ސިފައިން ރައްޔިތުންގެ މަޖިލީހުގައި: މަޖިލީހުގެ ޖަލްސާތައް ނުފަށާ މައްސަލާގައި އިދިކޮޅު މެމްބަރުން ގެންދަވަނީ ސަރުކާރަށް ފާޑުކިޔަމުން. -- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ފެބުރުއަރީ 2018 - 12:07
ޖަލްސާތައް ނުބާއްވައި ރައްޔިތުންގެ މަޖިލީސް "ހިސޯރުކޮށްގެން" އުޅެނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެން ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަންޖެހޭ އިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. ފުރަތަމަ ދައުރު ހިނގާނީ، ގަވާއިދުގައިވާ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެކަމަކު، މި ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަދި ނުފަށަ އެވެ.
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރަށް ވެރިކަން ހިންގުމުގެ ބާރުން ވެރިވެގަނެ، މަޖިލީހުގެ ޖަލްސާތައް ވެސް ގަދކަމުން ހުއްޓުވާލާފައިވާ ކަމަށެވެ. ދެ ބާރުގެ މައްޗަށް ވެރިވެގަތުން ކަމަށް އިދިކޮޅު މެމްބަރުން މާނަކުރަނީ، މަޖިލީހުގެ އިތުރުން ޝަރުއީ ދާއިރާ އަށް އަމާޒުކޮށްގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފަށާ މައްސަލާގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި. --ފޮޓޯ
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި މަޖިލީސް ހުއްޓުވައި ސަރުކާރާއި މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުން ވަނީ ހުއްޓުވައިފަ އެވެ. ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ ބާރު ވެސް "މުށު ތެރެ އަށް" ލައިގެން އުޅުމަކީ މަޖިލީހުގެ މެމްބަރުން އިންތިހާ އަށް ކަންބޮޑުވުން ހުރި މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"މަޖިލީސް ހުއްޓުވައި ކުއްލި ހާލަތު އިއުލާންކޮށް، ގާނޫނުއަސާސީން ނުހިފެއްޓޭނެ އެތައް ހައްގުތަކެއް ހިފަހައްޓައިގެން މިއުޅެނީ. ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހް މި އުޅުއްވަނީ، އަސްކަރިއްޔާ ލައްވައި މަޖިލީސް ހައިޖްކޮށްގެން. މިއީ ގާނޫނާ ޚިލާފު އަމަލެއް،" އަމީތު ވިދާޅުވި އެވެ.
މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތް.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ސ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީސް ހުއްޓުވާލައިގެން އުޅެނީ މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނަށް ގެއްލި، ކޮންމެ ވަގުތަކު ވެސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފާނެތީ ކަމަށެވެ. އެހެން ނޫން ނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފަށަންޖެހޭ މުއްދަތުކަމަށް ގާނޫނުގައި ބުނާ ތާރީހުތައް ފަހަނަޅައި ދިޔައިރު ވެސް ހުއްޓުވާފައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ވެސް 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭ ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
"ރައީސް ޔާމީނަށް މެޖޯރިޓީ ލިބުނު އިރަކުން ނޫނީ މަޖިލީސް ނުހުޅުވަން ވެގެން މިއުޅެނީ. މާދަމާ ވެސް މަޖިލީސް ހުޅުވައިފި ނަމަ އެ މަނިކުފާނަށް މަގާމުގައި ދެމިހުރެވިދާނެ ކަމުގެ ޔަގީންކަމެއް ނެތް،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އަސްލެއް ނެތް ތުހުމަތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހައްޔަރުކުރަމުން ދަނީ ވެސް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދާށެވެ.
މެމްބަރުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީސް ނުހުޅުވައި ލަސްކުރާ ސަބަބު މަޖިލީހުގެ އިދާރާ އިން ސާފުކުރަން ކުރި މަސައްކަތަށް އެ އިދާރާގެ އިސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.
"މަޖިލީހުގެ އަމީން އާއްމުގެ ނައިބު އުޅުއްވަނީ ފިއްލަވައިގެން. ފޯނުކުރިއަސް، މެސެޖް ކުރިއަސް ޖަވާބެއް ނުދެއްވާ. ބައްދަލުކުރަން ދިޔަސް މެމްބަރުންނާ ބައްދަލެއް ވެސް ނުކުރައްވާ،" އަމީތު ވިދާޅުވި އެވެ.
