ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީ އެއްވަރު، ޔުނައިޓެޑާއި އާސެނަލަށް މޮޅެއް

އޯބަމަޔަން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

04 ފެބުރުއަރީ 2018 - 09:35

ލަންޑަން (ފެބްރުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބާންލީއާ 1-1 އިން އެއްވަރުވިއިރު، އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 2-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށްފަ އެވެ. އެވަޓަންއާ ވާދަކޮށް އާސެނަލް ކުރިހޯދީ 5-1 އިންނެވެ.

ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 26 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މޮޅާ އެކު ވެސް އާސެނަލް އޮތީ ލީގުގެ ހަ ވަނައިގަ އެވެ. އެ ޓީމަށް 26 މެޗުން ހަމަކުރެވުނީ 45 ޕޮއިންޓެވެ.

ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ލީޑުނެގީ ބްރެޒިލްގެ ފުލްބެކް ޑަނީލޯ ޖެހި ގޯލުންނެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓައި ބާންލީ އަށް އެއްވަރުކޮށްދިނީ ޔޯހަން ބާގް ގުންޑްމުންސަން އެވެ.

މި މެޗުގައި ސިޓީން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލައިފަ އެވެ. މެޗަށް ފަހު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފުޓްބޯޅައިގައި ހަމަ އެކަނި މޮޅަށް ކުޅުމަކުން ކުރާނެ ފައިދާއެއް ނެތް ކަމަށާއި މުހިއްމީ ލަނޑު ޖެހުން ކަމަށެވެ. އަދި މި މެޗުގައި އެ ޓީމަށް ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށެވެ.

ރޭގެ މެޗު ޔުނައިޓެޑުން ފެށީ ޕައުލް ޕޮގްބާ ނުލަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެނުނުއިރު، ދެ ވަނަ ހާފު ފެށިގެން 10 މިނިޓް ތެރޭ ޔުނައިޓެޑަށް ލީޑުނަގައިދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ކުރިން ޗެލްސީ، ވެސްޓް ބްރޮމް އަދި އެވަޓަން އަށް ކުޅުނު ލުކާކޫ ޕްރިމިއާ ލީގުގައި ޖެހި 97 ވަނަ ގޯލެވެ.

ޔުނައިޓެޑްގެ ދެ ވަނަ ގޯލު ކާމިޔާބުކުރީ ދާދި ފަހުން އެ ޓީމާ ގުޅުނު ފޯވާޑް އަލެކްސިސް ސަންޗޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއެއްގެ ރީބައުންސް ބޯޅައަކުންނެވެ.

މި މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަމިއްލަ ދަނޑުގައި ކުޅުމުގެ އިހުސާސް ކުޅުންތެރިންނަށް ނުކުރެވުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.

"ދަނޑު އޮތީ ވަރަށް އަޑުމަޑުކޮށް. މިއީ ބޮޑު ދަނޑެއް. މި ކަހަލަ ދަނޑެއްގައި ކުޅުންތެރިން ކުުޅޭއިރު ސަޕޯޓަރުންގެ އަޑުގަދަވާންޖެހޭނެ. އަހަރެން ހަނދާން ހުރޭ ޕޯޓްސްމައުތު ދަނޑު (ފްރެޓަން ޕާކް) އެ ދަނޑަކީ ވަރަށް ކުޑަ ދަނޑެއް. އެކަމަކު އެ ދަނޑުގައި ކުޅޭއިރު އަޑުގަދަވުމުން އެކަމެއް ކުޅުންތެރިންނަކަށް އިހުސާސެއް ނުކުރެވޭ،" މޮރީނިއޯ ބުންޏެވެ.

ރޭ އާސެނަލުން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޯބަމަޔަން ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މި މެޗުގައި އޭނާ ލަނޑު ޖެހިއިރު، އެންމެ ފާހަގަކުރެވުނީ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަންގެ ކުޅުމެވެ. އޭނާ ވަނީ އާސެނަލްގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އޯބަމަޔަންގެ އިތުރުން އާސެނަލްގެ ލަނޑުތައް ކާމިޔާބުކުރީ އާރޮން ރަމްސޭ ހެޓްރިކެއްގެ އިތުރުން ލޯރެންޓް ކޮޝިއެލްނީ އެވެ. އެވަޓަންގެ ހަމައެކަނި ލަނޑު ޖެހީ އިނގިރޭސި ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް ލެވިން އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454