ޚަބަރު / އިލެކްޝަންސް ކޮމިޝަން

ފާސްކޮށްދިން ބަޖެޓާއެކު އަހަރު ނިމިއްޖެ، އިންތިހާބެއް ނުބޭއްވި!

އީސީގެ ރައީސް ސުލެއިމާން (ކ-3) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ގާނޫނުތައް ބުނާ މުއްދަތުތައް ފަހަނާޅައިދިޔައިރު ވެސް އިންތިހާބުތައް ނުބާއްވައި އެ ކޮމިޝަން އޮތީ ހިމޭނުން.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވުނެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބައި އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ މުއްދަތަށް އެކަން ނުކުރެވޭނެ ކަމަށް އީސީން ފުރަތަމަ ދެއްކި އުޒުރަކީ ބަޖެޓު ނެތުމެވެ. އެ ޝަކުވާ ފިނޭންސް މިނިސްޓްރީގައި ކުރުމުން، މަޖިލީހަށް މި އަހަރު ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި އެ އިންތިޚާބުތަކަށް 26 މިލިއަން ރުފިޔާ ހަމަޖައްސައިދިނެވެ.

ފައިސާ ހަމަޖައްސައި ދިނުމުން ވެސް ގާނޫނުގައި ބުނާ ޒިންމާ އަދާނުކޮށް އީސީ އޮތީ "ހިމޭނުންނެ"ވެ. މި މައްސަލާގައި މީޑިއާތަކުން ކުރާ އެއްވެސް ސުވާލަކަށް ވެސް އެ ކޮމިޝަނުން ޖަވާބެއް ނުދެ އެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު ވިދާޅުވީ އީސީން އަމަލުކުރަމުންދާ ގޮތާ މެދު އިންތިހާ އަށް މެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގާނޫނުއަސާސީއާ ވެސް ޚިލާފަށް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެތައް ހާސް ރައްޔިތުންތަކެއްގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރަށް ފާސްކުރި ބޮޑު ބަޖެޓުގައި ދިއްދު އަށް އެއްވެސް ކަމެއް ނެތް ހިމަނާފައެއް. ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ، ބަޖެޓުގައި މަޝްރޫއުތައް ހިމެނުމުގެ ފުރުސަތު އޮތީ ނިގުޅައިގެންފައި. އެހެން ދާއިރާތަކަށް ވެސް ހަމަ އެ ހާލު ޖައްސާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

"ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅިތާ ތިން 60 ދުވަސް [ ގާތްގަނޑަކަށް ހަ މަސް]ވަނީ. އިންތިހާބު ބާއްވަން ފާސްކުރި ބަޖެޓުގެ ބޭނުން ވެސް އެ އޮތީ ކެނޑިފައި. އެއީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއެއްގައި ބުނޭ، މިސާލަކަށް އިންތިހާބަށް ކަނޑައެޅި 26 މިލިއަން ރުފިޔާ މި އަހަރު ބޭނުން ނުކޮށްފި ނަމަ އަންނަ އަހަރު ބޭނުމެއް ނުކުރެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުން ތުހުމަތުކުރާ ގޮތުގައި، އިންތިޚާބު ނުބާއްވައި ލަސްވަނީ އެޓާނީ ޖެނެރަލްގެ ލަފާ ނުލިބިގެންނެވެ. އިންތިޚާބު ބޭއްވުމުގެ ލަފައަކަށް އީސީން، އެޓާނީ ޖެނެރަލް އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

"ގާނޫނާ ޚިލާފު އެތައް ކަމެއް ހިންގަމުން މިދަނީ، ސަރުކާރުގެ ނުފޫޒާ އެކު. އެއްވެސް މުއައްސަސާއަކުން ވެސް އަޅައެއް ނުލާ، އެހެންވެ އިންތިހާބު ބޭއްވިއަސް ކައުންސިލްތަކުން ތިބީ އެއްބާރުލުން ދޭ ގޮތަކަށް ނޫން،" ލަތީފް ވިދާޅުވި އެވެ.