މަޖިލީހުގެ އަމީން އާއްމުގެ ނައިބު ފާތުމަތު ނިއުޝާ ފޯނު ނުނަންގަވާތީ، މެމްބަރުން ކުރެއްވި ތުހުމަތުތަކަށް އޭނާގެ ޖަވާބެއް ނުލިބުނެވެ.
މަޖިލީސް ހިސޯރުކޮށްގެން އުޅޭ ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރާ އިރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
ނިހާން ވިދާޅުވީ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި މެމްބަރުންނަށް އެކަން އެންގި ނަމަވެސް ޖަލްސާ ނުބޭއްވުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ސަލާމަތީ ޚިދުމަތްތަކުން ވެސް އެ އަށް ވުރެ ބޮޑު ކަމެއްގައި އުޅެން ޖެހުމުން މުއްދަތެއް ނެތް ގޮތަށް ޖަލްސާ ފަސްކުރީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތިބޭތި
18 February 2018
ކޮބާތޭ މަމެން ޕިންކީން ނަށް މަޖްލީހުގެ މެޖޯރިޓީ ގެއްލިފައި އެކަމެއް ނުވާނެއޭ މާދަމާ ދައްކާލާނަމޭ އެމްޑީޕީގެ މެމްބަރުން ގެ ތެރެއިން ގިނަ އަދަދެއްގެ އެމްޕީން މަމެން ޕިންކީން ކޮޅަށް ވޯޓް ދެނިކޮށް އެއިރުން ހުންނާނީ ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.
މަނޭސް
18 February 2018
ކޮންއިރަކުތަ މެޖޯރިޓީ ގެއްލިގެން އުޅުނީ!ބުރާންޗާ
ހުސެންހ
18 February 2018
ތިކިޔާ އެއްޗެއް ދޮންބަފަޔަކައް ސާފެއްނުވެ. ކުރިންބުނި އިދިކޮޅުމީހުންއަތުގަޔޯ މެޖޯރިޓީއޮތީ ކެރެންޔާ މަޖްލިސްހުޅުވާށޭ ކުޅިދައްކާލާނަމޭ. މިހާރު އަނެއްކާ ސަރުކާރައް މެޖޯރިޓީ ލީބުނީތަ
ފަހު ކަބީލަ
18 February 2018
ހަރުފައެއް ވިހަ ލާނެވަރަކަށް ފުރުސަތުދީގެން ބަލަން ތިބޭނީ މޮޔައިން. ސަރުކާރުން ބޭނުންހާކަމެއް ގާނޫނު އަސާސީޔާ، ގާނޫނުތަކާ ޚިލާފައް ކުރަމުންދާއިރު ކުރެވޭނެ އެއްވެސް ކަމެއް ހަމަ ނެތީހެއްޔެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން އުޅޭ ފަރާތްތަކަށް ކުރެވޭނެ ހަމަ އެއްކަމެއްވެސް ނެތީހެއްޔެވެ... ވޯމްއަޕަކުން މިކަމެއްނުވާނެ. ތަންކޮޅެއް ހަރުކޮށް ނުކުންނަން ރައްޔިތުންންނަށް މަގުދައްކާނެ ބިރުކުޑަ ލީޑަރެއް ބޭނުން.
ސައީދުބެ
18 February 2018
މިހެންވަންޏާސަލާމަތެއްނެއް ދެންވެއްޖެ ދެންއަންނަސަރުކާރަކުން މިގޮތައް އިދިކޮޅުމެންބަރުންހައްޔަރުކުރަން
ސައިޚް
18 February 2018
އަދިވެސް ހިއެއްނުވޭ ޖަލްސާ ބާއްވަފާނެ ކަމަކަށް، މެޖޯރިޓީ ލިބެންދެން މެމްބަރުން ހައްޔަރު ކުރެވިގެން ވާނީ. އެކަން މިއަދާއި މިރޭ ކުރާނެކަމަށް ލަފާކުރެވެނީ،
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 February 2018
ދިވެހި ދައުލަތަކީ ލިޔެވިފައިވާ ޑިމޮކްރެޓިކް ޤާނޫނު އަސާސީއެއްގެ ދަށުން ވަކިވެ ހިގާ 3 ބާރެއް އެކުލެވޭ ވެރިކަމުގެ ނިޒާމެއް އޮތް ދައުލަތަކަށްވާއިރު “ޤާނޫނީ އެއްވެސް ހަމައެއްގެ މަތިން” ވެރިކަން ކުރާފަރާތަށް ދައުލަތުގެ އެންމެ ހާއްސަ ބާރު ކަމުގައިވާ ސްޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް އަދި ޤާނޫނު ހަދާ މަޖިލިސް ހިސޯރެއް ނުކުރެވޭނެ. . ވެރިކަން ކުރާ ފަރާތުން އެކަން ކުރުމަށް ފުލުހުންނާއި ދިފާއީ ހިދުމަތް ތަކަށް އަމުރުކޮށް އެފަރާތް ތަކުން “ދައުލަރުގެ މުހިންމު 2 ބާރުގެ ޤާނޫނީ ހައިސީއްޔަތަށް އުނިކަން ލިބޭގޮތަށް” އަމަލު ކޮށްފި ނަމަ ރާއްޖޭގައި އޮތީ ޤާނޫނީ ވެރިކަމެއްކަމާއި މެެދު ސުވާލު އުފެއްދުމުގެ ޤާނޫނީ ޝަރުއީ ޖާގަ އެބައޮތް. . . އެހެން ކަމުން މިވަގުތު ދިމާވެފައިވާ މައްސަލަތަށް ޤާނޫނީ ގޮތުން ހައްލު ނުހޯދައިފިނަމަ މިމައްސަލައިގެ ތެރެއަށް ބޭރުގެ ދައުލަތް ތަކާއި ބައިނަލް އަޤުވާމީ ގޮތުން ނުފޫޒު ގަދަ ފަރާތްތައް ވަންނާނެ ކަން ޤަބޫލު ކުރާންޖެހޭ.
