުންގެ ޢަދަދު ކިޔައި އެއީ އެސަރުކާރުން އެއްބުރުން ކުރި ކަމެކޭ ކިޔާ. މިހާރު އެ ޢަދަދު ދެގުނަވެ މުޖުރިމުން މަގުމަތީ އުޅެމުންދާއިރުވެސް މިސަރުކާރަކާ ބެހޭކަމެއް ނޫން. ސަޅިއެއްނު ދޯ.

The name is already taken The name is available. Register?

ޝިޔާމް

13 December 2017

ހައްލު އެއޮތީ ޤުރުއާނާއި ސުންނަތުގައި. ތަންފީޒު ކޮއްލާ. އޭރައް ތި ހުރިހާ މައްސަލަތަކެއް ހައްލުވާނެ.

The name is already taken The name is available. Register?

ބުނެލަންއޮތީ

13 December 2017

ބުނެލަންއޮތީ އެމްއެންޑީއެފް އަށޤ ސާބަހޭ، ސުކުރިއްޔާ އޭ، ގައުމޭ ކިޔައިގެން ބަލަންތިބޭށޭ ހިހޫތަނުން ކާލައިގެން ރައްޔަތުން ގެ ލާރިން މުސާރަނަގައިގެން... ރައްޔަތުން އަތްޖަހާ

The name is already taken The name is available. Register?

1234

13 December 2017

އޭގެ ތެރޭން 28 މަރު އެއީ 2013 ޑިސެންބަރު ( މިސަރުކާރު ވެރިކަމަށް އައިފަހުން) ހިނގާފަ ހުރި މަރުގެ ހާސިދާތައް. އެވްރެޖްކޮށް އަހަރަކަށް 7 މަރު.

The name is already taken The name is available. Register?

ލކޖހ

13 December 2017

ގާތިލުން ދޫވޭ. ސާބިތު ނުވެގެން. ޑްރަގް ވިއްކާ މީހުން ދޫވޭ ސާބިތު ނުވެގެން. މާފުވެސް ދެވޭ . އެކަމަކު ސިޔާސީ މީހަކު ސަރުކާރުން ހައްޔަރު ކުރަން ބޭނުން މީހަކު ދޫވިތޯ؟ މިގައުމުގައި މިސަރުކާރަށް ކުށަކަށް ވަނީ އެންމެ ކަމެއް. އެނޫންވައްތަރެއްގެ ސަރުކާރެއް ހޯދަން އުޅޭ ބަދަލެއް ބޭނުމުއްިޔާ

The name is already taken The name is available. Register?

ާއަފުން

13 December 2017

މިއީ ޑިމޮކްރަސީއާއި އިންސާނީ ހައްގުގެނަމުގައި ޤައުމު ފަސާދަކޮށް، ދިވެހިންގެ ލަދުހަޔާތާއި ބިރު ކަނޑުވައިލުމަށް ބިދޭސީ މަދަދު ލިބިގެން ދިވެހިންގެ ތެރެއިން ބަޔަކު ކުރި މަސައްކަތުގެ ފޮނި ނަތީޖާ. އަދިވެސް ދިވެހިން ހޭވެރިކަންވާން ނުވޭބާ. ސިޔާސީ މަންފާއެއް ހޯދުމަށް އިންސާނީ ހައްގޭ، ޑިމޮކްރަސީއޭ ކިޔާގެން ދިވެހިންގެ ބަޔަކު ގުބޯ ހައްދައިގެން ލަވާ ހަޅޭކުގެ އަޑަށް ރޭރުނުވެ، އެކަކުއަނެކަކަށް އިޚްތިރާމުކޮށްގެން ކަންކަން އިސްލާހު ކުރަން އުޅެގެންނޫނީ ކަންކަން އިސްލާހެއްނުވާނެ. އެކަކު އަނެކަކަށް ވަގަށް ގޮވާ އަބުރާ ބެހި ހެދުމުން ރޯވާނީ ފިތުނައިގެ އަލިފާން. ނަތީޖާއަކަށްވާނީ ބިރެއްނެތި މާރާމާރީ ހިންގުމާއި، މީހުން މެރުންފަދަ އަމަލުތައް އިތުރުވުން. ކަންކަން އިސްލާހުކުރަން އުޅުމަކީ މައްސަލައެއް ނޫން، ކަންކަން އިސްލާހުކުރަން އިޚްލާސްތެރިކަމާއެކު އުޅުމަކީ ހަމައެންމެ ރަނގަޅު ކަމެއް. ނަމަވެސް މީހުންގެ އަބުރާބެހުމާއި އިޚްތިރާމު ކަނޑުވާލުމުގެ އަގު އެންމެންވެސް އަދާކުރަން ޖެހޭނެ.

The name is already taken The name is available. Register?

ރިސޯޓުހިއްސާނުދިންސަރުކާރު

13 December 2017

ވެރިމީހާ ބުނި ރައްޔިތުންނައް އެންމެބޮޑައްބޭނުން ވެފަހުރި ކަންކަމޯތިމަންނަ މިކުރަނީ އެއީ ކޮންކަމެއްކަން އެނގޭމީހަކުނެތް ވެދާނެ ތިޖޫރީ އިންތާވަޅުކޮނުން ކަމައްވެސް

The name is already taken The name is available. Register?

ހުތާ

13 December 2017

ސިޔާސީ ވެރިން ހާވާ ހަޑި އަދި އަޑިންކުޅޭ ކުޅުން އަޅުގަނޑުމެން އާއްމު ރައްޔިތުންނަށް އެއްވެސް ގޮތަކަށް ނުވިސްނޭ، އަދި ރައްޔިތުން އުޅޭ އުޅުމުން އެކަމާ ވިސްނަން އަދި ދެނެގަންނަން ބޭނުންވެސް ނުވާ ކަހަލަ، މިގައުމު ސަލާމަތް ކުރަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ގޭތެރޭގެ މާހައުލާއި ސްކޫލުގެ މާހައުލަށް ބޮޑު ބަދަލެއް ގެންނަން އެބަޖެހެއެވެ. ސްކޫލުން ކުދިންނަށް އަހުލާގު ވަކިމާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން އެބަޖެހެއެވެ. ސްކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކުން ކުދިން ވަކިގޮތަކަށް ބައްޓަން ކުރުވަން އެބަޖެހެއެވެ. މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒު ކުރަންޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454