ނަސްވާ އޭނާގެ ބައްޕައާއެކު: ބައްޕައަށް މިހާރު ފަރުވާ ދެވެން އޮތީ ރާއްޖޭން ބޭރުން ކަމަށާއި އެކަމަށް އާއްމުންގެ އެހީތެރިކަމަށް އޭނާ އެދޭ
18 ޖެނުއަރީ 2018 - 09:55
ލ. އަތޮޅު މީހަކާ އިނދެގެން އެ އަތޮޅު ފޮނަދޫގައި ދިރިއުޅެމުން އަންނަ ނަސްވާ އަބްދުއްމަޖީދުގެ ހަތް ކުދިން އެބަތިއްބެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ވެސް ނަސްވާ އަންނަނީ ބަލަމުންނެވެ. ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ދިރިއުޅުމުގެ ހަރަދުތައް ކިރިޔާ ހަމަޖައްސަމުން އަންނަނިކޮށް އޭނާގެ ބައްޕަ އަށް ކެންސަރު ޖެހިފައިވާކަން އެނގުނެވެ.
ތ. ތިމަރަފުށީ ކެފޭއެއްގައި ވެއިޓަރުކަން ކުރަމުން އައި ނަސްވާގެ ބައްޕަ، 59 އަހަރުގެ އަބްދުލްމަޖީދު މާހިރު ބަލިވުމުން ނަސްވާގެ ގާތަށް، ފޮނަދު އަށް ގެންގޮސް ބަލަން ފެށި އެވެ. އެއީ އާއިލާގައި ހަތް ދަރިން ތިބި ނަމަވެސް އޭނާއަކީ އެންމެ ދޮށީ މީހާ އަށް ވެފައި، އާއިލާގައި އެހީތެރިކަމެއް ފޯރުކޮށްދޭވޭނެ އެހެން މީހަކު ނެތުމުންނެވެ.
ފިރިމީހާ އަށް ލިބޭ ކުޑަ މުސާރަ އިން ބައްޕަގެ ފަރުވާގެ ކަންކަން ހަމައެއް ނުޖެއްސެ އެވެ. އެކަމަކު ދަތި ހާލުގައި ވެސް ބައްޕަ ބަލަން ޖެހޭނެކަން ދަނެގެން، ބައްޕަ އަށް ފަރުވާ ކުރަން ފައިސާ އެއްކުރުމަށް އޭނާ ސަލާން ޖަހަން ނުކުތެވެ. ފޮނަދޫގެ އެކި ގޭގެ އަށް ހިނގައިގެން، މާލޭގައި ބައްޕަ އަށް ފަރުވާ ކުރެވޭނެ ވަރަށް އޭނާ ފައިސާ އެއްކުރި އެވެ.
ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާ އަށް އެހީތެރިކަން ބޭނުންވޭ
"ބައްޕަގެ ބަލި ހާލަތު އަންގައިދޭ ލިޔުންތައް ހިފައިގެން މި ރަށުގެ ހުރިހާ ގެއަކަށްހެން އަޅުގަނޑުވަނިން. އެހީ އަށް އެދި އާދޭސް ކުރިން. އެ ގޮތުގެ މަތިން އަޅުގަނޑުމެންނަށް 21،000 ރުފިޔާ ލިބުނު،" ނަސްވާ ކިޔައިދިނެވެ.
އަބްދުލްމަޖީދަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ހޮޓަލުގައި އޭނާ މަސައްކަތް ކުރަނިކޮށް، އެއް ދުވަހަކު އަނބުރައިގަނެގެން ވެއްޓުމުން މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުންނެވެ. ފުއްޕާމޭގައި ޓިއުމަރެއް އުފެދި އެ ޓިއުމަރު ކެންސަރަށް ބަދަލުވެ، އޭނާގެ ހާލު ހުރީ ކެންސަރުގެ ހަތަރު ވަނަ ސްޓޭޖުގަ އެވެ.