މެމްބަރުންގެ އަނެއް ކަންބޮޑުވުމަކީ، ޖުމްލަ 85 މެމްބަރުން ތިއްބަވާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލައިގެން، ތިބެ އެ މަޖިލީހުން ފާސްކުރާ ނިންމުންތަކަކީ ގާނޫނާ ޚިލާފު ނިންމުންތަކަކަށް ވާނެ ކަމަށް ކުރެވޭ ތުހުމަތެވެ. ބައެއް ގާނޫނުތަކަކީ، ގާނޫނުގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް މެމްބަރުން ތިއްބަވައިގެން ފާސްކުރަން ޖެހޭ ގާނޫނުތަކެއް ކަން ވެސް ލަަތީފް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަނީ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ. އެކަމަކު އިލެކްޝަނުން އެގޮތަށް އަމަލެއް ނުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

38 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 2%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އަހްމަދު

02 January 2018

އިދިކޮޅު ޕާޓީ ތަކުގެ އިސްވެރިންނަށް..... އިދިކޮޅު ޕާޓީ ތަކުގެ މެދުގައި ޕަރައިމަރީ އެއެް ބޭއްވުމެކޭ ޕްރައިމަރީ އެއް ނުބާއްވާ ރައީސް ނަޝީދަށް ތާއީދު ކުރެމެކޭ އެއްވެސް ތަފާތެއް އެބައޮތްތޯއެވެ؟ އެމްޑީޕީގެ މެންބަރުންގެ އަދަދު 80000 އަށް އަރާއިރު، ދެން ތިބި އެންމެން އެއްކުރީމާ 10000 ހަމަ ނުވެއެވެ..... އެމްޑީޕީން މި ބުނާ ޕްރައިމަރީ އާ ދޭތެރޭ ބުއްދިއެއް ހުރި ބަޔަކު ވިސްނާލުން ރަނގަޅެވެ.

The name is already taken The name is available. Register?

މޫސާ

01 January 2018

ހުރިހާ ސިޔާސީ ވާދަވެރިން ޖަލަށް ލައިގެންވެސް އިންތިޚާބެއް ބާއްވަން ނުކެރުމަކީ ދެރަވަރުދޯ

The name is already taken The name is available. Register?

ކާފަ

01 January 2018

"މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަނީ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ. އެކަމަކު އިލެކްޝަނުން އެގޮތަށް އަމަލެއް ނުކުރި އެވެ." މިހާރު ކާފަގެ ސުވާލަކީ ދައުލަތް މިހިންގަނީ ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށްހޭ؟؟؟؟؟

The name is already taken The name is available. Register?

މުފައްކިރު

01 January 2018

އިންތިކާބަށްވުރެ މުހިއްމީ ގައުމުގެ މަސްލަހަތު. ގައުމުގެ މަސްލަހަތު ނަގާލާ ބަޔަކަށް ކާމިޔާބު ހޯދާ ދިނުމަށް އިންތިޚާބެއް ބޭއްވުމަކީ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވުން.

The name is already taken The name is available. Register?

ހިންތި

01 January 2018

މަގޭ ދާއިރާއަކުން މެމްބަރަކު ގެއްލުނުނަމަ މަގޭ ހައްޤުބަސް މަޖިލީހަށް ވެއްދުމަށް މައަމިއްލައަށްވެސް ކޯޓަށްގޮސްގެން ތިޔަމައްސަލަ އަކުރުން އަކުރަށް ޤާނޫނު މާނަކުރާގޮތް ސާފުކުރުމަށް މަސައްކަތް މަކުރާނަށް. މިބުނީ އެއްވެސް ދާއިރާއަކުން، މަޖިލިސްއަށްލިބިފައިވާ ހައްޤު ގެއްލިގެން އެދާއިރާއަކުން ނޫޅެޔޭ . ކޮންރަށެއްގެ ކޮން ކައުސިލަކުންތޯ އެހައްޤު ހޯދުމަށް މަސައްކަތް ކޮށްފައިވަނީ . މިބުނީވެސް ސަރުކާރު ހަދާ ކޮންމެ ގޮތަކަސް ހެޔޮވެގެން ތިބޭތީއޭ ތިޔަހާ ދޯދިޔާވެގެން ތިޔަ އުޅެނީ . ކައުންސިލްގެ ބާރުވެރިންނަކީ އެރަށެއްގެ ރައްޔިތުން . ރައްޔިތުންގެ ހައްޤު ގެއްލިފައިވާތީ އެހައްޤު ހޯދުމަށް ކައުންސިލުން ތެދުވަން ޖެހޭނެ . ރައީސަކަށް ވޯޓެއްލާއިރު ކައުންސިލަށް ދެއްކޭނެ ބާރު ފެންނާނީވެސް މިކަހަލަ ކަންކަމާ ކައުންސިލުންވެސް އުޅެގެން .

The name is already taken The name is available. Register?

