ސުޕްރީމް ކޯޓު: ޕްރީއޯޑަރު ދިން ފޯނު ނުދެވުނު މައްސަލާގައި ބަދަލު ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި --ފޮޓޯ/މިހާރު
01 ފެބުރުއަރީ 2018 - 14:06
ފޯނެއް ގަތުމަށް ދިރާގު މެދުވެރިކޮށް ޕްރީއޯޑަރު ދިން ކަސްޓަމަރަކަށް ފޯނު ނުލިބުނު މައްސަލާގައި ދިރާގުން ދައްކަން ޖެހުނު ބޮޑު ބަދަލުގެ މައްސަލާގައި، ދިރާގާ އެއްކޮޅަށް ހައި ކޯޓުން ކުރި ހުކުމް އެ ކަސްޓަމަރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޕްރީއޯޑަރު ނަގައިގެން ފޯނު ވިއްކަން ދިރާގުން ހުޅުވާލުމުން މާޗް، 2016 ގައި އައިފޯން އެސް އީ އަކަށް އޯޑަރު ދިން، އެމްއާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފާއު އަށް އެ ފޯނު ނުދެވުނު މައްސަލާގައި ސިވިލް ކޯޓުން ހުކުމްކުރީ ބަދަލުގެ ގޮތުގައި 160،000ރ. އޭނާއަށް ދެއްކުމަށެވެ.
ދިރާގުން އެ މައްސަލަ އިސްތިއުނާފް ކުރުމުން މިދިޔަ ނޮވެމްބަރު މަހު ހައި ކޯޓުން ނިންމީ އެ މައްސަލާގައި ދަށު ކޯޓުން ޝަފާއު އަށް ނަގައިދިން ގެއްލުމުގެ ބަދަލަކީ ދިރާގުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި ދިރާގުން ދައްކަން ޖެހޭނީ ޝަފާއު އެ ފޯނު ގަތުމަށް ދެއްކި ފައިސާ ކަމަށްވާ 5،800ރ. އެކަނި ކަމަށެވެ.
ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފްކުރަން ޝަފާއުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ސިވިލް ކޯޓުން ޝަފާއު އަށް ނަގައިދިން ބޮޑު ބަދަލަކީ އެ ފޯނަށް ޕްރީއޯޑަރު ދިނުމަށް އޭނާ ދިރާގަށް ދެއްކި 5،800ރ. އާއި އެ ފޯނު ނުލިބުމުން އެހެން ފޯނެއް ގަންނަން އޭނާ ޚަރަދުކުރި 4،500ރ. އާއި ފޯނު ނުލިބުމުން ކުރިމަތިވި ލަދުވެތިކަމާއި ދަތިތަކަށްޓަކައި ޖަޒާއީ ބަދަލެއްގެ ގޮތުން 100،000ރ. ގެ އިތުރުން ވަކީލުންގެ ފީގެ ގޮތުގައި 50،000ރ. އެވެ.
އެކަމަކު ހައި ކޯޓުން ނިންމީ ފޯނަށް ޕްރީއޯޑަރު ދިނުމުގެ ގޮތުން ޝަފާއު ދެއްކި ފައިސާ ފިޔަވައި އިތުރު ފައިސާއެއް ދިރާގުން އޭނާއަށް ދައްކަން ނުޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހައި ކޯޓުގެ ހުކުމުގައި އޮތީ އެ މައްސަލާގައި ކުރެވުނު މުއާމަލާތްތަކަށް ބަލާއިރު، ޝަފާއު އާއި ދިރާގާ ދެމެދު ކޮންޓްރެކްޓެއް ވުޖޫދުވެފައި ނެތުމެވެ.
އެހެންވެ ކޮންޓްރެކްޓެއް ނެތީސް، ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ބަދަލު ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ވަކީލުންގެ ފީއަކީ ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނެތް ނަމަ، ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައި އޮތުމުން ވަކީލުގެ ފީ ވެސް ޝަފާއު އަށް ނަގައި ނުދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތީ
01 February 2018
ހާދަބޮޑު ލަދުފުޅެއްގެވެރިއެއް. އެއްލައްކަރުފިޔާވިއްޔަ.
ސައިފު
01 February 2018
ބުއްދި ޤަބޫލް ނުކުރާ ވަރުގެ ބަދަލަކަށް ވިއްޔާ ޑިމާންޑް ކުރަނީ.
ޢަހުމަދު
01 February 2018
ފޯނު ގަތުމަށް ވަކިމުއްދަތެއް ދީފައިވާކަމާއި އެމުއްދަތަށް ފޯނު ހަވާލު ނުކުރެވިއްޖެނަމަ ފޯނު ހަވާލު ކުރައްދެއް އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެއެވެ. ޢަދި މިޒަމާނަކީ ފޯނު މެދުވެރިކޮށް ވިޔަފާރިއާއި އަދި ގިނަ މުޢާމަލައި ކުރާ ޒަމާނަކަށްވެފައި އެނާއަށް އެކަށީގެންވާ ފޯނުނުލިބުމުން އެ ވިޔަފާރިއާއި މުޢާމަލާތަކަށް ލިބުނު ގެެއްލުމުގެ ބަދަލުގެ ގޮތުގައި ވެސް އެކަށިގެންވާ ބަދަލެެއް ލިބެންޖެހޭނެއެވެ. ޢަދި އެވަރު ބޮޑު ކުއްފުއްޔަކުން އެކަމާއި އިޚުމާލުވެފައިވާތީ އޭގެ ބަދަލު ވެސް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަމެވެ.
ބޮޑުކަކުނި
01 February 2018
ފޯނު ގަތުމަށް ދެއްކި ފައިސާ ދިރާގަށް ބަލައިގަތް ތާރީޚުން ފެށިގެން ދިރާގގުގެ ބިޒިނަސްގައި އެފައިސާ ދައުރު ވަމުން ދާނެ. ޢެހެވީމާ ދިރާގުން އެފައިސާ ބޭނުންކޮށްފައިވާތީ ފައިސާގެއްކި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދެވެންޖެހޭނެ.
ގެއްލުން
01 February 2018
ދިރާގަށް ފައިދާ ވުމަކީ ފޯނު ނުލިބުނު ފަރާތަށް ގެއްލުން ލިބުމެއް ނޫން. ގެއްލުން މިން ކުރަން ޖެހޭ ފޯނު ނުލިބުނު މީހާއަށް ފޯކަސް ކޮށްގެން. ދިރާގަށް ފޯކަސް ކޮށްގެނެއް ނޫން. އެކަމަކު، ޤާނޫނީ ފީ ދެއްކުމާ ބެހޭގޮތުން މިހާރު ޢަމަލުކުރަމުންދާ އުޞޫލު ސުޕްރީމް ކޯޓުން ބަދަލު ގެނައުން ރަނގަޅު.
ނަނަ ތަކުރު1
01 February 2018
ދައުލަތަށް އަދި ދަުލަތް ހިމެނޭ ކުންފުންނަކުން ފަރުދހަކަހ ކިތހަނމެބޮދު ގެއްލުމެއް ދިނަސް ބަދަލުދޭންޖެހޭނެ ކަމަކަށް އިސްތިއުނާފީ އެއްވެސް މަރުހަލާއަކުން ނުނިންމާނެ