އަބްދުލްމަޖީދުގެ ބަލި ދެނެގަނެވުނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމުން އޭރު ރާއްޖޭގައި ކެންސަރަށް ފަރުވާ ކުރެވެން ހުރީ ހަމައެކަނި އޭޑީކޭންނާއި ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ އެހީގައި ކީމޯ ލިބެން ހުރި ނަމަވެސް، އޭޑީކޭގައި ބާއްވައިގެން ފަރުވާ ކުރުމަށް ހަރަދުތަކެއް ދެ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ލިބެން ހުރި ބައެއް ފަރުވާތައް އާސަންދަ އިން ކަވަރެއް ނުކުރެ އެވެ.
ނަސްވާގެ ބައްޕަ އަބްދުލްމަޖީދު: ކެންސަރަށް ފަރުވާ ކުރުމަށް އޭނާއަށް އެހީތެރިކަން ބޭނުންވޭ
ނަސްވާ ސަލާން ޖަހައިގެން ފައިސާކޮޅެއް އެއްކުރީ ބައްޕަގެ ފަރުވާގެ ހުރިހާ ހަރަދެއް، އާސަންދަ އިން ނުކުރެވޭތީ އެވެ.
"އޭޑީކޭގައި ބާއްވައިގެން ފަރުވާ ދޭއިރު ކޮޓަރިއަށާއި އެހެން ކަންކަމަށް ވެސް ވަރަށް ހަރަދު ދޭ. އެހެންވެ، ވަރަށް އަވަހަށް އެ ފައިސާކޮޅު ހުސްވެއްޖެ. ދެން ވެސް އަޅުގަނޑުމެންނަށް އެހީތެރިވެދިނީ އާއްމުން،" އާއިލާގައި ތިބި ބައްޕަގެ ދެ ފިރިހެން ދަރިންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭކަން ފާހަގަކޮށް ނަސްވާ ބުންޏެވެ.
އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، ދެން ފަރުވާ ދެވޭނީ ރާއްޖޭން ބޭރުން ކަމަށް އެންގީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ. އެހެންވެ، ދެން ފަރުވާ ހޯދުމަށް ނަސްވާމެން ދިޔައީ އިންޑިއާ އަށެވެ. ބައްޕަގެ ކެންސަރު ބަލި ހުރީ ސްޓޭޖް ތިނެއްގައި ކަމާއި ހަ މަސް ވާންދެން ފަރުވާ ދެވިއްޖެ ނަމަ، ފުއްޕާމޭގެ އޮޕަރޭޝަނެއްކޮށް، ޓިއުމަރު ނެގިދާނެ ކަމުގެ ފެހި ސިގްނަލް އެ ހޮސްޕިޓަލުން ދިނެވެ. އެކަމަކު އިންޑިއާގައި އެ ހުރިހާ ދުވަހަކު މަޑުކޮށްގެން ތިބުމަށް މަދުވެގެން 8،000 ޑޮލަރު (123،000 ރުފިޔާ) ބޭނުންވެ އެވެ.
އެހާ ފައިސާ ނެތުމުން، ތިން މަސް ދުވަހުގެ ބޭސް ދިނުމަށް ފަހު އަބްދުލްމަޖީދު ރާއްޖެ ފޮނުވައިލި އެވެ. އެކަމަކު ދިރިހުރުމުގެ އުއްމީދު ލިބިފައިވާތީއާ އެކު އޭނާ އަނެއްކާ ވެސް އެދެނީ އާއްމުންގެ އެހީއަށެވެ.
"ކުރިން ވެސް އާއްމުންގެ ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބުނު. އެހެންވެ، މި ފަހަރު ވެސް އަޅުގަނޑު ވަރަށް އާދޭހާއެކު މި އެދެނީ އާއްމުންގެ އެހީތެރިކަމަށް،" މި ވަގުތު ފޮނަދޫގައި ހުރި އަބްދުއްމަޖީދު ބުންޏެވެ.
