އަބްދުއްރަހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވާއިރު، ނިހާނު އަޑު އައްސަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ފެބުރުއަރީ 2018 - 16:29
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ ވެރިކަން ކުރާ ޕީޕީއެމުން އެ މެމްބަރުންނަށް ވަރަށް ބޮޑަށް މިއަދު ފާޑު ކިޔައިފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު މެމްބަރުން ރަސްމީ މަސައްކަތުގައި ބައިވެރިވެވަޑައިނުގެން، ކޮމެޓީތަކަށް ވަޑައިގެން މަސައްކަތް ކުރައްވަނީ އެލަވަންސް ހޯއްދެވުމުގެ ބޭނުމުގައި ކަމަށެވެ. ކޮމެޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ ކޮމެޓީތަކަށް ހާޒިރުވެވަޑައިގަންނަވާ މެމްބަރުންނަށެވެ.
ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެން، ހަމައެކަނި ކޮމެޓީތަކުގައި މަދު ވަގުތުތަކެއް އިދިކޮޅު މެމްބަރުން ހޭދަ ކުރެއްވުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހާޒިރީގައި ސޮއިކުރީމަ، މުސާރަ ލިބިވަޑައިގަންނަވާނެ. އެއީ ޗެމްބަރަށް ވަނަސް، ނުވަނަސް. އެއީ އެކަން މިހާރު ހަމަޖެހިފައި އޮންނަ ގޮތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ އަހުމަދު ނިހާނު ވިދާޅުވީ މަޖިލީހުގައި މެމްބަރުން ސޮއި ކުރައްވާ ފޮތުގައި އިދިކޮޅު ބައެއް މެމްބަރުން ސޮއި ކުރެއްވުމަށް ފަހު، ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކޮމެޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ހޯދުމަށް "މިނެޓަކު" ކޮމެޓީގައި ތިއްބެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ނިހާނު ވެސް ސިފަކުރެއްވި އެވެ.
ނިހާނު ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސިޔާސީ ގޮތުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވަންވީ ސަބަބެއް ނެތް ކަމަށް ނިހާނު ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވައިދުގެ ނާޖައިޒު ފައިދާ އެ ނަގަނީ، މަޖިލީހަށް ހާޒިރުވި ކަމަށްވާނީ ޗެމްބަރަށް ވަޑައިގެން ކާޑު ޖެއްސެވީމަ. އެހެންވެ، ރައްޔިތުންނަށް ކަން އޮތް ގޮތް އެނގެން އެބަޖެހޭ،" ނިހާނު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ވަނީ، މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ އާއި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާ ވެސް ބޮއިކޮޓް ކުރައްވައިފަ އެވެ. އަދި މިއަދުގެ ޖަލްސާ އަށް އިދިކޮޅު އެއްވެސް މެމްބަރަކު ވަޑައެއްނުގަންނަވަ އެވެ. މިއަދުގެ ޖަލްސާ އަށް މެމްބަރުން ވަޑައިނުގެންނެވި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވީ 12 މެމްބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނެތުމުންނެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތު ބަލަހައްޓަވައި ޖަލްސާއެއްގައި ބައިވެރިވާން އިދިކޮޅު މެމްބަރުން ބޭނުން ނުވާތީ އެވެ.
މަޖިލީހުގެ 45 މެމްބަރުން ސޮއިކުރައްވައި، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާތީ އިދިކޮޅު މެމްބަރުން ފަހަކަށް އައިސް، މަޖިލީހުގައި އިހްތިޖާޖް ކުރެއްވި އެވެ. މަޖިލިހަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތް މައްސަލަ ފޭލްކޮށްލީ، ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
27 February 2018
މުޅި ދުނިޔެ ސަރުކާރަށް ފާޑު އެބަ ކިޔާ
މާލޭ މީހާ
26 February 2018
ފާޅުގަ މަޖިލިސް ޖަލްސާ ބޮއިކަޓް ކުރާ މީހުން މަޖިލިސް މެމްބަރުކަމުގެ ގޮނޑިގެއްލޭ ގާނުނެއް ހަދަން ފެނޭ، އެއިރު މިތިބަ ހުރިހާ ގައްދާރުން ސައިޒްވާނެ . ( އއ )
އެމްސް
27 February 2018
ރަޢިއްޔަތުންގެ މަޖިލިސް ޕީޕީއެމްގެ މަޖިލިހަކަށް ވީމަ ރަޢިއްޔަތުންގެ ފައިސާއަށް ޙަރާމްކޯރު އެބަ ވެވޭ
ސައްޔިދު ޓިންވަގް
26 February 2018
ނުދިޔާމަ ފަސޭހައެއްނު . ސުޕްރީމްކޯޓުން އެޔޮއްބުނީ 38 ވިޔަސް 22 ވިޔަސް 18 ވިޔަސް ސައްހަވާނެއޭ . އަދުރޭމެނަށް ނެތް ހެޔޮ އެއްގޮތެއްވެސް ދިޔަސް ބުނާނެ ވޯޓެއް ނުދެއޭ .އެއްބާރުލުން ނުދެއޭ
މާލޭ މީހާ
26 February 2018
މަޖިލިސް ޖަލްސާގައި ބައިވެރި ނުވެ އަދި ސަރުކާރަށް އެއްބާރުން ނުދޭ މެމްބަރުންނަށް ބަޖެޓުން މުސާރަ ދިނުން ހުއްޓާލަން އެބަޖެހޭ ( އއ )
ނިހާނު
26 February 2018
"ނިހާނު ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސިޔާސީ ގޮތުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް މައްސަލައެއް ނޫން ކަމަށެވެ." އެހެންވީމާ ވަރަށް ސާފުތާ ކުއްލިހާލަތުގެ މައްސަލައަކީ ސިޔާސީ ކަމެއްކަން. ސިޔާސީގޮތުން ޔާމީނުމެންނަށް ފައިދާއެއް ހޯދައިދޭ ކުރިކަމެއްކަން.
ޚކކކ
26 February 2018
ދެން ކީވެޔޯ ކަލޭމެން މަޖިލީސް 5 މިނިޓަށް ކުރިއަށް ގެންދަނީ 38 މެންބަރުން ލައިގެން ހިންގަންވީނު ތިޔަ ގައިރު ގާނޫނީ ސަރުކާރުން. އަދި އެބަ ކިޔައެއްނު ކޮމިޓީ އެލަވަންސެކޭ.