ބޯގަމާރު

01 January 2018

ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުން ތުހުމަތުކުރާ ގޮތުގައި، އިންތިޚާބު ނުބާއްވައި ލަސްވަނީ އެޓާނީ ޖެނެރަލްގެ ލަފާ ނުލިބިގެންނެވެ. އިންތިޚާބު ބޭއްވުމުގެ ލަފައަކަށް އީސީން، އެޓާނީ ޖެނެރަލް އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ......... ގޮނޑި ގެއްލުވާލިކަން އިޢުލާނުކުރުމުގެ ކުރިން، އެޓާނީ ޖެނެރަލްއާ މަޝްވަރާނުކޮށް ކަންނިންމާލާފައި ދެން މިހާރު ކުރާ މަޝްވަރާއަކަށް އެތަނުން ދޭނެ ޖަވާބެއް އޮންނާނެކަމަކަށް މަށަކަށްވެސް ނުފެނޭ.

The name is already taken The name is available. Register?

ހހހހ

01 January 2018

ރައްޔިތުން އެދޭކަންކަން ކުރާބައެއްނޫން މެމްބަރުންނަކީ. ފަހަރެއްގަރަށުގަ ރަށުގަ އޮންނަ މުބާރާތަކަށް 5 އަހރުން 1 ފަަހަރު 1000 ރުފިޔާ ދީފާނެ. މެމްބަރުންނަކީ ގަނެވިއްކާމުދަލެއް އަހަރކު 1 ފަަަހަރު ނީލންކިޔާނެ އެންމެ މަތީ އަގެއް ހުށަހަޅާފަރާތަކަށް ރަށުގެ ގޮންޑި ވިއްކާލާނީ. އެފައިސާއިން އެއްވެސް އެއްޗެއް ރައްޔިތުންނަށް ނުލިބޭ. ފުޓްބޯޅަ ކުޅުންތެރިން ވިއްކާގޮތަށް ޓްރާންސްފަރފީ ރަށުރައްޔިތުންނަށް ލިބޭގޮތަށް ހަދަންވީ.

The name is already taken The name is available. Register?

އައްޑޫ ރަދުން

01 January 2018

މެމްބަރުންގެ ގޮނޑި ދެބަދޭތެރޭގަ ވުމުން ދެރަވޭ...މެމްބަރުންގެ އަގު ނެތި ދިޔައީސްވެސް މެމްބަރުން ރައްޔިތުންނަށް ހަރާމް ކޯރުވެ ސަރުކާރާ ގުޅިގެން ހިންގި ޖަރީމާތަކެއްގެ ސަބަބުން.ތެދުތެދަށް ބުނާނަމަ މައުމޫނުގެ ދުވަސްވަރު ތީމުގެ މައުމޫނުއަށް ދިނުމާ ދެކޮޅު ހެދުން ފިޔަވާ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލީހުން ކޮއްދިން ކަމެއް ނެތް....އަމިއްލަ ފައިދާއަށް ބޮޑު މުސާރައާ އެލޮވެންސްތަކާ ހިލޭ ވެހިކަލްތަކާ ތިމާމެން ދައްކަނުޖެހޭ ޓެކުސް އެހެން މީހުން ދައްކަންޖެހުމާ މަސައްކަތަށް ހާޒިރުނުވިއަސް މުސާރަ ނުކެނޑޭ ގޮތަށް ބިލު ފާސްކޮށް...އާސިއާން ގައުމުތަކުން އާސަންދަ ހަމަޖައްސައިގެން ޖަލްސާތަކުގެ 15 މިނިޓުގެ އިންޓަވަލްއަށް އިންޑޯ ކޮންޓއިނާއެއްގެ އަގު ހަމަޖައްސައިގެން ތިބި ބަޔަކު....ނުކެރޭނެ އިތުރަށް ލިޔާކަށެއް...

The name is already taken The name is available. Register?

ޙުސެން

01 January 2018

ގޮނޑިގެއްލިއްޖެ ކަމަށް އީސީ އިން ކަނޑައެޅީ އެޓާރނީޖެނެރަލްގެ ލަފާހޯދައިގެންތަ.؟ މިކަމުގަ މަސީހުވެސް ކުއްވެރިވޭ. ރައީސުލްޖުމްހޫރިއްޔާވެސް ކުށްވެރިވޭ. ޢެޓާނީން ލަސްކުރާ ކޮންމެ ދުވަހަކަށް ޒިންމާ ނަގަންޖެހޭ. ތިމީހުނަށް ޙުކުމްކުރާނެ ދުވަހެއް އަންނާނެ.

The name is already taken The name is available. Register?

ކކމ

01 January 2018

އަހަރެމެންގެ ރައީސްގެ މަސްއޫލިއްޔަތެއްނޫން އިންތިހާބު ބޭއްވުމަކީ. ބަޖެޓް ދިނީމަ ސަރުކާރުގެ މަސްއޫލިއްޔަތު އެނިމުނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454