ނަސްވާ ބުނި ގޮތުގައި ބައްޕަ އެންމެ ބޮޑަށް ބަލިވެގެން މާލެ ގެންދިޔުމުން، އާސަންދަ އިން ކަވަރު ނުކުރާ ޓެސްޓުތައް ހެދީ، އޭނާގެ ސައިކަލަށް މަހަކު ދައްކަން ޖެހޭ 1،400 ރުފިޔާއިންނެވެ. މިހާރު ވެސް އޭނާ އާއި ދަރިންގެ ގިނަ ހަރަދުތައް މަޑުޖައްސާލާފައިވަނީ ބައްޕައަށްޓަކަ އެވެ. އެކަމަކު ބައްޕަގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ އާއްމުންގެ އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ބުންޏެވެ.
ނަސްވާގެ ބައްޕަ އަށް އެހީތެރިވާން ބޭނުން މީހަކު އޭނާގެ ފޯނު ނަމްބަރު 9968215 އަށް ގުޅުމަށް އޭނާ އެދެ އެވެ. އަދި އެހީއެއް ދޭން ބޭނުންވާ މީހުން 7730000133664 މި އެކައުންޓަށް ފައިސާ ޖަމާ ކޮށްދިނުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
19 January 2018
މިފަދަ ފަރާތްތަކަށް ކޮންމެ ބޭފުޅަކުވެސް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެހީވެދެއްވާ! ހުސްނުވާ އާސަންދަ ޔަޤީނުންވެސް ހުހެއްނުވާނެ. ހުސްވާނީ ނިކަމެތީންގެ ޖީބު!
ހުސްނުވާ
19 January 2018
ހުޅުމާލެ ހޮސްޕިޓަލަކީ އާސަންދަ ކުންފުނިން ހިންގާ ހޮސްޕިޓަލެކޯ! އާސަންދަ ހޮސްޕިޓަލުން ދޭފަރުވާ އާސަންދަ ކަވަރު ނުކުރޭ! ހުސްނުވާ އާސަންދަޔޯ! އާސަންދަ ކަވަރު ނުކުރާ ފަރުވާ އާއި ބޭސް ހުންނަންޏާ ހުހެއް ނުވާނެދޯ!
ޢަހުމަދު
19 January 2018
ކޮބާތަ އެބުނާ ހުސްނުވާ އާސަންދަ؟ ބަލިވާ ކޮންމެ މީހަކު ގޮތްހުސްވެފަ.
މާލު
18 January 2018
ވަރަށް ދެރަ ބޭސް ސިޓީގެ ދެބައި ކުޅަށް އެއްބައި އާސަންދަ ކަވަރު ކުރަނީ ދެން ކީއއްކުރަންތޯ ހުސްނުވާ އާސަންދަ ކިޔަނީ އެއީނ ނަމެއްގައި. މިއޮތް ކުޑަ ކުޑަ އާބާދީ އެކަމަކު ހ ފެށިގެން ޗ ހަމަޔަށް ޓެކްސް ނުވިތާކަށް ރައްޔިތުންގެ އަތުންވެސް ޓެކްސް ނަގަމުން ދުނިޔޭގެ އެންމެ ގިނަ ރިސޯޓުތައް މިލިޔަނުން ޑޮރަލު ވަދޭ ދައުލަތަށް އެކަމަކު ރައްޔިތުން ބިކަވަނީ އެންމެ ތިން ލައްކަ ހަމަނުވާ އާބާދީއެއް. ދެން އަތްޖަހާ
ފިކުރު
18 January 2018