ގޫބައްޑާ
18 February 2018
ތީ ޑޮކްޓަރުންގެ ސިޓީއެއް ނޫން. މާލޭ މަގުމައްޗަށް އޮރެންޖް ކައިފައި ތޮށި އަޅާނަމޭ ކިޔާފައި ނޫސްތަކުގައި ކޮމެންޓް ކުރާމީޙުންގެ ސިޓީ ތީ. ތިމާ އުފައްދާ ކުނި އެހެންބައެއްގެ ތެރެއަށް އަޅަން ފާޅުގައި ގޮވާ ބަޔަކު ހަބަރު ތަކަށް ކޮމެންޓް ކުރަން ކުފޫ ހަމައެއް ނުވާނެ.
އެދުރުބެ
18 February 2018
ސިޔާސީ މައިދާން ހަލަބޮލި ކޮށް ގައުމު ހަމަނުޖެހުމަށް ހުށަހެޅިގެންދާތަން ބަލަން ރައީސް ޔާމީން ބަލަހައްޓައިގެން ނުހުންނާނެ. މިއަދު ނުވަތަ މާދަމާ އިންވިޔަސް މަޖްލިސް ހުޅުވިގެންދާނެ. އަދި ކަންކަން ތަރުތީބުވެ ގައމު ހިނގަން ފުރުސަތު ލިބޭނީ ކެހިވެރި ރޭވުންތަކުންތަކާއި ފަސާދައިން ގައުމު ސަލާމަތް ކުރެވިގެން. ރައީސް ޔާމީން އަކީ ފިސާރި ވެރިއެއް. ބަލަން ތިބެމާ..
ހުސެންބެ
18 February 2018
ނިހާނުގެ ބަސް "ސަލާމަތީ ޚިދުމަތްތަކުން އެއަށްވުރެ ބޮޑު ކަމެއްގަ އުޅެންޖެހުނީ" ސުޕްރީމް ކޯޓު ފުރާޅަށް އަރައިގެން ދެފަނޑިޔާރުން ހައްޔަރުކުރަން އުޅުމަކީ މަޖިލީސް ހުޅުވުމަށްވުރެ ބޮޑު ކަމަކީތަ. އެވާނީ ޖަރީމާއަކަށް. ދެން ތިބުނަނީ ސަލާމަތީ ސަބަބުތަކަށްޓަކައޭ. އެއީ ހަމައެކަނީ މަޖިލިސް އިދާރާއަށް އޮތް ނުރައްކަލެއްކަލެބާ. ޕީޕީއެމުން ނުލާހިކު މިިނިވަންކަމާއެކު އޯޕަންއެއަރގަ ޖަލްސާތައް ބާއްވަމުންދާއިރު ނުރައްކަލެއްނެތް.
ސުވާލ
18 February 2018
މެޖޯރިޓީ ލިބުނީތަ؟؟؟؟؟؟
ހުުމްމްމ
18 February 2018
ފުލުހުންގެ ބެލުމުގެ ދަށުގައި 3 މެމްބަރަކު، ގާސިމް އިބްރާހިމް ރާއްޖޭން ބޭރުގައި. ރޭގައިވެސް މެމްބަރަކު ހައްޔަރު ކޮއްފި. އެހެންވީމަ ދެން .........................