ޢާއިލާގައި ހަތް ކުދިން ތިބިއިރު، އަދި ޚާއްޞަކޮށް ދެ ފިރިހެން ކުދިން ތިބިއިރު، ނަސްވާ އެކަނި ބައްޕަގެ ކަންކަމުގެ ޒިންމާ ކޮންމެ ޙާލެއްގައިވިޔަސް އުފުލާކަމީ ނަސްވާގެ ކިބައިގަވާ އިންސާނިއްޔަތާއި އަޚްލާޤުގެ ރީތި ކަން. މާތްﷲ ނަސްވާއަށް ހިތްވަރާއި ސާބިތުކަމާއި ހެޔޮ ދަރަޖަ ދެއްވާންދޭވެ! ދިވެހި މުޖުތަމަޢުގައި މިހާރު ފެންނަ ކަންކަމަށް ބަލާއިރު، ޢާއިލާގައި ތިބޭ ފިރިހެން ކުދިން ޢާއްމުގޮތެއްގައި ފެންނަނީ އެމީހުން މައިންބަފައިންނަށާއި ޢާއިލާއަށް އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުން ރެކިގެން އުޅޭތަން. ބައެއް ކުދިންނަށް އެމީހުންގެ ޒިންމާ ނޭނގޭތީ، އަނެއް ބަޔަކު އެކި ކަހަލަ ދުނިޔެވީ މަސްތުގައި ޖެހި ޣާފިލުވެފައިވާތީ، އަނެއް ބަޔަކު ހަމަ ގޯސްކަމުން. ހިތާމައަކީ ގިނަ ދިވެހި ފިރިހެން ދަރިންގެ އެއްވެސް ހަރުދަނާ ކަމެއް، އަޚުލާގެއް ނެތްކަން. މިއީ ގައުމެއްގެ ހައިސިއްޔަތުން ފިކުރުކުރަންޖެހޭ ބޮޑު މައްސަލައެއް. ނަސްވާގެ ލޮބުވެތި ބައްޕައަށް އަވަސް ޝިފާއަކަށް އެދެން. އާމީން
އައިޖޭ
18 January 2018
ނަސްވާ އަދި ފިރިމީހާ އާއި މިދެމަފިރިންގެ ދަރިްނ އަދު ވަމުން ދާ ގުރުބާނީގަ ބަރަކަތް ލައްވާށި މި ބައްޕަގެ ފަރުވާ އަށް ޙަރަދު ކުރެވޭނެ ރަނގަޅު ގޮތެއް އަވަސްކޮށް މެދުވެރި ކުރައްވާށި....އާމީން
ހުސްނުވާ އާސަންދަބެ
18 January 2018
ވަރަށް ތާހިރެއްނު، ހުސްނުވާ އާސަންދަ ތާރަފްކޮށްފަ ޓެސްޓުތަކުގެ ދެބައިކުޅަ އެއްބައި އާސަންދައިން ކަވަރު ނުވޭ!
ފުންއަސަރު
18 January 2018
އަވަސް ޝިފާއަކަށް އެދެން.
މަރީ
18 January 2018
މި 300،000 އެއްހާ މީހުންގެ އާބާދީ އުޅޭ، ދުނިޔޭގެ އެންމެ ހިންގާ އެއް ޓުއަރިޒަމް ޑެސްޓިނޭޝަނަށް ވާއިރު، ކީއްވެގެން ހޭ، ރާއްޖޭގެ ހުރިހާ އެއްމެނަށް، ސަލާން ނުޖަހާ، ސިއްހީފަރުވާ ނުލިބޭންވީ؟ ކޮބާހޭ ނަގާހާ ޓޭކްސްތައް؟ ހެލްތް އިންޝުއަރެންސް އާސަންދަ ދަށުން ވިޔަސް، އަމިއްލަ ތަންތަނުންވިޔަސް، މިއަށް ވުރެއް މާ ރަނގަޅަށް ފޯރުކޮއްދޭން ޖެހޭ. އެމީހެއްގެ އާމްދަނީގެ ނިސްބަތުން ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗެއް ދީގެން، ސަރުކާރުގެ ބަޖެޓާއެކު، ހާއްސަކޮށް މިކަހަލަ ބޮޑެތި ބަލިތަކެއް ބޭނުންވާ ރަނގަޅު ފަަރުވާ ރާއްޖޭއިން ލިބޭވަރު ކުރަން އެބަޖެހޭ. ކިިހިނެއް އާއިލާ މީހަކު ބަލިވީމަ އެހެން ހުރިހާ ކަމެއް ދޫކޮއްލާފަ ގޮސް ބޭރު ގައުމެއްގައި އިންނަނީ؟ މިވަރުގެ ކަންތައްތައް ނުކުރެވެންޏާ ދެން ރައްޔިތުން އަތުން ޓެކްސް ނަގާނެކަމެއްނެތް.
އާސަންދަބެ
18 January 2018
ކޮއިފުޅައް ނުފެނޭތޯ ބައެއް ބޭފުޅުންގެ އެކައުންޓުތަކަށް މިލިއަނުން ޑޮލަރު ވަތްތަން؟ އެއީ ވާގޮތަކީ!
މުހައްމަދު1283
18 January 2018
އެކައުންޓް ނަންބަރު ޖެހިނަމަ ޓްރާސްފާ ކުރާމީހުންނަށް ފަސޭހަވީސް!
ނޯނޫ
18 January 2018
އެ އޮތީނު އެކައުންޓް ނަންބަރު.
އަލިތައްކާނު
18 January 2018
ކީމޯ ދެވޭވަރުގެ މެޝިނެއް ރައްޔިތުންގެ ޓެކްސްލާރިން ގެނެސް ކޮންމެވެސް އިމާރާތެއްގައި ބަހައްޓައިގެން ކެންސަރު ޕޭޝަންޓުންނަށް ހިލޭ ފަރުވާދެވޭނެގޮތެއް ހަދާބަލަ.... ކީއްވެގެންހޭ އެހާއަގުބޮޑުވަނީ އެފަރުވާދޭނެ... ރައްޔިތުންގެ ފައިސާއިން އެމެޝިނަތަކަށް ހަރަދުކުރާނީ... ދެންބޭނުންވާނީ ހާއްސަޑަކްޓަރަކު... އޭނަގެ މުސާރަ އިތުރަށްދާނީ... އެފަރުވާދޭން އެހާއަގުބޮޑުވަނީ ކީއްވެގެންހޭ... ފަރުވާދޭ ކޮންމެފަހަރަކު ހޮސްޕިޓަލުން މިލިޔަންރުފިޔާ ހަރަދުކުރަނީހޭ... ނޫނީ 1000 ޑަކްޓަރުން އެފަރުވާގައި ބައިވެރިވަނީހޭ... ކޮންމެވެސް ލުއިގޮތެއް އެބަޖެހޭ ހޯދަން... ގިނަމީހުންނަކީ އެހާތަނަވަސް ބައެއްނޫން މިކަހަލަ އަގުބޮޑު ފަރުވާ ހޯދަން....
އުނބުށޭމު
26 March 2018
ކީމޯ ދެނީ މެޝިނަކުން ނޫން. އެއީ ޒާތެއްގެ އިންޖެކްޝަންތަކެއް. ކީމޯ އާއި ރޭޑިއޭޝަން ފަރުވާ ރާއްޖޭގެ ހުރިހައި ހޮސްޕިޓަލްގައި ވެސް ދެވިދާނެ. މެޝިން ބޭނުންވަނީ ކެންސަރު ދެނެގަންނަ ޓެސްޓްތައް ހަދަން. މިފަދަ މެޝިންއެއް ރާއްޖެއަކު އަދި ނެތް. ޕެޓް ސީޓީ އާއި ބައޮޕްސީ ފަދަ ސްކޭން އާއި ޓެސްޓް ހަދާ މެޝިން ހޯދައިގެން ރާއްޖޭގައިވެސް މި ފަރުވާ ދެވިދާނެ. އެކަމަކު މިއީ ރޭޑިއޯ އެކްޓިވް ނިއުކްލިއާ މެޑިސިންގެ ދާއިރާއެއް ކަމަށްވާތީ ވަކި ހާއްސަ ހުއްދަތަކެއް ހޯދުމާއި ސްޓޭންޑަޑްތައް ފޮލޯކުރަން ޖެހޭނެ. ހެލްތް މިނިސްޓްރީން ހާއްސަ އިސްކަމެއް ދީގެން މި ފަރުވާ ރާއްޖޭގައި ދެވޭނެ ގޮތް ހެދުން ހަމަ ކޮންމެހެން ވެސް މުހިއްމު.